މި ލިޔުމުގެ ތިރީގައި ހިމަނައިފައި އެ ވަނީ، ރާއްޖޭގެ ރަސްކަން، އެ ރަސްކަލެއްގެ އަތްޕުޅުމަތީގައި މީލާދުން 1550 އިން 1632 ގެ ނިޔަލަށް ދެމިއޮތް ރަސްކަލެއް ކަމުގައިވާ، ހިލާލީ ރަސްރަސްކަލުން ކުރެ ހިލާލީ ޙަސަން ރަސްގެފާނު (9) ރާއްޖެ އިސްތިޢުމާރު ވިޔަނުދެއްވައި މިނިވަންކަން މަތީގައި ދެމެހެއްޓެވުމަށްޓަކައި ބޭނުން ކުރެެއްވި ޙިކްމަތު ޢަމަލީގެ ތެރެއިން، ޕޯޗްގީޒު ބަހުން ލިޔުއްވައި، އަދި ގޯވާގައި ހުންނަ ޕޯޗްގީޒްގެ ވައިސްރޯއީ ބަލައިގަނެ އޭނާގެ ސޮޔާއި ސިއްކަވެސް ޖަހަައިފައި ޕޯޗްގީޒު ރާޖާއަށް ފޮނުއްވި ފަތްކޮޅެކެވެ.
އަދި އެ ފަތްކޮޅުގައި އެ ރަސްގެފާނުގެ ނަންފުޅު އައްސުލްތާނު ޙަސަން ކަމުގައި ޢަރަބި ބަހުން ލިޔުއްވައި ސޮއިކުރެއްވުމުގެ އިތުރުން، އެ ފަތްކޮޅު، ގޯވާގައި ހުންނަ ޕޯޗްގީޒުގެ ވައިސްރޯއީ ބަލައިގަނެ އޭނާގެ ސޮޔާއި ސިއްކަވެސް ވަނީ ޖަހާފައެވެ.
އެ ރަސްގެފާނު އެކަން ކުރެއްވީ، އެ ދުވަސްވަރުގައި ގަދަފަދަ ބާރާއެކު ދުނިޔޭގެ ގައުމުތަކުގެ މައްޗަށް ބާރު ހިންގަމުން ގެންދިޔަ ޕޯޗްގީޒުންގެ ނުފޫޒުން، ދިވެހި ދައުލަތް ހިމާޔަތް ކުރައްވައި މިނިވަންކަންމަތީގައި ރާއްޖެ ދެމެހެއްޓުމުގެ މަގްސަދުގައެވެ.
އެ ފަތްކޮޅުގައި ވަރަށް ސާފުކޮށް ރާއްޖޭގެ ސިޔާދަތީ ބާރު އެހިނދަށް ހިނގާ މުޅި ސަރަޙައްްދު ބަޔާންކުރައްވާފައި ވެއެވެ. އެ އިމުގެ ތެރޭގައި ފޯޅަވަހި އިސްތިސްނާއެއް ނުކުރައްވައެވެ. ފޯޅަވަހި ހިމަނުއްވާފައި ވެއެވެ.
ފޯޅަވައްސަށް ފަރަންސޭސީން އަރައި ގާއިމުވީ، އައްސުލްތާން މުޙައްމަދު ޣިޔާޘުއްދީނު ޝަހީދުކޮށް ވާދޫކަނޑަށް ފެއްތިތާ ހަފުތާއެއްގެ ތެރޭގައި ކަމަށް ބުނުމީ އެންމެ ޞައްޙަކަން ބޮޑު، އެންމެ އައުލާ ގޮތެވެ.
ދިވެހި ތާރީޚަކީ، އޭގެ ގިނަ ތަކެތި ނައްތާލައި، ފޮރުވައި، އަދި އެއިރެއްގެ ވެރިކަމެއް ގިރިޓީ ކުރާގޮތުގެ މަތީގައި ދަމަހައްޓަމުން ގެންދާ އެއްޗަކަށްވާތީ، ސާފުނުވާ ކަންތައްތައް ހުންނާނީ ސާފުނުވެއެވެ.
ތާރީޚްވެރީންވެސް ލިޔާނީ އެބަޔަކު ބުރަވާގޮތް އެހެން މީހުންނަށް ވިސްނައިދިނުމަށެވެ. ސިއްރު ކުރާންވާ ކަންކަން ގެންދާނީ ފޮރުވަމުންނެވެ. އެ ވާހަކަތައް އެމީހުންގެ އެންމެންވެސް ދެނެތިބެއެވެ. އެކަމަކު އެ ވާހަކަތަށް ޢާންމު ވިސްނުމަށް ދޭހަވާ މިންވަރަށް ތިލަކޮށް ލިޔެއެެއްވެސް ނަހަދާނެއެވެ.
އައްސުލްތާނު މުޙައްމަދު ޣިޔާޘުއްދީނު ޝަހީދުކޮށް ކަނޑުފެއްތުމުގެ ކުރީގައި ފޯޅަވައްސަކަށް ދުނިޔޭގެ އެއްވެސް ބަޔަކު އަރައި ގާއިމުވެގެން ތިބޭން ފަށާފައެއް ނުވާކަން އެނގޭނެއެވެ. އަދި އޭގެ ކުރިޔަކު ފޯޅަވަހީގައި ވެރިވެގަނެގެން ނުވެސް ތިބެއެވެ.
އެއީ، ސީދާ ދިވެހީންގެ މިލްކިއްޔާތެކެވެ. ސަބަބަކީ، ފޯޅަވައްސަކީ، އަބަދުވެސް ދިވެހީންގެ ތަނަކަށްވާތީއެވެ.
އަދި ބޭރު ފަރާތްތަކުން ފޯޅަވައްސަށް ދިޔަނުދިނުމަށްޓަކައި އެތަނަށް ނުދެވޭ ކަމަށް ހަދައިގެން ބޭރު މީސްމީހުންނަށް ދިވެހީން ދައްކަމުން ގެންދިޔަ ޙިކްމަތްތެރި ޑްރާމާތައްވެސް ދިވެހީން ގެންދިޔައީ، ބޭރު މީހުންނަށް ދައްކަމުން، ތަމްސީލުކޮށްދެމުނެވެ. ބުއްދި އިސްކޮށް ޙިކްމަތްތެރިކަން ކުރިޔަށް ނެރެމުންނެވެ.
އެފަދައިން ފުލޯކު ވާހަކަ ތަކުގެ ވަސީލަތް ތަކުން ދިވެހީން ތަންތަނާއި ތަކެތި ރައްކައުތެރިކުރާ ފަދައިން، ފޯޅަވަހިވެސް ގެންދިޔައީ ޙިމާޔަތްކޮށް ރައްކާތެރި ކުރަމުންނެވެ. ފޯޅަވައްސަކީ، ޖިންނީންނާއި ފުރޭތަ އުޅޭ ވަރަށް ނާމާން ތަނެއްކަމުގައި ވާހަކަ ފަތުރައި، މީހުންގެ ހިތަށް ބިރުވެރިކަން ވައްދައިގެން ފޯޅަވަހި ހިމާޔަތް ކުރުން ދަމަހައްޓަމުންނެވެ.
އިހުޒަމާނުގައި ދިވެހީން ތަންތަން ޙިމާޔަތްކުރީ، މިޒަމާނަކަށް އައިސް "އިންޒާރު" މިފަދަ ސުރުޚީތަކުގެ ދަށުގައި މަނާ ކަންކަން ލިޔެފައި ތަންތާނގައި ބޯޑުތައް ބަހައްޓައިގެނެއް ނޫނެވެ. ޙިކްމަތްތެރިކަމާއެކު ފުލޯކު ވާހަކަތަކުން މީހުންގެ ހިތަށް އެފަދަ ތަންތަނާއި ތަކެއްޗާމެދު ބިރު ހީކުރުވައިގެންނެވެ.
އެގޮތުގެ މަތީން ދިވެހީންގެ އަތުގައި އޮއްވައި ފަރަންސޭސީން އަރައި ވެރިވެ (ކޮލޮނައިޒްކޮށް) ފަހުން އެމީހުންގެ ފުށުން، އިނގިރޭސީންގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައިވާ ފޯޅަވަހި، މިނިވަންކުރުމަށް އިނގިރޭސީން ގަސްތުކުރާ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރުން ފޯޅަވަހީގެ މައްސަލާގައި ހިމޭންވެ ނިދާފައި އޮވެއްޖެނަމަ ދިވެހީންނަށް ފޯޅަވަހި ދާއިމަށް ގެއްލި، ދިވެހި ދައުލަތުގެ ސިޔާދަތުގެ ދަށަށް ފޯޅަވަހި އަނބުރައި ގެނައުމުގެ ފުރުޞަތާއި ދޮރުތައް ބަންދުވެގެން ދާނެއެވެ.
ފޯޅަވައްސަކީ، މޮރިޝަސްއާ އެއްވެސް ގުޅުމެއް އޮތް ތަނެެއް ނޫނެވެ. މޮރިޝަސްއަކީ، ފޯޅަވައްސާ އެއްވެސް ގޮތަކުން ގުޅޭ، ތާރީޚީ، ސަގާފީ ވެށިވީ، ގުޅުމެއްވެސް ނެތް، އެތަންމިތަނުން ޖަމާކުރި ބައެއްގެ މައްޗަށް ބިނާކޮށް ދާދި އިހަކަށް ދުވަހަކު އިނގިރޭސިވިލާތުން އުފައްދައިދީފައިވާ ގައުމެކެވެ. ނުހަނު ހަގު ގައުމެކެވެ. އަދި އެތާނގެ ޢުމުރުން މިވީވެސް އެންމެ ބައިގަރުނެއްހައި ދުވަހެވެ.
ދިވެހިރާއްޖެއަކީ، ތާރީޚީ އެނގުންތަކުގެ އަލީގައިވެސް 4،000 އަހަރަށްވުރެ ދޮށީ، އަމިއްލަ ވެރިކަމެއްކުރާ ދައުލަތެއް އޮންނަ ގައުމެކެވެ. އަމިއްލަ ވެރިކަމުގެ މަތީގައި މިނިވަންކަމާއެކު ދެމިއޮތް ދުނިޔޭގެ އެންމެ ދޮށީ އެއް ދައުލަތްވެސް މެއެވެ. އެހެން އެކަންކަން ހުރީމާ ފޯޅަވައްސާ ގުޅުން އޮންނާނީ ރާއްޖެއާ ހެއްޔެވެ؟ ނުވަތަ މޮރިޝަސްއާ ހެއްޔެވެ؟
ފޯޅަވަހި ހޯދުމަށް ދަޢުވާ ކުރުމަކީ ދިވެހި ރާއްޖެއިން ކުރާންޖެހޭ ކަމެކެވެ. ދިވެހި ގައުމުގެ ޙައްޤުގައި އެދަޢުވާ ކުރުމަކީ ދިވެހި ސަރުކާރުތަކަށް ގައުމީ ވާޖިބެކެވެ. ގައުމުގެ ޙައްްޤުގައި ކުރާންޖެހޭ އެންމެ އިސް، އެންމެ މުހިންމު އެއް މަސައްކަތެވެ.
އެތަން ހޯދުމަށް ޔޫއެންއަށް ދަޢުވާ ހުށަހަޅަން ޖެހެއެވެ. އެކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު ވަކާލާތުކުރުންމަތީ ދެމިތިބޭން ޖެހެއެވެ. އެކަމަކު ހިތާމަޔަކީ، ގައުމަށްޓަކައި ޖާނާއި މާލާއި ފުރާނައިން ފިދާވެވަޑައިގެންނެވި އިހުޒަމާނުގެ ވެރީންގެ ފުށުން ފެނުނު ފަދަ ގައުމިއްޔަތުކަމުގެ ސިފަތައް މިޒަމާނުގެ ވެރީންގެ ފުށުން ނުފެންނަކަމެވެ.
އެހެން އެކަން ހުރިކަމުގައި ވިޔަސް، އެންމެ ކުޑަމިނުން ފޯޅަވަހީގެ މިލްކުވެރިކަމުގެ ވާހަކަ އަހަރެމެން ކުރެން ކޮންމެވެސް ބަޔަކު ދައްކަން ޖެހެއެވެ. ދިވެހި ގައުމަށް ކުރިމަތި ވެދާނެ ކޮންމެ ދެރަކަމެއްގެ ވާހަކަ ދައްކާން ޖެހެއެވެ. ކަންބޮޑުވުން ހާމަކުރާން ޖެހޭނެއެވެ. ގައިމުވެސް ފޯޅަވަހީގެ މިލްކުވެރިކަމުގެ ވާހަކަ ދެއްކުން ހުއްޓައިލައިފައި މި ދަނޑިވަޅުގައި ނިދާން އޮށޯންނާކަށް އަހުރެނެއް ނެތީމެވެ.

