Support Us

ކޮލަމް: ދިނަށަ

ލޯބީގެ ބާރު

ލޯބީގެ ބާރުގަދަކަން އަހަންނަށް އިހްސާސްވީ ކަލާ ޗުއްޓީ ނިންމާފައި ފުރައިގެންދިޔަ ދުވަހުގެ ރޭގައެވެ. ނިންޖަކީ ކިހިނެއް، ކޮން ގޮތަކަށް އަންނަ އެއްޗެއްކަން ހަނދާންވެސް ނެތްކަހަލައެވެ. އެހެން ރޭރޭ ތަންމަތީގައި ބުރިކަށި ނުވެސްޖެހެނީސް އަހަންނަށް ނިދެޔޭ ބުންޏަސް ފާފައެއް ނުވާނެއެވެ.

ލޯމަރައި ތަގުޅިކޮށް އޮވެއޮވެވެސް ނިންޖެއް ނައެވެ. ތެދުވެ ގަޑިބަލައިލިއިރު މެންދަމުން އަލިވެ ދޭއްޖަަހައި ބޮޑުވެއްޖެއެވެ. ބޭރަށް ނުކުތް އިރަކު މުހައްރަމް މަހު 14 ވިލޭރޭ ކަމެއް ނުދެނަހުރީމެވެ.

ދިމާޔަށް މޫނުގައި ޖެހުނީ އޮއްސުމާ ދިމާޔަށް ގޮސްގޮސް ހުރި ބުރުހަމަވެފައިހުރި އެރޭގެ ހަނދެވެ. ރޭގެ ތިންވަނަ ދަމުގެ ބައެއް ފަހަނަޅައި ކުރިޔަށްޖެހި އޮއްސޭ އުދަރެހާ ދިމާޔަށް ދިއުމަށް މަސައްކަތް ކުރެއެވެ.

ކަލާގެ ހަދާންތައް ވެރިވީ ކުރިޔަކު ނޫނެވެ. ވާނީވެސް އެހެންތާއެވެ. އަހަރެންމެން ދެމީހުން ފުރަތަމަ ބައްދަލުވީ މީގެ އެއްމަސްކުރިން ހުސްވި މަހުގެ ސާދަވިލޭރޭގެ ނުވަގަޑި ބައިހާއިރު ބަނދަރު މަތީގައި ހިިނގާލަން ކަލާ ނުކުމެ ހުއްޓައިކަމަށްވާތީ އެރޭ އުދަވަމުން އައި ހަނދުގެ ސާފު ހަނދުވަރުމަތީ ވާހަކަދަައްކަމުން ހިނގަމުންގޮސް ތުނޑިމަތީގައި އިށީދެލައިގެން ތިބެވުނުކަން ހޭވެރިވީވެސް އެރޭގެ ދެގަޑިބަައިވީފަހުން ވިއްޔާއެވެ.

ސާދަ ވިލޭރޭގެ ހަނދެެެއްފަދަ ތިޔަ ރީތި މޫނުކޮޅުގައި ހަނދުވަރުގެ ދޯދިތަައް ބީހޭއިރު އަރާ ޒިހުންކުލަޔަށް ބަލަން އިނދެވުނީކީ އަމިއްލަ ޚިޔާރަކުވެސް ނޫންވިއްޔާއެވެ. އެގޮތަށް އެރޭ ވޭތުވެފައިވީތީ މިރޭގެ ހަނދާއި ހަނދުވަރު ވެރިކޮށްދޭންފެށީ އެރޭގެ ހަނދާންތަކެވެ. ހީވަނީ ހަމަ ކަލާގެ ކައިރީގައި އިށީނދެވޭހެންނެވެ. ކަލާގެ ތިޔަ ލޯބިލޯބި މުނުކޮޅަށް ފޫހިކަމެއްނެތި ބަލަހައްޓައިގެ އެރޭފަދައިން އިނދެވޭހެންނެވެ.

ހިތުގެ ތޮޅުން އަވަސްވެ ކަލާ ދެކޭހިތް ހިތުގައި ނޯބެހެއްޓޭވަރު ވިއެވެ. ހިތުގެ މައްޗަށާ އަމިއްލަ ބާރެއްވެސް ނުފޯރިއެވެ.

ހަނދާންތައް އާވެ ހިތަށް ވެރިކޮށްދޭންފެށީ އެރޭގެ ބައްދަލުވުމެވެ. ޗުއްޓީގެ އެހެން ރޭތައްްވެސް އެރޭފަދަ އުފާވެރިކަންމަތީގައި ވޭތުކުރުމުން ލިބިފައިވީ ހިތްހަމަޖެހުމާައި އެރޭތަކުގައި ލިބިފައިވާ ބާވަތް ބާވަތުގެ އުފާތަކެވެ.

ހޭޅިފަށުގައި ހެދިފައިހުރިއްޔާ ހުރި ގަހެއްގެ މާތަކުން ފޯރުކޮށްދިން މީރުވަހުން ހިތަށް ލިބިދިން އަރާމެވެ. ދިނަށައިގެ ނަލަ ވައިރޯޅީގެ އޮމާން ބީހިލުންތަކުން ހިތަށް ލިބެމުން ދިޔަ ހިތްފަސޭހަކަމެވެ.

ކަލާގެ މަތީން އަހަންނަށް ހަނދާން ނުވާންވީ ކީއްވެ ހެެއްޔެވެ؟

އަހަންނަށް މިވެވެނީ ކަލާދެކެ ލޯބިކަން އިހްސާސް ވެއްޖެއެވެ.

ލޯތްބަކީ މިހައި ބާރުގަދަ އެއްޗެއްކަން މިއެނގުނީ މިހާރުއެވެ.