އދ.ގެ އާއްމު މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ތަގުރީރަކީ ހުރިހާ ގޮތަކުން ވެސް ތަފާތު ތަގުރީރެކެވެ. ގާތްގަނޑަކަށް 15 މިނެޓްގެ އެ ތަގުރީރުގެ ބަލާޣާތްތެރިކަމާއި ހުށަހަޅުއްވައިދެއްވި ގޮތާއި ސްޓައިލް ވެސް މީގެ ކުރިން ރާއްޖޭގެ ރައީސުން އދ.ގައި ދެއްވި ތަގުރީރުތަކާ އަޅާބަލާއިރު މުޅިން ތަފާތެވެ. ކުޅަދާނަވެފައި މޮޅެވެ.
ރައީސްގެ ވާހަކަފުޅު ފެއްޓެވީ ވެސް ދުނިޔެއަށް މި ވަގުތު ކުރިމަތިވެފައިވާ ނާޒުކު ދަނޑިވަޅަށް ބައްލަވައިލެއްވުމުންނެވެ.
"އިންސާނުން މިހާރު ވަނީ މައްސަލަތަކުގެ ތެރެއަށް ފުނަށް ވެއްޓިފައި. އެއީ ދިގު ލިސްޓެއް. ހަނގުރާމަ އާއި ފަގީރުކަމާއި ބަނޑުހައިހޫނުކަމާއި މޫސުމަށް އަންނަ ބަދަލުތަކާއި މުއްސަނދިންނާއި ފަގީރުންގެ ދެމެދުގައިވާ ފަރަގާއި އަތްފޯރާފަށުގައި ދިރިއުޅުމުގެ ހަރަދުތައް ނެތުމާއި ހިޖުރަކުރުމާއި ވަޒީފާ އާއި މަސްތުވާތަކެތީގެ މައްސަލަ އާއި މި ފަދަ މި ފަދަ މައްސަލަތައް،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މީގެ ތެރެއިން ގިނަ މައްސަލަތަކަކީ އިންސާނުންގެ ސަބަބުން އުފެދިފައިވާ މައްސަލަތަކެއް ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެން އަނެއް ފަރާތަށް މި އެނބުރިލަނީ. ކަމެއް ނުވާ ކަހަލަ. ނުރައްކަލުގެ ރަނގަބީލު ޖަހަމުންދާއިރު، ގޮތް ނޭނގޭ ކަނޑުތަކެއްގެ އަޑިއަށް ފުނުންފުނަށް ދާއިރު، އެއް މިއުޒިކެއް ކުޅުމުގައި މި ތިބެނީ،" ރައީސް ވިދާޅުވިއެވެ.
އދ.ގެ ނަމުގެ ދިގު ގޮތަށް ބައްލަވައިލައްވަމުން ރައީސް ވިދާޅުވީ ދުނިޔެއަށް މިހާރު ބޭނުންވަނީ ހިތްދަތިކަމުގެ ތެރޭގައިވާ "އެކުވެރި ދައުލަތްތަކެއް"ގެ ބަދަލުގައި އެއްބައިވަންތަ "ދައުލަތްތަކުގެ އެކުވެރިކަމެއް" ކަމަށެވެ.
"މިއީ ދުނިޔެއަށް މުހިންމު ވަގުތުތަކެއް، އަޅުގަނޑުގެ ގައުމަށް މުހިންމު އަހަރުތަކެއް،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ކިބައިން ނިގުޅައިގަނެވިފައިވާ މިނިވަންކަން އަލުން ލިބުނުތާ 75 އަހަރުވާނީ 2040 ގައި ކަމަށާއި އެ ކަމަށްޓަކައި ރާއްޖެއަށް ދުނިޔެއިން ކޮށްދެވޭނެ ކަންތައްތަކަށް ދުނިޔެ ތައްޔާރުތޯ ރައީސް ސުވާލުއުފެއްދެވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގެ ރައީސްކަމާ ހަވާލުވެވަޑައިގަތީ ދިވެހިންގެ ހުވަފެންތަކުގެ ޒިންމާއާއެކު ކަމަށާއި އެއީ އެ މަނިކުފާނުގެ ހިތާ ގުޅިފައިވާ ކަންތައްތަކެއް ކަމަށާއި ހަމައެކަނި މިހާރަށް އެކަނި ނޫން ކަމަށާއި ކުރިމަގުގެ ވެސް އުއްމީދުތަކެއް ކަމަށެވެ.
"މިއަދު އަޅުގަނޑު އދ.ގެ ކުރިމައްޗަށް އައިސް މި ހުރީ އަޅުގަނޑުގެ ގައުމު ގެންދާނެ ގޮތުގެ ތަސައްވުރަކާއެކީ. އެ ގޮތުން 2040 ވަނަ އަހަރާ ހަމައަށް އަންނަން ވާއިރަށް އަޅުގަނޑުގެ އެދުމަކީ ދިވެހި ރާއްޖެ މުޅިން ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ދުށުން. އިހުތިރާމް ލިބިގެންވާ، އެންމެން ބަލައިގަންނަ، އަދި ކެތްތެރި ގައުމެއް ކަމުގައި ހެދުން. ހުރިހާ އެންމެން ބަލައިގަންނަ، އިންސާފުވެރި މުޖުތަމައަކަށް ހެދުން. ދެމެހެއްޓެނިވި ތަރައްގީ އާއި ޑިމޮކްރެޓިކް ހިންގުންތެރިކަމެއް އޮތް ގައުމެއްގެ މިސާލަކަށްވުން،" ރައީސް ވިދާޅުވިއެވެ.
"ތަގުދީރަކީ އަމިއްލައަށް އަންނަ އެއްޗެއް ނޫން. އެއީ އަޅުގަނޑުމެން ނިންމާ ގިނަގުނަ ގޮތްތަކާއި ގިނަގުނަ ނިންމުންތަކާއި އަޅުގަނޑުމެން މަސައްކަތްކުރާ ގިނަގުނަ ގަޑިއިރުތައް އެއްކޮށްލުމުން ނުކުންނަ ނަތީޖާ. ތަރައްގީވެފައިވާ ގައުމަކަށްވުމަކީ ބުރަ މަސައްކަތެއް ކަމަށާއި ދުރުގައިވާ ކަމެއްހެން ހީވެދާނެ. އެކަމަކު އަޅުގަނޑު ދަންނަވާނީ އަމާޒަކަށް ނަޒަރު ބަހައްޓައިގެން، ރޭވުމަކައިގެން ކުރިއަށްދާ ނަމަ، އެއީ ކުރެވިދާނެ ކަމެކޭ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމަކީ ދިވެހިންނަށް އާ ކަމެއް ނޫން ކަމަށެވެ. އެ ގޮތުން ރާއްޖެއަށް ގެއްލުނު މިނިވަންކަން 1965 ގައި އަލުން އަނބުރާ ލިބުނުއިރު ރާއްޖެއަކީ ދުނިޔޭގެ އެންމެ ފަގީރު އެއް ގައުމުކަމަށާއި އާބާދީގެ ތިންބައިކުޅައެއްބައި ރައްޔިތުންނަކީ ލިޔަންކިޔަން ނުދަންނަ މީހުން ކަމަށެވެ. ކޮންމެ 10 ކުދިންގެ ތެރެއިން އެއް ކުއްޖަކަށްވުރެ ގިނަ ކުދިން އުމުރުން އެއް އަހަރުވުމުގެ ކުރިން ނިޔާވާ ކަމަށާއި އެއްވެސް ސިނާއަތެއް ނެތް ކަމަށާއި އެކްސްޕޯޓް ވެސް ނެތްއެއްޗެއްފަދަ ކަމަށާއި އިގުތިސާދީ ފުރުސަތުތައް ވެސް މަދުކަމަށެވެ. ނަމަވެސް އެންމެ ބައި ގުރުނުގެ ތެރޭގައި މަތީ މެދު ފަންތީގެ ގައުމަކަށް ރާއްޖެ ތަރައްގީވިކަން ރައީސް ފާހަގަކުރެއްވިއެވެ.
"މިއީ އަޅުގަނޑުމެން އާދަޔާހިލާފަށް ފަހުރުވެރިވާ ކަމެއް،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ކުރިމަގުގައި ރާއްޖެ ތަރައްގީ ކުރެވިދާނެ ގޮތްތަކަށް އަލިއަޅުއްވައިލިއެވެ. ގައުމުގެ އުފެއްދުންތެރިކަން ކުރިއެރުވުމާއި އިގުތިސާދު މުޅިން ޑިޖިޓައިޒްކޮށް، އާޓިފިޝަލް އިންޓެލިޖެންސް (އޭ.އި) ބޭނުންކުރުމުގެ އިތުރުން ރާއްޖޭގެ ގުދުރަތީ ރީތިކަން ދަމަހައްޓައި ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. ޑިޖިޓަލްކޮށްފައިވާ އިގުތިސާދެއް ގާއިމުކޮށްގެން، އަމިއްލަ ވިޔަފާރި ނުވަތަ ޕްރައިވެޓް ސެކްޓަރ ވަރުގަދަކޮށްގެންނެވެ.
އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށްޓަކައި އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުމުގެ މަޝްރޫއުތަކަށް ބައްލަވައިލައްވައި، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދަވާނެ ގޮތަށް ވެސް ރައީސް އަލިއަޅުއްވައިލެއްވިއެވެ.
ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި ތަރައްގީ ނެގެހެއްޓުމަށްޓަކައި އދ.އިން ކުރަމުން އަންނަ މަސައްކަތުގައި މުއާހަދާތަކަށް އިހުތިރާމް ކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"ބައްދަލުކޮށް، ވާހަކަދައްކައި، ހުވާތައްކޮށް އެކަމަކު އެއްވެސް ކަމެއް ނުކޮށް ތިބެވޭކަށް ނެތް،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ "ބޮޑު ނުވަތަ ކުޑަ، މުއްސަނދި ނުވަތަ ފަގީރު، ނުފޫޒު ގަދަ ރަހްމަތްތެރިން ތިބި ނުވަތަ ނެތް" ގައުމަކަށް ވިޔަސް އެއިން އެއްވެސް ގައުމަކުން ހައްގަކަށް އަރައިގަތުން ބަލައިނުގަނެވޭނެ ކަމަށެވެ. އެ ގޮތުން ބަލާއިރު އިސްރާއީލުން ޣައްޒާގައި ކުރިއަށްގެންދާ ނަސްލު ނައްތައިލުމުގެ މައްސަލައަކީ އިންސާފާއި ބައިނަލްއަގުވާމީ ހަމަތަކާ ހިލާފު ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އދ.އަކީ ބޭނުންތެރި ޖަމާއަތަކަށް ވާނީ އިންސާނުންގެ ހަޔާތަށް ހަގީގީ ބަދަލެއް ގެނެސްދޭ ނަމަ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖެއިން މަސައްކަތް ކުރަމުން އަންނަނީ އދ.ގެ އިގުތިސާދީ އަދި އިޖުތިމާއީ ކައުންސިލްގެ 2027 އިން 2029 އާ ހަމައަށް އޮންނަ ދައުރަށް ހޮވުމަށެވެ. އެއީ އދ.ގެ ތަރައްގީގެ ނިޒާމު ޒަމާނަށް ފެތޭނެ ގޮތަށް މަސައްކަތްކުރުމަށެވެ.
"އދ.އަށް އިސްލާހާއި ތާޒާކަން ބޭނުންވޭ. ހުރިހާ ކަމެއްގެ ރަމްޒަކަށް ވާން ޖެހޭ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ "މީގެ 59 އަހަރުކުރިން ގޮތްނޭނގޭ ކަނޑެއް ކަޑައްތުކުރުމަށް ފަހު ފުރަތަމަ ޖެހުނު ބަނދަރުން އދ.ގެ އެހީއަށް އެދި އަތް ދިއްކުރި" ކަމަށެވެ. ރާއްޖެ ބަލައިގަނެ، ރާއްޖޭގެ އެކުވެރިއަކަށް ވުމަށް އެދިއެވެ.
"އަޅުގަނޑުމެން އައީ ފަގީރު އަދި ނިކަމެތި ގައުމެއްގެ ގޮތުގައި. ނަމަވެސް އެއީ މުއްސަނދިވުމުގެ ތަސައްވުރަކާއެކު. ތިޔަ ޖަމާއަތުގެ އެހީއާއެކު އެ ތަސައްވަރުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދި. މިއަދު އަނެއްކާ ވެސް މި އައީ ތަންކޮޅެއް މައްޗަށް، ތަންކޮޅެއް ދުރަށް، އަދި ތަންކޮޅެއް ރަނގަޅަށް އަމާޒު ހިފަން. އެއީ 2040 އަންނައިރު ދިވެހި ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ ތަސައްވުރާއެކު. ސަބަބަކީ އަޅުގަނޑު ގަބޫލުކުރަނީ ތަރައްގީއަކީ ތަގުދީރުކަމަށް. އަދި އަޅުގަނޑުމެންގެ ތަގުދީރު އެދެނީ އުޖާލާ ކުރިމަގަކަށްކަން. އެއީ އަދުގެ އަދި ކުރިމަގުގެ ޖީލުތަކަށްވެސްމެ،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ އާދަޔާހިލާފު ބަލާޣާތްތެރި ތަގުރީރުގައި ވިދާޅުވީ "ދިވެހި ރާއްޖެއަކީ ދައްކާ ވާހަކާއާ އެއްވަރަށް ފިޔަވަޅު ވެސް އަޅާ ގައުމެއް" ކަމަށެވެ.



advertisment