Support Us

މާދަމާ ހިފާ ފުރިހަމަ އިރުކޭތައިން އާދަޔާ ހިލާފު ކަންތައްތަކެއް

 

މާދަމާ، އެޕްރިލް އަށެއް ވާ ހޯމަ ދުވަހު ފުރިހަމަ އިރުކޭތައެއް ހިފައެވެ. މި އިރުކޭތަ ރާއްޖެއަކަށް ނުފެންނާނެއެވެ. ނަމަވެސް އެމެރިކާ އާއި ކެނެޑާ އާއި މެކްސިކޯއަށް ފުރިހަމައަށް ފެންނާނެއެވެ.

އިރުކޭތަ ހިފަނީ، ހަނދު ދުނިޔެ ވަށާ ޖަހާ ބުރުގައި، އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަދެ، ހަނދުގެ ހިޔަނި ދުނިޔެއަށް އެޅި، ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ދުނިޔެ އަށް އިރު ނުފެނުމުންނެވެ.

މާދަމާގެ އިރުކޭތަ ފުރިހަމަކޮށް ހިފައިފައި ހުންނާނީ ހަތަރު މިނެޓާއި 28 ސިކުންތު ވަންދެނެވެ. ތިން ގައުމަށް ފުރިހަމަ އިރުކޭތަ ފެންނާނީ 115 މޭލު ފުޅާ އަދި 10،000 މޭލު ދިގު ސަރަހައްދަކަށެވެ.

މި ފުރިހަމަ އިރުކޭތަ ހިފާއިރު އާދަޔާ ހިލާފު ކަންތައްތަކެއް ފެންނާނެ ކަމަށް ނުޖޫމީ އިލްމްވެރިން ވިދާޅުވިއެވެ. މިސާލަކަށް، "ބެއިލީސް ބީޑްސް"އެވެ. މިއީ އިރު ނުފެންނާނެހެން ހަނދު ދުނިޔޭގެ ކުރިމައްޗަށް ދާ ވަގުތު، ހަނދުގެ ވަށައިގެން ފެންނަ ތިކިތަކެއް ކަހަލަ އަލިކޮޅުތަކެކެވެ.

"ބެއިލީގެ މިނާފަތި" މި ކަމަށް ކިޔަނީ 1836 ވަނަ އަހަރު އިނގިރޭސި ނުޖޫމީ އިލްމްވެރިޔާ އަށް ނިސްބަތްކޮށެވެ. ނަމަވެސް ހަގީގަތަކަކީ އޭގެ ކުރިން 1715 ވަނަ އަހަރު އިނގިރޭސި ނުޖޫމީ އިލްމްވެރިޔާ އެޑްމަންޑް ހޭލީ މިކަން ސިފަކޮށްދީފައިވާ ކަމެވެ.

މާދަމާގެ ފުރިހަމަ އިރުކޭތާގައި ފާހަގަކޮށްލެވޭނެ އަނެއް ކަމަކީ "ޑައިމަންޑް ރިންގް"އެވެ. އެހެންގޮތަކަށް ބުނަނީ ނަމަ، އިރުގެ އަލި ދުނިޔެއަށް ލިބުމުން ހުރަސް އެޅެން ކައިރިވުމުން، ހަނދުގެ ބޭރު ބުރު ފެންނާނީ "އަލިމަސް އަނގޮޓިއެއް"ގެ ސިފައިގައެވެ. އަދި މާދަމާގެ އިރުކޭތައިގައި އަލިމަހެއްހެން ދެ އަލިކޮޅު ފެންނާނެތީ، ހީވާނީ ދެ އަލިމަސް ޖެހި އަނގޮޓިއެއް ގޮތަށެވެ.

މި ފުރިހަމަ އިރުކޭތައިގެ އަނެއް ހާއްސަ ކަމަކީ އާދައިގެ ދުވަހެއްގައި އިރުގެ އައްޔާ ހެދި ނުފެންނަ ޕްލެނެޓްތަކާއި ތަރިތައް ފެންނާނެތީއެވެ. ސްޕޭސް ޑޮޓް ކޮމްގެ ލިޔުންތެރިޔާ ޖޯ ރާއޯ ވިދާޅުވީ ޕްލެނެޓްތައް ކަމަށްވާ ވީނަސް އާއި ޖުޕިޓާ އާއި ސެޓާންގެ އިތުރުން މާސް ވެސް ފެންނާނެ ކަމަށެވެ.

މީގެ އިތުރުން ތަރިތައް ކަމަށްވާ ސިރިއަސް އާއި ގޯޓް ސްޓާ ކެޕެލާ އާއި ރައިޖަލް ވެސް ފެންނާނެއެވެ. ނަމަވެސް ދުންތަރިއެއް ކަމަށްވާ 12ޕީ/ޕޮންސް-ބްރޫކްސް ކުޑަ ވަގުތުކޮޅަކަށް ނުފެންނާނެއެވެ.

ކޮންމެ 71 އަހަރަކުން އެއް ފަހަރު އަހަރެމެންގެ އިރުގެ ނިޒާމު ނުވަތަ ސޯލާ ސިސްޓަމްގައި ބުރުޖަހާ މި ދުންތަރި މި ފަހަރު އިރާ އެންމެ ކައިރި ވާނީ މި މަހު 21 ގައި ކަމަށް އާތްސްކައި ޑޮޓް އޯގް އިން ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ އަނެއް ކަމަކީ މި ކޭތަ ހިފައިފައި ހުންނަ ވަގުތު އިމާރާތްތަކާއި ބިމަށް "ޝެޑޯ ބޭންޑް" އެޅިފައި ހުންނާނެ ކަމެވެ. އެއް އިންޗި އާއި ދެ އިންޗީގެ ފުޅާ މިނުގައި ހުންނަ މި ހިޔަނިތައް ވައްތަރުވާނީ އަތުގައި އަޅާ އުޅާ ހެންނެވެ.

މި ފުރިހަމަ އިރުކޭތަ ހިފާ ވަގުތު އާދަޔާ ހިލާފު އެހެން ކަމެއް ވެސް ފާހަގަކޮށްލެވޭނެއެވެ. އެއީ އިރުގެ އަލި ދުނިޔެއަށް އައުމަށް ހަނދުން ހުރަސް އެޅުމުން، ދުނިޔެއަށް އެ ލިބޭ އަނދިރި ކަމުގައި އެކި ކުލަތައް ފެންނަ ގޮތް ތަފާތު ވާތީއެވެ. މިސާލަކަށް، ރަތާއި އޮރެންޖް ކުލަ ފެންނާނީ ފަނޑުކޮށެވެ. އެއާ ހިލާފަށް ނޫ އަދި ފެހި ކުލަ ފެންނާނީ ކުލަގަދަކޮށެވެ. މި ކަމަށް ކިޔަނީ "ޕާކިންޖީ ޝިފްޓް"އެވެ. މިހެން ދިމާވުމުން، އާދައިގެ މަތިން އެކި ކަހަލަ އެއްޗެހި ފެންނަ ކުލަ ނޫން އެހެން ކުލައެއްގައި ފެނުމުން ހިތަށް ބިރުވެރިކަން އިހުސާސް ކުރެވިދާނެއެވެ.

މާދަމާގެ ފުރިހަމަ އިރުކޭތަ ވާނީ މަޝްހޫރު ސައިންސްވެރިޔާ އަލްބަޓް އައިންސްޓައިން 1915 ގައި ނަންގަތް "ގްރެވިޓޭޝަނަލް ލެންސިން" ތިއަރީ އިތުރަށް ޓެސްޓް ކޮށްލަން ލިބޭ ފުރުސަތަކަށެވެ. ފްރޭންކް ވޮޓްސަން ޑައިސަން އާއި އާތާ ސްޓޭންލީ އެޑިންޓަން ވަނީ 1919 ވަނަ އަހަރުގެ މޭ މަހު ހިފި ފުރިހަމަ އިރުކޭތައިން މި ތިއަރީ ޔަގީން ކޮށްދީފައެވެ. އައިންސްޓައިން ވިދާޅުވެފައި ވަނީ އިރު ކަހަލަ "ބަރުދަން ބޮޑު" އެއްޗަކުން ޖައްވާއި ވަގުތު ވެސް "ބަނޑިކޮށްލާ" ކަމަށެވެ.

ސައިންސްވެރިން ވިދާޅުވަނީ މާދަމާ ފުރިހަމަ އިރުކޭތަ ހިފައިފައި ހުންނަ ވަގުތު ދުނިޔެއަށް އިރުގެ އަލިކަން ނުލިބޭނެތީ ފިނިހޫނުމިން ނުވަތަ ޓެމްޕަރޭޗަރު އެ ވަގުތު ދަށްވާނެ ކަމަށެވެ. އެ ގޮތުން 2.8 ޑިގްރީ ސެލްސިއަސް އާއި 5.6 ޑިގްރީ ސެލްސިއަސްގެ މިންވަރުން ޓެމްޕަރޭޗަރު ދަށްވާނެ ކަމަށެވެ.

އިރާއި ދުނިޔެއާ ދެމެދަށް ހަނދު "ވަންނަ"އިރު ވައިގެ ދުވެލި ވެސް މަޑުވާނެއެވެ. އަދި ކޭތަ ވީއްލަން ފެށުމުން ވައިގެ ދުވެލި އިހު ހުރި ގޮތަށް ބަދަލުވާނެއެވެ. ނަމަވެސް ވައި ޖެހޭ މިސްރާބު ބަދަލު ވާނެއެވެ.

ދިރޭ މަހުލޫގުންގެ އެތެރެ ހަށީގައިވާ "ބަޔޮލޮޖިކަލް ކްލޮކް" ނުވަތަ ގަޑިން ގަޑިއަށް ބަދަލުވާ ހަށިގަނޑުގެ ހަރަކާތްތަކަށް ބަދަލު އަންނާނެއެވެ. އެ ގޮތުން ކޭތަ ހިފުމުން ދުނިޔެއަށް އަނދިރިކަން ވެރިވުމުން ރޭގަނޑު ނިދާ މަހުލޫގުން ނިދުމަށް މަސްއޫލު ވެގަންނާނެއެވެ. އަދި ރޭގަނޑު ހޭލާ އުޅޭ ތަކެތި ހޭލާން ފަށާނެއެވެ.

މީގެ އިތުރުން ދުނިޔޭގެ ޓެމްޕަރޭޗަރު ދަށުވުމުން ޖައްވުގެ ޕްރެޝަރު ދަށްވެ، ތޫފާނެއް އަންނަނީ ކަމަށް ހީކޮށް ދިރޭތަކެތި ބިރުން އުޅޭނެއެވެ. އަދި ދޫނިތަކުގެ ގޮވުންތައް އިތުރުވާނެއެވެ. ސަބަބަކީ މި ވިލުނީ އާ ދުވަހެއް ކަމަށް ހީކޮށެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން މި ފަހަރު ވަނީ "ސައުންޑްސްކޭޕްސް"ގެ ނަމުގައި މާދަމާ ފުރިހަމަ އިރުކޭތި ހިފާއިރު ޕްރޮޖެކްޓެއް ހިންގަން ނިންމައިފައެވެ. މިއީ ފުރިހަމަ އިރުކޭތައެއް ހިފާއިރު ޖަނަވާރުންގެ އުޅުން ހުންނަ ގޮތް ބެލުމަށް އާއްމު ރައްޔިތުން މަސްއޫލުކޮށްގެން ހިންގާ ޕްރޮޖެކްޓެކެވެ. މި ގޮތުން ކޭތަ ހިފައިފައި ހުންނަ ވަގުތު އިވޭ އަޑުތައް ރެކޯޑް ކުރުމާއި ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކާއި އަދި އިހުސާސް ކުރެވޭ އިހުސާސް ކުރެވުންތައް ނޯޓު ކުރާނެއެވެ.

ނާސާއިން ބުނީ މި ޕްރޮޖެކްޓްގައި، ފުރިހަމަ އިރުކޭތައެއް ހިފުމުން އިންސާނުންގެ ޖަޒުބާތުތައް ހުންނަ ގޮތް ވެސް ނޯޓު ކުރާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
112
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ޙިލްއަތުގެ ލިޔުންތައް ޝައުޤުވެރިކަމާއިއެކު ކިޔާލެވެއެވެ. އެކަމަކު އަޅުގަނޑަށް ހީވަނީ ނުޖޫމީ އިލްމްވެރިންގެ ވާހަކަ އޮތްތަނުގައި އޮންނަންވާނީ "ފަލަކީ އިލްމްވެރިން" މިގޮތަށް ހެންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *