Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ކޭތައެއް ހިފާ މާހަނދެއް

ދުނިޔޭގެ އެކިއެކި ތަންތަނަށް ހުންނަ ވަގުތުގެ ތަފާތުން، މާލޭ ގަޑިއަށް ނިސްބަތްކޮށް ބަލާއިރު، މި ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހުގެ ރެޔަކީ، މިއަަހަރު ތެރޭގައި ފެންނަ، ދެ ސުޕަރމޫނުންކުރެ، ފުރަތަމަ ސުޕަރސުޕަމޫން ފެންނަ ރެއެވެ. އަދި މި ސުޕަރމޫންގައި ކޭތަވެސް ހިފާ ރެއެކެވެ.

ނަމަވެސް މިކޭތަ އަކީ ވަރަށް ކުޑަ މިންވަރަކަށް ހިފާ ކޭތައެކެވެ. މި ކޭތައިގައި ކަޅުހިޔަނި ކޭތަ ހިފާނީ ވަރަށް ކުޑަކުޑަ މިންވަރަކަށެވެ.

އެފްރިކާ ބައްރުގެ މެދުތެރޭ ސަރަޙައްދުން ފެށިގެން އެޓްލާންޓިކް ކަނޑު ހުރަސްކޮށް، ހުޅަނގަށް ގޮސް އެމެރިކާ (ޔޫއެސްއޭ) ގެ މެދުތެރޭގެ ސަރަޙައްދާ ދެމެދަށް، މި ކޭތަ ހަތަރުގަޑިއެއްހައި އިރަށް ދިގުދެމިގެން ދާނެނަމަވެސް އެ ސަރަޙައްދުގައި ހިމެނޭ ގައުތަކަށްވެސް ވަރަށް ކުޑަ މިންވަރަކަށް މެނުވީ މި ކޭތައެއް ނުފެންނާނެއެވެ.

މިކޭތަ ދުނިޔެއަށް އެހައި ކުޑަ މިންވަރަކަށް ފެންނަ ސަބަބާމެދު ފަލަކީ ނަޒަރަކުން ބަލާއިރު، މި މަހު ހަނދުގެ އަލިކަން ފުރިހަމަވާ ވަގުތާ މާލޭގަޑި ދިމާވާ 18 ސެޕްޓެމްބަރުގެ ހެނދުނު 07:32 ގައި، އިރު، ކާންޏަ ރާހީގެ 25 ދަރަޖަ 40 ދަގީގުގައި ހުރެފައި، ހަނދު މީންޏަ ރާހީގެ 25 ދަރަޖަ 40 ދަގީގުގައި ހުންނާތީ، އެ ވަގުތު ދުނިޔޭގެ ހުޅަނގު ދެކުނު އަރިމަތި ވަރަށް ކުޑަކުޑަ މިންވަރެއް މެނުވީ، އިރާއި ހަނދާ ދެމެދަށް ނުވަންނާނެއެވެ. އެ ސަބަބާހުރެ ހަނދުގެ އިރުއުތުރު ފަރާތު އަރިމައްޗަށް ދުނިޔޭގެ ކަޅުހިޔަނިވެސް ވަރަށް ކުޑަކުޑަ މިންވަރަކަށް މެނުވީ ނޭޅޭނެއެވެ. މިކޭތައިގައި އެހައި ކުޑަކުޑަ މިންވަރަކަށް ދުނިޔޭގެ ކަޅުހިޔަނި ހަނދަށް އެޅޭ ސަބަބަކީ އެއެވެ.

މި ކޭތަ މާލެއަށް ހިފާން ފަށާނީ ފަތިހު 5:41 ގައެވެ. ހަނދު އޮއްސޭނީ 5:56 ގައެވެ. އެހެންވުމުން ކޭތައިގެ ވަގުތުގެ ތެރޭގައި މާލެއަށް ހަނދު އުދަވެ ހުންނަ ވަގުތު ޙިއްޞާކުރާނީވެސް އެންމެ 15 މިނެޓްގެ ކުޑަކުޑަ ހިނދުކޮޅަކަށެވެ.

މިރޭ (17 ސެޕްޓެމްބަރ ދުވަހުގެރޭ) ގެ ހަނދަކީ މި އަހަރު ފެންނަ އެންމެ ސައިޒުންބިޔަ، ދެ ހަނދުން (ދެ މާހަނދުން) އެއް ހަނދެވެ. މި މާހަނދު މިފަހަރު ދުނިޔެއާ އެންމެ ކައިރިޔަށް އަންނަ ވަގުތު، ހަނދު ދުނިޔެއާ ކައިރިޔަށް އަނާނީ 266,266 މޭލުގެ މިންވަރަށެވެ. ދުނިޔެއާ އެންމެ ކައިރިޔަށް ހަނދު އައުމަށް އިނގިރޭސި ބަހުން ކިޔާއުޅެނީ Perigee އެވެ. މި ޙާލަތުގައި އާންމު ހަނދަށްވުރެން ހަނދުގެ ސައިޒު %14 ބޮޑުވެފައި ޢާންމު ހަނދުގެ އަލިކަމަށް ވުރެން ހަނދުގެ އަލިކަންވެސް %30 އަށް ގަދަވާނެއެވެ. އެވަގުތު ހަނދު ހުންނާނީ ޢަރަބި ބަހުން ކިޔާ ގޮތުންނަމަ އޭގެ މަންޒިލެއް ކަމުގައިވާ فَرْعُ الْمُؤَخِّر ގައެވެ.

އެއީ، ދިވެހި ބަހުން ކިޔާ ގޮތުންނަމަ ފަސްބަދުރުވަ ނަކަތެވެ. ފަސްދަބުރުވަ ނަކަތަކީ ދިވެހިބަހުން ކިޔާ މީންޏަ ރާއްހީގެ ތަރިއެކެވެ. ޢަރަބި ބަހުން އެ ބުރުޖަށް ކިޔަނީ ޙޫތު ބުރުޖެވެ.