އެމެރިކާގެ ނިއު ޔޯކް ސިޓީގައި ހުންނަ ކޮލަމްބިއާ ޔުނިވާސިޓީން ކިޔެވި ޑރ. ހާބަޓް ހެރިއަސްއަކީ ތަފާތު ފަންނުތަކުގައި ފުންނާބުއުސް މީހެކެވެ. އޭނާ މިހާރު ވަނީ ރިޓަޔަރކޮށްފައެވެ. އޭނާއަކީ ގާނޫނީ ވަކީލެކެވެ. އަދި ލިޔުންތެރިކަމާއި ބަސްމޮށުންތެރިކަމަށް ވެސް ކުޅަދާނަ މީހެކެވެ. އޭނާ ލިޔެފައިވާ ފޮތް "ދަ ޓުވެލް ޔުނިވާސަލް ލޯސް އޮފް ސަކްސެސް" ނުވަތަ "ކާމިޔާބަށް ވާސިލުވާ 12 އާއްމު ގާނޫނު"އަކީ މަޝްހޫރު ފޮތެކެވެ. އެ ގޮތުން އެ ފޮތުގައިވާ ފާހަގަކޮށްފައިވާ ކާމިޔާބުގެ މަގަށް މީހުންނަށް ވާސިލުވެވޭނެ 10 އުސޫލަކަށް ބަލައިލާނަމެވެ:
1. ވިސްނުންތެރިކަން:
ކޮންމެ ކަމަކާ ދޭތެރޭގައި ވެސް ރަނގަޅަށް ވިސްނާށެވެ. އިނގިރޭސި ބަހުން ބުނާ ނަމަ "ޕޮޒިޓިވް" ވިސްނުމެއް ގެންގުޅޭށެވެ. މިހެން ހެދުމުން ތިބާގެ ކުރިމަގު ބައްޓަން ކުރުމުގައި އެ މީހަކަށް ބާރު ލިބެއެވެ. އެއާ ހިލާފަށް ނުރަނގަޅު ނުވަތަ "ނެގަޓިވް" ވިސްނުން ގެންގުޅޭ ނަމަ ތިބާގެ ކާމިޔާބަށް ހުރަސްއެޅި އަދި ނޭދެވޭ ނަތީޖާތައް ހަޔާތުގައި ކުރިމަތިވާނެއެވެ.
2. ބަދަލުތައް ބަލައިގަތުން:
ދުނިޔަވީ ހަޔާތުގައި އަބަދުވެސް ކުރިމަތިވާނީ ބަދަލުތަކެވެ. އާ ކަންތައްތަކަށް ހޭނޭށެވެ. ޒާތީ ތަރައްގީ އާއި ކާމިޔާބު ހޯދުމަށް ކުރިން ކުރަމުން އައި އެތައް ކަމެއް ދޫކޮށްލައިފައި އާ ކަންތައްތައް ބަލައިގަންނަންޖެހެއެވެ. އެއީ ތިބާގެ ލަނޑުދަނޑިތަކާއި ހުވަފެންތައް ހަގީގަތަކަށް ހެދުމަށެވެ.
3. ދުރަށް ވިސްނުން:
ސާފު ސީދާ އަމާޒުފަތްގަނޑުތަކެއް ކަނޑައެޅުމަކީ މުހިންމު ކަމެކެވެ. ތިބާގެ ކުރިމަގު ކުރަހައިލަން ޖެހޭނީ ފުރިހަމަ ސަމާލުކަން ދީގެން އަދި އެ ކަންތައްތަކަށް ހަކަތަ ހޭދަ ކުރުމަށް ނިޔަތްގަނެގެންނެވެ. ހަޔާތުގެ އަމާޒުތައް ލިޔެކިޔުމުން ތަރުތީބުކޮށް، އެ ކަމަށް ނަޒަރު ހިންގުމުން އެ ކަންތައްތަކަށް ވާސިލުވުމަށް ވަރުގަދަ ހިތްވަރަކަށްވާނެއެވެ. އަދި އެ ކަން ވާނީ މަގުދައްކައިދޭ ދަންމަރުތަކަކަށެވެ.
4. އަމިއްލަ ނަފުސަށް ބާރުހިންގުން:
އަމިއްލަ ނަފުސާ ވާހަކަ ދައްކައި، ބޭނުންވާ ކަންތައްތައް އަބަދުމެ ވިސްނުމުގައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ. މިއީ އަމިއްލަ ނަފުސާމެދު ޔަގީންކަން ވެސް އިތުރުވާ ކަމެކެވެ. މި ކަމުގެ ސަބަބުން އަމިއްލަ ނަފުސާމެދު ތިބާ ގެންގުޅޭ ތަސައްވަރާއި ތިބާގެ އަމަލުތައް ހަމަމަގަށް އަޅުވަން ފަސޭހަވެގެންދެއެވެ.
5. ރަނގަޅު ކަންތައްތަކުގެ ދަމާބާރު:
ތިބާގެ ގާތަށް އަންނާނީ ތިބާ އެތެރެފުށުން ގަބޫލުކުރާ ގަބޫލުކުރުންތަކާއި ތިބާގެ ވިސްނުންތައް ހުންނަ ގޮތްތައް ގެންގުޅޭ މީހުންނާއި ކަންތައްތަކެވެ. ޕޮޒިޓިވް ވިސްނުން ގެންގުޅެ، ޕޮޒިޓިވް ނުފޫޒުތައް ތިބާއާ ގާތްކުރަން ފެށުމުން ތިބާއަށް ކާމިޔާބާއި އިތުރު ފުރުސަތުގެ ދޮރުތައް ހުޅުވިގެންދާނެއެވެ.
6. ސަމާލުކަން ދިނުން:
ކަންތައްތަކަށް ސަމާލުކަން ދިނުމަކީ ކާމިޔާބުގެ ސިއްރެވެ. ތިބާގެ ސަމާލުކަމާއި ހަރަކާތްތެރިކަން އަމާޒުކުރަންޖެހޭނީ ތިބާގެ ހަޔާތަށް ކަނޑައަޅާ ލަނޑުދަނޑިތަކަށެވެ. އެހެން ދިމަދިމާއަށް ސަމާލުކަން ކައްސާލަފާނެތީ ހުށިޔާރުވާށެވެ. ވަޒީފާ ނުވަތަ މަސައްކަތާއި ނަފުސުގެ ތަރައްގީއަށް ސަމާލުކަން ދޭށެވެ.
7. އަމަލުގިނަކުރުން:
މައުނަވީ އަމަލު ގިނަ ކުރުމުގައި ދެމިހުންނާށެވެ. ތިބާ ދެކޭ ހުވަފެންތަކާއި ހަޔާތުގެ އަމާޒުތަކަށް ވާސިލުވެވޭނީ އެ ކަމަށް ގަދައަޅާ މަސައްކަތްކުރުމުންނެވެ. ކަންނެތްކަމާއި ކަންތައްތައް ފަހަށް ބެހެއްޓުމަކީ ކާމިޔާބަށް އޮތް ހުރަހެކެވެ. ދެމެހެއްޓެނިވި ގޮތެއްގައި އަމަލުތައް ބަހައްޓައިގެން ނޫނީ ހަޔާތުގައި ކުރިއެރުމެއް ނުލިބޭނެއެވެ.
8. އަގުކުރުން:
ތިބާގެ ހަޔާތުގައިވާ މީހުންނާއި އެއްޗެއްސާއި ކަންތައްތަކުގެ އަގުވަޒަން ކުރާށެވެ. ކާމިޔާބު ލިބޭނީ މި މޭރުމުންނެވެ. އެހެން މީހުންގެ ހަޔާތަށް ރަނގަޅު ހިއްސާއެއް ކުރުމުން ތިބާ އާއި އެ މީހުންގެ ގުޅުންތައް ހަރުދަނާވެ، އެކި ކަންކަމުގައި އިތުރު ފުރުސަތުތައް ހުޅުވިގެންދާނެއެވެ.
9. ގުޅުން ގާއިމުކުރުން:
ގުޅުންތައް ގާއިމުކުރުމާއި އެ ގުޅުންތައް ހަރުދަނާ ކުރުމަކީ ކާމިޔާބަށް ވާސިލުވާނެ ހަރުފަތެވެ. އެކުވެރިކަމުގެ ވިއުގަތައް ނެގެހެއްޓުމާއި އެކަކު އަނެކަކާ އެއްބާރުލުމާއި ރަނގަޅަށް މުވާސަލާތު ކުރުމަކީ މުހިންމު ކަންކަމެވެ. ޒާތީ ދިރިއުޅުމާއި ވަޒީފާ ނުވަތަ މަސައްކަތުގެ މާހައުލުގައި ކާމިޔާބު ލިބޭނީ ހަރުދަނާ ގުޅުންތަކާއި އެކަކު އަނެކަކަށް އެހީތެރިވުމާއި ވަސީލަތްތައް ފޯރުކޮށްދިނުމާއި އަދި ފުރުސަތުތައް ފަހިކޮށްދިނުމުންނެވެ.
10 ރަނގަޅު ނަޒަރިއްޔާތެއް ގެންގުޅުން:
ޕޮޒިޓިވްކޮށް ކަންތައްތަކާމެދު ދެކުމުގެ އިތުރުން ހަގީގަތާ އެއްގޮތަށް އަމަލު ކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ކުރިމަތިވާ ގޮންޖެހުންތަކާއި ލިބޭ ގެއްލުންތަކުން ފިލާވަޅު ލިބިގަތުން މުހިންމެވެ. ޕޮޒިޓިވްކޮށް ހުރުމުގެ ސަބަބުން ދަތި ކަންތައްތަކާ ކުރިމަތިލާން ފަސޭހަ ވާނެއެވެ. އަދި ހަޔާތުގެ ލަނޑުދަނޑިތަކަށް ފަސޭހައިން ފޯރާނެއެވެ.
މިއީ ޑރ. ހާބަޓް ހެރިސްގެ ފޮތުން އިންސާނުންނަށް ކާމިޔާބު ލިބޭނެ ކަމަށް އޭނާ ދައްކައިދީފައިވާ 10 އުސޫލެވެ.
ނޯޓު: ތަރުޖަމާއެއް
