ހިޖްރީ އަހަރު ފެށޭ ދުވަސް ޝައްކުކަމެއް ނެތި އެނގިފައިވުމަކީ، މުސްލިމު ގައުމުތަކަށާއި ޖަމާޢަތްތަަކަށް ވަރަށް މުހިއްމު ކަމެކެވެ. ބައެއް އަހަރުތަކުގައި ރޯދަމަހާއި ޢީދުފަދަ ދުވަސްތައް އަހަރުގެ ބައެއް ކަލަންޑަރުތަކާ ތަފާތުވުމުގެ ސަބަބުން އަހަރުގެ ޚާއްޞަ ދުވަސްތައް ދެނެގަތުމުގައި ކަލަންޑަރަށް ބަރޯސާވުމުގެ އިތުބާރު އާންމުންގެ އޮންނަނީ ކުޑަވެފައެވެ.
އެހެން ކަން ހުރުމުން، ހަނދުމައްސަރުގެ ފުރަތަމަ ދުވަސް ކަނޑައަޅާ އިސްލާމީ އުުޞޫލުގައިވާ ގޮތަށް ބުރަވެ މިހިނގާ ހައްޖުމަހުގެ 29ވަނަ ދުވަސްކަމަށްވާ ޖުލައި މަހުގެ ހަވަނަ ދުވަހު މާލެއަށް އިރު އޮއްސޭ ވަގުތުގެ ފަހުން ހަނދު ފެންމަތީގައި ހުންނާނެތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމުގެ ގޮތުން ނިޔަމިކަމުގެ ޙިސާބުން ބަލައިލުމަކީ މުހިންމު ކަމެއްކަމުގައި ދެކެ، ހިސާބުގެ އަލީގައި ބެލިއިރު، ޖުލައި ހަވަނަ ދުވަހު މާލެއަށް އިރު އޮއްސޭ ވަގުތަކީ ހަވީރު 06:22 ކަމާއި އެއީ، މާލޭގައި މަޣްރިބު ނަމާދަށް ބަންގިގޮވާ ވަގުތު ކަމުގައި ކަނޑައަޅާފައިވާ ވަގުތަށް ވުރެން މިނިޓެއްގެ ކުރީގެ ވަގުތެއްކަން އެނގޭން އޮވެއެވެ.
އެދުވަހު މާލެއަށް ހަނދު އޮއްސޭ ވަގުތަކީ ކޮބައިކަން ދެނެގަތުމުގެ ގޮތުން ޙިސާބުގެ އަލީގައި ބެލި ބެލުމުން އެނގުނީ އެދުވަހު މާލެއަށް ހަނދު އޮއްސޭ ވަގުތަކީ ހަވީރު 06:55 ކަމެވެ. އެއީ، އެދުވަހު އިރު އޮއްސޭ ވަގުތަށް ވުރެން 33 މިނެޓް ފަހުގެ ވަގުތެކެވެ.
އެހެންކަމުން، ޖެހިގެން އަންނަ ދުވަސް (7 ޖުލައި) އެއީ، 1446 ވަނަ އަހަރުގެ މުޙައްރަމް މަހުގެ ފުރަތަމަ ދުވަސްކަމާމެދު ކުޑަވެސް ޝައްކުކަމެއް އުފެދޭ ފަދަ ސަބަބެއް ނެތެވެ.
އެކަމުގެ ޝައްކު ފިލުވައިލުމަށްޓަކައި އެންމެ އިރުމަތީ އޮންނަ އިސްލާމީ ގައުމު ކަމަށްވާ އިންޑޮނޭޝިޔާގެ ވެރިރަށަށް އެދުވަހު އިރާއި ހަނދު އޮއްސުމުގެ ތަފާތަށް ބަލާއިރު އޮއްސުމުގައި އިރަށް ވުރެން 24 މިނެޓް ހަނދު ފަސްވާކަން އެނގޭން އޮވެއެވެ.
އަދި މާތްވެގެންވާ މައްކާއަށް އެދުވަހު އިރާއި ހަނދު އޮއްސުމުގެ ތަފާތަށް ބަލާއިރު އޮއްސުމުގައި އިރަށް ވުރެން 50 މިނެޓް ހަނދު ފަސްވާކަން އެނގޭން އޮވެއެވެ.
އެހެންވީމާ، މި ހިނގާ ޖުލައިމަހުގެ ހަތްވަނަ ދުވަހަކީ، 1446 ވަނަ އަހަރުގެ މުޙައްރަމް މަހުގެ ފުރަތަމަ ދުވަސްކަމާ މެދަކު ކުޑަވެސް ޝައްކުކަމެއް އުފެދޭނެ ޖާގައެއް ނެތެވެ.
ބައެއްް އަހަރަށް ބައެއް މައްސަރުތައް ފެށުމުގައި ކަލަންޑަރާ ތަފާތުވާ މައްސަލަ ދިމާވަނީ މައްސަރުތައް އިންސާނުން ކަނޑައަޅާ ކަމެއްގެ ގޮތުގައި އޮންނަ ކަމެއްކަމަށް ދެކެވި އެފަދައިން އެކަން ކުރެވޭތީ އާއި އެކަމަކީ ޤުދުތަރީ ގޮތުން ހިނގާ، އިންސާނުން ދެނެގަންނާން ޖެހޭ ކަމެއްކަން ވިސްނިފައި ނޯންނާތީއެވެ.
އިހުގެ ބޯދާ އާދަކާދައިގެ ތެރޭގައި ހިމެނޭ ނަކަތްތެރިކަމުގެ ނަކަތްތެރީން ބުނެއުޅުނެވެ. މުޙައްރަމް މަހުގެ ފުރަތަމަ ދުވަސް އާދީއްތަ ދުވަހަކާ ދިމާވެއްޖެނަމަ އެ އަހަރަކީ، ވިޔަފާރީގެ ނަފާ ފާޅުވެ ގޮވާމާއި ރުއްގަސް ފަޅައި ހެދި، ވާރޭ ގިނަވެ މީސްތަކުންނަށް ބަރަކާތްތެރި ފާގަތި އަހަރަކަށް ވާނެއެވެެ.
ގައުމަށް ފާގަތިކަމާއި އަމާންކަން މިންވަރުކުރައްވާށި! އާމީން.

One Response
މި ހިނގާ ޖުލައި މަހަކީ އެ މަހެއްގައި ހޯމަ، އަންގާރަ، ބުދަ، މީން ކޮންމެ ދުވަހެއް 5 ފަހަރަށް އަންނަ މަހެއްކަން ފާހަގަކުރެވޭ. މިއީ ކޮންމެ 823 އަހަރަކުން އެއް ފަހަރުނޫނީ ފެންނަ ކަމެއް ނޫންކަމަށް ފަލަކީ އިލްމުވެރިން ވިދާޅުވާކަމަށްވޭ. ފަލަކީ އިލްމުވެރިޔެއްގެ ހައިސިއްޔަތުން މި ކަމާ ބެހޭ މައުލޫމާތު އަޅުގަނޑުމެން ކިޔުންތެރިންނާ ހިއްސާކޮށްލަދެއްވުން އެދެން.