Support Us

ކޮލަމް: ދިނަށަ

ލޯބީގެ ޖާދޫ

ހިތުގެ ފުރޮޅުމުގެ މައްޗަށް އަމިއްލަ ބާރު ނުފޯރާކަން އަހަރެންނަން އެނގުނީ ކަލާގެ ޖާދުވީ ކަޅިރަވައިގައި ހުރި ހަމައެކަނި ތޫނުކަމާއި ފުންކަމުންނެއް ނޫނެވެ.

ފަރިވެފައިވާ ރީތި ފިނިފެންމަލެއް ފަދަ ނާޒުކީ ތުންފަތުގެ ރީތިކަމާއި މަޑު ފިޔާތޮށި ކުލަޔާއި ތުނިކަމަކުންނެއްވެސް ނޫނެވެ.

ސާފު އުދަރެހެއްގައި ވިލާކޮޅަކުން ދެމިލާފައިވާ ކޫރުންފަށެއް ފަދަ އަސަރުގަދަ ބުމައިގެ ހިތްގައިމު ކަމަކުންނެއްވެސް ނޫނެވެ.

އޮމާން ކަމާއި ހިތްގައިމު ބައްޓަމެެއް ލިބިފައިވާ ރީތި ކޯތާފަތުގެ ފުރިހަމަ ކަމަކުންނެއްވެސް ނޫނެވެ.

އުނަގަނޑާ ހަމަޔަށް ދިގުވެލާފައިވާ ހިމުން ފަށުވީގެ ރޮދިތަކެއް ފަދަ ރީތި ފަންފަން އިސްތަށިގަނޑާއި އޭގެ އޮފުދާރުކަމާއި ހެލިލުމުގައި އަރާ ބަނޑިތަކަކުންނެއްވެސް ނޫނެވެ.

ޅަނދޮޅު ފުއްލާއެއްގެ ކަނދުރާ ފަދަ ހިމަދިގު ރީތީ ކަނދުރާގެ ހިތްގައިމު ކަމަކުންނެއްވެސް ނޫނެވެ.

ވަޔާ ހެލިލަހެލިލާ ހުރި ކަންހުޅީގެ ލޯލިކޮޅުގެ ފަންކަމާއި ވިހުރިލުމުގެ ހިތްގައިމު ކަމަކުންނެެއްވެސް ނޫނެވެ.

ހެދިހުރި އިސްކޮޅާއި ރޫފައިގެ ލޫޅާފަތިކަމާއި ލުއި ހަށިގަނޑުގެ އެކިއެކި ވަނާތަކާއި މިންތަކުގެ ހެޔޮވަރުކަމަކުންނެއްވެސް ނޫނެވެ.

ހިނގުމުގައި ގުނަވަނަކަށް އަރައަރާހުންނަ ލޮޅުމާއި ހެލިލުމާއި ޙަރަކާތްތެރިވުމުގައި ހުރި އަސަރުގަދަކަމަކުންނެއްވެސް ނޫނެވެ.

ހަމަ ރީތީއެވެ. ތާރީފީ ނަޒަރަކުން ސިފަކުރުމަކީ ކުޅަދާނަ ޝާޢިރަކަށްވެސް ކުޅަދާނަވާނެ ކަމެއް ނޫނެވެ.

ފުރަތަމަ ނަޒަރުންވެސް އަހަރެންގެ ހިތަށް ތޫނު ތީރެެއް ހެރުނު ފަދައެވެ. ހަމަ ރީތީއެވެ. ހިތްލެބިގެން ދިޔައީ އަދަމޫސޫމުގެ ވިލާގަނޑެއްގެ ބާރުގަދަ ވަޔާ ރުއްގަސް ލެނބޭ ފަދައިންނެވެ.

ކަލާ ހަމަ ރީތީއެވެ.