Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ދިގު ހަނދުކޭތައެއް!

ދިގު ހަނދުކޭތައެއް މާދަމާ، މި ރޯދަމަހުގެ 14 ވަނަ ދުވަހު ހިފާނެއެވެ. ކޭތައިގެ ވަގުތު ހަ ގަޑިއިރާއި ދެ މިނިޓާއި 41 ސިކުންތުގެ ވަގުތަށް ދެމިގެން ދާނެއެވެ. އެކަމަކު އެ ކޭތަ ރާއްޖެއަކަށް ނުފެންނާނެއެވެ. ނަމަވެސް، ދުނިޔޭގެ ބޮޑު ސަރަޙަައްދަކަށް ފެންނާނެއެވެ.

އެ ކޭތަ ހިފާ ވަގުތާ ދިމާވާނީ، މާރިޗު 14 ވަނަ ދުވަހު ހެނދުނު މާލޭގަޑިން 9:00 އާއި ހަވީރު 03:00 އާ ދެމެދަށެވެ. އެ ކޭތަ ރާއްޖެއަށް ނުފެންނާނެ ސަބަބަކީ، އެއީ ރާއްޖެއަށް ހަނދު އޮއްސިފައި ހުންނާނެ ވަގުތެއް ކަމަށްވާތީއެވެ.

އެމެރިކާގެ ނިއުޔޯކް ގަޑިން، އެ ކޭތައިގެ ދިގުމިނާއި ވަގުތު މިންކުރާނަމަ، އެ ކޭތަ ހިފާނީ މި މާރިޗު 13 ވާ ބުރާސްފަތި ދުވަހުގެ ރޭގައި، އެތާނގެ ގަޑިން، 11:57 އާއި، ފަތިހު 06:00 އާ ދެމެދުގައެވެ.

މި ކޭތަ ފެންނާނެ ސަރަޙައްދު ތަކަކީ ކޮބައިތޯ ބަލާއިރު، ޔޫރަޕާއި އެފްރިކާގެ މެދުތެރޭން ފެށިގެން އޮސްޓްރޭލިޔާގެ އިރުމަތީ ސަރަޙައްދާ ދެމެދުގައި ހިމެނޭ ހުރިހައި ގައުމަކަށްވެސް މިކޭތަ ފެންނާނެއެވެ.

އިރުގެ އަލީގެ ސަބަބުން އުފެދި ދުރަށް ދެމިގެންވާ، ދުނިޔޭގެ ކަޅު ހިޔަނީގެ ތެރެއިން ހަނދު ދަތުރު ކުރާތީ، އެ ކޭތައިގައި މުޅި ހަނދު ރަތް ހަނދެއްގެ ކުލައިގައި ފެންނާނެ ވަގުތުގެ މިންވަރު އެއް ގަޑިއިރާއި ފަސް މިނިޓަށް ދެމިގެން ދާނެއެވެ.

މި މަހު 14 ވަނަ ދުވަހުގެ އެ ހަނދުކޭތަ ފުރިހަމަވާ ވަގުތު ކަމުގައިވާ ނިއުޔޯކް ގަޑިން އެރޭގެ 02:58 ގައި، އިރު ހުންނާނީ (ދަގީގު، ސާނިޔާ، ނުހިނަމަނައި) ދެކުނުން ޢަރުޟުން ދެ ދަރަޖަ އާއި، އިރުމަތީ ޠޫލުން 77 ދަރަޖަ ގުޅޭ ތާނގައި، މީންޏަ ރާހީގެ ފަސްބަދުރުވަ ނަކަތުގައެވެ.

އެފަދައިން ހަނދު ހުންނާނީ އުތުރު ޢަރުޟުން ދެ ދަރަަޖަ އާއި ހުޅަނގު ޠޫލުން 102 ދަރަޖައިގައި ކާންޏަ ރާހީގެ އުތުރަ ނަކަތުގައެވެ.

އަދި މިމަހުގެ 29 ވަނަ ދުވަހު މާލޭގަޑިން ހަވީރު 03:57 ފުރިހަމަވާ އިރުކޭރައެއްވެސް ޔޫރަޕުގެ ހުޅަނގު ސަރަޙައްދަށާއި އުތުރު އެފްރިކާގެ އިތުރުން އެމެރިކާގެ އިރުއުތުރަށާއި ކެނެޑާއަށް ފެންނާނެއެވެ.