ބައެއް ފިރިހެނުންނަކީ ތިބާ ދެކެ ލޯބިވާންޖެހޭ ގޮތަށް ލޯބިވާން ބޭނުންވާ ބައެއް ނޫނެވެ. ނަމަވެސް އަނެއްކޮޅުން އޭނާ ތިބާ ދޫކޮށްލާކަށް ވެސް ބޭނުމެއް ނުވެއެވެ.
ހަމަ އެއާކު ތިބާ އޭނާއާ އަޅާލާ ވަރަކަށް އޭނާ ޝުކުރުވެރިވާ މިންވަރު ވެސް ދަށްވަމުންދެއެވެ. އަދި އެ ކަމާ މާޔޫސްވެގެން ތިބާ އޭނާއާ ގުޅުން ކަނޑައިލަން ނިންމާ ހިސާބުން ތިބާ ދެކެ ލޯބިވާ ކަމަށް ބުނެ، ތިބާއަށް އަޅާލާނެ ކަމަށް ވައުދުވެއެވެ.
މިހެންވުމުން އޭނާއަށް ތިބާ އިތުރު ފުރުސަތެއް ދިނުމަށް ތިބާ ނިންމައިފައިނެއެވެ. އޭނާއަށް ރަނގަޅު ބަދަލެއް އައީ ކަމަށް ތިބާއަށް ހީކުރެވިގެންނެވެ. ނަމަވެސް ހަގީގަތަކީ އެ ބަދަލަކީ ވަރަށް ކުޑަ ވަގުތުކޮޅަކަށް އޭނާއަށް އައި ބަދަލެއް ކަމެވެ.
ތިބާ އޭނާގެ ހަޔާތުން ނުކުމެގެންދާނެ ހިތްވަރު ލިބުމާއެކުހެން އޭނާ އަލުން އަނބުރާ ތިބާގެ ގާތަށް އަންނާނެއެވެ. އަދި ތިބާ ދެކެ ލޯބިވާކަމަށް ބުނާނެއެވެ.
ވަރަށް ގިނަ މީހުންނަށް ފަހުމްނުވެ އޮންނަ ކަމަކީ ފިރިހެނަކާ ތިބާ ގުޅުން ކަނޑައިލަން ނިންމާ ހިސާބުން އޭނާގެ ގާތަށް ރުޅި އައސްގެން އަލުން ތިބާއާ ގުޅެން މަސައްކަތްކުރުމަކީ ތިބާ ދެކެ އޭނާ ލޯބިވާކަމުގެ ހެއްކެއް ނޫންކަމެވެ.
ތިބާއަށް އަލުން ތައުރީފުކޮށް، ދެތިން ހަފުތާވަންދެން ތިބާއަށް އަޅާލުމަކީ ތިބާއާ އޭނާ އަލުން ގުޅެން މަސައްކަތްކުރުމުގެ ހެއްކެއް ނޫނެވެ. އެއީ އޭނާއަށް ތިބާގެ ގޮތް އެނގޭތީ ތިބާގެ ރުޅިގަނޑު ހަމައަކަށް އަޅުވައި، އަލުން އޭނާއަށް ހިތްލަންބުވަން މަސައްކަތްކުރުމެވެ.
އެހެން ގޮތަކަށް ބުނާ ނަމަ، ކުޑަކުއްޖެއްގެ އަތުން އޭނާގެ ކުޅޭ އެއްޗެއް އަތުލައިފި ނަމަ އޭނާ ރޯން ފަށައިނެއެވެ.
ތިބާއާ އެ ފިރިހެނަކާ އޮންނަ ގުޅުން ވެސް މި ކަހަލައެވެ. އޭނާގެ އަމިއްލަ އެދުމަކަށްޓަކައި ތިބާއާ ބާއްވާ ގުޅުން ތިބާ ކަނޑައިލައިފި ނަމަ އޭނާ ރޯން ފަށައިނެއެވެ. ނަމަވެސް ރޯތީއޭ ކިޔައިފައި އޭނާ ބޭނުންވާ ކަންތައް އޭނާއަށް ތިބާ ކޮށްދޭކަށް ނުޖެހެއެވެ.
އޭނާ ތިބާއަށް ވަމުންދާ ވައުދުތައް އަޑުނާހާށެވެ. އޭގެ ބަދަލުގައި އޭނާގެ އަމަލުތައް ހުރީ ކިހިނެތްތޯ ފާހަގަކުރާށެވެ.
ފިރިހެނަކު ހަގީގަތުގައިވާ ލޯބީގައި ހުންނަ ސިފަތައް ވަރަށް ގިނަ އަންހެނުންނަށް ނޭނގެއެވެ.
ޖިންސީ އެދުމާއި ކަންތައްތަކާ އުފާވުމާއި ކަންތައްތަކަށް ހާއްސަކަމެއް ދީގެން އުޅުމާއި ތިބާ ދޫކޮށްލައިފައި ތިބާގެ ބައިވެރިޔާ ހިނގައިދާނެތީ ގަންނަ ބިރު ފަދަ ކަންތައްތައް ތިބާއަށް އެނގިދާނެއެވެ.
ލޯބިވުމަކީ ކޮން ގޮތަކަށް އޮންނަންޖެހޭ އެއްޗެއްކަމުގެ ހިޔާލު ދޫކޮށްލައިށެވެ. އަދި ލޯތްބަކީ ހަގީގަތުގައި ކިހިނެތް އޮންނަ އެއްޗެއްކަން ދެނެގަންނަން މަސައްކަތްކުރާށެވެ.
ލޯތްބަކީ އޭނާ ގޯހަކަށް ފަހު ގޯހެއް ހަދަމުންދާއިރު ވެސް ރަނގަޅަށް ކަންތައްތައް ކުރާނެ ކަމަށް އޭނާ ވާ ވައުދުތަކެއް ނޫނެވެ.
ލޯތްބަކީ އެންމެ ފުރަތަމައިން ވެސް އޭނާ ރަނގަޅަށް ކަންތައްތައްކުރަން ފެށުމެވެ. ތިބާއަކީ ހާއްސަ މީހެއް ކަމަށް ބަލައިގަނެ، ތިބާ ދޫކޮށްލަން އޭނާ ނޭދޭކަން ހާމަކުރުމެވެ.
ލޯތްބަކީ ފުރާފުރިހަމަވެފައިވާ ފިރިހެނަކާ ތިބާއާ ދެމެދު އޮންނަ ގުޅުން ދަމަހައްޓަން އޭނާގެ ނަފުސަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ތިބާ އޭނާއަށް ކިޔައިދިނުމެއް ނޫނެވެ. ލޯތްބަކީ ތިބާއާ ނުލައި ނޫޅެވޭނެކަން އިހުސާސްކުރެވިގެން އޭނާ އަމިއްލައަށް އޭނާގެ ނަފުސަށް ރަނގަޅު ބަދަލުތަކެއް ގެނައުމެވެ.
އެހެންކަމުން، ތިބާ ދެކެ މީހަކު ލޯބިވާ ނަމަ، އެ ލޯތްބަކީ އިހުލާސްތެރި ލޯތްބެއްތޯ ތިބާ ދެނެގަންނާށެވެ. އަދި ކޮންމެ ކަމެއް ކުރިމަތިވިޔަސް ތިބާގެ ނަފުސުގެ އަގު ތިބާ ހިފަހައްޓައިށެވެ.
ނޯޓު: ތަރުޖަމާއެއް



advertisment