Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ހިތުގައި ނުޖައްސައި އަނބިމީހާ ރަނގަޅުކުރެވިދާނެ 13 ގޮތަކީ މިއީ

އަނބިމީހާގެ ރަނގަޅުކުރަންޖެހޭ ސިފަތަކެއް ހުރި ކަމަށް ތިބާއަށް ފެންނަ ނަމަ، އަންނަނިވި ގޮތްތަކާ އެއްގޮތަށް އަމަލުކުރާށެވެ.

1: ތިބާގެ އަޑު މަޑުކުރާށެވެ:

އަނބިމީހާއާ ދިމާއަށް ހަޅޭއްނުލަވައްޗެވެ. އޭނާއަކީ ތިބާގެ ދަރިއެއް ނޫނެވެ. ތިބާއަށް އޭނާ ރަނގަޅު ކުރެވިދާނެއެވެ. އެކަމަކު އޭނާއާ ދިމާއަށް ހަޅޭއްލަވަންވީ ކީއްކުރަން ހެއްޔެވެ؟

2: ލޯތްބާއެކު އަމަލު ކުރާށެވެ:

އަނބިމީހާ ރަނގަޅުކުރަން ބޭނުންކުރާ އުކުޅުތަކުގައި ލޯބި އެކުލަވަން ވާނެއެވެ. އެހެން ގޮތަކަށް އަމަލުކޮށްފި ނަމަ އެ ކަން ބަދަލުވެގެންދާނީ އޭނާއާ ދިމާއަށް ފާޑުކިޔުމަކަށެވެ. އަދި އޭނާގެ އަމަލުތައް ކުށްވެރިކުރުމަކަށެވެ.

3: ކުށްވެރިނުކުރާށެވެ:

އޭނާ ކުށްވެރިކުރުމުން ދުރުވާށެވެ. ލޯތްބާއެކު އޭނާގެ ކަންތައްތައް ރަނގަޅުކުރުމުގައި އަމަލުކުރާށެވެ. ގިނަ މީހުން ބުނާނީ ކުށްވެރިކުރުމަކީ "ބިނާކުރަނިވި ފާޑުކިޔުން" ކަމަށެވެ. އެކަމަކު ހަގީގަތަކީ އަނބިމީހާގެ ކުށްތައް ފާހަގަކުރާއިރު ތިބާއަށް އޭނާއާމެދު ނުރުހެވެނީއެވެ. ރަނގަޅުކުރުމަކީ ކުށް ދެއްކުމުގެ ބަދަލުގައި އޭނާއަށް އިހުތިޔާރުކުރެވިދާނެ ގޮތްތަކެއް ދެއްކުމެވެ. ރަނގަޅުކުރުމާއި ފާޑުކިޔުމަކީ މުޅިން ތަފާތު ދެ ކަމެކެވެ.

4: ރަނގަޅު ސިފަތަކަށް ތައުރީފުކުރާށެވެ:

ރަނގަޅު ގޮތުގައި އަނބިމީހާގެ ކަންތައްތައް ރަނގަޅުކުރުމުގައި މަސްއޫލުވާއިރު އޭނާއަށް ތައުރީފުނުކުރާ ނަމަ ތިބާއަށް ކަންތައްތައް ތިޔަ ކުރެވެނީ ރަނގަޅަކަށް ނޫނެވެ. މިހެންވެ އަނބިމީހާއަށް ތައުރީފުކުރުމަކީ އާދައަކަށް ހަދާށެވެ. އޭނާގެ ރަނގަޅު އަމަލުތައް ބަލައިގަންނާށެވެ.

5: ދަރިންގެ ކުރިމަތީގައި އަނބިމީހާގެ ކުށް ނުދައްކާށެވެ:

ކެނޑިނޭޅި ނުވަތަ މާ ގިނައިން އަނބިމީހާގެ ކުށްތައް ދަރިންގެ ކުރިމަތީގައި ފާހަގަކުރަން ފަށައިފި ނަމަ އެ ކުދިން އެ ކުދިންގެ މަންމައަށް ކުރާ އިހުތިރާމް ކުޑަވެގެންދާނެއެވެ.

6: އާއްމު ތަންތާނގައި އަނބިމީހާގެ ކުށް ނުދައްކާށެވެ:

އާއްމު ތަންތާނގައި އަނބިމީހާގެ ކުށް ނުދައްކާށެވެ. އެއިރުން ވަކި ތިބާއަށް ރީތި ނަމެއް ނުލިބޭނެއެވެ. އެއާހިލާފަށް އޭނާ އޭނާގެ "ސެލްފް-އެސްޓީމް" އާއި ނަފުސަށް ކުރާ ގަދަރު ކުޑަވެގެން ދާނެއެވެ.

7: އަނބިމީހާ ހަމަ މަގަށްއަޅުވަން ރުޅިވެރިކަމާއެކު މަސައްކަތްނުކުރާށެވެ:

ރުޅިވެރިކަމާއި ހަޅޭއްލެވުމާއި އޭތިމީތި ކިޔުމާއި އަނިޔާކުރުމާއި ޖެއްސުންކުރުން ފަދަ އަމަލުތައް ބޭނުންކޮށްގެން އަނބިމީހާ ރަނގަޅުކުރަން މަސައްކަތްނުކުރާށެވެ. "ހަގީގީ ފިރިހެނުން" މި ކަހަލަ އަމަލުތަކެއް ނުކުރާނެއެވެ.

8: އެހެން އަންހެނުންނާ އަނބިމީހާ އަޅައިނުކިޔައިށެވެ:

އޭނާ ރަނގަޅު ކުރުމުގެ ނިޔަތުގައި އޭނާއާ އެހެން އަންހެނުން އަޅާކިޔުން އެކަށީގެންވެއެވެ. އެ ގޮތުން އޭނާގެ ރަހްމަތްތެރިން ކަންތައްތައް ކުރާ ގޮތް ބެލުމަށާއި އަވައްޓެރިންގެ އަނބިން ކަންތައްތައްކުރާ ގޮތުން މިސާލު ނެގުމަށް އޭނާގެ ގާތުގައި ބުނެވުން އެކަށީގެންވެއެވެ. ނަމަވެސް މި ހުންނަނީ އަނބިމީހާ އެހެން އަންހެނުންނާ އަޅާކިޔުމުގެ އަމަލުތަކެވެ. މި ކަންތައްތައް ކުރުމުން ދުރުވާށެވެ.

9: މާޒީގެ މައްސަލަތަކަށް ނުބަލާށެވެ:

މަޝްވަރާކުރުމާއެކު ނިންމައިފައިވާ ކަންތައްތަކަށް ފަސްއެނބުރި ނުބަލާށެވެ. މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް ސަމާލުކަން ދޭށެވެ. ފުރާފުރިހަމަވެފައިވާ ބޮޑެތި މީހުން ފަދައިން މަޝްވަރާކުރާށެވެ. އަދި މި ގޮތުގައި ހަޔާތާއިގެން ކުރިއަށް ދާށެވެ.

10: އަނބިމީހާގެ އަންހެންވަންތަކަމުގެ ސިފަތަކަށް "ހަމަލާ" ނުދޭށެވެ:

ރަނގަޅު ސިފަތައް ހުންނަ އަންހެނުން ވަކި ގޮތަކަށް ނޫޅޭނެއޭ ނުބުނާށެވެ. ތިބާ އޭނާ ބަދަލުކުރުމުގެ ކުރިން އޭނާ އަމިއްލައަށް އޭނާގެ ނަފުސު ރަނގަޅުކުރާށޭ ނުބުނާށެވެ. "ތިބާއަކީ ތިބާ ހިތުން އަންހެނެއްހޭ؟" މި ފަދަ އެއްޗެއް އަނބިމީހާއާ ދިމާއަށް ނުބުނާށެވެ. މިއީ އަނބިމީހާގެ އަންހެންވަންތަކަމަށް ދެވޭ "ހަމަލާ"ތަކެވެ.

11: އަނބިމީހާގެ ގަދަރަށް "ހަމަލާ" ނުދޭށެވެ:

އަނބިމީހާގެ "ޑިގްނިޓީ"އަށް "ހަމަލާ" ދިނުމުގެ ގޮތުން އޭނާ އުޅެނީ ވިސްނުން ނުގެންގުޅޭ އަންހެނެއްހެންކަމަށް ނުބުނާށެވެ. އޭނާ އެއްވެސް ކަމަކާ ނުވިސްނާ ކަމަށް ނުބުނާށެވެ. އޭނާއަކީ ސްކޫލަށް ނުގޮސް ނުކިޔަވާ ހުރި އަންހެނެއް ކަމަށް ހީވާކަމަށް ނުބުނާށެވެ. މި ކަހަލަ ދެރަ ބަސްތައް އަނބިމީހާއަށް އަމާޒުކުރުމުން ހަގީގަތުގައި ތިބާ ވެސް ސްކޫލަކުން ނުކިޔަވާ ހުރި މީހެއް ފަދައެވެ.

12: އަނބިމީހާ ރަނގަޅު ކުރަން ވާނީ އަމާން ވަގުތެއްގައެވެ:

ބައެއް ފިރިން އެ މީހުންގެ އަނބިންގެ ކަންތައްތައް ރަނގަޅުކުރަން ބޭނުންވަނީ އެ ފިރިންގެ ގާތަށް ރުޅި އައިސްފައިވާ ވަގުތުގައެވެ. ދެމަފިރިންގެ ދޭތެރޭގައިވާ މައްސަލައެއް ދެމަފިރިންނަށް ރަނގަޅަށް ފަހުމްވެފައި ނެތް ވަގުތެއްގައެވެ. ދެމަފިރިންގެ ދެމެދުގައި އޮތް ރުޅިވެރިކަން މައްޗަށް ގޮސް "ފުރާޅުގައި ޖެހިފައިވާ" ވަގުތުގައެވެ. މިއީ އަނބިމީހާ ރަނގަޅު ކުރުމުގެ ގޮތުން އޭނާއާ ވާހަކަ ދައްކައި އޭނާ ރަނގަޅުކުރަންވީ ވަގުތެއް ނޫނެވެ. މި ކަހަލަ ވަގުތުތަކުގައި އަނބިމީހާ ރަނގަޅުކުރަން މަސައްކަތްކޮށްފި ނަމަ ލިބޭނެ މާބޮޑު ނަތީޖާއެއް ނޯންނާނެއެވެ. ނުވަތަ ރަނގަޅު އެއްވެސް ނަތީޖާއެއް ނުނުކުތުން ވެސް އެކަށީގެންވެއެވެ.

13: އެހީގެ އަތެއް ދިއްކޮށްލާށެވެ:

އަނބިމީހާ އިސްލާހުކުރަން ބޭނުން ނަމަ އެންމެ ރަނގަޅު ގޮތަކީ ތިބާ ފުރަތަމަ އިސްލާހުވުމެވެ. މިސާލަކަށް، އަބަދު ޓީވީގެ ކުރިމަތީގައި އިނުމުގެ ބަދަލުގައި ބަދިގެއަށް ވަދެ އަނބިމީހާއަށް އަތްގާތްކޮށްލަދޭށެވެ.

އަނބިންނަކީ އެ މީހުންގެ ގޮތުގައި ވަރަށް ރަނގަޅު އަންހެނުންނެވެ. އެހެންކަމުން ތިބާގެ އަނބިމީހާ މިހާރަށްވުރެ ރަނގަޅު އަނތްބަކަށާއި ތިބާގެ ދަރިންގެ ރަނގަޅު މަޔަކަށް ހަދަން ބޭނުން ނަމަ ރަނގަޅު ގޮތުގައި ތިބާ ތިބާގެ އަނބިމީހާ ބަލައިގަންނާށެވެ. ތިބާގެ އަނބިމީހާއަކީ ތިބާގެ ހަޔާތުގައި "މަލާއިކަތެއް" ފަދަ އަންހެނަކަށް ހަދަން ބޭނުން ނަމަ ތިބާ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އޭނާއަށް "ސުވަރުގެއެއް" ތައްޔާރުކޮށްދިނުމެވެ.

 

ނޯޓް: ތަރުޖަމާއެއް