Support Us

ފޯޅަވައްސަކީ މޮރިޝަސްގެ ތަނަކަށްވާ ގޮތެއް ބުނެދީބަލަ!

ފޯޅަވަހީގެ މައްސަލައަކީ މިއަދު ދިވެހި ގައުމު އެކަމުގެ މައްޗަށް ނިދާފައި އޮތް އަދި ޚާއްޞަކޮށް ދިވެހިރާއްޖޭގެ ސަރުކާރުތައް އެކަމުގެ މައްޗަށް ޣާފިލުވެފައި އޮތް ވަރަށް މުހިންމު ގައުމީ މައްސަލައެކެވެ.

އެއީ، ކުޑަކުޑަ އާދައިގެ މައްސަލައެއް ނޫނެވެ. އެކަން ދާދި ކައިރި ކުރިމަގެއްގައި ދިވެހި ގައުމު ތަޙައްމަލު ކުރާނެއެވެ. އެދުވަހުން އެންމެނަށް އެކަމުގެ މުހިންމުން އެނގޭނެއެވެ. އެކަމުގައި ގައުމަަށް ޣައްދާރުވީ ފަރާތްތަކަށް ލައުނެތް ދޭނެއެވެ.

މިއީ، ދިވެހިރާއްޖެ އުފެދުނު ފަހުން ދިވެހި ރާއްޖޭގެ ބޯޑަރާއި އެހެން ގައުމަކާ ދެމެދުގައި ޚިލާފު އުފެދޭ ބޯޑަރު ރޮނގެެެއް ރަސްމީ ސިފައެއްގައި އުފަންކުރުވޭ މައްސަލައެއް ވުޖޫދު ކުރެވޭ މައްސަލައެކެވެ.

ސަލާމަތް ބުއްދި ހުރި ތާރީޚުުގެ މައްޗަށް ލޯހުޅުވި ރޯފިލާފައި ހުރި ކޮންމެ މީހަކަށްވެސް ވަންހަނާވެގެން ނުވާނޭ ފަދައިން ޚިލާފީ ބޯޑަރު ރޮނގެެއް ދެގައުމެއްގެ ދެމެދު އުފަންވުމަކީ، އެ ދެގައުމެއްގެ ދެމެދުގައި ދެމިއޮންނާނޭ ހަނގުރާމަވެރި ޙާލާތެއް އުފަންވުމެވެ.

ފޯޅަވައްސަކީ އެތަން ޑީކޮލޮނައިޒްް ކުރުމުގެ ކުރީގައި ދިވެހިރާއްޖޭން އެތަން ހޯދާން ދަޢުވާކޮށްފައިވާނަމަ ދުނިޔޭގެ އެއްވެސް ބަޔަކަށް އެތަން ނުލިބޭނޭ ތަނެއްކަން ބައިނަލްއަގްވާމީ ގާނޫނުތައް ހެކިދޭ ތަނެކެވެ.

މީލާދުން 2010 ވަނަ އަހަރު ދިވެހި ސަރުކާރުން އެތަން މޮރިޝަސްއަށް ލިބޭގޮތަށް ދިވެހިރާއްޖޭން ބައިބަލްއަގްވާމީ ކޯޓުގައި ތާއީދު ކޮށްދޭން އެމްއޯޔޫ އެއްގައި ކުރި ސޮޔަކީ ފޯޅަވަހި ދިވެހީން ފިޔަވައި މޮރިޝަސްއަށް ލިބުމުގެ ދޮރު މޮރިޝަސްއަށް ހުޅުވުނު ސަބަބެވެ. އެއީ، އައްޑޫގެ ދެކުނުގައި އޮތް ދިވެހީންގެ މާސިންގާ ކަނޑު ދެެބައި ހަމަޔަށް ބައިކުރުމާއި ޚިލާފީ ބޯޑަރު ރޮނގެއް އުފަންވާން ޖެހުނު ސަބަބެވެ.

އަދި ދިވެހީންގެ ބައެއް ލިޔުންތެރީން ބޭރުން ލިބޭ ކޮންމެވެސް ވަގުތީ މަންފާއެއްގެ ބޭނުމުގައިވިޔަސް ރާއްޖެއާ ފޯޅަވައްސާ އެއްވެސް ގުޅުމެއް ނުވާކަމަށް ލިޔުންޔައް ލިޔެ ހާމަކުރާން ފެށުމަށް މަގުފަހިކުރުވި ސަބަބެވެ.

ސިޔާސީ ބައެއް މީހުންނާއި ވެރީންގެ ދުލުން ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ނޫނޭ ފާޅުގައި ބުނެ ކޮންމެވެސް ބިޔަ ނަފާތަކެއްގެ ބޭނުމުގައިވިޔަސް ފޯޅަވަހި މޮރިޝަސްގެ ތަނެއް ކަމަށް ހެދުމަށްޓަކައި ދީވެހީންނަށް ވިސްނައިދޭން ބަސްބުނާންފެށި ސަބަބުގެވެސް ފެށުމެވެ.

އެކަމަކު ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްކަން ސާބިތުވާ އެތައް ލިޔުމަކާއި ހެތްކެއް ނެތީއެއް ނޫނެވެ. މި ކިޔުމާއެކު މި ހިއްސާކޮށްލަނީ ހަމައެކަނި ދީވެހި މަލިމީއެއްގެ ގަދީމީ ލިޔުމެކެވެ. އެއިންވެސް ފޯޅަވައްސަކީ ދިވެހީންގެ ތަނެއްކަން ގަބޫލު ކުރެވޭނެއެވެ. އެ ފޮތް ލިޔުނު އިރަކުވެސް މޮރިޝަސް ކިޔާ ދައުލަތެއް ނޯވެއެވެ.

ބައްލަވައްވާށެވެ! މި ލިޔުމަކީ، ސ.ހުޅުދޫ އަރާއިރަގޭ މޫސާ މާލިމީގެ ނިޔަމިފޮތުގެ 27 ވަނަ ސަފްޙާއެވެ. އެ ސަފްހާގެ އެންމެ ތިރީގައި އޮތް ތިން ފޮޅުވަތް ބައްލަވައިލައްވާށެވެ! ލިޔުއްވާފައި އެވަނީ: "فصل (ފަސްލު) ދިވެހިރާއްޖޭގެ عرض (އަރުޟު/ ލެޓިޓިޔުޑް) ބުނާނަމެ، ފޯޅަވަހީގެ ދަރަޖަ 4، އައްޑޫ ގަމު ދަގީގު 48، މަރަދޫ ދަގީގު 46، ހިތަދޫ ދަގީގު 41، ކޯއްޓޭ ދަގީގު 44″ މިފަދައިންނެވެ.

އެ ޒަމާނުގައި ފޯޅަވަހީގެ ދަރަޖަ ހަތަރެއް ކަމަށް ލިޔެވޭނީ އެ ޕޮޒިޝަނަށް ގޮސް ހުރެގެން ފިލާ އަޅައިގެންނެވެ. އަދި މިޒަމާނު ގޫގުލް ސާޗުން ސައްތައިންވެސް ސައްތައިންސައްތަ ބެލޭ މިންވަރަށް ފިލާ އަޅައިގެން ފޯޅަވަހީގެ އެންމެ އުތުރު ޕޮޒިޝަން ބަޔާން ކުރުމަކީ މިޒަމާނުގެ އެންމެ މޮޅު މާލިމީއަކަށްވެސް ކުޅަދާނަ ކަމެއް ނޫނެވެ. އެއިން އެނގެނީ މޫސާ މާލިމީއަކީ ދުނިޔޭގެ ފެންވަރުގެ އެންމެ މޮޅު މާލިމީއެއް ކަމެވެ. އެހެން ނޫނީ، އެ މިންވަރަށް ފިލާއެޅުމުގެ ޢިލްމުވެރިކަން ލިބިގެނެއް ނުވީހެވެ.

މި ޒަމާނުގައިހެން ގޫގްލް ސާރޗް ކޮށްގެން ޕޮޒިޝަން ބަލޭކަށް އޭރަކު ނޯންނާނެއެވެ. އެކަމަކު މާލިމީ އެވަނީ ސަތޭކަ ޕަސެންޓަަަށް ފޯޅަވަހީގެ ޕޮޒިޝަނުގެ ފެށުން ފާހަގަކޮށްދެއްވާފައެވެ. އެހެންކަމުން، ދިވެހީންނަށް ފޯޅަވައްސަށް ނުދެވޭ ކަމަށް ބޭރާއި އެތެރޭގެ ލިޔުންތެރީން ލިޔެފައިވާ ތަކެތީގައި ހަދާފައިވާ ބޮޑަތި ދޮގު ބުހުތާން ތަކުގައި އެއްވެސް އަޞްލެއް ބުރަދަނެއް ނެތްކަން ސާބިތުވެއެވެ.

އެކަމަކުވެސް، އެއީ ރާއްޖޭގެ ތަނެއް ނޫންކަމަށް، ހާމަ ކޮށްދެވޭތޯ ގަދައަޅައި ލިޔެއުޅޭ މީހުން މިއަދުވެސް އުޅޭކަމީ ދެރަކަމެކެވެ. އެފަދަ ވާހަކަތަކަކީ، ދިވެހިގައުމަށް ވަރަށް ބޮޑަތި ގެއްލުންތައް ލިބޭނޭ ވަރަށްވެސް ދެރަ ކަންކަމެވެ.

މި ލިޔުމުގައި މާލިމީ އެ ވިދާޅުވެދެއްވީ ސީދާ ދިވެހިރާއްޖޭގެ ސަރަހައްދެވެ. އެހެން ގައުމެއްގެ ސަރަހައްދެއް ނޫނެވެ. ފައްޓަވާފައި އެވަނީ ސީދާ "ދިވެހިރާއްޖޭގެ ޢަރުޟު" ވިދާޅުވެ ދެއްވުމަށެވެ. އެހެން ގައުމެއްގެ ޢަރުޟެއް ވިދާޅުވުމަކަށް ނޫނެވެ.

ރާއްޖެއާ ދެކޮޅަށް އެކަމުގައި ލިޔާ މީހުން އެވަރު ވިސްނަންވާނެ ކަމަށް ދެކެވެމެވެ.

މާލިމީގެ އެ ގަދީމީ ފޮތުގައި ފޯޅަވަހި ރައްޖޭގެ ސަރަހައްްދުގައި ހިމަނުއްވައިގެން ބަޔާން ކުރައްވާފައި އެވަނީ، މޮރިޝަސްގެ ފަރާތުން ފޯޅަވަހި ހޯދާން އުޅޭތީ އެކަމާ ދެކޮޅަށް ކުރެއްވި ކަމެއްގެ ގޮތުގައެެެެއް ނޫނެވެ.

މާލީމީ އެފޮތް ލިޔުއްވިއިރަކު މޮރިޝަސްކިޔާ ދައުލަތެއް ދުނިޔޭގައެއްް ނެތެވެ. މޮރިޝަސް ކިޔާ ގައުމެއް ވުޖޫދުކުވެސް ނެތެވެ.

އެހެންވީމާ، ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ކަމުގެ ހެކި ހުރީ ފެންނާށެވެ. މޮރިޝަސްގެ ތަނަކަށް އެތަން ވާނެ އެއްވެސް ގޮތެއް ހެތްކެެެއް ނުހުނާނެއެވެ. ނުވެސް ހޯދޭނެއެވެ.