ދުވަހަކީ ހިޖުރައިން 60 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 10 ވަނަ ދުވަހެވެ. ތަނަކީ ޢިރާޤުގެ ކަރުބަލާގެ މައިދާނެވެ. އިމާމު ޙުސެއިން رضي الله عنه، އެކަލޭގެފާނުގެ އެންމެ ތުއްޕުޅު ދަރިކަލުން ޢަލީ އަސްޣަރު ދެ އަތްދަނޑިމަތީ ބާއްވަވައިގެން، ޔަޒީދުގެ ލަޝްކަރަށް ކުރިމަތިލައްވާ ވިދާޅުވިއެވެ. "މި ކުއްޖާފުޅު މިވަނީ ކަރުހިއްކައިގެން ފެނަށް ބަލިވެފައެވެ. ތުންފަތްޕުޅު އެވަނީ ހިކި އަނަރޫފަވެފައެވެ. ލޯފުޅު ހުޅުއްވެވެނީ ކިރިޔަކިރިޔާއެވެ. މި ކުއްޖާފުޅު ކަލޭމެންނަށް ކުރީ ކޮން އުނދަގުލެއް ހެއްޔެވެ؟ މި ކުއްޖާފުޅަށް ފެންފޮދެއް ދީބަލާށެވެ." އެ ވަގުތު އެ ލަޝްކަރުގެ ބައެއް އަސްވާރުން ރޯންފެށިއެވެ. އެހިނދު، އެ ލަޝްކަރުގެ ވެރިޔަކަށް ހުރި ޢުމަރު ބިން ސަޢުދު ބިން އަބީ ވައްޤާސް، ހަރުމަލާކިޔާ މީހަކަށް ބުންޏެވެ. "ޙުސެއިންގެ ވާހަކަތައް ހުއްޓުވާށެވެ." އެވަގުތު ހަރުމަލާ ދުނިދަނޑި ނަގާ، ތީރެއް ފޮނުވާލިއެވެ. އެ ތީރު ހެރުނީ ތުއްޕުޅު ޢަލީ އަސްޣަރުގެ ކަރުފުޅަށެވެ. އިމާމު ޙުސެއިން رضي الله عنه، އުޑާއި ދިމާލަށް ބެއްލެވުމަށްފަހު، ކީރިތި ކުރައްވަމުން ވިދާޅުވިއެވެ. "إنّالله وإنّاإليه راجعون" މިހެން ހަތް ފަހަރު ވިދާޅުވެ، އެ ކަލޭގެފާނުގެ އަތްޕުޅުން، އެ ދަރިކަލުން ކަރުބަލާގެ ހޫނު ވެލިގަނޑުގައި ފަސްދާނު ވެޑުވުމަށްފަހު، ފޭލިގެއަށް ވަޑައިގެން ޒައިނަބުގެފާނު ގެންނަވާ ވިދާޅުވިއެވެ.
"އަހަރެންގެ ލޯބިވާ އުޚުތާ ޒައިނަބު! މިއީ އަހުރެން ތިބާއަށް ކުރާ އެންމެފަހުގެ ވަސިއްޔަތް. މި ގާފިލާގެ ވެރިކަން، އަހުރެން ތިބާގެ އަތްމައްޗަށް ދޫކޮށްލައިފިން. އުޚުތާ ޒައިނަބު! ސައްޔިދުއް ސައްޖާދު ރަނގަޅަށް ބަލަހައްޓާތި! އަހުރެންގެ ލޯބިވާ އުޚުތާ ޒައިނަބު! އަހުރެން އިމާމުކަން، ތިބާގެ ރައްކާތެރިކަމާއި ހިމާޔަތުގެ ދަށަށް ދޫކޮށްލައިފިން. އަހުރެންގެ ލޯބިވާ އުޚުތާ ޒައިނަބު! އަހަރެންނަށް ފަހު، އަހުރެންގެ ކުޑަކުޑަ ސަކީނާ ރަނގަޅަށް ބަލަހައްޓާތި! އަހުރެން މަރުވުމުން ސަކީނާ ވަރަށް ރޯނެ."
ސަކީނާގެ ވާހަކަ ދައްކަވަން ފެއްޓެވުމާއެކު، އިމާމު ޙުސައިން رضي الله عنه ގެ ލޯފުޅުން ހޯސްލާފައި ކަރުނަފޮދު އޮހިގަތެވެ. އަދި ވިދާޅުވިއެވެ. "ލޯބިވާ އުޚުތާ ޒައިނަބު! ކެއްތެރިވާތި! ކެއްތެރިވާތި! ޒައިނަބު ކެއްތެރިވާތި! ކެއްތެރިވާތި! ﷲ ގެ ރައްކާތެރިކަމަށް އަހުރެން ތިޔަބައިމީހުން ދޫކޮށްލައިފިން."
މިއީ މުޙައްރަމް މަހުގެ 10 ވަނަ ދުވަހު، ކަރުބަލާގައި، އިމާމު ޙުސެއިން رضي الله عنه، އެކަލޭގެފާނުގެ އަހުލުބައިތުންނާއި، އެންމެފަހުން ދެއްކެވި ވާހަކަފުޅެވެ.
މުޙައްރަމް މަހުގެ 10 ވަނަ ދުވަހަކީ އިސްލާމީ ތާރީޚުގައި ހިނގި އެންމެ ހިތާމަވެރި އެއް ޙާދިސާ ހިނގި ދުވަހެވެ. އެއީ މާތް ނަބިއްޔާ صلى الله عليه وسلم ގެ ލޮބުވެތި ކާފަ ދަރިކަލުން އިމާމު ޙުސެއިން ބިން ޢަލީ رضي الله عنه އާއި، ނަބިއްޔާގެ ޠާހިރު އަހުލުބައިތުންގެ ވަރަށް ގިނަ ބޭފުޅުން ޢިރާގުގެ ކަރުބަލާގައި، ވަރަށް އަނިޔާވެރިކޮށް ޝަހީދު ކޮށްލި ދުވަހެވެ. މި ޙާދިސާއަކީ މާތް ނަބިއްޔާ ސުވަރުގެ ވަޑައިގަތުމަށްފަހު، މި އުންމަތަށް ކުރިމަތިވި އެންމެ ބޮޑު މުޞީބާތެވެ. މި ހާދިސާއަކީ އޭގެ ނުބައިކަމާއި ސުންޕާކަމުގެ އަސަރު ދުނިޔެ ދެމިއޮތްހައި ދުވަހަކަށް ދެމިގެންދާނެ ކަމެކެވެ.
ކަރުބަލާގައި، ޢަލީ އިބްނު އަބޫ ޠާލިބު رضي الله عنه ގެ ނުވަ ފިރިހެން ބޭފުޅުން ޝަހީދުކޮށް ލެވުނެވެ. އެއީ، އިމާމު ޙުސައިން ބިން ޢަލީ رضي الله عنه، ޢުބައިދު ﷲ ބިން ޢަލީ رضي الله عنه، ޢަބުދު ﷲ ބިން ޢަލީ رضي الله عنه، އަބޫބަކުރު ބިން ޢަލީ رضي الله عنه، ޢުމަރު ބިން ޢަލީ رضي الله عنه، ޢުޘްމާން ބިން ޢަލީ رضي الله عنه، ޢައްބާސް ބިން ޢަލީ رضي الله عنه، ޖަޢުފަރު ބިން ޢަލީ رضي الله عنه، އަދި ޢަލީ އަޞްޣަރު ބިން ޢަލީ رضي الله عنه އެވެ.
އިމާމު ޙުސެއިން رضي الله عنه ނިކުމެ ވަޑައިގެންނެވީ ޔަޒީދު ބިން މުޢާވިޔާގެ އަނިޔާވެރިކަމާއި ލާދީނީ ކަމުން އިސްލާމީ އުންމަތް ސަލާމަތް ކުރެއްވުމަށެވެ. މި ހަނގުރާމައިގައި ދެފަރާތުގައިވެސް ތިބީ މުސްލިމުންނެވެ. ޔަޒީދުގެ ފަރާތުން ޢިރާޤުގައި ހުރި ގަވަރުނަރު ނެރުނު ލަޝްކަރުގެ ވެރިއަކަށް ހުރީ މަތިވެރި ސަޙާބީ ސައްޔިދުނާ ސަޢުދު ބިން އަބީ ޥައްޤާޞް رضي الله عنه ގެ ދަރިކަލުން ޢުމަރު ބިން ސަޢުދު ބިން އަބީ ވައްޤާޞްއެވެ.
މި ކުރިމަތިލުމުގައި ވަރަށް ހިތާމަވެރި ދަރުސް ތަކެއް އެކުލެވިގެންވެއެވެ. އެންމެ ބޮޑު ދަރުހަކީ އަނިޔާވެރި ކަމަށް މުސްލިމުން ދުވަހަކުވެސް ބޯނުލަބާނެ ކަމެވެ. އަނެއް ދަރުހަކީ ވެރިކަމާއި އާރާއި ބާރުގެ ބޭނުމުގައި ކިތަންމެ ބޮޑު ޖަރީމާއެއް ހިންގަންވެސް އިންސާނުން ފަސްނުޖެހޭނެ ކަމެވެ. ދުނިޔަވީ އެދުމާއި، ވެރިކަމުގެ ބޭނުމުގައި ބަޔަކު ހިންގި މިއަށްވުރެ ނުބައި، ބިރުވެރި ޖަރީމާއެއް ދުނިޔޭގެ ތާރީޚު މިހާތަނަށް ދެކިފައިނުވެއެވެ.
ކަރުބަލާގެ ވާހަކަ ދެއްކުމުން، މީހަކު އަހުރެންނަށް ބުންޏެވެ. ކަލޭ ތިޔައީ ޝިޔަޢީއެއް ހެއްޔެވެ؟ އަހުރެން އޭނައަށް ބުނީމެވެ. މުޙައްރަމް މަހު 10 ވަނަ ދުވަހު، ކަރުބަލާގައި ހިނގި އަނިޔާވެރި ޤަތުލުއާންމަށްފަހު، ސުންނީންނާއި ޝިޔަޢީންގެ ކަންތައް ނިމިއްޖެއެވެ. ބާކީ ތިބީ ޔަޒީދީންނާއި ޙުސައިނީންނެވެ. ހަމަހޭގައި ހުރެގެން ޔަޒީދީއަކަށް ނުވެވޭނެއެވެ. ބާކީ އޮތީ އެންމެ އޮޕްޝަނެކެވެ. އެހެންވީމާ އަހުރެންނަކީ ޙުސެއިނީއަކީމެވެ. އަހުރެން ޙުސެއިނީއަކަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އެކަލޭގެފާނަކީ، ސުވަރުގޭގައި ޒުވާނުންގެ ސާހިބާއެވެ. އަދި އެކަލޭގެފާނުގެ ކާފާފުޅަށް ދެއްވެވުނު، ކައުސަރޭ ކިޔުނު އާރުގެ ވެރިޔަކީވެސް އެކަލޭގެފާނެވެ. ޤިޔާމަތް ދުވަހުން، މީސްތަކުން ކަރުހިއްކައިގެންވާ ހާލު، ބައިބަޔަށް، އެ އާރުގެ ކާރިޔަށް ޖަމާވާނެތެވެ. ޔަޒީދީއަކަށްވެ ހުރެ ފެންފޮދަކަށް އެދިގެން، އަހުރެން އެކަލޭގެފާނުގެ އަރިހަށް ދާނީ ކޮން މޫނަކާއިގެން ހެއްޔެވެ؟