Support Us

ކޮލަމް މީތިނުކިޔާތި: ކައިވެންޏަކީ ބޫޓެއް!؟

ކައިވެންޏަކީ ބޫޓެއް ކަހަލަ އެއްޗެކޭ ބުނާތީ އަޑުއަހަން ހެއްޔެވެ؟ އެހެން ބުނާ ބަޔަކު އެ ބުނަނީ ސަބަބުތަކެއް ވެސް ނެތިއެއް ނޫނެވެ.

ފަޔަށް ހެޔޮވަރު ވަރަށްވުރެ ބޮޑު ބޫޓަކަށް އަރައިފި ނަމަ ޖެހޭނީ މުޅި ހަޔާތުގައި ވެސް އެ ދަމަމުން ފައިއަޅައިށެވެ. އަނެއްކޮޅުން ފަޔަށް ހެޔޮވަރު ވަރަށްވުރެ ކުޑަ ސައިޒުގެ ބޫޓެއް ގަނެފި ނަމަ ޖެހޭނީ މުޅި ހަޔާތުގައި ވޭން ތަހައްމަލުކުރާށެވެ.

ކައިވެންޏެއް ފަދައިން އެ ބޫޓު ނުވެސް ބޭލޭނެއެވެ. ކިތައްމަ ތަދުވިޔަސްމެއެވެ.

މިހެންވެ ކައިވެނިކުރާއިރު ވެސް ބޫޓެއް ގަންނަ މިސާލަށް ބަލައިށެވެ. އެ ގޮތުން މި ފާހަގަކޮށްލަނީ މި ކަމާ ގުޅުން ހުރި ބައެއް ކަންތައްތަކަށެވެ.

  1. ބޫޓު ހުންނަ ސިފަ:

ބޫޓެއް ގަންނައިރު ހަމައެކަނި އޭގެ ބޭރުފުށުގެ ރީތިކަމަށް ނުބަލައިށެވެ. ނުވަތަ ހަމައެކަނި އަގުހެޔޮކަމަށް ސަމާލުކަން ނުދޭށެވެ. އެއާ ހިލާފަށް އެ ބޫޓަކީ ތިބާގެ ފަޔަށް ހެޔޮވަރު ބޫޓެއްތޯ ޔަގީންކުރާށެވެ. މިސާލަކީ، ރީތި، މުއްސަނދި ނުވަތަ ވިސްނުންތޫނު ކޮންމެ މީހަކީ ޒަވާޖީ ހަޔާތަކަށް އެންމެ އެކަށީގެންވާ ފިރިހެނަކަށް ނުވަތަ އަންހެނަކަށް ނުވެދާނެއެވެ. ހަޔާތް ވޭތުކުރާނެ ބައިވެރިޔަކު ހޯދުމުގައި ތިބާ ގަބޫލުކުރާ ކަންތަކާ އެއް ހިޔާލެއްގެ މީހެއް ހޯދައިށެވެ. ތިބާގެ ހަޔާތުގެ ދަތުރުގައި ބައިވެރިކުރާނެ ބައިވެރިޔަކު ހޯދުމުގެ ކުރިން ތިބާގެ ޒަވާޖީ ދިރިއުޅުމުގެ މިސްރާބު ބަހައްޓަން ގަސްދުކުރަނީ ކޮން ދިމާއަކަށްކަން ތިބާ ނިންމައިފައި ބާއްވަންޖެހޭނެއެވެ.

  1. ބޫޓުގެ ސައިޒާއި ބޫޓަށް އަރާ ތަން:

ކޮންމެ ސައިޒެއްގެ ބޫޓަކީ އަދި ކޮންމެ ތަނަކަށް ފިޓުނުވެދާނެ އެއްޗެކެވެ. ކުޅިވަރު ކުޅުމަށާއި އެހެން ކަންތައްތައް ކުރުމަށް ހޯދައި ބޫޓުގައި މި ތަފާތުތައް އުޅޭނެއެވެ. ކުޑަކުދިންނާއި ޒުވާނުންނާއި ބޮޑެތި މީހުންގެ ސައިޒުތައް އުޅޭނެއެވެ. ތިބާއަށް ހެޔޮވަރު ސައިޒާއި އެ ބޭނުންކުރާނެ ތަން، ބޫޓު ގަތުމުގެ ކުރިން ކަނޑައަޅައިށެވެ. ތިބާއަކީ ދީނަށް ލޯބިކުރާ މީހެއް ނަމަ ހަޔާތުގެ ބައިވެރިޔާ ހޯދަން ދާނީ ނާޗަރަނގީ ކުޅޭ ނައިޓް ކްލަބަކަށް ނޫނެވެ. މިހެންވެ ތިބާގެ "ވެލިއުސް" ނުވަތަ ތިބާ ގަބޫލު ކުރާ އަހުލާގާއި ސުލޫކީ މިންގަނޑުތައް ހުރި ބައިވެރިޔަކު ނުހޯދާ ނަމަ ކޮންމެ ފަދަ މީހަކު ވެސް ތިބާގެ ހަޔާތަށް ވެރިވެގަތްފާނެއެވެ. އެހެންކަމުން ތިބާގެ ނަފުސާއި ޒަމީރާ ދިމާވާ ބައިވެރިޔަކު ހޯދާށެވެ.

  1. އަޖުމަ ބަލައިފައިވާ މީހުންގެ ނަސޭހަތް:

ބޫޓު ގަތުމުގެ ކުރިން އެ ބޫޓުގެ ގޮތް ބަލައިލަން ކުރިން އަރައިލަން ފުރުސަތު ނުދޭ ފިހާރަތައް ވެސް ހުރެއެވެ. މި ފަދަ ހާލަތެއްގައި ބޫޓަށް އެރުމުގެ އަޖުމަބަލައިފައި އަދި ތަޖުރިބާ ހޯދައިފައިވާ މީސްމީހުންގެ ގާތުން ނަސޭހަތް ލިބިގަންނާށެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ހަޔާތަށް ރަނގަޅު ބައިވެރިޔަކު ހޯދިދާނެ ގޮތް ކިޔައިދެވޭނެ ކަހަލަ މީހެއްގެ ގާތުން އިރުޝާދު ހޯދައިށެވެ. މިސާލަކަށް، ދީނީ އިލްމްވެރިއެއް ނުވަތަ ކައުންސެލަރެއްގެ ގާތުންނެވެ. ބޫޓެއްގެ ގޮތް އެނގޭނީ އެ ބޫޓެއް ހެދި ކުންފުންޏަށެވެ. އަދި ރަނގަޅު ޒަވާޖީ ބައިވެރިޔަކު ހޯދޭނީ އެ ފަދަ މީހަކު އުފެއްދެވި އެއްކައުވަންތަ މާތްﷲގެ މަގުދެއްކެވުމުންނެވެ.

މި ތިން ނުކުތާއަށް ބަލައިލައިފައި ދެން ޒަވާޖީ ހަޔާތާ ދިމާއަށް ދާށެވެ. ނަމަވެސް އޭގެ ކުރިން ވިސްނައިލައިށެވެ؛ ތިބާ ތިޔަ ތައްޔާރުވަނީ ހަޔާތުގެ ކައިވެންޏަކަށް ހެއްޔެވެ؟ އެހެންވީއިރު އޭގެ ފަހުން އޮތީ ކޮން ކަމެއް ހެއްޔެވެ؟ ޒަވާޖީ ދިރިއުޅުމެއްދޯއެވެ.

ކައިވެނިކުރުމަކީ އެއް ދުވަހުގެ ކަމެކެވެ. ދެން އޮތް ބަޔަކީ ޒަވާޖީ ހަޔާތެވެ.

މި ކަމުން ދޭހަވަނީ ބޫޓެއް ގަތުމަކީ ފުރަތަމަ ޖެހޭ ފިހާރައިން ފުރަތަމަ ރީތިވާ ނުވަތަ ތިބާގެ އަތުގައި ފައިސާ ހުރީތީވެ ބޫޓެއް ގަތުމެއް ނޫނެވެ. އޭގެ ކުރިން ތިބާގެ އަމިއްލަ ނަފުސާ އަންނަނިވި ސުވާލުތައްކޮށްލާށެވެ:

  1. މި ފެނުނީ ކޮން ތަނަކުން އުފައްދައިފައިވާ ބޫޓެއް ހެއްޔެވެ؟ މާނައަކީ ބައިވެރިޔަކު ހިޔާރުކުރާއިރު އެ މީހާއާ ބެހޭ މައުލޫމާތުތަކަކީ ކޮބައި ހެއްޔެވެ؟
  2. މި ފެނުނު ބޫޓުގެ ސައިޒަކީ ކޮބައި ހެއްޔެވެ؟ މާނައަކީ ފެނުނު މީހާ ގަބޫލުކުރާ އަހުލާގީ އަދި ސުލޫކީ މިންގަނޑުތަކަކީ ކޮބައި ހެއްޔެވެ؟
  3. ބޫޓުގެ އަގަކީ ކޮބައި ހެއްޔެވެ؟ މާނައަކީ އޭނާ ޝައުގުވެރިކަން ހުންނަނީ ކޮން ކަންތައްތަކަކަށް ހެއްޔެވެ؟
  4. ބޫޓު ހަލާކު ނުވެ ހުންނާނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ މާނައަކީ އޭނާގައި ހުންނަނީ ކޮންކަހަލަ ޝަހުސިއްޔަތެއް ހެއްޔެވެ؟
  5. ބޫޓު އުފެއްދީ ކޮން ކުންފުންޏަކުން ހެއްޔެވެ؟ މާނައަކީ އޭނާއަކީ ތިބާގެ ދީނުގެ މީހެއް ހެއްޔެވެ؟
  6. ބޫޓު ތިބާގެ ފަޔަށް ހެޔޮވަރުވާނެ ހެއްޔެވެ؟ މާނައަކީ ތިބާގެ ހުރިހާ ސިފަތަކާއެކު ވެސް އޭނާ ތިބާ ބަލައިގަންނާނެ ހެއްޔެވެ؟

މި މިސާލުތަކުން އެނގެނީ ބޫޓުގެ ސައިޒާއި ފެންވަރާއި ހެޔޮވަރުވެއްޖެ ނަމަ ކިތައްމެ ގިނަ ދުވަހަކު ވެސް އެ ބޫޓެއް ބޭނުންކުރެވޭނެކަމެވެ. ޒަވާޖީ ދިރިއުޅުމެއް ފަށަން ބައިވެރިޔަކު ހޯދާއިރު ވެސް މި ފާހަގަކޮށްލި ކަންތައްތަކާމެދު ވިސްނައިލައި އެއަށް އަމަލުކޮށްފި ނަމަ ތިބާގެ ހަޔާތުގެ ދަތުރުގެ ބައިވެރިއަކަށް ވެސް ތިބާއަށް އެންމެ ކަމުދާނެ މީހަކު ހޯދޭނެއެވެ.

ނޯޓު: ތަރުޖަމާއެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް