މިފަހަރު އަޅުގަނޑު މި ދަންނަވަނީ މުޅީން އެހެން ކަހަލަ ވާހަކަޔެކެވެ. އެއީ ތިރީގައި މިވާ ޢިބާރާތްތަކުގެ ތެރެއިން ފުރަތަމަ ހަތަރު ޢިބާރަތަށް ރަނގަޅަށް ބައްލަވައި، އެ ތަނުން ކޮންމެވެސް އެއް ގޮތެއް އިޚްތިޔާރުކޮށްދެއްވާށޭ އެވެ. ނުވަތަ ފަސްވަނަ ގޮތަށް ޢަމަލު ކޮށްދެއްވާށޭއެވެ.
ވަކި އެއްޗެއް ނުދަންނަވައި، އެކަމަކު ވަރަށް ގިނަ އެއްޗިހި ދަންނަވާންކަމަށް، މި ފަހަރު މިވާހަކަ ދަންނަވާނީ މިހައިރަކަށް އައިސް މީސްމީޑިޔާއިން ގިނަގިނަން ފެންނަ ފަދައިން "މިއީ ވަރަށް ވާހަކަ"ޔޭ ދަންނަވަމުންނެވެ.
ދެން ކުރިޔަށް ގެންދަވާށެވެ.
1. "ކަނޑު ގަދަ އަސް ނޫނިއްޔާމު ކަނޑު މަޑު ނަމަވެސް އޭނާ އިންނަނީ ދަތުރު ކުރަން ފޫ ގަޅާފާ އެވެ. ލާރި ލިބެންޔާމުން ބޯޓު ގޮވައިގެން އެކަނި ނަމަ ވެސް ފުރާ ގެންދާށޭ އެވެ. ބޯޓަށް ބަރު އެއްޗިސް ލާގެން އަދި ނުރައްކާ އަސް ވެސް ބަލާ ލުމެއް ނެތި އެވެ. މުހަންމަދު މި ގޮތަށް އުޅެ އުޅޭ އިންދާ އެއް ދުވަހަކު އޭނާގެ ބޮޑު ބޭބެ އައިސްފާ ބުނެއްޕެވެ. މުހަންމަދާޔޭ ކަލޮޔައް ކެރޭނެހޭ ބޯޓަށް ހިލަވެލި އަޅާ ގެން ކޮލޮންބޯން މާލެޔަށް އަންނާށޭ އެވެ. މުހަންމަދު ބުންޔޭ އާއެކޭ އެވެ."
2. "މީޓިއޯރޮލޮޖީ އިން އޮރެންޖް އެލާޓެއް އިޝޫކޮށްފަ އޮތް ނަމަވެސް ނުވަތަ އެލާޓް ކެންސަލް ކޮށްފަ އޮތަސް އޭނަޔަށް އޯކޭއެވެ. މުހައްމަދު ހުންނަނީ ރެޑިނަސް ސްޓޭޓް ގައެވެ. މަނިޓަރީ ގެއިން އެއް ފެންނަންޔާ އޭނާ ޖާނީ އަންޑަޓޭކް ކުރާނެއެވެ. ސިންގަލްހޭންޑަޑްކޮށްވެސް އޯކޭ އެވެ. ބޯޓް އޮވާލޯޑު ވިޔަސް އޯކޭ ދޭނެއެވެ. ޑޭންޖާ އެވޮއިޑަންސް އެއީ އޭނާ ކޮންސިޑާ ކުރާ އެއްޗެއް ނޫނެވެ. މިހެން އުޅެނިކޮށް އެއް ދުވަހަކު އޭނާގެ މެޓާނަލް އަންކްލް އައިސްފިއެވެ. އަދި ބުންޔެވެ. ކޮލޮމްބޯއިން ރިވާ ސޭންޑް ޝިޕްމަންޓް އެއް މާލެއަށް ޑެލިވާ ކުރާށޭއެވެ. މުހައްމަދު އެކަމަށް އެގްރީ ވިއެވެ."
3. "މޫސުމާ ބެހޭ މުއައްސަސާއިން ތަންބީހެއް ނެރުއްވާފަ އޮތް ކަމުގައި ވިޔަސް، ނުވަތަ ނޫނަސް، މުޙައްމަދު ހުންނަނީ އިސްތިޢުދާދީ ޙާލަތުގައެވެ. މާލީ ފާއިދާއެއް ތަޞައްވުރުކުރެވޭ ކޮންމެ ޙާލަތެއްގައި އޭނާ ދަތުރުކުރާނެއެވެ. އެކަނި ކުރާ ޖިހާދަކަށް ވިޔަސް ވެސް އެވެ. ބޯޓުގެ ޠާޤަތަށް ވުރެ އިތުރުވިޔަސް މުދާ އަރުވާނެއެވެ. ޚަޠަރެއް އެ ކަމެއްގައި އެކުލެވިގެންވާ ކަމަކުން ބަރީއަވެގަތުމަކީ އޭނާގެ ހަމަޔެއް ނޫނެވެ. މިހެން އުޅެއުޅެ ހުއްޓައި، އެއްދުވަހަކު އޭނާގެ ބޮޑުބޭބެޔަކު ދުރުވެ ބުނުއްވިޔޭ، ކޮޅުނބުން މާލެޔަށް ހިލަވެލި ބަރުކޮށްގެން އަންނާން ދާށޭ އެވެ. މުޙައްމަދު ލައްބައޭ ބުންޏެވެ."
4. "ކަނޑުމަތި އަމާނަސް، ނޫނަސް، ގަދަޔަސް، މަޑަސް، މޮހުނު ހުންނާނީ ހޭވައްލާތައްޔާރުގައެވެ. އަދި އަމުދުން، ފައިސާގެ މަގުން ލިބޭން އޮތް އެއްޗެއް ބޮޑު ނަމަ، އޭނާ ހުންނާނީ ދަތުރަށް ފޫގަޅައި، ބަސްބުނިހިނދުން ފުރާން ތައްޔާރުގައި މެއެވެ. އެކަނިހައްޓައި ފުރައިގެން ދާން ޖެހުނަސް ހެޔޮކަމަށެވެ. އޮޑިޔަށް ސަކޭގާ ނުވާ ވަރަށް މުދާ އަރުވައިގެން ނަމަވެސް ހަމަ އެންމެރަނގަޅެވެ. މޮހޮނަކީ ކަންކަމަށް ބިރުން ސިހިގެން އެ ކަންކަމާ ދުރަށް ދުވާ މީހެއް ނޫނެވެ. މޮހޮނު މި ޒާތަކަށް އުޅެއުޅެ ހުއްޓައި، އެއް ދުވަހަކު އޭނާ ގާތަށް އެ ދުރުވީ އޭނާގެ މައިފުށުގެ ބޮޑުބޭބެއެވެ. ބޮޑުބޭބެ ދުރުވެ ބުނުއްވިޔޭ، ކޮއިފުޅާވޭ އެބަ ޖެހެޔޭ ކޮޅުނބަށް ދަތުރެއް ކޮށްދޭން. ދަތުރުގެ ބޭނުމަކީ ކޮންމެހެން ބޭނުންވާ ހިލަވެލިކޮޅެއް މާލެ ގެނައުމޭ ވެސް ބުނުއްވިއެވެ. މޮހޮނު ލައްބައޭ ނަންގަތެވެ."
5. (އަމިއްލަފުޅަށް ޢިބާރާތްކޮށްލައްވަން)
One Response
ވަހީދުބެއެވެ (ބޭބެއޭ މިކިޔަނީ ދިވެހި އާދަކާދައިގެ އިހުތިރާމުގެ ގޮތުންނެވެ، މިތަނުގައި އުޅޭ މައް-ދިވެހި-ކޮސްބެ ގޮތަށް ރުޅި ނާންނާނެ ކަމަށް އުއްމީދު ކުރަމެވެ). ދިވެހި އެކަޑަމީގައި ވަހީދުބެފަދަ 4 ވަނަ ގޮތް ބަލައިގަންނަ (3 ވަނަ ގޮތް ނޫން ގޮތެއް) މީހަކު ހުރުމަކީ އަހަރެން ވަރަށް އުފާވާ ކަމެކެވެ. ދެން ބަސްތައް އުފައްދާއިރު އަހަރެމެންގެ ބަހުގެ ދައްތަ/ކޮއްކޮ (ސިންގަޅަ) އަދި މާމަ (ސަންސްކިރިތު) އަށް އިސްކަންދޭނެ ކަމަށް އުއްމީދު ކުރަމެވެ. ސަހޫރަކާއި ދާރިސަކާއި ސަލާދު ފަދަ ޖޯކުތައް ނުފެންނާނެ ކަމަށް އުއްމީދު ކުރަމެވެ.
އަހަރެން މި 4 ގޮތުން އެންމެ އިސްކަންދޭނީ 4 ވަނަ ގޮތަށެވެ. ދެން 1 (ގަވާއިދު ގޯހަސް މިއީ ދިވެހި ބަސްތަކެވެ)، ދެން 2 އަށެވެ. އިނގިރޭސި ބަހަށް އަރަބި ބަހަށްވުރެ ކުރިން އިސްކަންދެނީ އެއީވެސް އިންޑޯ އާރިޔަން ބަހަކަށްވާތީއެވެ!