އަސްތާ، ކޯޓެއްގައި ހިނގާ މައްސަލަޔެއްގައި ފަރަންޖީޔަކު މިވެނި އެއްޗެއް ބުއިންތޯ، ނޫނީ ނޭނގި ހުއްޓައި ބޮވުނީތޯ ސުވާލުކުރާން ޖެހޭހޭ، އެވެރީންނަކީ ފުޅި ތުނބުން ނުނެއްޓިގެން އުޅޭ ހަރުބީ ކާފަރުން ނޫންހޭ، ސުރުޚީ ބައްލަވައިލައްވައިފައި ކޮންމެވެސް ބޭފުޅަކަށް ވިދާޅުވެވިދާނެތީ، ވާހަކަޔެއް ދަންނަވައިލާނަމެވެ.
އަޅުގަނޑު މިއުޅެނީ ރާޔާއި ސަޔާއި ވޭމުއިސަރުބަތުގެ ވާހަކަދައްކައި، ފަރަންޖީން އޭތިމީތި ބުއިމުގެ ޞައްޙަކަމުގެ މައްޗަށް ލިޔެފައި އޮތް ބޮޑު ކިތާބުލް އަސްރާރެއް ހުޅުވައިގެން އޭގެ މައްޗަށް ވާހަކަދައްކާކަށެއް ނޫނެވެ. އަޅުގަނޑު މިއުޅެނީ އެޔަށް ވުރެ މާ ކުޑަކުޑަ ވާހަކަޔެއް ދަންނަވައިލާންކަމަށެވެ. އެއީ، ވަގުލު ނުވަތަ ޖާލީ މަސައްކަތުހުއްދައެއްގައި ރާއްޖެޔަށް އައިސް ހުރި ދޮން ފަރަންޖީޔަކު، އެހެން މީހެއްގެ ވަރަށް އާދައިގެ ޑޮންޑޮންފުޅިޔެއް އޭގެ ވެރިމީހާގެ ހުއްދަޔަކާ ނުލައި ބޮއިލި މައްސަލަޔެއްގައި، އޭނާގެ މައްޗަށް ދަޢުވާ އުފުލާން ހުރި ވަކީލު ކޯޓެއްގައި ދިވެހިބަހުން އޭނާޔާ ކުރަމުން ގެންދިޔަ ސުވާލުތަކެއް ލަފުޒުން ލަފުޒަށް އިނގިރޭސި ބަހަށް ބަދަލުކުރާން ޖެހުނު ނިކަމެތި ތަރުޖަމާނަކަށް ދިމާވި މައްސަލަޔެއްގެ ވާހަކައެވެ.
އަސްތާ، އެއީ ބޮޑު މައްސަލަޔެކެވެ. ވަކީލު ހަމަ އާދައިގެ މައް ދިވެހިބަހުން ކުރަމުން ގެންދިޔަ ކޮންމެ ސުވާލެއް ހަތަރުފަސް ލަފުޒަށް ވުރެ އޭނާ ގިނައެއްނުކުރެއެވެ. އެކަމަކު އެއިން ކޮންމެ ސުވާލެއް އިނގިރޭސިބަހަށް އަނބުރައިލާން އުޅުނު ހަމަ ކޮންމެ ފަހަރަކު، ތަރުޖަމާނު އިނގިރޭސިބަހުން ބުނި ކޮންމެ ޖުމުލައިގައި ދިހަބާރަ ލަފުޒު އޮވެއެވެ. ބަލަ، ވަކީލު އެހައި ކުރު ސުވާލެއް ކުރީމައި ތަރުޖަމާނު ތިޔަ ވާހަކަދައްކަނީ ހައުދަހައި ދިގުކޮށޭ، ވަކީލު ނުލާހުކި ކުރުކޮށް އެ ކުރާ ސުވާލުތަކަށް ތަރުޖަމާނު އޭނާގެ އަމިއްލަ ތަފުސީލުތަކެއް ލަނީތާއޭ، މައްސަލަ އަޑުއަހާން ކޯޓަށް ވަދެ ތިބި ބައެއް މީހުން ބުނާން ފެށިއެވެ. ނޫނިއްޔާ، މިކަމުން ވެސް ދޭހަވަނީ ދިވެހިބަހުގެ ފަޤީރުކަމޭ، މިހެން ބުނެފައި، އެ ބުނެވުނު އެއްޗެއްގެ ދެކޮޅުނުޖެހޭކަން ދެން އެނގި، އެކަން ފޫބައްދާން ތަރުޖަމާނުގެ ޒާތާ ބެހިގަނެ (ޝަރުޢީ ދާއިރާގައި ލެޓިންބަސް ބޭނުންފުޅުކުރެއްވުން ގިނަކުރައްވާ ބޭފުޅުންގެ ބަހުރުވައިން ނަމަ، "އެޑް ހޮމިނެމް" އުޞޫލު ކުރިޔަށް ނެރެގެން)، އެ ދެކޮޅުނުޖެހުނު ދެކޮޅުނުޖެހުން ފޫބައްދާން ކަމަށް އުޅުނު މީހުންގެ މައްސަލަ ވެސް މެއެވެ.
"ކަލޭ އެ ޑޮންޑޮންފުޅި ބުއީތަ؟" ވަކީލު ސުވާލުކުރިއެވެ.
ވަކީލު ބޭނުންވީ ފަރަންޖީ ކަލޭގެ ޑޮންޑޮންފުޅިޔަށް ހެދި ގޮތެއް ސާފުކުރާށެވެ. ފުޅި ނަގައިފައި ވަގުތުން ވިއްކައިލީތޯ، ނުވަތަ ނަގައިފައި ފަހުން ބޮއިލާންކަމަށް ކޮންމެވެސް ތާކު ފުޅި އިހަށް ބެހެއްޓީތޯ، މި ޒާތުން ކަންކަން އޮޅުންފިލުވައިލާށެވެ. ތަރުޖަމާނު ވަރަށް ހިތްވަރުކޮށްފައި، އެ ބުނި އެއްޗެއް ވީހައިވެސް ކުރުކޮށް އިނގިރޭސިބަހަށް އަނބުރައިލެވޭތޯ އުޅުނެވެ. އެކަމަކު އޭނާގެ ޖުމުލަ އެހައި ކުރެއް ނުކުރެވުނެވެ.
"ކަލޭ އެ ޑޮންޑޮންފުޅި ބޯލީތަ؟" ވަކީލު ދެން ސުވާލުކުރިއެވެ.
ވަކީލު މިފަހަރު ބޭނުންވީ ފަރަންޖީ ކަލޭގެ ޑޮންޑޮންފުޅީގައި ތުންޖެހި ގޮތަށް ފުޅި އެކީ ދަމައި ހުސްކޮށްލީތޯ ވެސް ބަލައިލާށެވެ. ތަރުޖަމާނު އަނެއްކާވެސް ވަރަށް ހިތްވަރުކޮށްފައި، އެ ބުނި އެއްޗެއް ވީހައިވެސް ކުރުކޮށް އިނގިރޭސިބަހަށް އަނބުރައިލެވޭތޯ އުޅެ، ކަން ވީ ހަމަ ކުރީ ފަހަރު ވެސް ވީ ގޮތަށެވެ. އިނގިރޭސި ބަހުގެ ޖުމުލަ އެހައި ކުރެއްނުކުރެވުނެވެ.
"ކަލެޔަށް އެ ޑޮންޑޮންފުޅި ބޮވުނީތަ؟" ވަކީލު ސުވާލުކުރިއެވެ.
ވަކީލު މިފަހަރު ބޭނުންވީ ފަރަންޖީ ކަލޭގެ ޑޮންޑޮންފުޅި ބުއީ އޭނާޔަށް ވާނުވާ ނޭނގޭ ޙާލުގައި ހުރެ، ނުވަތަ ބޭއިޚްތިޔާރުގައި އުޅެވުނު ގޮތަކުން، ނުވަތަ ކޮންމެވެސް އޮޅުމެއްގެ ތެރެއިން އެއީ އޭނާގެ އަމިއްލަ ފުޅިޔެއް ކަމަށް ހީވެގެން ނަމަވެސް ފުޅި ބޮވުނީކަމަށް އޭނާ ބުނޭތޯ ބަލައިލާށެވެ. މި ފަހަރު ވެސް ތަރުޖަމާނު ވަރަށް ހިތްވަރުކޮށްފައި، އެ ބުނި އެއްޗެއް ވީހައިވެސް ކުރުކޮށް އިނިގިރޭސިބަހަށް އަނބުރައިލެވޭތޯ އުޅެމެ، އޭނާގެ އަނގައިން ބޭރުވި ޖުމުލަ އެހައި ކުރެއް ނުކުރެވުނެވެ.
"ކަލެޔަށް ފުޅި ބޮވުނުތަ؟" ވަކީލު ސުވާލުކޮށްލިއެވެ.
ވަކީލު މިފަހަރު ބޭނުންވީ ފަރަންޖީ ކަލޭގެ ނެގި ފުޅި އެކީ ބޮއިލުމުގައި އޭނާޔަށް ކާމިޔާބުވިތޯ ބަލައިލާން ވެސް ތޯއްޗެކެވެ. ތަރުޖަމާނަށް މި ފަހަރު ވެސް ޖެހުނީ، ހިތާ ދެކޮޅަށް ނަމަވެސް، އެ ބުނި އެއްޗެއްގެ ފުރިހަމަ މާނަ ވީހައިވެސް ކުރުކޮށް، އެކަމަކު ސުވާލުގެ ރޫޙުން ބައެއް އުނިނުކޮށް އިނގިރޭސި ބަހަށް އަނބުރައިލެވޭތޯ އުޅޭށެވެ. ތަރުޖަމާގެ ޖުމުލަ ސުވާލުގެ އަސްލަށް ވުރެ އެތައް ތަނެއް ދިގުވިޔަސް އިންސާފުގެ މަގުގެ ސީދާކަން ދެމެހެއްޓުމަށެވެ.
"ޑޮންޑޮންފުޅި ބޮއިލެވުނީ ދޯ؟" ވަކީލު ސުވާލުކުރިއެވެ.
ވަކީލު މިފަހަރު ބޭނުންވީ، ފުޅި ވަގަށް ނެގި ކަލޭގެ ފުޅި ބޮއިލީ އަމިއްލަ އިޚްތިޔާރަކުން ނޫނޭ ބުނުވައިގެން އޭނާ މަޅިޔެއްގައި ބައްދައިލާން ވެސް ކަންނޭނގެއެވެ. އެކަމަކު ތަރުޖަމާނަކަށް ޖެހޭނީ ވަކީލުގެ ސުވާލު އޭގެ ފުރިހަމަ މާނައިގައި ފަރަންޖީޔަކަށް އޭނާގެ ބަހުން ދޭހަކޮށްދޭން ކަމަށް ވާތީ…. ތަރުޖަމާ ޖުމުލަ މި ފަހަރު ވެސް އޮތީ ތަންކޮޅެއް ދިގުކޮށެވެ.
ދެންވެސް އައީ ހަމަ އެ ބީދައިން އައި ސުވާލުތަކެކެވެ. ބުޔަސް، ބޮއިލިޔަސް، ބޮވުނަސް ކަމުގެ ހަމަ އޮންނާނީ އެއް ގޮތަކަށްތޯ ނުވަތަ ނޫންތޯ، ވަގަށް ނެގި އެއްޗެއްކަން އެނގިއެނގި ހުރެ ބުއީމުސްތޯ، ބޮއިލީމުސްތޯ، އެ ނޫން ގޮތަކަށް ބޮވުނީސްތޯ، ބޮއިލެވުނީސްތޯ، މިކަހަލަ ސުވާލުތަކެކެވެ. ފަރަންޖީ ކަލޭގެ ބުނާނޭ ވަކި އެއްޗެއް ނޭނގި ހުއްޓުނު، ތަރުޖަމާނު ދާހިއްލައި ފޯވި، މައްސަލަ އަޑުއަހާން ކޯޓަށް ވަދެ ތިބި މީހުންގެ ތެރެއިން ދިވެހިބަހަށް ކުލުނު ހުރި ބަޔަކާއި ދިވެހިބަހަކީ ފަޤީރު ބަހެއް ކަމަށް އެތާނގައި ވެސް ކެނޑިނޭޅި ދަޢުވާކުރަމުންދިޔަ ބަޔަކާ ދެމެދު އޮތް ދެގޯޅި އިތުރަށް ފުޅާވި ވާހަކަތަކެކެވެ.
ދިވެހިބަހަކީ ހައުދަހައި ފަޤީރު ބަހެކޭ، އިނގިރޭސިބަހުން ދެތިން ލަފުޒުން ބުނެވޭ އެއްޗެއް ދިވެހިބަހުން ބުނާން ޖެހެނީ ހައުދަހައި ދިގުކޮށޭ ބުނާ މީހުން މިފަހަރު ބުނާނޭ އެއްޗެއް އަޅުގަނޑަކަށް ނޭނގެއެވެ. ބައެއް ބަސްބަހުގައި ކޭސްތަކެކޭ ކިޔާ އެއްޗެއް ހުންނަގޮތުންނޭ މި ފަހަރު މިހެން މި ދިމާވީ، އެހެންވީމައި… ޒަމާނުގެ ތަޢުލީމީ ހަމަތަކުން ބަލާއިރު މިހެންނޭ އެހެންނޭ، އެކަމަކު ދިވެހިބަސް ހަމަ ފަޤީރިއްޔޭ، ބައެއް ބޭބޭފުޅުން އަޑުފުޅަށް ބާރުލައްވައިފައި ވިދާޅުވާ އަޑު އަޅުގަނޑަށް ވެސް އިވޭ ކަހަލައެވެ. އެހެން ނަމަވެސް، އެއް ބަހުން ކުރުކޮށް ބުނާ އެތި އަނެއް ބަހުން ތަންކޮޅެއް ދިގުކޮށް ނުވަތަ މުޅީން އެހެން ގެތުމަކުން ގަތައިގެން ބުނާން ޖެހުމާއި، އެހެރައެހެރަ ޒާތުގެ ކަންކަމަކީ ބަސްބަހުގެ ފަޤީރުކަމާއި މުއްސަނދިކަމާ ގުޅުން ހުރި ކަންކަން ނޫން ކަމާއި، އެހެރައެހެރަ ކަންކަމީ ބަސްބަހުގެ ވެށްޓާއި ސަގާފަތާއި އާދަކާދައިގެ ތެރެއިން ނިމިގެން އަންނަ ކަންކަން ކަމަށް ވިދާޅުވާ ބޭފުޅުންކޮޅެއްގެ އަޑު ވެސް އަޅުގަނޑަށް އެބައިވެއެވެ.
ދެން އޮތީ ކޯޓަށް ވަދެ ތިބި މީހުންގެ ވާހަކައެވެ. ދިވެހިބަހަށް ކުލުނު ހުރި ބަޔަކާއި ދިވެހިބަހަކީ ފަޤީރު ބަހެއް ކަމަށް ކެނޑިނޭޅި ދަޢުވާކުރާ އެހެން ބަޔެއްގެ ވާހަކައެވެ. އެ ދެ ފަރާތަށް ރަނގަޅަށް ބައްލަވައި ފިކުރުފުޅުކުރައްވައި، ތިޔަ ބޭފުޅުންގެ ނަންގަވާނޭ ފަރާތެއް ނެންގެވުމަކީ އާޚިރުގައި ތިޔަ ބޭފުޅުންގެ ފުރިހަމަ އިޚްތިޔާރުގައި އޮތް ކަމެއް ނޫންތޯއޭ ދަންނަވައިފައި، އަޅުގަނޑުގެ ވާހަކަ މި ހިސާބަށް ނިންމައިލާނަމެވެ. އަޅުގަނޑަށް މި ހުރެވުނު ފަޅި އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭތިއްޔާ ވެސް އެކުގައެވެ.
