ދިވެހިރާއްޖެ ކަޑައްތުކުރަމުން މިދަނީ ވަރަށް ވެސް ޚުތޫރަތްތެރި ދުވަސްތަކެކެވެ. ވަރަށް ވެސް ނުރައްކާތެރި، އަހައްމިއްޔަތުކަން ބޮޑު ދުވަސްތަކެކެވެ. އެއީ މިދުވަސްތަކަކީ ރާއްޖޭގެ މަސީރު ކަނޑައަޅާލާނޭ ދުވަސްވަރަކަށް ވާނެތީއެވެ. ރާއްޖޭގެ ކުރިމަގު އޮންނާނެ ގޮތަކާއި، އެ ގޮތުގައި އޮވެ، ރާއްޖެ ކުރިއަށް ފިޔަވަޅު އެޅުން ކަނޑައަޅާނޭ ދުވަސްވަރަކަށް ވާނެތީއެވެ. ޝައްކެއްނެތް ގޮތުގައި، ރާއްޖޭގެ މަސީރު ކަނޑައަޅާލުމުގެ ބާރާއި އިޚްތިޔާރަކީ ދިވެހި މުވާތިނުންގެ، ދިވެހި ރައްޔިތުންގެ، ހައްގެކެވެ.
މިއީ، ޝައްކެއް ނެތް ގޮތުގައި، ވަރަށް ވެސް ބޮޑު މަސްއޫލިއްޔަތެކެވެ. މި މަސްއޫލިއްޔަތު އެންމެ އެކަށީގެންވާ ގޮތުގައި އަދާކުރެވޭނީ އެންމެންވެސް ހޭލުންތެރި ވެގެންނެވެ. ޒިހުނީ ގޮތުންނެވެ. ވިސްނުމާއި ފިކުރުކުރުމުގެ ގޮތުންނެވެ. މިހޭލުންތެރިކަން ލިބިގަނެވޭނީ ކިޔައި، ކިޔަވައި އުނގެނުމުގެ މަސައްކަތް ކުރެވިގެންނެވެ. ތިމާގެ ވަށައިގެން ހިނގަމުންދާ މައްސަލަތައް ރަނގަޅަށް ސާފުވެދިޔުމަށްޓަކައެވެ. މިހާރު އަޅުގަނޑުމެން ކަޑައްތުކުރަމުން މިދާ މަރުހަލާއަކީ ކޮބައިކަން ދެނެގަތުމަށްޓަކައެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު އޮތް ސިޔާސީ ނިޒާމާއި ސިޔާސީ ސަގާފަތް، އިހުނާ އަޅާބަލާއިރު، އެކަންކަން، ތަފާތުވާ ނަމަ، ތަފާތުވަނީ ކިހިނެއް ކޮންގޮތަކުންކަމާއި އަދި މުސްތަގުބަލުގައި، ކުރިމަގުގައި، ހިނގަން، އަޅުގަނޑުމެން ޚިޔާރުކުރަން ބޭނުންވަނީ ކޮންކަހަލަ މަގެއްގައިކަން ވެސް، އެނގިގެން، ކަނޑައަޅާލުމަށްޓަކައެވެ.
ކުރިން ވެސް ބުނިހެން، މިހޭލުންތެރިކަން ލިބިގަތުމަށްޓަކައި ކިޔުމާއި އެނގުން ވަރަސް ވެސް މުހިއްމެވެ. އެހެން އެއްވެސް މަސްލަހަތެއް އިސްނުކޮށް، ސީދާ ގައުމީ މަސްލަހަތު އިސްކޮށްގެން، އަމިއްލަ އަތުން، ޖަމާއީ ސިފައެއްގައި، އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް، އަޅުގަނޑުމެންގެ ކުރިމަގުގެ މަސީރު، ކުރިއަށް ހިނގަން ބޭނުންވާ މަގު، ކަނޑައަޅާލުމަށްޓަކައެވެ. މިކަން މިހެން ނުކުރެވިއްޖެ ނަމަ، އާދެ، ދެންމެ މިބުނި ގޮތުގެ މަތިން، ޖަމާއީ ސިފައެއްގައި، ޖަމާއަތުގެ އެންމެން ބައިވެރިވެގެން، އަޅުގަނޑުމެންގެ މަސީރު ކަނޑައަޅާ ނުލެވިއްޖެ ނަމަ، އަޅުގަނޑުމެންގެ މަސީރު އަޅުގަނޑުމެންނަށް ކަނޑައަޅާލާނީ، ކުރިންވެސް ބުނިހެން، އެހެން ބަޔެކެވެ. އެގޮތަކީ ކުރިމަގުގައި، އަޅުގަނޑުމެންނަށް ގެއްލުން ހުރި، އަޅުގަނޑުމެންގެ ރާއްޖޭގެ ސިޔާދަތަށާއި އަޅުގަނޑުމެންގެ އަމިއްލަ މިނިވަންކަމަށް ބުރޫއަރާ ގޮތަކަށް ވެސް ވެދާނެއެވެ. އަޅުގަނޑުމެންގެ މަސީރު ކަނޑައެޅުމުގެ ބާރާއި އިޚުތިޔާރު މިވަގުތު އަޅުގަނޑުމެންގެ އަތްމަތީ އޮތްހެން ހީވާތީ، މިވާހަކަތައް ހުށަހަޅާލަން ގަސްދުކުރަމެވެ. މައްސަލައާ މެދު ހޭލުންތެރިވެ، ގައުމީ މަސްލަހަތު އިސްކޮށްގެން، ޖަމާއީ ސިފައެއްގައި، އެންމެންވެސް ބައިވެރިވެގެން، އަޅުގަނޑުމެންގެ ކުރިމަގު އަޅުގަނޑުމެން އަމިއްލައަށް، ކަނޑައަޅާލުމުގެ ގާބިލުކަން ލިބިގަތުމަށްޓަކައެވެ. މިކަން ކަނޑައެޅުމާއިގެން ކުރިއަށްދާން ގަސްދުކުރާއިރު، ހަނދާންކޮށްލަން ޖެހޭނެ ކަމަށް ފެންނަ ބައެއް މުހިއްމު ކަންކަން، މި ސިލްސިލާގައި ހުށަހަޅާލަން ގަސްދުކުރަމެވެ.
އިންތިގާލީ މަރުހަލާއެއް
އަޅުގަނޑުމެންގެ ރާއްޖެ މިއަދު ކަޑައްތުކުރަމުން މިދާ ދުވަސްތައް ސިފަކުރެވެނީ 'އިންތިގާލީ މަރުހަލާއެއްގެ' ގޮތުގައެވެ. އިހުގައި ރާއްޖޭގައި އޮތް ސިޔާސީ ނިޒާމު ނެތެމުން ގޮސް، އޭގެ ބަދަލުގައި އާ ނިޒާމެއް ގާއިމުވެދިޔުމާ ދިމާއަށް ދަތުރުކުރަމުންދާއިރު، ހުރަސްކުރާ ދެމެދުގެ ދުވަސްވަރެއްގެ ގޮތުގައެވެ. ދެމެދުގެ ދުވަސްވަރެކޭ މިނަންގަތީ، އިހުގައި އޮތް ނިޒާމު، ސީދާ ކުރިން އޮތް ސިފައިގައި ނެތް ކަމުގައި ވިޔަސް، އެ ނިޒާމުގެ ބައެއް ސިފަތައް، އަދި ވެސް މުޅިން ނުފިލައި އޮތުމުން، މުޅިން އާ ނިޒާމެއް، އަދި، ގާއިމުކުރެވިފައި ނެތީމައެވެ. އާދެ، އިހުގައި އޮތް އެކެއްގެ ބާރުގެ ދަށުގައި އޮތް އިސްތިބްދާދީ ނިޒާމެއް ނެތެވެ. އަޅުގަނޑުމެން މިދަނީ އެނޫން، ހެޔޮ ނިޒާމަކާ ދިމާއަށް ދަތުރުކުރަމުންނެވެ. އިހުގައި އޮތް ވަކި މީހެއްގެ އިސްތިބްދާދީ ސިޔާސަތުގެ ސަގާފަތުގެ ބަދަލުގައި އެންމެން ބައިވެރިވާ، ފިކުރާ ޚިޔާލަށް އަހައްމިއްޔަތުކަން ދެވޭ މިނިވަން ސިޔާސީ ސަގާފަތެއް އަދި ގާއިމު ކުރެވިފައި ނެތަސް، އަޅުގަނޑުމެން ދަތުރުކުރަމުން މިދަނީ އެ ފަދަ ސަގާފަތެއް އުފައްދައި އަދި އޭގެ މައްޗަށް ބިނާވާ ހެޔޮ ސިޔާސީ ނިޒާމެއް ގާއިމުކުރުމާ ދިމާއަށެވެ. މިކަމުގެ އިތުރު ތަފްސީލަށް ދިޔުމުގެ ކުރިން، އިންގިލާބީ ބަދަލަކާ ދިމާއަށް ދަތުރުކުރަމުންދާއިރު، މިފަދަ އިންތިގާލީ މަރުހަލާއެއް ކަޑައްތުކުރުމަކީ ތަބީއީ ކަމެއްކަން ބަޔާންކޮށްދިނުމައްޓަކައި ތާރީޚީ ވާހަކަ ކޮޅެއް ލިޔެލާނަމެވެ.
ތާރީޚުން މިސާލެއް
ތަރައްގީގެ މަގުގައި، މިފަދަ އިންތިގާލީ މަރުހަލާތައް، ގައުމުތައް ކަޑައްތުކުރުމަކީ އާ ކަމެއް ނޫނެވެ. މީގެ އަލިގަދަ ހެއްކެއް، މިޒަމާނުގެ ޔޫރަޕްގެ ތާރީޚުން ފެނިގެންދެއެވެ. މިއަދު ހުޅަނގަށް – (މިތާނގައި، ހުޅަނގޭ ބުނެ އިޝާރަތްކުރެވެނީ ހުޅަނގު ޔޫރަޕާއި، ޔޫ.އެސް.، އޮސްޓުރޭލިޔާ އަދި ނިޔޫޒީލަންޑު ފަދަ ގައުމުތަކަށެވެ) – ބަލާލާއިރު ޑިމޮކުރަސީގެ މައްޗަށް ތައުސީސުކުރެވި، ހަމަޖެހިފައިވާ ސިޔާސީ މިނިވަން ނިޒާމެއް ހުޅަނގުގައި ގާއިމުކުރެވިފައިވާ ތަން ފެނެއެވެ. މި ސިޔާސީ ނިޒާމުގެ އަސްލު އުސޫލުތައް ގުޅެނީ ފަރަންސޭސި އިންގިލާބާއެވެ. މިއިންގިލާބު އޭގެ މައްޗަށް ބިނާވި މައިގަނޑު އަގުތަކާއެވެ.
ފަރަންސޭސި އިންގިލާބު ބިނާވީ މައިގަނޑު ތިން އަގެއްގެ މައްޗަށެވެ. އެއީ 'މިނިވަންކަން' 'ހަމަހަމަކަން’، 'އެއްބަނޑު އެއްބަފާކަން’، މިތިން އަގުގެ މައްޗަށެވެ. މިތިން އަގު ކޮމާ ކޯޅިއެއްގެ ތެރޭގައި ލިޔެވިފައި އެވަނީ އޭގައި ކަނޑައެޅިގެން ވަކި ޚާއްސަ މާނައެއް އޮތީމައެވެ. އެމާނައިގެ މައްޗަށް ފަހުން އަލިއަޅުވާލެވޭނެއެވެ. އަޅުގަނޑުމެންގެ އިންތިގާލީ މަރުހަލާގެ ވާހަކަތައް ދެއްކުމުގެ ކުރިން، އެ ވާހަކަތައް ވިސްނިދިޔުމައްޓަކައި، ފަރަންސޭސި އިންގިލާބުގެ މައްޗަށް އަދިވެސް އިތުރަށް، ޚުލާސާ ގޮތެއްގައި، ބަލާލާނަމެވެ.

ފަރަންސޭސި އިންގިލާބުގެ ފެށުން ކަމުގައި ކަނޑައަޅާލެވޭ ތާރީޚަކީ 1789 ވަނަ އަހަރެވެ. ހަލަބޮލި އަހަރުތަކެއް، ވޭތުކުރުމަށް ފަހު، އިންގިލާބުގެ ހަރަކާތްތަކަށް ނިމުން އައީ 1799 ވަނަ އަހަރު ނެޕޯލިޔަން ބޮނަޕާޓުގެ އިސްތިބްދާދީ ވެރިކަން ގާއިމުކުރެވިގެންނެވެ. މިއީ އިސްތިބްދާދީ ވެރިކަމެއް ކަމުގައި ވިޔަސް، މިނިވަންކަން ފިޔަވައި، ފަރަންސޭސި އިންގިލާބުގެ އަގުތައް، ޖުމްލަ ގޮތެއްގައި، މި ވެރިކަމުގެ ދުވަސް ވަރު ވެސް ދެމެހެއްޓުނެވެ. މިނިވަންކަމަށް، ކޮންމެވެސް ވަރަކަށް، ހުރަސް އެޅުނެވެ. ދީނީ މިނިވަންކަން ކޮންމެވެސް ސިފައެއްގައި އޮތް ކަމަށް ވިޔަސް، ނޫސްތަކުގައްޔާއި ފޮތްފޮތުގައި، ނެޕޯލިޔަންގެ ސިޔާސަތާއި ފުށުއަރާފާނޭ މިނިވަން ޚިޔާލުތައް ފާޅު ނުކުރެވޭ ގޮތް ހެދުނެވެ. އެކަން ކުރެވުނީ، އަޅުގަނޑުމެން ރާއްޖޭގައި ވެސް، 90ގެ އަހަރުތަކުގެ ތެރޭގައި، ސަރުކާރުގެ ސިޔާސަތާ އިދިކޮޅު ލިޔުމެއް ޝާއިއުކުރެވިއްޖެ ނަމަ، އެލިޔުމަކީ، އޭގެ ކުރިންވެސް އެފަދަ ލިޔުންތަކާ މެދު ބެލުނު ފަދައިން، ފިތުނަ އުފެއްދުމުގެ ލިޔުމެއް ކަމަށް ބަލައި، މީގެ އިތުރުން، އެފަދަ ލިޔުމެއް ލިޔުނު މީހާއާއި، އެ ލިޔުން ޗާޕުކޮށް ޝާއިކުރާ ފަރާތްވެސް ކުށްވެރިވާ ގޮތަށް ގާނޫނުތަކާއި ގަވާއިދުތައް ހެދުނު ފަދައިންނެވެ. އާދެ، ނެޕޯލިޔަންގެ ސިޔާސަތާ ޚިލާފު ވާހަކަތައް ނޫސްތަކާއި ފޮތް ޝާއިކުރާ ދާރުތަކަށް (ޕަބްލިޝިން ހައުސަސްތަކަށް) މަނާކުރާ ގޮތް ހަދައިގެންނެވެ. ކޮންމެ އަކަސް ފަރަންސޭސި އިންގިލާބު މެދުވެރިކޮށް، އެ ނިޒާމަކާ ހަމައަށް ދަތުރުކުރުމަށް މަސައްކަތްކުރެވުނު ނިޒާމު، ގާއިމުކުރެވުނީ 1815ވަނަ އަހަރު ނެޕޯލިޔަން ވެއްޓިދިޔުމަށް ފަހު، ދެން އައި ދުވަސްތަކުގެ ތެރޭގައެވެ. މީގެ މާނައަކީ ފަރަންސޭސީ އިންގިލާބުގެ ކުރީގައި އޮތް ނިޒާމު ބަދަލުވެ، އިންގިލާބީ ފިކުރު ތައާރަފުކުރުވި އަގުތަކަށް އަމަލީ ސިފަ ގެނެވި، އޭގެ މައްޗަށް ބިނާވި ސިޔާސީ އަދި އިޖުތިމާއީ ނިޒާމު ގާއިމުވާން މަދުވެގެން ވިއްސަކަށް އަހަރު ނެގިކަމެވެ. މި ވިއްސަކަށް އަހަރު ވެގެން ދިޔައީ ކުރީގެ މުސްކުޅި ނިޒާމާއި ފަހުން ގާއިމުކުރެވިގެން ދިޔަ އާ ނިޒާމާ ދެމެދުގައި އައި އިންތިގާލީ އަހަރުތަކަކަށެވެ.
އިންގިލާބީ ބޮޑު، ހެޔޮ ބަދަލެއް، ކާމިޔާބީއާއެކީ، ގެނެވެނީ، އަގުތަކަކާއި މުސުލުތަކެއްގެ (އައިޑިއަލްސްގެ) މައްޗަށް އެ ގެންނަން އުޅޭ ބަދަލު ބިނާވެގެންނެވެ. ފަރަންސޭސި އިންގިލާބު ބިނާވީ، ކުރިން ވެސް ނަންގަނެވި ދިޔަފަދައިން، މިނިވަންކަމާއި ހަމަހަމަކަމާއި އެއްބަނޑުއެއްބަފާކަން، މި އަގުތަކުގެ މައްޗަށެވެ. މުސުލަކީ އެ އަމާޒުފަތްގަނޑާ ހަމައަށް ވާސިލުވާން ބޭނުންވާ އަމާޒުފަތްގަނޑެވެ. އެހެން އިބާރަތަކުން ބުނާ ނަމަ، މިނަންގަތް ފަދަ އަގުތަކުގެ މަތީގައި ތިބެ، ހަގީގަތަކަށް ހަދާލަން ބޭނުންވާ، އެންމެނަށް ވެސް ހަމަޖެހިގެން ދިރިއުޅެވޭނެ ފަދަ ދިރިއުޅުމެއް ހޯދައިދޭނޭ ނިޒާމެކެވެ.
ދެން، ކުރު ގޮތަކަށް ނަމަވެސް، ފަރަންސޭސި އިންގިލާބުގެ އަގުތަކުގެ މައްޗަށް އަވަސް ކަޅިއެއް އެއްލާނަމެވެ. އެ އަގުތަކުގެ ހިއްސީ މާނައެއް ލިބިދިނުމަށްޓަކައެވެ. މައުނަވީ މަފްހޫމެއްގެ މާނަ، ހިއްސީ މަފްހޫމަކާ ގުޅުވާލުމުން އިތުރަށް ސާފުވާނެތީއެވެ. 'ބޮޑޭ' ބުނުމުން އޭގެ މާނަ މުޅިން ސާފު ނުވިޔަސް، އެވަރެސްޓު ފަރުބަދަހާ ބޮޑޭ ބުނުމުން، ބޮޑުކަމުގެ މިނުގެ ތަސައްވުރެއް ހިތަށް ނެގި 'ބޮޑުކަން' ހިއްސީ ގޮތެއްގައި ސާފުވާފަދައިންނެވެ. މީގެ އިތުރުން، އަޅުގަނޑުމެން ވެސް އަޅުގަނޑުމެން ގަބޫލުކުރާ އަގުތަކެއްގެ މާނަ ކަނޑައަޅާލަން ފަސޭހަވެ ދިޔުމަށްޓަކައެވެ.
ފަރަންސޭސި އިންގިލާބުގެ އަގުތަކުގެ މައްޗަށް ބަލާލާއިރު އެންމެ ފުރަތަމަ އޮތީ މިނިވަންކަމެވެ. ފަރަންސޭސި އިންގިލާބުގެ ސިޔާގަށް، (ކޮންޓެކްސްޓްއަށް) ބަލާލާއިރު، މި މިނިވަންކަން ދެތިންކަމަކާ ގުޅެއެވެ. އެންމެ ފުރަތަމަ، ވެރިކަމުގެ ބާރުތައް ހިންގާނޭ ވެރިން ހޮވުމުގެ މިނިވަންކަމެވެ. މިކަން އެންމެ ފުރަތަމަ އޮތީ އެހާ މިނިވަން ސިފައެއްގައެއް ނޫނެވެ. މި ހައްގު އެންމެ ފުރަތަމަ ގުޅިފައި އޮތީ މީހާގެ އުމުރާއި، އޭނާގެ ޖިންސާއި އަދި ދައުލަތަށް އޭނާ ވާރު ނުވަތަ ޓެކުސްގެ ގޮތުގައި ދައްކާ ފައިސާއާއެވެ. އެންމެ ފުރަތަމައިން، މި ހައްގު ލިބިދީފައި އޮތީ ވަކި އަދަދަކަށް، ވާރުގެ ގޮތުގައި ފައިސާ ދައްކާ ފިރިހެނުންނަށެވެ. ފަހުން މިކަމަށް އިސްލާހުތަކެއް ގެނެވުނެވެ. މިނިވަންކަމުގެ އަގު ދެން ގުޅެނީ، ޚިޔާލުފާޅުކުރުމާއެވެ. މިކަން އެންމެނަށް ވެސް ލިބިފައި އޮތެވެ. ކުރިން ބަޔާންކުރެވިދިޔަ ފަދައިން، ނެޕޯލިޔަންގެ އިސްތިބްދާދީ ދުވަސްވަރު ފިޔަވައެވެ. މިނިވަންކަމުގެ އަގު ތިންވަނައަށް ގުޅެނީ ދީނާއެވެ. އެދުވަސްވަރުގައި ދީނީ މިނިވަންކަން ގުޅިފައި އޮތީ މިހާރު އެކަން މާނަކުރެވޭ ގޮތަކަށް ނޫނެވެ. އެމީހަކު ބޭނުންވާ ދީނެއް ޚިޔާރުކުރުން ނުވަތަ އެއްވެސް ދީނެއް ޚިޔާރުނުކުރުން، މިމާނައިގައެއް ވެސް ނޫނެވެ. ކެތަލިކުންނާއި ޕުރޮޓެސްޓުންނާއި ޔަހޫދީން، އެމީހުންގެ ދީން ނުވަތަ ދީނީ ފިރުގާ (ސެކްޓް) ޚިޔާރުކުރުމުގެ މިނިވަންކަން ލިބިދިނުމުގެ މާނައިގައެވެ. ފަރަންސޭސީ ވިލާތުގައި، އެދުވަސްވަރު، ކެތަލިކު ފިރުގާގެ ބޮޑު އަޣުލަބިއްޔަތެއް އޮތެވެ. އެހެންވުމުން، އެދުވަސްވަރުގެ ހާލަތަށް ބަލާއިރު، މި މިނިވަންކަން ބެލެވުނީ ލިބުނު ވަރަށް ބޮޑު ކުރިއެރުމަކަށެވެ. މި މިނިވަންކަން އޮތްކަމުގައި ވިޔަސް، ނެޕޯލިޔަންގެ ވެރިކަމުގައި، އެކުލަވާލެވުނު ފަރަންސޭސިވިލާތުގެ ގާނޫނު އަސާސީގައި ފަރަންސޭސީންގެ އަޣުލަބިއްޔަތަކީ ކެތަލިކު ފިރުގާގެ މީހުން ކަމުގައި ލިޔެވުނެވެ. ތަނުގެ ބޮޑުބައެއްގެ އެދުމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިކަންކަމުގެ އިތުރުން، ދީނީ މިނިވަންކަމުގެ ތެރޭގައި، ފަރަންސޭސިވިލާތަކީ ޕޯޕުގެ ނުފޫޒުން މިނިވަންވެ، އޭނަގެ ބާރުގެ ދާއިރާއިން ބޭރުގައިވާ ތަނެއްކަމާއި އެތަނުގެ ދީނީ ކަންތައްތައް ނިންމާނީ ސީދާ ފަރަންސޭސި ދައުލަތަކުގެ ފަރާތުންކަން ހަމަޖެހިގެން ދިޔައެވެ. މާނައަކީ ކަނީސާގެ މުއައްސަސާއަކުން، އެއީ ސީދާ ފަރަންސޭސި ކަނީސާގެ މުއައްސަސާކަމުގައި ވިޔަސް، ދައުލަތުގެ މައްޗަކަށް، އެއްވެސް ބާރެއް ނުފޯރުވޭނެއެވެ. މީގެ މާނައަކީ، ކަނީސާގެ މަގާމުތަކަށް ދީނީ އިމާމުން އައްޔަނުކުރާނީ ދައުލަތުންކަމާއި އަދި އެމީހުންގެ މުސާރަ ވެސް ހަމަޖައްސާނީ ދައުލަތުގެ ފަރާތުން ކަމެވެ. މީހުންގެ އަތުން، އެއްވެސް ބާވަތެއްގެ ވާރެއް، ޓެކުސްއެއް، ނެގުމާއި އަދި ތައުލީމީ ކަންތައް ހިންގުމުގެ އެއްވެސް ބާރެއް ކަނީސާއަކަށް ލިބިގެން ނުވެއެވެ. މިހުރިހާ ބާރަކާއި އިޚުތިޔާރެއްގެ ހައްގުވެރި ފަރާތަކީ ދައުލަތެވެ.
ފަރަންސޭސި އިންގިލާބުގެ އަނެއް އަގު ކަމަށްވާ ހަމަހަމަކަމުގެ މައްޗަށް ބަލައިލަމާ ހެއްޔެވެ؟ މި ހަމަހަމަކަން ވެސް ދެތިން ކަމަކާ ގުޅެއެވެ. އެންމެ ފުރަތަމަ މިކަން ގުޅެނީ ފަރަންސޭސި އިންގިލާބުގެ ކުރިން، ފަރަންސޭސި މުޖުތަމައުގައި އޮތް ގިންތިތައް އުވާލުމާއެވެ. އިންގިލާބުގެ ކުރިން، ފަރަންސޭސި މުޖުތަމައުގައި ރަސްމީ ތިން ގިންތިއެއް އޮތެވެ. އެސްޓޭޓުގެ ނަމުން ނަންދެވިފައިވާ ތިން ގިންތިއެވެ. ފުރަތަމަ އެސްޓޭޓުގެ ގިންތިއާއި ދެވަނަ އެސްޓޭޓުގެ ގިންތިއާއި ތިންވަނަ އެސްޓޭޓުގެ ގިންތިއެވެ. ފުރަތަމަ އެސްޓޭޓުގައި ހިމެނެނީ ދީނީ 'އިމާމުވެރި' (މަގުދައްކާ) ބޭކަލުންނެވެ. ދެން، 'މާތް ނަބީލުންނެވެ'. އާދެ، 'ބޭފުޅުންނެވެ.' ރަސްގެފާނު ފިޔަވައި، ރަސްދަރިކޮޅުގެ މީހުންނާއި އަސްކަރީ އިސް ސަފުތަކުގައި ހިމެނޭ ބޭކަލުންނެވެ. ރަސްގެފާނު ހިމެނިވަޑައިގަންނަވީ މި ހުރިހާ ގިންތިއެއްގެ ވެސް މަތީގައެވެ. އެހެން މީހުންގެ އަތް ނުފޯރާ ފަށުގައި ހުންނަ، އިލާހުވަންތަ ފަރާތް ރަމްޒުކޮށްދޭ މުގަދައްސު ފަރާތެއްގެ ގޮތުގައެވެ. ދެން ތިން ވަނަ ގިންތީގައި އެހެން ހުރިހާ އާންމު އަފުރާދުންނެވެ. ވިޔަފާރިވެރިންނާއި، އިލްމުވެރި ބޭކަލުންނާއި ޑޮކްޓަރުންނާއި މުދައްރިސުންނެވެ. މަސައްކަތްތެރިންނާއި މަސައްކަތު މީހުންނާއި ގެރިބަކަރި ގެންގުޅޭ މީހުންނާއި ދަނޑުވެރިންނެވެ. ހަމަހަމަކަން ނިޔާކުރާ ގޮތުން، މި ގިންތިތައް އުވާލައި، މަތީ ދެ ގިންތިއަށް ލިބިފައި އޮތް ޚާއްސަ އިމްތިޔާޒުތައް ވެސް އުވާލެވުނެވެ. ޓެކުސް ދައްކަން ނުޖެހުމާއި ބައެއްކަހަލަ މަސައްކަތްތައް ކުރުމުން އިސްތިސްނާކުރެވިފައި އޮންނަ އޮތުން ފަދަ އިމްތިޔާޒުތަކެވެ. މީގެ އިތުރުން، ގާޒީކަމާއި ދައުލަތުގެ ބައެއް އިސް އިދާރީ ވަޒީފާތައް މަތީ ގިންތިތަކަށް ޚާއްސަވެފައި އޮންނަ އޮތުމުގެ އިމްތިޔާޒުތައް ވެސް މެއެވެ. މިކަންކަން އުވާލައި، ގާނޫނުތަކުގެ ކުރިމަތީގައި އެންމެން ވެސް އެއްވަރުވެ، ހަމަހަމަވުމާއި އެންމެނަށް ވެސް ޓެކުސް ދައްކަން ޖެހޭ ގޮތް ހެދުމާއި މީހަކު ނިސްބަތްވާ ގިންތިއަކަށް، އާއިލާއަކަށް ބެލުމެއް ނެތި، ހަމައެކަނި އެމީހެއްގެ އިލްމުވެރިކަމާއި ހުނަރާއި ގާބިލުކަމުގެ މައްޗަށް ބަލައި ވަޒީފާތައް ދެވުން، އެންމެން ހަމަހަމަވުމުގެ ތެރޭގައި ހިމެނުނެވެ.
ދެން، ފަރަންސޭސި އިންގިލާބުގެ ތިންވަނަ އަގުކަމުގައި އެންމެންނަކީ ވެސް އެއްބަނޑު އެއްބަފާ ބައެއްކަމުގެ އަގު ހިމެނެއެވެ. މިތަނުގައި، 'އެންމެންނޭ' ބުނެ އިޝާރަތްކުރަނީ ފަރަންސޭސީންގެ އެންމެނަށެވެ. މީގެ މާނައަކީ، އެދުވަސްވަރު ފަރަންސޭސި މުޖުތަމައުގައި އޮތް ތަފާތު އަޅުވެތިކުރުންތައް އުވާލެވުމެވެ. ބިމުގެ ވެރިން، އެ ބިންތަކުގައި މަސައްކަތްކުރާ މީހުންނަކީ އެމީހުންގެ އަޅުވެތި ބައެއް ކަމުގައި ހަދާ ހެދުމެވެ. މިފަދަ ބިމުވެރިން، އެމީހުންގެ ދަނޑުތަކުގެ މަސައްކަތްކުރާ މީހުން ލައްވައި، އެއްވެސް އަގަކާ ނުލައި، މަސައްކަތް ކޮށްދިނުން ފަދަ އަޅުވެތިކުރުމެވެ. ދީނީ މީހުން، އެމީހުންގެ ދީނީ އުނގަންނައިދިނުންތައް މެދުވެރިކޮށް އާންމުން ބަނދެ އަޅުވެތިކުރާކުރުމެވެ.
ފަރަންސޭސީ އިންގިލާބުގެ މިނަންގަތް އަގުތަކަށް، އާދެ، މިނިވަންކަމާއި، ހަމަހަމަކަމާއި އެއްބަނޑު އެއްބަފާކަން، މިކަންކަމަށް، އަމަލީ ސިފަތައް ގެނެވި، މި އަގުތަކުގެ ބިންގާ މަތީ މުޅީން އާ ދައުލަތަކާއި އެ ދައުލަތް ހިންގާނޭ ސަރުކާރެއް ބިނާވާން ވިއްސަކަށް އަހަރު ނެގިއެވެ. އަދި 1789 ވަނަ އަހަރު އިންގިލާބު ފެށުމާއި 1815 ވަނަ އަހަރުގައި ނެޕޯލިޔަން ވެއްޓި، މި އާ ދައުލަތް ބިނާވާން ނެގި ވިއްސަކަށް އަހަރެވެ. އާދެ، 1789 ވަނަ އަހަރާއި 1815 ވަނަ އަހަރު ދެމެދުގެ އަހަރުތަކުގައި އިންގިލާބުގެ އިންތިގާލީ މަރުހަލާއާ ކުރިމަތިލާން ޖެހުނެވެ.
މި އިންތިގާލީ މަރުހަލާގައި، އެންމެ ބޮޑު ގޮންޖެހުމަކަށް، އިންގިލާބުގެ ވެރިންނަށް ކުރިމަތިވީ، ނަންގަނެވި ދިޔަ އިންގިލާބުގެ އަގުތައް ހިފެހެއްޓުމެވެ. މިކަން ހަގީގަތަކަށް ނުވެ، އިންގިލާބު ފޭލިވުމުގެ ނުރައްކާ އެތައް ފަރާތަކުން ކުރިމަތިކުރުވިއެވެ. ރަސްމަތިފުށުގެ ފަރާތުންނާއި، އެމީހުންގެ އިމްތިޔާޒުތައް ގެއްލުމުން، ރަސްކަމަށް ތާއީދުކޮށް، ރަސްކަން އަލުން އިއާދަކުރުމަށް ބޭނުންވި މީހުންގެ ފަރާތުންނެވެ. ތަނުގައި ސިޔާސީ ހަލަބޮލިކަން ފެތުރި، ގާނޫނާއި ގަވާއިދުތައް ބޭކާރުވެ، އާންމުންގެ އަތްމައްޗަށް ކަންކަން ހިންގާލުން ފުރޮޅިގެން ދިޔުމުގެ ބިރެވެ. ދީނީ ބައެއް މީސްމީހުން، އެމީހުންގެ އިމްތިޔާޒުތައް ވެސް ނިގުޅައިގަނެވި ދިޔުމުން، ކުރިމަތިކުރުވި ގޮންޖެހުމެވެ. މީގެ އިތުރުން، އިންގިލާބާ އިދިކޮޅު މި ނަންގަތް ފަރާތްތައް، ޔޫރަޕުގެ އެހެން ދައުލަތްތަކުގެ އެހީ ހޯދައި، ފަރަންސޭސި ވިލާތާ ހަނގުރާމަކުރުމުގެ ބިރެވެ. މި ބިރު ހަގީގަތަކަށްވެ، އިންގިލާބުގެ ވެރިން، ހަނގުރާމަކުރުމާ ވެސް ކުރިމަތިލާން ޖެހުނެވެ.
މިހުރިހާ ގޮންޖެހުންތަކަކާ ފަރަންސޭސި އިންގިލާބުގެ ލީޑަރުން، ކުރިމަތިލައި ކާމިޔާބު ހޯދިއެވެ. ފަރަންސޭސި އިންގިލާބު މިގޮތަށް ކާމިޔާބުވާން މެދުވެރިވި މައިގަނޑު ދެ ސަބަބެއް އޮތެވެ. ފުރަތަމަ ސަބަބަކީ މުޅި ފަރަންސޭސި ވިލާތް ހެން، މި އިންގިލާބަށް ތައްޔާރުވެފައި އޮތުމެވެ. އާދެ، ބޮޑު ބަދަލަކަށް ތައްޔާރުވެފައި އޮތުމެވެ. ދެވަނަ ސަބަބަކީ ފަރުދީ މަސްލަހަތުތައް އެއްފަރާތްކޮށް، މުޅި ޖަމާއަތުގެ މަސްލަހަތު އިސްކޮށްގެން، ގައުމުގެ ލާބައާއި މަންފާއަށްޓަކައި، އިޚުލާސްތެރިކަމާއެކު އިންގިލާބުގެ ހަރަކާތްތައް ހިންގާލާނޭ ހަރުދަނާ ގާބިލު ލީޑަރުންތަކެއް ތިބި ކަމެވެ. މި ދެ ކަންތަކުގެ މައްޗަށް އިތުރަށް ބަލާލަމާ ހެއްޔެވެ؟
މީލާދީން 1789 އާ ހަމައަށް އައިރު، ފަރަންސޭސި ދައުލަތް އޮތީ ބަނގުރޫޓުވުމުގެ ވަޅުގަނޑަކަށް ވެއްޓުމުގެ ތުންފަތްމަތީ ގައެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހުރިހާ މުޖުތަމައީ ގިންތިތައް އެއްކޮށް ޖަލްސާ ކުރެވި، އިޖުމާއަކާ (އެއްބަސްވުމަކާ) ހަމައަށް ނާދެވުންވީ ފަރަންސޭސި އިންގިލާބުގެ ހުޅުކޮޅު ރޯވާން އެޅުނު އަލިފާން ދަނޑިއަށެވެ. މިހިސާބަށް ކަންތައް ދިޔައިރު، ފަރަންސޭސި ވިލާތް އޮތީ ފިކުރީ ގޮތުން ބޮޑު ބަދަލަކަށް ތައްޔާރުވެފައެވެ. އިންގިލާބުގެ 100 ވަރަކަށް އަހަރު ކުރިއްސުރެން ފެށިގެން ތަންވީރީ އާ ފިކުރުތަކުގެ ފައިލަސޫފުން، އެމީހުންގެ ޚިޔާލުތައް ވަނީ އާންމުގެ ތެރެއަށް ދޫކޮށްލާފައެވެ. ހޮބްއާއި ލޮކް، އަދި ވޯލްޓަޔަރ އާއި ރޫޒޯ ފަދަ ފަލްސަފާވެރި އިލްމުވެރިންގެ ފިކުރާއި ޚިޔާލުތަކެވެ.
މި ނަންގަތް ފައިލަސޫފުން، ސިޔާސީ އެކިއެކި މައްސަލަތައް ނަންގަވައި ބަހުސްކުރެއްވިއެވެ. ޝަރުއީ ހުކޫމަތަކީ ކޮބައިކަމާއި، މާނައަކީ ގާނޫނީ ސިފަ ލިބެގެންވާ ވެރިކަމަކީ ކޮބައިކަމާއި، ވެރިކަން ކުރުން އެންމެ ހައްގުކަން ބޮޑީ ކާކުކަމާއި، މި މައްސަލަތަކާ ބެހޭ ގޮތުން އެމީހުން ދެކޭ ގޮތުގެ ވާހަކަތައް އެމީހުންގެ ލިޔުންތައް މެދުވެރިކޮށް ހުށަހަޅާލިއެވެ. އަދި އިންސާނާގެ ތަބީއީ ހާލަތަކީ ވަކި ގޮތަކަށް އިންތިޒާމުކުރެވިފައި ނުވާ ހާލަތެއްކަމާއި އަދި މިފަދަ ހާލަތެއްގައި، އެއަށް ބަދަލުނުގެނެވޭނޭ ހައްގުތަކެއް، އޭނާއަށް ލިބިގެންވާކަން ވެސް ލޮކް ފަދަ ފައިލަސޫފުން ފާހަގަކުރެއްވިއެވެ. އަދި ހާކިމާއި މަހްކޫމާ ދެމެދު، އެބަހީ ވެރިޔާއާއި އެމީހުންގެ މައްޗަށް ވެރިކަން ހިންގޭ އާންމު ރައްޔިތުންނާ ދެމެދު، އޮންނަނީ އިޖުތިމާއީ އެއްބަސްވުމެއްކަން ވެސް ހޮބްއާއި ލޮކް ދެކިލެއްވިއެވެ. މި އެއްބަސްވުމުގެ މާނައަކީ މި ދެ ފަރާތުން ވެސް އަދާކުރަން ޖެހޭ ވާޖިބުތަކަކާއި އުފުލަން ޖެހޭ މަސްއޫލިއްޔަތްތަކެއް އޮތްކަމެވެ. އަދި މި ދެ ފަރާތަށް ވެސް ލިބިދޭންޖެހޭ ހައްގުތަކެއް ވެސް އޮންނަކަމެވެ. މިސާލަކަށް، ވެރިކަމުގެ މަސްއޫލިއްޔަތަކީ ހާކިމާގެ ކޮނޑުގައި އެޅިފައި އޮތްކަމެކެވެ. އެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ އަދުލު އިންސާފުގެ މައްޗަށް ބިނާވާ ގާނޫނުތަކެއްގެ ދަށުންނެވެ. ގާނޫނުތަކަށް ތަބާވެ، ގައުމަށާއި ރައްޔިތުންނަށް ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު ގައުމުގެ ކަންތައްތައް ހިންގުން އޭނާގެ މައްޗަށް ވާޖިބުވެގެން ވެއެވެ. ގާނޫނުތަކަށް ތަބާވެ، އިޚުލާސްތެރިކަމާއެކު، ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރުމުން، ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބިދިނުމަކީ އޭނާއަށް ލިބިދޭން ޖެހޭ ހައްގެކެވެ. ގައުމުގެ މުއްސަނދިކަން، އަދުލުވެރި ގޮތެއްގައި ބެހި، އަސާސީ ބޭނުންތައް – ކެއުން ބުއިން، އުނުއޮރިޔާން ނިވާކުރުން ބޯހިޔާވެހިކަން ލިބުން – ފުދިދިޔުމަކީ ކޮންމެ މުވާތިނެއްގެ ވެސް ހައްގެކެވެ. ސަރުކާރެއްގެ އެންމެ އިސް ވާޖިބަކީ މި ބޭނުންތައް ފުއްދޭނޭ ފަދަ ގޮތެއްގައި ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅާލުމެވެ. މިފަދަ ގޮތެއްގައި ކަންތައްތައް ކުރެވެމުންދާއިރު، ހާކިމާއަށް ކިޔަމަންގަނެ، އޭނާއަށް އެއްބާރުލުން ދިނުން ރައްޔިތުންގެ މައްޗަށް ވާޖިބުވެގެން ވެއެވެ. އާދެ، ހާކިމާއި މަހުކޫމާއި ދެމެދު އޮންނަނީ އިޖުތިމާއީ އެއްބަސްވުމެކޭ ބުނެ އިޝާރަތްކުރެވެނީ މިކަމަށެވެ.

ހަމަ މިފަދަ ޚިޔާލުތައް ވޯލްޓެޔަރ (ފޮޓޯގައި) އާއި ރޫސޯވެސް ވެސް ފާޅުކުރެއްވިއެވެ. ވޯލްޓެޔާރ ގަބޫލުކުރެއްވި ގޮތުގައި، އާންމުންގެ ހޭލުންތެރިކަމެއް ނެތް ތަނެއްގައި އޮންނަ 'މުތުލަގު ޑިމޮކުރަސީ" އަކުން އެއްވެސް ފައިދާއެއް ނުލިބޭނެއެވެ. މާނައަކީ، ސިޔާސީ ހޭލުންތެރިކަމެއް ނެތް، ތިމާމެންގެ ވަލާއު ގައުމަށް ނުދެވޭ، ކިއުމާއި ކިޔެވުމުގެ ސަގާފަތެއް ނެތް ބައެއްގެ ތެރޭގައި ހިންގާލެވޭ ޑިމޮކުރަސީގެ ނިޒާމެއްގައި ފައިދާއެއް ނެތެވެ. ވޯލްޓެއާރ ދެކެވަޑައިގެން ގޮތުގައި ވެރިކަން ކުރަން ޖެހޭނީ އިލްމީ ގާބިލުކަން ލިބިގެން ތިބި ބައެކެވެ. އަދި، އެމީހުންގެ ވެރިކަން ބިނާވެފައި އޮންނަން ޖެހޭނީ ހަމަހަމަކަމާއި މިނިވަންކަން ފަދަ ތަންވީރީ ފިކުރުގެ އުސޫލުތަކުގެ މައްޗަށެވެ.
މި ނަންގަތް ވާހަކަތަކުން ހެކި ލިބިގަންނަން މަސައްކަތްކުރަނީ ފަރަންސޭސީ އިންގިލާބު ހިނގަން މެދުވެރިވިއިރު، ފަރަންސޭސި މުޖުތަމައު އޮތީ ފިކުރީ ގޮތުން އެކަމަށް ތައްޔާރުވެގެން ކަމަށެވެ. މަތީގައި ނަންގަނެވި ދިޔަ އިންގިލާބުގެ އަގުތައް ކަމުގައި ބެލެވުނު އަގުތަކާއި އަދިވެސް ދެންމެ މިނަންގަތް ޚިޔާލުތަކާއި ފިކުރުތައް، ފަލްސަފާވެރި އިލްމީ މުފައްކިރުންގެ ލިޔުންތަކުގެ ސަބަބުން، މުޖުތަމައުގެ އަފުރާދުންގެ މެދުގައި ބަހުސްކުރެވި، އެފަދަ އަގުތަކާއި ފިކުރުތައް ބަލައިގަނެ، އެނގިތިބެ، ހިތުގެ އަނޑިން ގަބޫލުކުރެވިފައިވާތީއެވެ.
މީގެ އިތުރުން، އިންގިލާބުގެ ނަވުގެ ހުންގާނުގައި ހިފައިގެން ގައުމާއި ރައްޔިތުންނަށް ހެޔޮމަގު ދައްކައިދޭން، މި ނަންގަތް ސިޔާސީ ތަންވީރީ ފިކުރުގެ އިލްމުވެރި ސިޔާސީ އެތައް ލީޑަރުންނެއް ތިއްބެވިއެވެ. އިމޭނުއަލް ޖޯސެފް ސިޔޭއާއި މެކްސިމިލިއަން ރޮބެސްޕިޔައާއި ކަމީޔް ޑެސްމުލިނާއި ޖޯޖެސް ޖާކް ޑެންޓަންއާއި ޖީން ޕޯލް މަރަޓް ފަދަ އެތައް އެތައް ލީޑަރުންނެވެ. އަދި މުއައްދަބު (ޑިސިޕްލިންޑް) ވަރުގަދަ ލަޝްކަރެއް ވެސް އޮތެވެ. އަދި، މިލަޝްކަރު އިތުރަށް ކުރިއަރުވައި ބާރުގަދަކުރުވަނިވި ސިޔާސަތުތައް އެކުލަވާލައި ކަނޑައަޅާލުމުގެ ގާބިލުކަން އިންގިލާބުގެ ލީޑަރުންގެ ކިބައިގައި ހުއްޓެވެ. އިންގިލާބުގެ ލީޑަރުންނަށް ކަންކަން ހައްލުނުކުރެވޭ ހިސާބަށް ދެވުމުން، މަދަނީ ވެރިކަމުގެ ތެރެއަށް އަސްކަރީން ގެނެވުނު އިރު، އަސްކަރީންގެ ތެރޭގައި ވެސް، މިނަންގަތް އަގުތަކާއި ތަންވީރީ ފިކުރީ ޚިޔާލުތައް ބަލައިގަނެވިފައި އޮތެވެ. އެހެންވެ، އަސްކަރީ އިސްތިބާދީ ވެރިކަމެއް ނެޕޯލިޔަންގެ ޒައާމަތުގެ ދަށުން ގާއިމުކުރެވުނު ކަމުގައި ވިޔަސސް ނެޕޯލިޔަން ވެސް ބެލެވުނީ އިންގިލާބުގެ އަގުތަކާއި އަދި ގާނޫނުތަކާއި ގަވާއިދުތައް ދަމަހައްޓައި އެކަމަށް ހުރުމަތްތެރިކޮށް ހިތްތެވި ލީޑަރަކަށެވެ. މީގެ އެންމެ ބޮޑު ހެއްކަކީ، ނެޕޯލިޔަން ވިދާޅުވެފައިވާ ފަދައިން، އޭނާގެ ހަނދާންތައް އެންމެ ބޮޑަށް ދެމެހެއްޓީ އޭނާގެ އަސްކަރީ ގާބިލިއްޔަތު ކަމެއް ނޫނެވެ. 'ނެޕޯލިޔަންގެ ކޯޑުގެ' ނަމުން ނަންދެވިފައިވާ އޭނާ އެކުލަވާލި ގާނޫނީ ހަމަތަކެވެ.
އަޅުގަނޑުމެންގެ ރާއްޖެ ވެސް މިއަދު، ކަޑައްތުކުރަމަން މިގެންދަނީ މަތީގައި ބަޔާންކުރެވި ދިޔަ ފަދަ އިންތިގާލީ މަރުހަލާއެކެވެ. ގައުމުތައް ތަރައްގީގެ މަގުގައި ދަތުރުކޮށް، އިހުގައި އޮތް މުސްތަބިއްދު ސިޔާސީ ނިޒާމަކުން އާ ސިޔާސީ-އިޖުތިމާއީ ނިޒާމަކާ ދިމާއަށް ދަތުރުކުރަމުން ދާއިރު، ކަޑައްތުކުރާ މަރުހަލާއެކެވެ. މި އިންތިގާލީ މަރުހަލާގައި އަޅުގަނޑުމެންނަށް ވެސް ތަފާތު ޗެލެންޖުތައް، ގޮންޖެހުންތައް އެބަ ހުއްޓެވެ. މީގެ ތެރޭގައި، މަތީގައި ބަޔާންކުރެވި ދިޔަ ފަރަންސޭސި އިންގިލާބަށް، ފަރަންސޭސި ވިލާތް ތައްޔާރުވެފައި އޮތް ގޮތަށް އަޅުގަނޑުމެން ތިބީ ތައްޔާރުވެފައި ނޫންކަން ފާހަގަކުރެވެއެވެ. އަޅުގަނޑުމެންގެ ތެރޭގައި އާންމު ގޮތެއްގައި ޒިހުނީ، ފިކުރީ ހޭލުންތެރިކަމެއް ނެތްކަން ފާހަގަކުރެވެއެވެ.

ޝައްކެއްނެތް ގޮތުގައި، އިހުގެ ސިޔާސީ އަދި އިޖުތިމާއީ ނިޒާމު އުވެން ދިމާވިއިރު، އާންމު ރައިއްޔަތް އޮތީ ފިކުރީ ގޮތުން އާ ނިޒާމަކަށް ތައްޔާރުވެފައެކޭ ބުނެވޭކަށް ނެތެވެ. އިހުގައި އޮތް ވެރިކަމާ ދެކޮޅުވި އިރު، ދެކޮޅުވެރިވީ އެ ވެރިކަމުގެ ނިޒާމަކާ ނޫނެވެ. އިދިކޮޅުވެވުނީ، ޒާތީ ސިފައެއްގައި އެ ވެރިކަމުގެ ވެރިޔާއާއެވެ. އޭނާގެ ވެރިކަން ތިރީސް އަހަރުގެ ދިގު މުއްދަތަކަށް ދެމިގެން ދިޔުމުގެ މައިގަނޑު ސަބަބުންނެވެ. އަދި، ގެންނަން ބޭނުންވާ ބަދަލުގެ ހުރިހާ ވެސް އަމާޒަކަށް ވެފައިއޮތީ ވެރިޔާ ވެރިކަމުން ދުރުކުރުމެވެ. އެހެންވެ، އޭނާގެ ވެރިކަމުގައި ނުވަތަ ކުރިންވެސް ވާރުތަވަމުން އައި ވެރިންގެ ވެރިކަމުގައި އޮތް ސިޔާސަތުތަކާ ދެކޮޅު ހަދައި، ތަރައްގީގެ އަމާޒަކީ ސީދާ ރައްޔިތުންކަން ދެކިގެން، ކުރިއަށް ދާނޭ އާ ސިޔާސަތުތަކެއް ކަނޑައަޅައެއް ނުލެވެއެވެ. އަދި، އަލަށް ގާއިމުކުރެވޭ ވެރިކަން ބިނާވެފައި އޮންނާނޭ އާ ސިޔާސަތުތައް ކަނޑައަޅާލުމުގެ ބޭނުންތެރިކަމެއް އޮތް ކަމަކަށް ވެސް، އިހުގެ ވެރިކަން ބަދަލުކޮށްލަން މަސައްކަތްކުރުމުގައި އިސްވެ އުޅުނު މީހުން ވެސް އަދި، ޚުދް، އާންމު އަފުރާދުން ވެސް ނުދެކެއެވެ. ހަމަ އެކަނި ސިޔާސީ ޕާޓީތަކެއް ހަދައި، ނަމުން ޑިމޮކުރަސީއޭ އާ ނިޒާމަށް ކިޔައި ވޯޓު ނެގުން ނޫން ކަމެއް ނުވެއެވެ. އާންމު ފަރުދުންގެ އިގުތިސާދީ ހާލަތަށް ހެޔޮ ގޮތުގައި އަސަރުކުރުވާނޭ ފަދަ ނިޒާމެއް ގާއިމުކުރެވޭ ތަނެއް ނުފެނުނެވެ. އެންމެންނަށް ގެދޮރު ލިބިދޭނޭ ނިޒާމެއް ގާއިމުކުރެވިދާނޭ ކަމުގެ އިމްކާނިއްޔަތު އޮތްއިރު ވެސް، އެންމެން ޝާމިލުވާ ގޮތެއްގައި އެކަމުގެ ހައްލު ހޯދުމުގެ ވާހަކައެއް ނުދެއްކެއެވެ. އަދިވެސް މައިގަނޑު ވާހަކައަކަށް ވެފައި އޮތީ، ހަމަ އިހުނޭ އެއްފަދައިން، ވެރިކަން އޮންނަން ޖެހޭނީ ވަކި ބަޔެއްގެ އަތްމަތީ ކަމުގައެވެ. އެއީ ވަކި މީހަކާއި ވަކި ޕާޓީއެއްގެ ހައްގެއް ކަމުގައެވެ. އަދި، ހުރިހާ ވެސް މައްސަލައަކީ ނިޒާމުގެ މައްސަލައެއްކަމުގައެވެ. ރިޔާސީ ނިޒާމަކުން ނޫނީ ބަރުލަމާނީ ނިޒާމަކުން ހުރިހާ ކަމެއް ހައްލުވެގެން ދާނޭ ވާހަކައެވެ. ހަލާކުވެ ރޫޅިފައިވާ އިމާރާތެއްގެ ބޭރު ފާރުތަކުގައި އާ ކުލައެއް ލައި، އިމާރާތް އާވީ ކަމުގައި ހަދާލާފަދައިންނެވެ. ނަމަވެސް، ބުނަންޖެހެނީ މިކަން ގުޅެނީ ވަކި ނިޒާމަކާ ނޫންކަމެވެ. އަސާސީ ގޮތެއްގައި މިކަން ގުޅެނީ، އަޅުގަނޑުމެން ގަބޫލުކުރާ އަޅުގަނޑުމެންގެ އަމިއްލަ ޖަމާއީ އަގުތަކާއި މުސުލުތައް ކަނޑައަޅާލުމާއެވެ. އަދި، މި އަގުތަކާއި މުސުލުތަކުގެ މައްޗަށް ބިނާވާ ސިޔާސަތުތައް އެކަށައަޅާލައި އެ ސިޔާސަތުތަކަށް އަމަލީ ސިފަ ގެނެވުމާއެވެ. އަޅުގަނޑުމެންގެ ސިޔާސީ ބިނާ، އަޅުގަޑުމެންގެ ޖަމާއަތުގެ އެންމެން ޝާމިލުވާނޭ ފަދަ ގޮތެއްގައި، އެންމެންގެ ހެވާ ލާބައަށްޓަކައި، އިމާރަތްކުރާނޭ ޕުލޭނެއް ކުރަހާލުމާއެވެ. މިކަންކުރުން ގުޅެނީ ވަކި ސިޔާސީ ނިޒާމަކާ ނޫނެވެ. ކޮންމެ ސިޔާސީ ނިޒާމެއްގެ ދަށުން ވެސް މިކަން ކުރެވިދާނެއެވެ. ހުޅަނގު ގައުމުތަކުން މީގެ ހެކި ފެނެއެވެ. ރިޔާސީ ނިޒާމުގެ ދަށުންނާއި އަދި ބަރުލަމާނީ ނިޒާމުގެ ދަށުން ވެސް، ގައުމަށް އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުން ގެނެސް، ފަގީރުކަމާއި މުހުތާދުކަމަށް ރަގަނޅު ހައްލު ގެންނަތަނެވެ. އެހެންވެ، މަތީގައި ނަންގަނެވުނު ފަދައިން، އަގުތަކާއި މުސުލުތަކާއި ސިޔާސަތުތައް ކަނޑައަޅާލައި، މިކަމަށް ރައްޔިތުން ހޭލުންތެރި ނުކޮށް، ހަމަ އެކަނި ވެރިޔަކު ވެރިކަމުން ދުރުކުރުމުގެ ނަތީޖާއަކީ، ވެރިކަން ބަދަލުވިޔަސް، ވެރިކަމުގެ ސަގާފަތު ދެމި އޮތުމެވެ. ވެރިކަމާ ގުޅޭ އިހުގެ މިސަގާފަތް ބަދަލުނުވެ އޮތުމުން، ދެން ފެނިގެންދަނީ ކަންކަން، ގޯހުން ގޯހަށް ބަދަލު ވެގެންދާ ތަނެވެ. ވައްކަމާއި ފަސާދައިގެ އަމަލުތައް ނުހުއްޓި، އިތުރުވެގެންދާ ތަނެވެ. ގާނޫނުތަކާއި ގަވާއިދުތަކަށް ބެލުމެއް ނެތި ވެރިޔާއަށް ފެންނަ ގޮތަކަށް ކަންތައް ކުރާ ތަނެވެ. ނުވަތަ އެފަދަ ގޮތެއްގައި ކަންތައްތައް ކުރެވޭ ގޮތަކަށް ގާނޫނުތަކާއި ގަވާއިދުތައް ބަދަލުކުރެވޭތަނެވެ. ގާނޫނުތަކާއި ގަވާއިދުތަކުން އެއްބަޔަކު އިސްތިސްނާކޮށް، އެންމެންގެ މައްޗަށް ހަމަހަމަ ސިފައެއްގައި އެކަން ހިންގާނުލެވޭ ތަނެވެ. އަދި، އާންމު ފަރުދުންގެ އަޚުލާގީ މިންގަނޑު އިހުނަށް ވުރެ ވެސް ދަށު ދަރަޖައަކަށް ވެއްޓިގެންދާ ތަނެވެ.
އަގުތަކާއި މުސުލުތަކެއްގެ މައްޗަށް ބިނާވާ ފަދަ ސިޔާސަތުތައް ކަނޑައަޅާލެވިފައި ނެތުމުގެ އިތުރުން، ގައުމުގެ މަސްލަހަތާއި ޖަމާއަތުގެ ފައިދާ އިސްކޮށްގެން ކަންތައްކުރާނޭ ތެދުވެރި، އިޚުލާސްތެރި އިލްމީ ގިނަ ލީޑަރުންތަކެއް ނެތުމަކީ ވެސް އާ ސިޔާސީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތަށް ކުރިމަތިވެފައިވާ ޗެލެންޖެކެވެ. މިކަމުގެ ސަބަބުން، މި އިންތިގާލީ މަރުހަލާގައި އާ ހެޔޮ ނިޒާމަކާ ދިމާއަށް ގައުމުގެ ނައު ގެންދިޔުމުގެ ބަދަލުގައި، ކޮންމެ ސިޔާސީ ޕާޓީއަކަށް ވެސް މުހިއްމުވަނީ، ކޮންމެ ގޮތެއް ހަދާފައި ނަމަވެސް، އެ ޕާޓީއެއްގެ ވެރިކަން ދެމެހެއްޓުމެވެ. މިކަން ބިނާވަނީ، ޕާޓީގެ ސިޔާސާތުތަކުގެ މައްޗަށް ބަލައިގެންނެއް ނޫނެވެ. އެއް ޕާޓީ އަނެއް ޕާޓީ ގޯސްކުރުމުގެ މައްޗަށެވެ. އެއް ބަޔަކު އަނެއް ބަޔެއްގެ ބޮލުގައި ވައްކަމާއި ފަސާދައިގެ އަމަލުތައް އެޅުވުމުގެ މައްޗަށެވެ. މިފަދައިން ކަންތައް ކުރުމުން، އެކަން ކުރާ ކޮންމެ ބަޔަކު ވެސް، އެ ފަދަ އަމަލުތަކުން ބަރީއަކުރުވާ ކަހަލައެވެ. އަދި، ތަނުގައި އަށަގެންފައިވާ ފަސާދައާއި ސަގާފަތް ނެތިކޮށްލެވޭ ކަހަލައެވެ.
މިފަދަ ގޮތެއްގައި ޕާޓީތަކުގެ އަމަލުތައް ހުރުމުން، ޕާޓީތައް އެއްގަލަކަށް އަރާނޭ އެއްވެސް ގައުމީ އަސާސެއް ފެންނާކަށް ނެތެވެ. މިކަމުގެ ސަބަބުން، ގައުމީ މައްސަލަތަކުގައި، އެއްބަޔަކު އަނެއްބަޔަކަށް އެއްވެސް އިތުބާރެއް ނުކުރެވެއެވެ. ޚުދް، ރައްޔިތުންނާއި އަދި، ގައުމީ ދިފާއީ ބާރުތައް ފަދަ ބައެއް ގައުމީ މުއައްސަސާތަކަށް ވެސް ޕާޓީތަކަށް އޮންނަނީ އިތުބާރު ނުކުރެވިފައެވެ. ތިމާމެންގެ ވެރިކަމަށް، އެފަރާތުން އަތުވެދާނެ ނުރައްކަލަކައްޓަކައެވެ. ނަތީޖާއަކީ، ތިމާމެންގެ ވެރިކަން ދެމެހެއްޓުމައްޓަކައި ބޭރުގެ ބާރުތައް ގައުމުގެ ދާޚިލީ މައްސަލަތަކަށް ވަނުމަށް މަގުފަހިކޮށްދިނުމެވެ. ނޫސްތަކުގައި މިފަދަ މައްސަލަތަކާ ބެހޭ ގޮތުން ލިޔެވޭ ލިޔުންތަކަށް ބުނެފައިވާ ބުނުންތަކަށް ބަލާލުމުން، ޕާޓީގެ ތައައްސުބުގައި ޖެހިފައި ތިބި އާންމު ފަރުދުންވެސް، އެމީހުންގެ ޕާޓީގެ ވެރިކަން ނެތި ގޮސް، އެހެން ޕާޓީއެއް ވެރިކަމަށް އައުމަށް ވުރެ، ތަނުގެ ސިޔާދަތާއި އިސްތިގުލާލު ބޭރު ބައެއްގެ އަތް މައްޗަށް ދިޔުން ވެސް ރަނގަޅޭ ބުނާ މީސްމީހުން ފެންނަނީ މަދެއްކޮށް ނޫނެވެ. މިއީ ގައުމުގެ ކަންތައްތައް އިސްލާހުކުރަން ބޭނުންވާ ހޭލުންތެރި ރައްޔިތެއްގެ ގޮތް ހެއްޔެވެ؟ ޕާޓީ ތައައްސުބު، މިފަދަ ބޭސިއްހީ ދަރަޖައަކަށް ގޮސް، އަދި، ބޭރުގެ ބައެއް ބާރުތަކުގެ ވަކިތައް، މަޑުމަޑުން ނަމަވެސް، ތަނުގައި ހިއްޕާލެވޭ ގޮތަށް ކަންތައްތައް ކުރެވެމުންދާއިރު، ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް ބުރޫއަރާފާނެއޭ ހީވުމަކީ ވެސް މި އިންތިގާލީ މަރުހަލާގައި ކުރިމަތިވެފައި އޮތް ހަގީގީ ބިރެކެވެ. އާދެ، މިއިން ވެސް އަންގައިދެނީ ގައުމުގެ މަސްލަހަތާއި ޖަމާއަތުގެ ފައިދާ އިސްކޮށްގެން ކަންތައްކުރާނޭ ތެދުވެރި، އިޚުލާސްތެރި އިލްމީ ލީޑަރުންތަކެއް ނެތްކަމެވެ.
މިހުރިހާ ގޮންޖެހުންތަކާއި ބިރުތައް ހުރި ކަމުގައި ވިޔަސް، ތަނުގެ މުވާތިނުން، ހަގީގީ ކުރިއެރުމެއް އެދޭ ނަމަ، އަދި އެކަން ކުރަން އޮންނަ މަގުކޮށައި އެ މަގުގައި ހިނގަން ގަސްދުކޮށްފި ނަމަ، މިކަމަކީ، މާތްކަލާނގެ ވާގިފުޅާލައިގެން، ކުރެވިދާނޭ ކަމެކެވެ. މިކަން ފެށޭނީ، ކުރިންވެސް ތަކުރާރުކޮށް ބުނެ، އިޝާރަތްކުރި ފަދައިން، އާންމު އަފުރާދުން ހޭލުންތެރިވެގެންނެވެ. އަޅުގަނޑުމެންގެ ސިޔާދަތާއި މިނިވަންކަން ދަމަހައްޓައި، އަޅުގަނޑުމެންގެ އަމިއްލަ ނަފްސުގެ މައްޗަށް ފުރިހަމައަށް އިތުބާރުކޮށް، މިކަމަކީ އަޅުގަނޑުމެން އަމިއްލައަށް ކުރެވިދާނޭ ކަމެއްކަން ގަބޫލުކޮށް، އަޅުގަނޑުމެން ބޭނުންވާ އަގުތަކާއި މުސުލުތައް، އަޅުގަނޑުމެންގެ ސަގާފަތުގެ ތެރެއިން ކަނޑައަޅާލެވިގެންނެވެ. އަދި، އެ އަގުތަކާއި މުސުލުތަކުގެ މައްޗަށް އަޅުގަނޑުމެން އެދޭ އާ ހެޔޮ ނިޒާމުގެ ބިނާގެ ތަސައްވުރެއް، ހިއްސީ ސިފައެއްގައި، އެބަހީ އަޅުގަނޑުމެންގެ ހިއްސުތަކުން އޭގެ ހަގީގަތް ފެންނަ ސިފައެއްގައި ކުރަހާލައި، އެ ކުރެހުން ހަގީގަތަކަށް ހަދާލެވޭނެ ގޮތް ކަނޑައަޅާލެވިގެންނެވެ. މީގެ ތަފްސީލު، އިރާދަކުރެއްވިއްޔާ، މިސިލްސިލާގެ އެހެން ލިޔުންތަކުގައި ގެނެސްދެވޭތޯ މަސައްކަތްކުރާނަމެވެ.



advertisment