އެހެން މީހުން ތިބާ އާމެދު ދެކޭ ގޮތަކީ ތިބާގެ ޝަހުސިއްޔަތު ބައްޓަން ކުރަން ބޭނުންކުރާ އުޒުރެއް ކަމަށް ނުހަދާށެވެ. ތިބާގެ ދިރިއުޅުން ބިނާކުރާނީ ތިބާ ބޭނުންވާ ގޮތަށެވެ.
މި ބަލައިލަނީ މަޝްހޫރު ބައެއް މީހުން އެ މީހުންގެ ހަޔާތް ބަދަލުވި ނުވަތަ ބަދަލުކޮށްލި ގޮތް އެ މީހުންގެ ދުލުހުން ކިޔައިދީފައިވާ ގޮތަށެވެ.

- ޑރ. ބެން ކާސަން:
"ސްކޫލްގައި އެންމެ ކުޑައިރު ވެސް އަހަރެންނަށް ފިލާވަޅު ދަސްކުރަން އުނދަގޫވިއެވެ. ނަމަވެސް 1987 ގައި ނާރުތަކުގެ އޮޕަރޭޝަން ކުރާ ދުނިޔޭގެ އެންމެ މަޝްހޫރު ޑޮކްޓަރަށް އަހަރެންވިއެވެ."
ފިލާވަޅު: މަސައްކަތްކުރުމުން ތިބާ ދާނީ ކާމިޔާބުގެ ތުންފަތްމައްޗަށެވެ. އެހެންކަމުން އަދި އަތްއުރައިލާކަށް ނުވެއެވެ.

- އޮޕްރާ ވިންފްރީ:
"އުމުރުން ނުވަ އަހަރުގައި ރޭޕްގެ ޝިކާރައަކަށް އަހަރެންވިއެވެ. ނަމަވެސް މިހާރު އަހަރެންނަކީ ދުނިޔޭގައި އެންމެ ނުފޫޒު ގަދަ އެއް އަންހެންމީހާއެވެ."
ފިލާވަޅު: ތިބާގެ މާޒީއަކީ ތިބާގެ ކުރިމަގު ބައްޓަން ކުރާ އެއްޗަކަށް ނުހަދާށެވެ.

- ބިލް ގޭޓްސް:
"ޔުނިވާސިޓީ ތައުލީމު ވެސް ކުރިއަށް ނުގެންދެވި އަހަރެން މަތީ ތައުލީމު ހާސިލުކުރުން ހުއްޓައިލީމެވެ. އެކަމަކު ދުނިޔޭގެ އެންމެ މުއްސަނދި މީހާއަށް އަހަރެންވިއެވެ."
ފިލާވަޅު: ތިބާ މުއްސަނދިކޮށްދެނީ މަދަރުސާއަކުން ނޫނެވެ. ސްކޫލަކީ ތިބާ މުއްސަނދިވުމުގެ މަގު "އޮފު"ކޮށްދޭ ތަނެވެ.

- ޖޮއިސް މެޔަރ:
"ޖިންސީ، ނަފުސާނީ، ޖަޒުބާތީ އަދި މުހާތަބު ކުރުމުގައި ވެސް އަހަރެންގެ ބައްޕަ ވަނީ އަހަރެންނަށް އަނިޔާވެރިވެފައެވެ. އަހަރެން ހަނދާން ހުންނަން ފެށިއިރުއްސުރެ ވެސްމެއެވެ. އެއީ އަހަރެންނަށް 18 ފުރެންދެނެވެ. އަށާރަ އަހަރު ފުރުމާއެކު އަހަރެން ގެއިން ނުކުތީމެވެ. އަދި ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް ދީނީ އިލްމްވެރިޔާއަށް ވީމެވެ."
ފިލާވަޅު: މާޒީ ބޭނުންކުރަންވާނީ ތިބާއަށް ރަނގަޅު ކުރިމަގެއް ހޯދުމަށް ހިތްވަރު ހޯދާ ފިޔަވަޅަކަށެވެ. ތިބާގެ ޝަހުސިއްޔަތު ނުރަނގަޅު ގޮތަކަށް ބައްޓަންކޮށް، ތިބާ ކުރަން ބޭނުންވާ ކަންތައްތަކަށް ހުރަސްއަޅާ އެއްޗަކަށް ނޫނެވެ.

- ކްރިސްޓިއާނޯ ރޮނަލްޑޯ:
"އަހަރެމެން ވަރަށް ބޮޑަށް މުއްސަނދިވާނެއޭ އަހަރެންގެ ބައްޕަގެ ގާތުގައި ބުނީމެވެ. ނަމަވެސް ބައްޕަ އަހަރެންގެ ވާހަކަ ގަބޫލެއް ނުކުރިއެވެ. އެކަމަކު އަހަރެން މި ވަނީ އެ ކަން ހަގީގަތަކަށް ހަދައިފައެވެ."
ފިލާވަޅު: ތިބާ ބުނާ ބަހަކީ ތިބާގެ ހަޔާތުގެ މައްޗަށް ބާރު ހިންގާ ގާނޫނާއި ގަވާއިދެވެ. ތިބާ ދުލުން ބޭރުކޮށްލި ބަހެއް އެއީ އަމިއްލަ ނަފުސަށް ގަބޫލުކުރާ އެއްޗަކަށްވާ ނަމަ، ތިބާގެ އަނގައިން ނުކުންނަ ކޮންމެ ބަހެއް ތެދުހަގީގަތަކަށް ވާނެއެވެ. ތިބާއަށް ލިބޭނީ ތިބާ ބުނާ ބަހެއްގެ ނަތީޖާއެވެ.

- ލިއޮނެލް މެސީ:
"ފުޓުބޯޅަ ތަމްރީންތަކަށް ފައިސާ ހޯދުމަށް އަހަރެން ފިހާރައެއްގައި ސައި ވިއްކީމެވެ. ނަމަވެސް އަހަރެން ވީ ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަކުޅުންތެރިޔާއަށެވެ."
ފިލާވަޅު: ތިބާ ދެކޭ ހުވަފެން ތިބާ ގަބޫލުކުރާށެވެ. ހިތަށް ލިބޭ ވޭނަކީ ތިބާގެ ކުރިމަގު ކަނޑައަޅާ އެއްޗަކަށް ނުހަދާށެވެ.

- ސްޓީވް ޖޮބްސް:
"މާޒީގައި އަހަރެން ނިދީ ރަހްމަތްތެރިންގެ ކޮޓަރިތަކުގެ ބިންމަތީގައެވެ. ކޮކާ ކޯލާ ހުސްކުރި ފުޅި ހޮވައިގެން އެ ފުޅިތައް އަނބުރާ އިއާދަކޮށްގެން ފައިސާ ހޯދީ ކައިބޮއެ އުޅުމަށެވެ. އަދި ފަހުން ފައްޅިއަކުން ހަފުތާއަކު އެއް ފަހަރު ލިބޭ ހިލޭ ކެއުން ކައިގެން އުޅުނީމެވެ. ނަމަވެސް ފަހުން އަހަރެންވީ އެޕަލް ކުންފުނި އުފެއްދި މީހާއަށެވެ."
ފިލާވަޅު: މިއަދު ތިބާއަކީ "ކުޑަ" މީހެއް ނަމަވެސް އޭގެ މާނައަކީ މާދަމާ ތިބާ "ބޮޑު" މީހަކަށް ނުވާނެއޭއެއް ނޫނެވެ. އެހެންކަމުން މާތްﷲ އަށް އިތުބާރުކުރުންމަތީ ދެމިހުންނާށެވެ.

- ޓޯނީ ބްލެއަރ:
"އަހަރެންގެ ޓީޗަރުން އަހަރެންނާ ދިމާއަށް ބުނަމުންދިޔައީ އަހަރެންނަކީ ފޭލިވެފައިވާ ދަރިވަރެއް ކަމަށެވެ. އެކަމަކު އަހަރެން ފަހުން ވަނީ (އިނގިރޭސި ވިލާތުގެ) ބޮޑު ވަޒީރަށްވެފައެވެ."
ފިލާވަޅު: އެހެން މީހަކު ދެކޭ ގޮތް އެއީ ތިބާގެ ކުރިމަގުގެ ހަގީގަތް ކަމަށް ނުހަދާށެވެ.
މި ބަލައިލީ އެހެން މީސްމީހުންގެ ފަރާތުން ބަދު ބަސް ލިބި، އަދި މާޒީގައި ހިތާމަ ލިބިފައި، ނަމަވެސް މިހާރު ރަނގަޅު ހަޔާތެއް ލިބިފައިވާ ދުނިޔޭގެ މަޝްހޫރު އަށް މީހުން އެ މީހުންގެ ދިރިއުޅުން ކުރިއަށް ދިޔަ ގޮތް ކިޔައިދީފައިވާ ގޮތަށެވެ. އެހެންކަމުން ތިބާ ވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ ދުނިޔެއަކީ އަބަދު އެއް ގޮތަކަށް އޮންނަ ތަނެއް ނޫން ކަމާއި ތިބާ ހީވެސް ނުކޮށް ހުއްޓައި، ހީވެސް ނުކުރާ ފަދަ ގޮތަކަށް ތިބާގެ ދިރިއުޅުން ބަދަލުވެދާނެ ކަމެވެ. ބޭނުންވަނީ ކެތްތެރިކަމާއި ހިތްވަރާއެކު ރަނގަޅު ކުރިމަގެއް ހޯދަން ކެނޑިނޭޅި މަސައްކަތްކުރުމެވެ.
ނޯޓު: ތަރުޖަމާއެއް
