Support Us

"ކުއްލަމް ކުއްލާ": ރިޝީ ކަޕޫރުގެ "ސެންސަރުނުކުރާ" ބަޔޯގްރަފީ

މިހާރު ދުނިޔެ ދޫކޮށްފައިވާ އިންޑިއާގެ ފިލްމީ ތަރި ރިޝީ ކަޕޫރު، މީނާ އިޔަރާ ގުޅިގެން ލިޔެފައިވާ އޭނާގެ ހަޔާތުގެ ބަޔޯގްރަފީ އަކީ މިހާތަނަށް ބޮލީވުޑް ތަރިއަކު އެއްވެސް ހިފެހެއްޓުމެއް ނެތި، ހުރިހާ ކަމެއް ހާމަކޮށްލާފައިވާ ބަޔޯގްރަފީއެވެ. ފަންސާހަށް ވުރެ ގިނަ އަހަރު ދިވެހިން ވެސް މުނިފޫހިފިލުވައިދީފައިވާ ރިޝީގެ ބަޔޯގްރަފީ "ކުއްލަމް ކުއްލާ: ރިޝީ ކަޕޫރު އަންސެންސާޑް"ގައި އޭނާގެ ބައްޕަ، މަޝްހޫރު ޑައިރެކްޓަރު އަދި އެކްޓަރު ރާޖް ކަޕޫރު، ކައިވެނިން ބޭރުން ގުޅުން ހިންގައި، ރިޝީގެ މަންމަ އަށް ބޭވަފާތެރިވެފައިވާ ވާހަކަތައް ވެސް ހިމެނެއެވެ.

މީގެ އިތުރުން، ރިޝީގެ އަނބިމީހާ، މަޝްހޫރު ތަރި ނީޓޫ ސިންގްގެ ކުރިން، ރިޝީގެ ހިތް ދެވިފައިވަނީ ޔާސްމީން މެހްތާ ކިޔާ އަންހެނަކަށް ކަމަށް، 2020 ވަނަ އަހަރު މަރުވުމުގެ ކުރިން 2017 ގައި ނެރުނު ބަޔޯގްރަފީގައި ރިޝީ އެއްބަސްވެފައިވެއެވެ.

ރިޝީގެ ފިލްމީ ހަޔާތް ފެށުނީ، އޭނާއާ ގުޅުން ގޯސްވެފައިވާ ބައްޕަގެ ފިލްމް "މޭރާ ނާމް ޖޯކަރު"އިންނެވެ. އެއީ 1970 ގައެވެ. އަދި އެ ފިލްމް އޭނާ ކުޅުނީ އުމުރުން 16 އަހަރުގައި ކަމަށް ވިޔަސް، އިންޑިއާގެ ފަޚުރުވެރި "ނެޝަނަލް އެވޯޑް" އޭނާ އަށް އެ ފިލްމުން ލިބުނެވެ. މި ކަމުން ދައްކައިދެނީ ރިޝީގެ އެކްޓް ކުރުމުގެ ހުނަރު އެހާ ޅަފަތުގައި ވެސް ހުރިކަމެވެ.

ބައްޕައާ ގުޅުން ގޯސްވުމުގެ އިތުރުން ރިޝީގެ ދަރިފުޅު ރަންބީރު ކަޕޫރާ ވެސް ގުޅުން ރަނގަޅެއް ނޫން ކަމަށް ރިޝީ ބުނެފައިވެއެވެ.

ބޮލީވުޑްގައި ރިޝީ ވޭތުކުރި ހަޔާތުގައި އެތައް ތަރިންނަކާ މައްސަލަ ޖެހިފައިވެއެވެ. ޓިނާ މުނިމް އާ ގުޅުމެއް ހިންގި ކަމަށް ބުނެ ރިޝީ އަށް ޖިސްމާނީ ގޮތުން ހަމަލަ ދިނުމަށް ސަންޖޭ ދަތު ރިޝީގެ ގެއަށް ވެސް ގޮސްފައިވެއެވެ. އަދި ސަންޖޭ އަށް މާރާމާރީ ނުހިންގުނީ އާއިލާގެ އެހެން މީހުން ހުރަސް އެޅުމުގެ ސަބަބުން ކަމަށް ރިޝީ ބުނެފައިވެއެވެ.

ރިޝީ އިތުރަށް އެއްބަސްވެފައިވާ ގޮތުގައި ބޮލީވުޑްގެ ރަސްގެފާނު އަމީތާބް ބައްޗަން އާ ވެސް އެކި ގޮތްގޮތަށް "ހަނގުރާމަ" ކުރިއެވެ. މިސާލަކަށް، "ޒަންޖީރު"ން އަމީތާބަށް އެވޯޑު ލިބޭނެކަން ޔަގީންވުމުން، ރިޝީ "ފައިސާ ދީގެން އެ އެވޯޑު ގަނެލި" ކަމަށާއި ނަމަވެސް މި ކުރެވުނީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް ފަހުން ވިސްނުނު ކަމަށް ރިޝީ ބުންޏެވެ.

ރިޝީގެ ގުޅުން ގޯސްވި އިތުރު މީހުންގެ ތެރޭގައި ޚުދު އޭނާގެ އަންހެނުން ނީޓޫ ވެސް ހިމެނެއެވެ. އެ ގޮތުން، ފިލްމް "ކަބީ ކަބީ"ގައި ނީޓޫ އަށް ލިބުނު ރޯލަކީ ރިޝީ އަށް ވުރެ "އިސް ރޯލެއް" ކަމަށް ވުމުން، ރިޝީ އެ ފިލްމް ނުކުޅެ ދޫކޮށްލީ ވެސް ކިރިޔާ ކަމަށް ރިޝީ ބުނެފައިވެއެވެ.

މީގެ އިތުރުން ރިޝީގެ ފިލްމްތަކެއް ފްލޮޕްވުމުން އެ ކަމާ ވި މާޔޫސް ކަމުގައި "ރުޅިގަނޑު ބާލައިލެވުނީ" ވެސް ނީޓޫގެ މައްޗަށް ކަމަށް ރިޝީ ބުނެފައިވެއެވެ. ހަގީގަތުގައި އެއިރު އޭނާ އަކީ އަންހެނުންނާ މެދު ތައައްސުބެއް ގެންގުޅޭ މީހެއް ކަމަށާއި މި ނުބައި ސިފަ އޭނާގެ ޝަޚުސުން ފިލައިގެން ދިޔައީ ނީޓޫއާ ކައިވެނިކޮށް، ނީޓޫގެ ފަރާތުން ލިބުނު ލޯތްބާއި އަޅާލުމާއި އިހުތިރާމްގެ ސަބަބުން ކަމަށް ރިޝީ ބުނެފައިވެއެވެ.

ނީޓޫގެ ފަރާތުން ރިޝީ އަށް ފެނުނު ހަމައެކަނި ނުކިއްސަރު ކަމަކީ 1973 ގައި ފުރަތަމަ ފަހަށް ރިޝީ އަށް އިސް ރޯލެއް ލިބުނު ފިލްމް ކަމަށްވާ "ބޮބީ"ގެ ތަރި ޑިމްޕަލް ކަޕާޑިއާ އާ އިޝްގީ ގުޅުމެއް ބާއްވާ ކަމަށް ޝައްކު ކުރެވިގެން ކަމަށް ރިޝީ ބުނެފައިވެއެވެ. ނަމަވެސް އޭނާ ބުނީ ޑިމްޕަލް އާ އެއްވެސް ލޯބީގެ ގުޅުމެއް ނެތް ކަމަށާއި ވީ ގޮތަކީ ރިޝީގެ އިނގިލީގައި އިން އަނގޮއްޓިއެއް އޭނާގެ އަތުން ޑިމްޕަލް އަތުލައިގެން ޑިމްޕަލް އެ އަނގޮޓި އެޅުމުން ކަމަށެވެ. ދެން ވީ ގޮތަކީ އެއިރުގެ އެންމެ މަގުބޫލު ސުޕަސްޓާ ރާޖޭޝް ކަންނާ އާ ޑިމްޕަލް ކައިވެނި ކުރިތަނާ، ރާޖޭޝް ކަންނާ ހިތްހަމަނުޖެހިގެން އެ އަނގޮޓި މޫދަށް އެއްލައިލީ ކަމަށް ރިޝީ ބުނެފައިވެއެވެ. ރިޝީ ބުނެފައިވާ ގޮތުގައި ޑިމްޕަލް އާމެދު ޝައްކުގެ ނަޒަރަކުން ނީޓޫ އަބަދުވެސް ބަލަމުން ދިޔައެވެ. އަދި މިހެންވެ، 1985 ގައި ޑިމްޕަލް އާ އެއްކޮށް "ސާގަރު" ކުޅުމުން ވެސް ނީޓޫ ހިތްހަމަނުޖެހުނު ކަމަށް ރިޝީ ބުނެފައިވެއެވެ.

ރިޝީ ކޮށްފައިވާ، އިޖުތިމާއީ ގޮތުން ބަލައިނުގަނެވޭ، ބޭއަދަބީ ކަންތައްތަކުގެ ތެރޭގައި އެއް ދުވަހަކު އަންހެން ހެދުމެއް އަޅައިގެން ފިލްމް ޝޫޓިންއަށް ދިޔަ ކަމަށް ބުނެފައިވެއެވެ.

ރިޝީ 1990 ގެ އަހަރުތަކުގެ ތެރޭގައި ކުޑަ ދުވަސްކޮޅަކަށް ފިލްމީ ދުނިޔެއިން ގެއްލުނެވެ. ނަމަވެސް އަލުން އަނބުރާ އައިސް، 2016 ގައި "ކަޕޫރު އެންޑް ސަންސް" އިން އެވޯޑު ހޯދިއެވެ. އޭގައި އޭނާ ކުޅުނީ އުމުރުން 90 އަހަރުވެފައިވާ ލާނެތް މީހެއްގެ ރޯލެވެ.

އުމުރުން 67 އަހަރުގައި ރިޝީ މަރުވީ ނޭވާލުމުގެ ނިޒާމަށް ދިމާވި މައްސަލަތަކެއްގެ އިތުރުން ލޫކީމިއާ ނުވަތަ ލޭގެ ކެންސަރާ ވެސް ހަނގުރާމަ ކުރަމުންނެވެ.

ރިޝީ މިއަދު ދުނިޔޭގައި ނެތަސް އޭނާ އަކީ އިންޑިއާގެ ޓީވީ ޗެނަލްތަކާއި އަދި ރޭޑިއޯ ޗެނަލްތަކުގައި މިހާރު ވެސް ރަސްކަން ކުރަމުން އަންނަ ބަތަލެކެވެ؛ އެ ކަމަކު އެއީ އޭނާ އަސްލު ކިޔައިފައިވާ ލަވަތަކަކުން ނޫނެވެ. އެއީ އޭނާ ކުޅުނު ފިލްމްތަކުގައި ހިމެނުނު އޭނާ އެކްޓްކޮށްފައިވާ ލަވަތަކެވެ. ރިޝީ ބުނެފައިވަނީ މި ލަވަތަކަކީ އޭނާ އެއްގޮތަކަށް ވެސް ހިތްހަމަޖެހޭ ލަވަތަކެއް ނޫން ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *