Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ހުކުރު މިސްކިތު ވަގުތުގަލުގެ ވާހަކަ

ވަގުތުގަލޭ ބުނުމުން މިޒަމާނުގައި ގިނަ ބަޔަކަށް ޚާއްޞަކޮށް މިއަދުގެ ޒުވާން ކުދީންނަށް ނޭނގިދާނެއެވެ. އެހެނީ، ވަގުތުގަލަކީ، މިޒަމާނަކަށް އައިއިރު ބޭނުން ނުކުރާ އެއްޗަކަށްވެފައި، މިހާރު ގިނަ ރަށްރަށުން ފެންނާންވެސް ނުހުންނަ އެއްޗަކަށް ވާތީއެވެ.

އެހެން އެކަން ހުރިނަމަވެސް، ރާއްޖޭގެ ރަށެއްގައި އާސާރީ ބޭނުމަކަށްޓަކައި އެރަށުގައި އިހަށްހުރި ވަގުތުގަލެއްގެ އާބާތުރަ ފިލުވާފައި އަލުން އެވަގުތުގާ މަރާމާތު ކުރުމުގެ ހުށަހެޅުމެއް އަޅުގަނޑާ ހަމަޔަށް އައިސްފައިވާތީ، އެފަދަ ކަންކަން ކުރާނަމަ، ރާއްޖޭގައި އުފެދުނު އެފަންނުގެ މޮޅު ޢިލްމުވެރީންގެ ޢިލްމީ އެފަދަ މަސައްކަތްޕުޅު ތަކަށް ބަރޯސާވުމަކީ ވަރަށްވެސް މުހިންމު ކަމެއްކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭތީ، މާލޭ ހުކުރު މިސްކިތުގެ ހަރިންމަ ތެރޭގައި މީގެ 77 އަހަރު ކުރިން ބަހައްޓާފައިހުރި ވަގުތުގަލަށް ތަޖުރިބާގެ ނަޒަރުންބަލައި، އެ ގަލާއި، އެކިއެކި ވަގުތުތަކާއި، އަދި މިޞްރާބުތަކާ ހުރި ގުޅުން އަޅުގަނޑު ތަޖުރިބާކޮށްލީމެވެ.

މި ވަގުތުގަލަކީ، ހިމިތީ އިސްމަޢީލްކަލޭފާނުގެ ތުއްތު (محمد إسماعيل كليفان) މަޝްހޫރު ނަންފުޅުން ނަމަ، "ތުއްތުސާހަބު" ބަހައްޓަވައި ދެއްވާފައިވާ ވަގުތުގަލެކެވެ. އެ ގަލުގެ ހިޔަނިކަށީގައި، އެގާ ބެހެއްޓި، ތާރީޚު ޖެހުމަށްޓަކައި ލިޔެފައިވަނީ "މިގައު ބެހެއްޓީ 1369 ذوالقعده މަހުގައެވެ." މިފަދައިންނެވެ.

މިއަދަކީ، (05 މާރިޗް 2025 / 05 ރަމަޟާން 1446 ވީ ބުދަ ދުވަހަކީ) މާލެއަށް އުޑުމަތި އެންމެ ސާފު ދުވަހެއްގެ ގޮތުގައި ފެނުނު ދުވަހެއް ކަމަށްވާތީ، މިއަދު މާލެއަށް މެންދުރުވާ ވަގުތު ކަމަށްވާ 12:17 ގައި އެ ވަގުތުގަލުން މިއަދު މާލެއަށް މެންދުރުވާ ވަގުތު ދެނެގަނެ އެވަގުތު އެގަލުގެ 'ހިޔަނިކަށި’ން، ދައްކައިދޭ ހިޔަނީގެ ފޮޓޮއެއްވެސް ނެގީމެވެ.

މިއަދު ނެގި ފޮޓޯ

މިއަދު ބެލި ބެލުމުން މާލޭ ހުކުރު މިސްކިތު ހަރިންމަ ތެރޭގައި ހުރި ވަގުތުގަލުން މިއަދުގެ މެންދުރު ވަގުތުވެސް އަންގައި ދީފައިވަނީ ކުޑަވެސް ތަފާތުކަމެއް ނެތި %100 އަށެވެ. އެ ވަގުތުގަލަށް ލިބިފައިހުރި ގެއްލުންތަކާއި އެތާނގެ ފަސްގަނޑަށް އެކިއެކި ގޮތްގޮތުން އައިސްފައިވާ ބަދަލުތަކާ އަޅައިބަލާއިރުވެސް، އެ ވަގުތުގަލުން ވަގުތު އަންގައިދޭ ދިނުމަށް އެއްވެސް ތަފާތުކަމެއް މިހާރަށްވެސް އައިސްފައެއް ނެތެވެ.

މިއަދު ކުރެވުނު ތަޖުރިބާގެ އަލީގައި މިއަދު މާލޭގެ "ޤުދްރަތީ "ސުހައިލުރޮނގު" ނުވަތަ (މެރީޑިއަންލައިން) އަށް، އިރުގެމެދު، ނުވަތަ އިރުހުޅަނގުގެ ގޮތުން، އިރުގެމެދު މާލޭގެ މެދަށް އައި ވަގުތު ކަމަށްވާ، މާލޭގަޑިން 12:17 ގައި، އެ ވަގުތުގަލުގެ ހިޔަނިކަށިން ދައްކައިދިން ހިޔަނިން، މާލެއަށް މިއަދު މެންދުރު ވަގުތު ކަށަވަރުކޮށް ދައްކައިދީފައިވަނީ، އެ ވަގުތުގާ ބެހެއްޓިފައި ހުރީ، މިޞްރާބުތަކާވެސް %100 އަށް ދިމާވާ، އިތުބާރުހުރި ގޮތެއްގައިކަން ކަށަވަރުވެ ޔަޤީން ކުރެވުނެވެ.

"ގަހާރޮނގު"، ނުވަތަ "ސުހައިލުރޮނގު" އެއީ، އިނގިރޭސިބަހުން ކިޔާ "މެރީޑިއަން ލައިން" އެވެ.

އެއީ، އެބަޔަކު ތިބި ޚައްޠުޠޫލު (ލޮންޖިޓިޔުޑް) އާއި، ޚައްޠުއިސްތިވާ (އީކުއާޓަރ) އާ، ގުޅޭތަނުން ފެށިގެން އުތުރުޕޯލާ ހަމަޔަށް ދެމޭ ޚިޔާލީ ރޮނގާއި؛ އެބަޔަކު ތިބި ޚައްޠުޠޫލު (ލޮންޖިޓިޔުޑް) އާއި، ޚައްޠުއިސްތިވާ (އީކުއާޓަރ) އާ، ގުޅޭތަނުން ފެށިގެން ދެކުނަށް ދެމޭ ޚިޔާލީރޮނގެވެ. އެ ރޮނގު ޚައްޠުއިސްތިވާއިން ފެށިގެން އުތުރަށް ދެމިގެންވަނީ ގަހާރޮނގެވެ. ދެކުނަށް ދެމިގެންވަނީ ސުހައިލުރޮނގެވެ.

އެބަޔަކު ޢަރުޟުގެ ގޮތުން ތިބޭ ތަނެއްގެ ދެކުނު ފަރާތުން އިރު ހިނގާ ދުވަސްވަރު ވަގުތުގަލުން އެބަޔަކަށް މެންދުރުވާނީ ވަގުތު ގަލުގެ ހިޔަނިކަށީގެ ހިޔަނި ގަހާރޮނގާ ހަމަހަމަވާ ވަގުތެވެ.

އެފަދައިން އެބަޔަކު ޢަރުޟުގެ ގޮތުން ތިބޭ ތަނެއްގެ އުތުރު ފަރާތުން އިރު ހިނގާ ދުވަސްވަރު ވަގުތުގަލުން އެބަޔަކަށް މެންދުރުވާނީ ވަގުތު ގަލުގެ ހިޔަނިކަށީގެ ހިޔަނި ސުހައިލުރޮނގާ ހަމަހަމަވާ ވަގުތުގައެވެ.

މިލިޔުމުގައި ހިމަނާފައިވާ ފޮޓޯއަކީ، މާލޭ ހުކުރު މިސްކިތު ހަރިންމަ ތެރޭގައި ހުރި ވަގުތުގަލުގެ ހިޔަނިކަށީގެ ހިޔަނި، މާލޭގެ ގަހާރޮނގާ މިއަދު ހަމަހަަމަވީ ވަގުުތު އަޅުގަނޑު ނަގާފައިވާ ފޮޓޯއެކެވެ. ނިޔަމިކަމުގެ ހިސާބުން ބަލާއިރު، އިރުގެމެދު މާލޭގެ ގަހާރޮނގާ މިއަދު ހަމަހަމަވާ ވަގުތަކީ 12:17 އެވެ. އެއީ، އަޞްލު މެންދުރު ވަގުތެވެ. މެންދުރު ނަމާދު ވަގުތެއް ނޫނެވެ.

މެންދުރު ނަމާދު ވަގުތަކީ، އެ ރަށެއްގެ ނުވަތަ އެތަނެއްގެ ގަހާރޮނގަށް އިރުގެމެދު، މެދު ހަމަހަމާ ވަގުތުގެ ތެރެއަށް، ހަތަރު މިނިޓް އިތުރު ކުރުމުން ޖެހޭ ވަގުތެކެވެ. އެއީ، އިރުގެ އިރުމަތީ ފަރާތުގެ އަރިމަތިވެސް ގަހާރޮނގުގެ ނުވަތަ ސުހައިލުރޮނގުގެ ހުޅަނގު ފަރާތަށް ނެއްޓި، އިރު މެދުން ފިލުމަށްޓަކައެވެ. ސަބަބަކީ، ފިޤްހު ޢިލްމުގައިވާ ގޮތުން މެންދުރު ނަމާދު ވަގުތު ވަންނާނީ އިރު މެދުން ފިލުމުން ކަމަށް ވާތީއެވެ. މެންދުރު ވަގުތުގެ ތެރެއަށް ހަތަރު މިނިޓް އިތުރު ކުރަނީ އެގޮތުގެ މަތީންނެވެ.

ހިމިތީ އިސްމާޢީލް ކަލޭފާނު ތުއްތު (ތުއްތުސާހަބު) ގެ ފަހުން ރާއްޖޭގައި އުފެދުނު އެންމެމޮޅު، ފަލަކީ، އަދި ނިޔަމިކަމުގެ ޢިލްމުވެރިޔަކީ، މާފަންނު ހުދުއަސުރުމާގޭ މުޙައްމަދު މަނިކެވެ. ނުވަތަ މާލިމީ މުޙައްމަދު މަނިކެވެ.

އިރު މާލޭގެ ގަހާރޮނގަށް ނުވަތަ ސުހައިލުރޮނގަށް އަންނަ ވަގުތުތައް ހޯދާނެ ގޮތުގެ ހިސާބު ޖަހާނެ ގޮތާމެދު، މާލިމީ މުޙައްމަދު މަނިކު ވިދާޅުވެފައިވާ ގޮތުގެ މައްޗަށް ހަދާފައިވާ ޙިސާބެއްގެ އަސާސްތަކެއް ތިރީގައި އެވަނީއެވެ.

ތާރީޚް ޖީއެމްޓީން ސުހައިލު ރޮނގަށް އިރު އަންނަ ވަގުތު މާލޭގެ ސުހައިލު ރޮނގަށް އިރު އަންނަ ވަގުތު 05 މާރިޗް 2025 12:11 (މި 12:11 މާލެއަށް، 12:17 ކަމަށް ބަދަލުވަނީ މާލޭގެ ލޯންގްޓައިމުގެ ގޮތުންނެވެ.) 12:17 އިރުގެމެދު މާލޭގެ މެދަށް އަންނަ. 00:04 + އިރު މެދުން ފިލުމަށް. 12:21 = މާލެއަށް މެންދުރުނަމާދު ވަގުތު

އެހެން ކަމަށްވާތީ، މާލެއަށް މެންދުރުނަމާދު ވަގުތަކީ، އިރުގެމެދު ގަހާރޮނގަށް ނުވަތަ ސުހައިލުރޮނގަށް އަންނަ ވަގުތުގެ ހަތަރު މިނިޓުގެ ފަސްކަމަށް ކަނޑައަޅައި ނަމާދު ވަގުތުގެ ތާވަލު ތަކުގައި ލިޔަން ޖެހެނީއެވެ.

ނަމާދު ވަގުތުގެ ތާވަލް ތަކުގައި، މިއަދުގެ މެންދުރު ނަމާދު ވަގުތަކީ 12:22 ކަމަށް ކަނޑައަޅާފައި އޮތް އޮތުމަކީ، މި ބުނެވުނު ހިސާބުގައި ތަފާތެއް އޮތުމެއް ނޫނެވެ.

އެހެނީ، ޢާންމު ގޮތެއްގައި ނަމާދު ވަގުތުގެ ހިސާބުތައް ހަދާއިރު އިރުމެދުޖެހޭ ވަގުތު އެވްރެޖް ގޮތެއްގައި ތިން ދުވަހުން ހަތަރު ދުވަހުން ބަދަލުކޮށްފައި ހުންނަ ސަބަބަކީ، ހިސާބު ހެދުމުގައިި އަންނަ ސިކުންތުގެ ޢަދަދު 30 ސިކުންތަށް ވުރެން އިތުރުވުމުން އެއް މިނިޓުގެ ގޮތުގައި ޖުމުލަ ޢަދަދުގެ ތެރެއަށް ހިމަނާ އުޞޫލުން ހިސާބުގެ ޢަދަދު ހިމަނާތީއެވެ.

އެހެންވީމާ، މާލޭ ހުކުރުމިސްކިތުގެ މުންނާރުގެ ހުޅަނގު ފަރާތުގައި ތުއްތު ސާހަބުގެ ނިޔަމިކަމުގެ ދަށުން ބަހައްޓާފައިހުރި ވަގުތު ގަލުން ވަގުތުތައް ދެނެގަތުމަށް މިހާރުވެސް އެއްވެސް ތަފާތުކަމެެއް ނެތްކަމަށް ބަލަން ޖެހެއެވެ.

މެންދުރު ނަމާދަށް ބަންގިގޮވާ ވަގުތު، ވަގުތުގަލުން ހިޔަނި ބަލާލައިފިނަމަ ވަގުތުގަލުން، މެންދުރު ނަމާދު ވަގުތު ބަލާ މީހާޔަށް ހީވާނީ، ވަގުތުގަލުގެ ހިޔަނި، މެންދުރު ނަމާދު ވަގުތާ ދިމާނުވާ ކަމަށެވެ.

އެހެން އެކަން އެވާ ސަބަބު މި ލިޔުމުގައި ބަޔާންކޮށްފައިވާ މިންވަރަށް ވިޔަސް ދެނެގަތުމުން ވަގުތުގަލުން މެންދުރު ނަމާދު ވަގުތު ބަލާގޮތުގެ މަޢުލޫމާތު ސާފުކޮށް އެނގޭނޭ ކަމުގައި ދެކެމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. ރަޝީދުބެއެވެ، މި އީކުއޭޓާއަށް ސަންސްިިރިތު ބަހުން ކިޔަނީ ވިށުވަރުއްތަ އަދި ސިންގަޅަ ބަހުން ކިޔަނީ ސަމަކަޔައެވެ. އަޅެ ފަހެ ޚައްތުޞްދިޟުއޭ ކިޔުމަށްވުރެ ދިވެހި އަޑުތަކާއި ގުޅޭ ބަސްތަކެެއް …. އެހެން ނޫންތޯއެވެ! ގައިމުވެސް ދިވެހި ނެވިން އަހަރެމެން އިސްލާންވުމުގެ ކުރީން ބޭނުންކުރާ ބަސްތަކެެއްވެސް ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *