އިސްތިޢުމާރު ނިންމާ ނަމަ އިސްތިޢުމާރުކުރި ތަންތަން, އިސްތިޢުމާރުކުރި ތަންތަނުގެ ކުރީގެ ވެރިފަރާތާ ހަވާލުކުރުމަކީ ބައިނަލްއަގްވާމީ ގޮތުން އެކަމަށް ކަނޑައަޅާފައި އޮންނަ ހަމައެވެ. އަދި އުސޫލެވެ. އެހެންވީމާ، މޮރިޝަސްއެވެ ކިޔާ އުފެއްދި ދައުލަތް، އުފެއްދުމުގެ އެތައްސަތޭކަ އަހަރެއްގެވެސް މާ ކުރިން އިސްތިއުމާރުކޮށްފައިވާ ރާއްޖޭގެ ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ކަމަށް ބަޔަކު ނުދެކޭ ކަމަށް ވިޔަސް، ފޯޅަވަހި، މޮރިޝަސްއަށް ލިބެންޖެހޭނޭ ހަމަ އެއްވެސް ހަމައެއް، ސަބަބެއް ނޯންނާނެވެ.
އަދީބެއް ކަމަށް ނުވަތަ މުއައްރިޚެއް ކަމަށް ވެގަނެގެން ރާއްޖޭގެ ގައުމީ ކަންކަން ގަޑުބަޑުކުރާން އުޅޭ ބަޔަކު އަހަރެމެނަށް ވައްބަސް އުކައި ފުރައްސާރަން އުޅޭ ބަޔަކަށް ފޯޅަވައްސާ ގުޅޭ ހަގީގަތްތައް ނޭނގުނަސް އަދި ނުފެނުނަސް، ފޯޅަވައްސަކީ، އިސްތިޢުމާރު ކުރުމުގެ ކުރިން ރާއްޖޭގެ ތަނެއްކަން އެނގޭނޭ އެތައް އެތައް ހެތްކެއް ފެންނާން އެބަ ހުއްޓެވެ.
މި ދިވެހިރާއްޖެއަށް ވަފާތެރި އަދީބުންނާއި މުއައްރިޚުންގެ ވަފާތެރިކަމުގެ ލޮލަށް އެތަކެތި ކުޑަވެސް ފުސްކަމެއް ނެތި ފެނެއެވެ.
ފޯޅަވަހި ރާއްޖެއަށް ލިބެންޖެހޭ ކަމަށް ބަލާ ބައިނަލްއަގްވާމީ ހަމަތަކުގައިވާ ގޮތުން ފޯޅަވައްސަކީ އަހަރެމެންގެ ތަނެއްކަމުގެ ހެކި ދައްކާކަށެއް ލާޒިމެއްވެސް ނޫނެވެ. އެކަމަށްޓަކައި ބަލަން ހުރީ އެކަމަށް ކަނޑައަޅާފައި ހުރި ބައިނަލް އަގްވާމީ ހަމާތަކާއި އުސޫލުތަކެވެ.
ރާއްޖޭގައި ނެތިގެން އުޅެނީ ފޯޅަވަހި ރާއްޖެއަށް ހޯދައިދޭން ހުޅުވާނެ ރަސްމީ އަނގައެކެވެ. އަދި ފަރާތެކެވެ. އެހެން އެ ކަންކަން ފަހިވާ ދުވަހަކުން މޮރިޝަސްގެ ގޮހޮރުތެރޭގައި ފޯޅަވަހި އޮތަސް އޮޕްރޭޝަނެއް ކޮށް ނަގައިގެންވިޔަސް ފޯޅަވަހި ރާއްޖެއަށް ލިބޭނެއެވެ.
ރާއްޖޭގައި ނެތިގެން މި އުޅެނީ އެކަމަށްޓަކައި މަސައްކަތް ކޮށްދޭނޭ ރަސްމީ ފަރާތެކެވެ. ނުވަތަ ސަރުކާރެކެވެ. ރާއްޖޭގައި އެފަދަ ސަރުކާރެއް ގާއިމުވާ ދުވަހަކުން މާތްރަސްކަލާނގެ އިރާދަފުޅާއެކު ފޯޅަވަހި ދިވެހީންނަށް އަނބުރާ ލިބޭނެއެވެ.
އަހަރެމެން މިކަން މިކުރަނީ ވެރިކަން ހޯދާންވެގެން ރައްޔިތުން ހައްލާން ކުރާ ޒާތުގެކަމެއް ނޫނެވެ. ފޯޅަވަހި މޮރިޝަަސް އާ ހަވާލު ކުރާން އިނގިރޭސީން އުޅޭކަމުގެ ހިތާމަވެރި ޚަބަރުގެ އަޑު އަހާފައި އެކަން އެގޮތަށް އިނގިރޭސީން ކޮށްފިނަމަ، ރާއްޖެއަށް ލިބޭނޭ ގެއްލުންތަކުން ރާއްޖެ ސަލާމަތް ކުރުމުގެ މަސައްކާތެވެ.
އެއް ބާރަކަށްފަހު އަނެއް ބާރެއްގެ އަތްމަތީގައި އޮންނަ ގޮތަށް ބޮޑު ބާރުތަކުން ފޯޅަވަހީގައި ތިބޭތީ ލިބޭ ގެއްލުމަށް ވުރެ، މޮރިޝަސް އާ ފޯޅަވަހި ހަވާލުކޮށްފިނަމަ ދިވެހިރާއްޖެއަަށް، ދިވެހި ރައްޔިތުންގެ ބަނޑަށް ލިބޭނޭ ގެއްލުންތައް ކަށަވަރަށް އެނގޭތީ އެކަންކަން ހިތަށް އަރާވަރުން ގޭގާއި ނިދާންވެސް ނޯވެވިގެންނެވެ. އެކަމަކު މިކަން ޙާޞިލްވާނީ އެއިރަކު ރާއްޖޭގައި އޮންނަ ސަރުކާރެއް މެދުވެރިވެގެންކަންވެސް އެނގެއެވެ.
އަހަރެމެން ރައްޔިތުންގެ ނަސީބެއް ހުރީވިއްޔާ އެފަދަ ސަރުކާރެއްވެސް މާތްރަސްކަލާނގެ މި ރާއްޖޭގައި ލައްވައިފާށިއެވެ. އަދި މިކަމަކީ، ސަރުކާރަކުން އެކަނި ކުރައްވަން އުޅުއްވިޔަސް އަދި އައު، ބައު، ނާއިބުންނާއި ވަކީލުންނާ މަތިކުރެއްވިޔަސް ކުރެއްވޭނޭ ޒާތުގެ ކަމެއްވެސް ނޫނެވެ. މުޅި ގައުމައި ތިއްބެވި ވިޔަފާރިވެރީންނާއި އެންމެ ފުންނާބުފުޅު އުސް ބައިނަލްއަގްވާމީ ގާނޫނީ މާހިރުންނާ ނުލައިވެސް ކުރެވޭނޭ ޒާތުގެ ކަމެއް ނޫނެވެ.
އެކަމަށްޓަކައި ކުރަންޖެހޭ ކަންކަން އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ އަދި ވަފާތެރި، ދިވެހި ގައުމުގެ ގާނޫނީ ދަރީން މި ގައުމީ ޙަރަކާތުގައި ފޫގަޅުއްވައިގެން ގައުމަށްޓަކައި އިސްނަންގަވައިގެން އެބަ ތިއްބެވިވެސް މެއެވެ.
One Response
މީ ވަރަށް ރަނގަޅު ލިޔުމެއް، ދިވެހި ކޮންމެ ރައްޔިތަކުވެސް މިކަމުގައި ސާމިލުވާންޖެހޭ ކަމެއް