Support Us

ކޮލަމް: ދިނަށަ

މި ރޯދަމަހުގެ ފުރަތަމަ ދުވަސް ހަނދާ ދިމާވެއެވެ!

ކުޑަވެސް ޝައްކުކަމެއް ހިސާބުގައި ނެތް ގޮތެއްގެ މަތީގައި އިރާއި ހަނދު ލައްވާފައިވާކަން ގަބޫލުކުރަން ޖެހެއެވެ. ކީރިތި ޤުރުއާނުގެ އެތައް އާޔަތަކުން ވެސް އިރާއި ހަނދު ހިސާބެއްގެ މަތީގައި ލައްވާފައިވާކަން އެނގެއެވެ.

އެހެންކަމަށްވާތީ، އެކަންކަން ހިސާބުގެ އަލީގައި ބަލައި ދެނެގަނެ ކަށަވަރުކޮށް ހަދާހެދުން ހިމެނެނީ މަތިވެރިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާ މަޢުރިފާ ކުރުމުގެ ޢަޤްލީ ހެކިތައް ހޯދައި ބަލައި ދެނެގަތުމުގެ ތެރެއިންނެވެ.

ނިކަން ވިސްނައި ބަލައިލަމާ ހެއްޔެވެ؟ ކޮންމެ ހަނދު މައްސަރެއްގައިވެސް ލެއްވި އަށް ވަނަ ހިލާލު (ހުޅެވި) ހިމެނެނީ، سُوْرَةُ الْبَقَرَة ގެ 189 ވަނަ އާޔަތުގައި އަންގަވާފައިވާ އަށް ވަނަ ހިލާލު ކަމުގައެވެ. އަށް ވަނަ ހިލާލަކީ، ކޮބައިބާވައެވެ؟ ޝައްކެއްވެސް ނެތެވެ. އެ އާޔަތުގައި ބަޔާންވެގެންވަނީ ހަނދުގެ ހުޅެވިތަކުގެ ވާހަކައިންނެވެ. ހުޅެވިތަކަކީ، (ނުވަތަ ހިލާލު ތަކަކީ) މީސްތަކުން ވަގުތު (ސިކުންތާއި، މިނެޓާއި، ގަޑިއާއި، ދުވަހާއި، ހަފްތާއާއި، މައްސަރާއި، އަހަރާއި ގަރުނު ފަދަ ވަގުތުތައް) ދެނެގަތުމަށްޓަކައި ލައްވާފައިވާ އެއްޗެއް ކަމެވެ.

އެގޮތުން، ބަލާއިރު އިސްވެ ގެނެސްފައިވާ އާޔަތުގައި ވަގުތުތައް ދެނެގަތުމުގެ ތެރޭގައި ޙައްޖުގެ ވަގުތު ދެނެގަތުން، އެ ހުޅެވީގައި ލައްވާފައިވާކަމުގެ ބަސްފުޅުގެ ދޭހަ ދެނެގަންނަން އެބަ ޖެހެއެވެ.

ފަހެ، ކީރިތި ޤުރުއާނުގެ އެ އާޔަތުގެ މާނަ ބަލައިލަމާ ހެއްޔެވެ؟. އެ އާޔަތުގައިވާ "قُلْ هِيَ مَوَاقِيْتُ لِلنَّاسِ وَالْحَجِّ" މިބަސްފުޅުގެ މާނައިގައި އޮތީ: "އެއީ، މީސްތަކުންނަށް (އެކި ކަންކަމުގެ) ވަގުތު އެނގުމަށާއި ޙައްޖުގެ ދުވަސްތައް ފާހަގަކުރުމަށްވާ އެއްޗެކެވެ." މިފަދައިންނެވެ.

އެެހެންކަމުން، ޙައްޖުގެ ވަގުތު ހުޅެވިން އެނގޭގޮތް ދެނެގަތުމަކީ، ނުކުރާންވީ ކަމެއް ނޫނެވެ. ނުވަތަ ނުހޯދާންވީ ކަމެއް ވެސް ނޫނެވެ. އެއީ، ކީރިތި ޤުރުއާނުގައިވާ އިލާހީ މަޢުރިފާވެރިކަމުގެ ޢިލްމުގެ ތެރެއިންވާ ހެކިތަކެވެ.

ފަހެ އަށްވަނަ ހިލާލު ހަނދުން ފާޅުވުމަށް ނިޔަމިކަމުގެ އިނގިރޭސި ބަހުގެ އިޞްޠިލާޙުގައި ކިޔަނީ، ހަނދުގެ "ފުރަތަމަ ކުއާޓަރ" ފުރިހަމަ ކުރުމެވެ. ފުރަތަމަ ކުއާޓަރ ނުވަތަ އަށްވަނަ ހިލާލު ހަނދުގައި ފައްކާވަނީ ހަނދުމަހުގެ ހަތްވަނަ ދުވަހާއި، އެދުވަހު ހަނދުގެ އަށްވަނަ ހިލާލު ފުރިހަމަ ވުމުންނެވެ.

ހަނދުމަހުގެ ހަތްވަނަ ދުވަހެެއް ނިމި، އިރު އޮއްސޭ ރެއަކީ، ހަނދުމަހުގެ އަށްވަނަ ރެއެވެ. ހަނދުމަހުގެ އަށްވަނަ ހިލާލުގެ ޢަލާމާތަކީ، ބަރާބަރު ފަޅިހަނދެއް ފެންނާން ހުރުމާއި، މުޅި ދުނިޔޭގެ ކޮންމެ ތާކަށްވެސް އެދުވަހުގެ އިރު އެތަނަކަށް އޮއްސޭއިރު ހަނދުގެ އެއްފަޅީގައި ހަނދުގެ ހުޅެވި (އިރުން ހަނދަށް އެޅިފައިވާ އަލިކަން) ނުވަތަ (އިލުމިނޭޝަން) ފުރިހަމަވެފައި ހުރުމާއެކު، އިރު ކޮންމެ ތާކަށްވެސް އެދުވަހު އޮއްސޭ ވަގުތާއި ހަނދު އެތަނަކަށް (އިރު ހުޅަނގުގެ ގޮތުން) މެދުޖެހޭ (މެރީޑިއަމް) ވަގުތާ ދިމާވުމެވެ.

އެހިނދުން އެނގޭނީ، އެރޭ އިރު އޮއްސޭ ވަގުތު ބޯމަތީގައި ނުވަތަ ބުނެވުނު ފަދައިން މެދު އުޑުގައި ފެންނާން ހުރި ހަނދުގައި ފެންނާން އެ ހުންނަނީ އަށް ވަނަ ހިލާލު ކަމެވެ. އެހެންވީމާ އެއީ، ހަނދުމަހުގެވެސް އަށް ވަނަ ރޭކަން އެއްވެސް ޝައްކުކަމެއް ނެތި އެނގި ކަށަވަރު ކުރެވޭނެއެވެ.

އެއީ، ޙައްޖުމަހެއް ނަމަ އަށް ވަނަ ދުވަހަކީ، ޙައްޖަށް އިޙްރާމް ބަންނަ ދުވަހެވެ. އެދުވަހު އިޙްރާމް ބަނދެގެން ނުވަ ވަނަ ރޭގައި މިނާގައި ތިބެފައި ނުވަ ވަަނަ ދުވަހު ޢަރަފާތަށް ދާންވާ ވަގުތު އަންގައިދެނީ އަށް ވަނަ ހުޅެވިންނެވެ.

އެނަޒަރުން، ހުޅެވީގެ ދަރަޖަ ތަކުގެ ނިސްބީ މިންވަރުން ބަލާއިރު، އިސްލާމީ ދުނިޔޭގެ ގިނަ ގައުމުތަކުންނާއި ރާއްޖޭންވެސް މި ރޯދަމަސް ފެށި ދުވަސް ކަމުގައިވާ، މާރިޗު 11 ވަނަ ދުވަހަކީ، މި ރޯދަމަހުގެ ފުރަތަމަ ދުވަހާ ދިމާވި ދުވަސްކަމަށް ވާކަން، މި މަހުގެ އަށްވަނަ ހުޅެވިން ކަށަވަރުކޮށް ދެތީއެވެ. ނުވަތަ މި މަހުގެ ހަނދުގެ ފުރަތަމަ ކުއާޓަރ ހަނދުން ފުރިހަމަކުރާ ވަގުތުގެ ގޮތުން އެކަން ޔަޤީންކޮށް އެނގޭން އޮންނާތީއެވެ.

އެކަން ފަލަކީ ޢިލްމަށް ކަށަަވަރުވެ އެނގޭކަމުގެ ހެތްކަކީ، މި ރޯދަމަހުގެ ހަތް ވަނަ ދުވަހު (17 މާރިޗް 2024) މާލޭގަޑިން 09:09 ގައި، ހަނދު، މިތުނަ ރާހީ (ޖައުޒާ ބުރުޖު / ޖެމިނީ ސައިން) ގެ "އަދަ ނަކަތު" ގެ 5 ދަރަޖަ 38 ވަނަ ދަގީގާއި އަރައި ހަމަވާ ވަގުތު ހަނދު ހުންނަ ތަނަކީ، މި ރޯދަމަހު ދުނިޔެ ވަށައިގެން ހަނދު ޖަހާ ބުރުގެ 09º ދަރަޖަ ނުވަތަ (ފުރަތަމަ ކުއާޓަރ) ހަނދު ފުރިހަމަކުރާ ތަން، ނުވަތަ ފަލަކީ ޕޮޒިޝަންކަން އެނގޭން އޮންނާތީއެވެ.

އޭގެ ނަތީޖާއަކަށްވާނީ، 17 މާރިޗު (ނުވަތަ މި ރޯދަމަހުގެ ހަތް ވަނަ ދުވަހުގެ 18:33 ގައި މާލެއަށް (މިނިޓްކޮޅެއްގެ ކުޑަކުޑަ ތަފާތެއް ފިޔަވައި މުޅި ރާއްޖެއަށް ވެސް) ހަނދު މެރީޑިއަމް ވުމެވެ. ފަލަކީ އިޞްޠިލާޙުގައި "މެރީޑިއަމް" ވުމޭ ބުނާ ބަހުގެ ދޭހައަކީ، އުތުރުން ދެކުނަށް ތަނެއް ނުވަތަ ރަށެއްގެ މަތީން ދަމައިލެވޭ ޚިޔާލީ ރޮނގަށް، އުދަރެހުން އަރައިގެން އަންނަ، އިރު، ނުވަތަ ހަނދު، ނުވަތަ ތަރިއެއްގެ ވިޔަސް އެ އެއްޗެއްގެ މެދުގައި އުތުރުން ދެކުނަށް ދަމައިލެވޭ ޚިޔާލީ ރޮނގު، އެއްވަރުވާ އެއްވަރު ވުމެވެ. ދިވެހިބަހުން އެކަމަށް ކިޔައި އުޅެނީ މެދުޖެހުމެވެ.

އެކަމަކު އިރު ނުވަތަ ހަނދު މެދުޖެހުނީއޭ ބުނުމުން މިހާރު ބައެއް މިހުނަށް ބޭރު ބަހަކުން ބުނުމަކާ ނުލައި އެކަން ފަހުމުވުން އުނދަގޫވާކަން ފާހަގަވާތީ ތަފްޞީލެއް ލިޔެލީއެވެ.

އެ އޮޅުމެއް އެރުމުގެ ސަބަބަކަށްވަނީ، އެއްޗެއް މެރީޑިއަމްވާ ވަގުތު ހުންނަ ޑިކްލިނޭޝަން (އުތުރަށް ނުވަތަ ދެކުނަށް ޖެހިފައިވާ މިންވަރު) ގެ ގޮތުން އެ ރަށަކާއި ނުވަތަ ތަނަކާ އޮލަނބު ނުވާތީ އަރާ އޮޅުމެއް ކަމުގައި ފެނެއެވެ.

އެހެނަސް، ދިވެހި ބަހުގައި ކިޔާނީ މެދުޖެހުމެވެ. އޮލަނބުވާ ޙާލަތަށް ކިޔަނީ އޮލަނބު ވުމެވެ. މި މާރިޗު މަހުގެ 31 ވަނަ ދުވަހު އިރު މާލެއަށް މެދު ޖެހޭނީ އޮލަނބު ވުމާވެސް އެކުގައެވެ.

މި ރޯދަމަހު ހަނދު ހިނގަމުންދާ ފަލަކުގެ ފުރަތަމަ ކުއާޓާރ ފުރިހަމަކުރާ ވަގުތާއި ދުވަހުގެ ގޮތުން، މި ރޯދަހުގެ ފުރަތަމަ ދުވަސް ރާއްޖެ އާއި ދުނިޔޭގެ ގިނަ ގައުމުތަކުން ފެށި ފެށުމުގައި ކުޑަވެސް މައްސަލައެއް ނުވަތަ ޚިލާފެއް ވިޔަސް ނެތްކަން ޔަޤީންވެސް ވެއެވެ.