Support Us

އެންމެ މީސްކޮޅު މަދު ގައުމުގެ އާބާދީއަށްވުރެ ބޮޑު އާއިލާއެއް

އާބާދީގެ ގޮތުން ބަލާއިރު ދުނިޔޭގެ އެންމެ ކުޑަ ގައުމަކީ ވެޓިކަންއެވެ. އާބާދީގެ އަދަދަކީ 825 އެވެ.

ޔުގެންޑާގެ އެންމެ ބޮޑު އާއިލާ އޮންނަނީ 1954 ގައި އުފަންވި، މިހާރު އުމުރުން 70 އަހަރުގެ މޫސާ ހަސައްޔާ ކަސޭރާގެއެވެ. މި ދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އޭނާގެ 12 އަނބިންނާއި 98 ދަރިންނާއި 705 ކާފަދަރިން ތިއްބެއެވެ. ނަމަވެސް މިދިޔަ މަހުގެ ނިޔަލަށް އޭނާގެ އާއިލާގެ ހުރިހާ މެންބަރުންގެ އަދަދު 1،000 އަށްވުރެ ގިނަވެފައިވެއެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ދުނިޔޭގައި އާބާދީގެ ގޮތުން އެންމެ ކުޑަ ގައުމު ކަމަށްވާ ވެޓިކަންއަށްވުރެ ހަސައްޔާގެ އާއިލާ މެންބަރުން ގިނައެވެ.

ދެ އޭކަރުގެ ބިމެއްގައި ހަސައްޔާ އުޅެނީ ރަށްފުށު ހިސާބެއް ކަމަށްވާ ބުގިސާގައެވެ. އެއީ ޔުގެންޑާގެ އިރުމަތީ އަވަށެއް ކަމަށްވާ ބުތަލެޖާގައެވެ.

ހަސައްޔާ ބުނީ އޭނާގެ ގިނަ ދަރިންގެ ނަން އޭނާ ހަނދާނެއް ނުހުންނަ ކަމަށެވެ.

"މޫނުން އެއީ ކޮން ކުއްޖެއްކަން ފާހަގަކުރަން އެނގުނަސް ނަން ހޯދަން ޖެހެނީ އަހަރެންގެ ނޯޓު ފޮތެއް ބަލައިގެން. އެ ފޮތުގައި ހުރިހާ ކުދިންގެ އުފަން ދުވަސް ނޯޓުކޮށްފައިވާނެ،" ހަސައްޔާ އަލްޖަޒީރާއަށް ބުންޏެވެ.

ހަސައްޔާ، އޭނާގެ އާއިލާއާއެކު…

އޭނާ ބުނީ ބައެއް އަނބިންނާއި ދަރިން ފާހަގަކުރަން އޭނާގެ ފިރިހެން ދަރިފުޅު ޝަބަން މަގީނޯގެ އެހީ ވެސް ހޯދަންޖެހޭ ކަމަށެވެ.

ދަނޑުވެރިކަންކޮށް، ނާމުސޫފި ހުއިހައްޕާ ހަސައްޔާ ބުނީ މިހާ އާއިލާ ބޮޑުކޮށްލަން ނިންމީ އޭނާގެ މައިންބަފައިންނަށް ލިބުނީ އެންމެ ދެ ދަރިން ކަމަށްވެފައި، ކުޑަ އާއިލާއެއް އޮތުމުން އޭނާގެ މައިންބަފައިން ބިރުގަތުމުން ކަމަށެވެ.

"އަހަރެންނާއި އަހަރެންގެ ބޭބެ އެކަނި ހުންނަނީ. މިހެންވެ އަހަރެން ހިތަށް އެރީ އަހަރެންގެ އާއިލާ ބޮޑުކޮށްލާނަމޭ. ނަމަވެސް މިހާ އާއިލާ މިހާރު ބޮޑުވުމުން އެ އެންމެން ބަލަހައްޓާނެ ވަސީލަތްތަކެއް އަހަރެންގެ އަތަކު ނެތް. އެހެންވެ އާއިލާއަށް މެންބަރުން އިތުރު ނުކުރުމަށް ނުވިހާ ބޭސް ކެއުމަށް ހުރިހާ އަނބިންނަށް އަންގައިފައި މިހާރު ވާނީ،" ހަސައްޔާ ބީ.ބީ.ސީ.އަށް ބުންޏެވެ.

ހަސައްޔާ ފުރަތަމަ ކައިވެނިކުރީ އުމުރުން 16 އަހަރުގައި، 1972 ގައެވެ. އޭނާ އިތުރު މީހުންނާ ކައިވެނިކުރަން ފެށީ އޭގެ ދެ އަހަރު ފަހުންނެވެ.

ހަސައްޔާ އޭނާގެ ބައެއް ކުދިންނާއެކު…

މިހާރު އާއިލާ އާދަޔާހިލާފަށް ބޮޑުވެފައިވާތީ ހަސައްޔާގެ އާއިލާއާ ބައްދަލުކޮށްލަން ޔުގެންޑާގެ އިތުރުން ބޭރު ގައުމުތަކުން ވެސް ޓޫރިސްޓުން ޒިޔާރަތްކުރެއެވެ.

ދަރިންނަށް ކާބޯތަކެއްޗާއި ތައުލީމު އަދި އަންނައުނު ނުދެވޭތީ ހަސައްޔާގެ ދެ އަނބިން ވަނީ އޭނާ ދޫކޮށްގޮސްފައެވެ. އަދި އާއިލީ ގޭގައި ޖާގަ ނެތުމުން އެހެން ތިން އަނބިން ވަނީ އެހެން ސަހަރަކަށް ބަދަލުވެފައެވެ. މިހާރު ވެސް އާއިލާގެ 800 އަށްވުރެ ގިނަ މެންބަރުން އުޅެނީ ހަސައްޔާގެ ގޯތީގައެވެ. ޖިފުޓިތަކެއް ހަދައިގެންނެވެ. އެ ތަނަށް ޒިޔާރަތް ކުރާ މީހަކަށް ހީވާނީ ކުޑަ ވިލެޖަކަށް ވަދެވުނުހެންނެވެ.

ހަތަރު ދަރިން ނިޔާވެފައިވާ ހަސައްޔާ ބުނީ މިހާރު "މުސްކުޅިވަމުން އަންނާތީ ބޮޑު އާއިލާއެއް ބެލެހެއްޓުމަކީ އުނދަގޫ ކަމެއްކަން އޭނާއަށް އިހުސާސްކުރެވޭ" ކަމަށެވެ. ހަސައްޔާގެ ބޭބެގެ ވެސް 50 ދަރިން އެބަތިއްބެވެ.

 ހަސައްޔާ އޭނާގެ ބައެއް އަނބިންނާއެކު ހެވިފައި…

ހަސައްޔާގެ ގިނަ ދަރިން ސްކޫލަކަށް ނުދެއެވެ. މަދަރުސާއަށް ފީ ދެއްކޭނެ ފައިސާ ހަސައްޔާގެ އަތުގައި ނެތުމުންނެވެ.

އޭނާގެ އެންމެ ޒުވާން އަނބިމީހާގެ އުމުރު ހަސައްޔާގެ ބައެއް ކާފަދަރިންގެ އުމުރަށްވުރެ ހަގެވެ.

ހަސައްޔާގެ އެންމެ ދޮށީ ދަރިފުޅު، މިހާރު އުމުރުން 50 އަށްވުރެ މައްޗަށް ގޮސްފައިވާއިރު އެ ދަރިފުޅުގެ އެއް ޝަކުވާވެއެވެ؛ އެއީ ތައުލީމު ލިބުނު ނަމައޭ މިހާރު ހިތަށްއެރުމެވެ.

ނަމަވެސް ރަނގަޅު އެއް ކަމަކީ އާއިލާގެ އެއްވެސް މެންބަރެއްގެ މެދުގައި އަރައިރުންވުމާއި ތަޅާފޮޅުން ކަހަލަ ނޭދެވޭ ކަންތައްތައް ނުހިނގާކަމެވެ.

"ހަސައްޔާގެ އާއިލާއަކީ ސުލްހަވެރި އާއިލާއެއް. އެއްވެސް މެންބަރެއްގެ މެދުގައި މައްސަލައެއް ނުޖެހި ދިރިއުޅެމުން އަންނަނީ. މޫސާގެ ހުރިހާ ދަރިންނަކީ ވެސް ބަސްއަހާ ކުދިން،" ހަސައްޔާގެ ވިލެޖްގެ އިސްމީހަކު ބުންޏެވެ.

ހަސައްޔާ އޭނާގެ ބައެއް ކުދިންނާއެކު…

ދީނީ ސަގާފަތަށް ބަލައިފައި އެކަކަށްވުރެ ގިނަ މީހުންނާ ކައިވެނިކުރަން ޔުގެންޑާގެ ސަރުކާރުން ހުއްދަ ދެއެވެ. ޔުގެންޑާއަކީ ކުދިން އުފަންވާ ނިސްބަތް އެންމެ ބޮޑު އެއް ގައުމެވެ. ނުވިހާ ބޭސް ފަދަ ޒަމާނީ ވަސީލަތްތައް ފޯރަނީ 50 ޕަސެންޓެއްހާ އަންހެނުންނަށެވެ.

ހަސައްޔާއަށް މި ކުރެވުނު އާދަޔާ ހިލާފު ތަޖުރިބާއިން ލިބުނު ފިލާވަޅަށް ފަހު އެހެން މީހުންނަށް އޭނާ ދޭން ބޭނުންވާ ނަސޭހަތެއްވެއެވެ.

"އެކަކަށްވުރެ ގިނަ މީހުންނާ ކައިވެނިނުކުރޭ. ކުރަން ޖެހުނަސް ދެ އަނތްބަށްވުރެ ގިނަ އަނބިން ގެންގުޅެގެން ނުވާނެ،" ހަސައްޔާ އިރުޝާދު ދިނެވެ.

ވީޑިއޯ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް