Support Us

ރެސްޓޯރެންޓަކަށް ކާން އައި އަންހެނެއްގެ އެކަނިވެރިކަން ޝޯޖީ މޯރިމޯޓޯ (ކ) ފިލުވައިލަދެނީ

ޝޯޖީ މޯރިމޯޓޯ: އެކަނިވެރިކަން ފިލުވައިލަދީގެން އާމްދަނީ ހޯދާ މީހެއް

ޒަމާނަށް އައި ބަދަލުތަކާ ގުޅިގެން އިންސާނުންނަށް މިހާރުވަނީ ބޮޑު މައްސަލައަކާ ކުރިމަތިލާން ޖެހިފައެވެ؛ އެކަނިވެރިކަމެވެ.

މިއީ 70،000 އަހަރު ކުރިން ދަނޑުވެރިކަމާއި ޝިކާރަކުރަން އުޅުނު އަހަރެމެންގެ ކާބަފައިން ބާގަތަކުގައި، ގުދުރަތީ ވަސީލަތްތަކުން ޓެންޓް ހަދައިގެން އާއިލާތައް އެކުގައި އުޅޭ ޒަމާނެއް ނޫނެވެ.

ރާއްޖެ ކަހަލަ ގައުމެއްގައި ނިއުކްލިއާ ފެމިލީތައް ފްލެޓްތަކުގައި އުޅުނަސް ޖަޕާން ފަދަ ތަރައްގީވެފައިވާ ގައުމުތަކުގައި ގިނަ މީހުން މިހާރު ކައިވެންޏެއް ނުކުރެއެވެ. އަދި ދަރިން ހޯދާކަށް ބޭނުމެއް ނުވެއެވެ. މައިންބަފައިން މުސްކުޅިވުމުން ފޮނުވައިލަނީ ވަށާޖެހޭ ފަރުވާދޭ މަރުކަޒުތަކަށެވެ.

މިހެންވެ، ދިރިއުޅުމުގެ ލައިފްސްޓައިލަށް އައި މި ބަދަލުތަކުގެ ސަބަބުން ޖަޕާން މީހުންނަށް ވަނީ އެކަނިވެރިކަމުގެ ހިތާމަވެރި އަސަރު އިންތިހާއަށް ނޭދެވޭ މިންވަރަކަށްކޮށްފައެވެ.

މަގުމަތީގައި ހުރި ބެންޗެއްގައި އިށީނދެލައިގެން އަންހެން ކުއްޖެއްގެ އެކަނިވެރިކަން ޝޯޖީ މޯރިމޯޓޯ (ވ) ފިލުވައިލަދެނީ

މި ކަހަލަ މާހައުލެއްގައި ޖަޕާން މީހެއް ކަމަށްވާ ޝޯޖީ މޯރިމޯޓޯއަށް ވަނީ އާމްދަނީ ހޯދުމުގެ އާ ގޮތެއް ފަހުމްވެފައެވެ. އޭނާއަށް އަހަރަކު 80،000 ޑޮލަރު (1.2 މިލިއަން ރުފިޔާ) މިހާރު ލިބެއެވެ. ވިއްކާ ހިދުމަތަކީ މީސްމީހުންގެ އެކަނިވެރިކަން ފިލުވައިލަދިނުމެވެ.

ޝޯޖީ އެ މީހުންނާއެކު ހޭދަކުރާ ވަގުތު ވަކި ކަމެއް ކުރާކަށް ނުޖެހެއެވެ. އޭނާ އެއްވެސް ކަމެއް ނުކޮށް ހުއްޓަސް އޭނާގެ ހިދުމަތް ގަންނަ މީހުންނާ އެކުގައި ވަގުތު ހޭދަކުރުމުން އެ މީހުން ހިތްހަމަޖެހެއެވެ. މިސާލަކަށް، ޕާކެއްގެ ބެންޗެއްގައި ޖައްސައިލައިގެން ނުވަތަ ރެސްޓޯރެންޓެއްގައި ކަސްޓަމަރު އިންނަ ވަގުތު އޭނާއާއެކު އިތުރު ކަމެއް ނުކޮށް ޝޯޖީ އިނަސް ކަސްޓަމަރު ހިތްހަމަޖެހެއެވެ.

މިހެންވެ، ޝޯޖީއަކީ "ޑޫ ނަތިން ފްރެންޑް" ("އެއްވެސް ކަމެއް ނުކުރާ ރަހްމަތްތެރި")އެކެވެ.

"ނަމަވެސް އެކުވެރިއެއްގެ ގޮތުގައި ދެ ތިން ގަޑިއިރު ހޭދަކުރިއަސް އެއްވެސް ކަސްޓަމަރެއްގެ ހަގީގީ ރަހްމަތްތެރިއަކަށް ވާން އަހަރެން ބޭނުމެއް ނޫން،" ޝޯޖީ ބުންޏެވެ.

ޝޯޖީ އެކަނިފިލުވައިދޭ ރޭޓަކީ ދެތިން ގަޑިއިރަށް 100 ޑޮލަރު (1،536ރ.)އެވެ. އެއީ އެއްވެސް މާނައެއްގައި ރަހްމަތްތެރިކަމުގެ ގުޅުމެއް ނުބާއްވައެވެ. ހަމައެކަނި ކޮށްދޭންޖެހޭ ކަމަކީ އެ ކަސްޓަމަރަކާއެކު ވަގުތު ހޭދަކުރުމެވެ. އެ ގޮތުން 2018 އިން ފެށިގެން މިހާތަނަށް ޝޯޖީ ވަނީ 1،000 އަށްވުރެ ގިނަ މީހުންގެ އެކަނިވެރިކަން ފިލުވައިދީފައެވެ. އޭގެ ތެރޭގައި ޖަޕާން މީހުންނާ އަދި ބިދޭސީ ކްލަޔަންޓުން ހިމެނެއެވެ.

އިޖުތިމާއީ ގުޅުންތައް ކެނޑުމުގެ "ބައްޔަށް" ޖަޕާންގައި މިހާރު ވަނީ ބަހެއް ވެސް ކިޔައިފައެވެ؛ އެއީ "ހިކިކޮމޮރި" ސިންޑްރޯމްއެވެ.

މި އެކަނިވެރިކަމުގެ ބައްޔަށް ފަރުވާ ދޭން މާބޮޑު ކަމެއް ކުރާކަށް ނުޖެހޭ ކަމަށް ޝޯޖީ ބުންޏެވެ.

"މަޑުމަޑުން އަނގައިން ނުބުނެ އެ މީހުންގެ ގާތުގައި އިށީނދެލައިގެން ތިބުން ވެސް އެ މީހުންނަށް އޯކޭ. އެ މީހުންނާއެކު ހިނގައިލަން ދިއުމުން ވެސް އެ މީހުން ހިތްހަމަޖެހޭ. އަދި ބައެއް ފަހަރަށް އެ މީހުން ކުރާ އާދަޔާ ހިލާފު ކަންތައްތައް ބަލަން އިނަސް އެ މީހުންނަށް ވަރިހަމަ. މިސާލަކަށް، ބައެއް މީހުން ކޮށައިފައި ހުންނަ ކަރުދާސް ވެސް ކައި،" ޝޯޖީ ބުންޏެވެ.

މި އަހަރު ކުރީކޮޅު އޭނާ ވަނީ އާ ގޮތަކަށް އެކަނިވެރިކަން ފިލުވައިދޭ ހިދުމަތެއް ވެސް ފަށައިފައެވެ. އެއީ، މިސާލަކަށް، ބާޒާރުކުރަން ދާއިރު ނުވަތަ ވީޑިއޯ ގޭމް ކުޅެންދާއިރު އެ ކަސްޓަމަރަކު ޝޯޖީގެ ދަތުރާއި ކެއުމުގެ ހަރަދު ދެންޏާ އެ މީހުންނަށް އެކަނިވެރިކަން ފިލުވައިދިނުމެވެ.

ބައެއް މީހުން ދެކެނީ ޝޯޖީގެ "ވަޒީފާ"އަކީ އާދަޔާހިލާފު ކަމެއް ކަމަށެވެ.

"މި މަސައްކަތާމެދު އަހަރެން އުފާވޭ. އަދި މާބޮޑު ސްޓްރެސްއެއް ނުލިބޭތީ ވެސް ހިތްހަމަޖެހޭ،" ޝޯޖީ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް