Support Us

ކުރު ވާހަކަ: މަހާއި ދޫނި

އެއް ދުވަހަކު ދޫންޏެއް ކޯރަކަށް ތިރިކޮށް، ފެން ބޯން ފެށިއެވެ. ކުއްލިއަކަށް ފެންގަނޑު ތެރެއިން މަހެއް ފުއްމައިގެން އަރައި ކައިރީގައި ހުރި ގަހެއްގެ ފަތެއްގެ މަތީގައި ޖައްސައިލިއެވެ.

އެ މަސް، ދޫންޏާ ދިމާއަށް ބުންޏެވެ: "ތިޔަ ކަހަލަ އެއްގަމާއި ވައިގެ ތެރޭގައި އުޅޭ މަހުލޫގުންނަށްވުރެ އަހަރެމެން ފެނުގައި އުޅޭ މަހުލޫގުން މާ ނަސީބު ގަދައެވެ. އަހަރެމެން ފެނެއް ނުބޮވައެވެ. ފެންވަރާކަށް ނުޖެހެއެވެ. ވާރޭވެހުމަކުންވާ އުނދަގުލެއް ނެތެވެ. އަދި ތިޔަ ދޫނިތައް ޝިކާރަކުރާ އިންސާނުންގެ ފަރާތުން އަހަރެމެންނަށް އުނދަގުލެއް ނުފޯރައެވެ."

ދޫނި ޗޮކެއް ކަނޑައިލައިފައި، ތުނބުންފުމެލައިފައި ބުންޏެވެ: "އޭ، ކުޑަ މަހާއެވެ. އަހަރެންނަށް އެނގޭ ގޮތުގައި އިންސާނުން ތިޔަ މަސްތައް ވެސް ބާނައެވެ. އެހެންވީމާ ތިޔައީ ވަކިން ހާއްސަ މަހުލޫގުންތަކެއް ކަމަށް ގަބޫލުނުކުރާށެވެ. ކޮންމެ މަހުލޫގަކީ ވެސް އޭގެ ޒާތުގައި ހާއްސަ އަދި ތަފާތު މަހުލޫގެކެވެ!"

މަސް ވަރަށް ހަމަޖެހިލައިގެން އިނދެ ބުންޏެވެ: "ފެންގަނޑުގެ އަޑި ސުވަރުގެއެއްހާ ރީއްޗެވެ. ހޫނެވެ. މަޑުމައިތިރިއެވެ. އަދި އަމާނެވެ. އަޑުމަޑެވެ. އެއްވެސް ކަހަލަ އަޑަކުން އުނދަގުލެއް ނުވެއެވެ. ފެނުއަޑި ހީވަނީ ޖާދުލެއް ކަހަލަ ތަނެއް ހެންނެވެ. އަހަރެން ތިބާއަށް ފެނުގެ އަޑި ދައްކައިލައިހިތްވެއެވެ. ތިބާއަށް ވަރަށް ޝައުގުވެރި ތަނަކަށްވާނެކަން ޔަގީނެވެ."

ދޫނި ހޭންފެށިއެވެ. ބަނޑަށް ތަދުވާ ވަރަށެވެ. ދެން މަހާ ދިމާއަށް ބުންޏެވެ: "ތިޔައީ ކިހާ މޮޔަ ވާހަކައެއް ހެއްޔެވެ؟ ތިބާ ފަދައިން ފެނުގެ އަޑީގައި އަހަރެންނަށް ނޭވާ ނުލެވޭނެ ހިނދު، ފެނުގެ އަޑި ބަލަން އަހަރެން ހަދާނެ ގޮތެއް ނޯންނާނެ ނޫން ހެއްޔެވެ؟"

މަސް މަޑުމަޑުން ބުނެލިއެވެ: "ތިޔައީ އަސްލު ވަރަށް ފަސޭހަ ކަމެކެވެ. ތިބާއަށް ޖެހޭނީ ތިބާގެ ނޭފަތަށް ފެން ނުވަންނާނެހެން ނޭފަތުގައި ހިފަހައްޓައިލައިށެވެ. އަހަރެންނާއެކު ތިބާ ފީނާއިރު ތިބާގެ އަނގައިގެ ތެރެއަށް އަހަރެން ވައި ފޮނުވައިދޭނަމެވެ. އަހަރެންނަށް އިތުބާރުކުރާށެވެ! ތިބާގެ ފުރާނަ އަހަރެން ރައްކާތެރިކޮށްދޭނަމެވެ."

ފެނުއަޑީގެ ރީތިކަން ބަލަން ޝައުގުވެރިވިލެއް ބޮޑުކަމުން މަހާއެކު ފެނުއަޑިއަށް ފީނަން ދޫނި އެއްބަސްވިއެވެ. ނަމަވެސް، މާދުރަށް ނުފީނެނީސް މަސް ކުއްލިއަކަށް ހުއްޓިލައިފައި ދޫންޏާ ސުވާލުކުރިއެވެ: "އަހަރެންގެ އަތަށް ފުރާނަ ދޭ ވަރަށް ތިބާ އަހަރެންނަށް އިތުބާރުކުރަނީ ކީއްވެ ހެއްޔެވެ؟"

ދޫނި ވަރަށް ޔަގީންކަމާއެކު ޖަވާބުދިނެވެ: "ސަބަބަކީ ތިބާއަށް އިތުބާރުކުރަން އަހަރެންގެ ގާތުގައި ތިބާ އެދުނީމައެވެ."

ދެން ނުލަފާ ޒާތަކަށް ހިނިތުންވެފައި މަސް ބުނެލިއެވެ: "ތިޔަ ހެދީ ގޯހެކެވެ. އިތުބާރު ކުރަން އެދޭ މީހުންނަށް އެއްގޮތަކަށް ވެސް އިތުބާރުކުރާކަށް ނުވާނެއެވެ. ސަބަބަކީ ހަގީގަތުގައި އިތުބާރު ހިފޭ މީހަކު އޭނާއަށް އިތުބާރުކުރާށެކޭ އެހެން މީހެއްގެ ގާތުގައި ނުއެއްބުނާނެއެވެ. ބަސްމޮށުންތެރިކަން ބޭނުންކޮށްގެން ތިބާގެ މައްޗަށް ބާރު ފޯރުވާކަށް ނޫޅޭނެއެވެ. ނިކަމެތި ދޫންޏާއެވެ! ހަގީގަތުގައި އަހަރެންނަށް މިއަދު ތިބާ ފެނުނީ އަހަރެންގެ އާއިލާއަށް ކާބޯތަކެތި ހޯދައިދޭން އަހަރެން ނިކުމެ އުޅެނިކޮށެވެ. ދެން އަހަރެންނަށް ޖެހުނީ ތިބާ ފެނުގެއަޑިއަށް ގެންނާށެވެ. މި ތާނގައި ތިބާ ތާށިކޮށްލުމަށެވެ. މެންދުރުގެ ކޮއްތަކަށް ދޫންޏެއްގެ ރަހަ ވަރަށް މީރު ވާނެތީއެވެ!"

އެހެން ބުނެފައި މަސް އެހެން މަސްތަކަށް ގޮވައިލިއެވެ. ދެން އެ މަސްތައް އައިސް އެ ދޫނި ކައިލިއެވެ.

މި ވާހަކައިން ލިބޭ އިބުރަތަކީ މިއެވެ:

ތިބާގެ ލޯބީގެ ހަޔާތާއި ރަހްމަތްތެރިކަމުގެ ގުޅުންތަކާއި ނުދަންނަ މީހުންނާއި އަދި ޚުދު އާއިލީ ގުޅުންތައް އޮންނަ ފަރާތްތަކުގެ ތެރޭގައި ވެސް ނުރަނގަޅު މީހުންނާ ތިބާ ދިމާވާނެއެވެ. ކޮންމެކޮންމެ މީހަކީ އިތުބާރު ހިފޭ މީހެއް ނޫނެވެ. އަދި ތިމަންނައަށް އިތުބާރުކުރާށޭ ބުނާ ކޮންމެ މީހަކަށް އިތުބާރުކުރާކަށް ނުވާނެއެވެ. ނުބައި މީހުން އަންނާނީ އެ މީހުންގެ ނުބައިކަން ފޮރުވައިގެންނެވެ. އަހަރެމެން އުޅޭ މި ދުނިޔެއަކީ ތިބާ ނުބައި މަގަށް އެޅުވުމަށް އެތައް މަގުސަދެއް ގެންގުޅޭ އެތައް ބަޔަކު އުޅޭ މާހައުލެކެވެ. ތިބާ އިތުބާރުކުރަން ހިތަށްއަރާ މީހުންނާމެދު ހުށިޔާރުވުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. ކޮންމެ ކޮންމެ މީހަކީ ތިބާގެ ދުޅަހެޔޮކަމަށް ޝައުގުވެރިވާ މީހެއް ނޫނެވެ. އެއް ބަޔަކު ތިބާއަށް ހެޔޮއެދޭއިރު އަނެއް ބަޔަކު އެހެނެއް ނުވާނެއެވެ. ތިބާ ފުރަތަމަ އިސްކަންދޭންވާނީ ތިބާގެ އަމިއްލަ ނަފުސަށެވެ. ތިބާއަށް ކެހިދިނުމަކީ ވެގެންވާނެ ކަމެއް ނޫންކަން ގަބޫލުކުރާށެވެ. ތިބާ އިތުބާރުކުރަން ގަސްދުކުރާ މީހުންނާމެދު ފަރުވާތެރިވާށެވެ.

ނޯޓު: ތަރުޖަމާއެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް