Support Us

ކޮލަމް: އަލި

އަލްވިދާ! ލޮބުވެތި އާމިނަތު ޢައްބާސް

ދުނިޔޭގެ އުނިކަމާއެވެ! ފިޠުރަތުގެ ފުރިހަމަކަމާއެވެ. ޤުދުރަތުގެ މޮޅުކަމާއެވެ. ޙަޔާތުގެ ކުރުކަމާއެވެ! އިންސާނީ ފިޠުރަތުގެ ކޮންމެ ކަމަކީ އިބުރަތާއި ދަރުސުން ފުރިގެންވީ ފިލާވަޅުތަކެކެވެ. އަރަހުށި ހުސްޠާހިރުވަންތަ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ މެނުވީ ދާއިމު ފަރާތެއް ނެތެވެ. އަބަދީ ފަރާތެއް ނެތެވެ.

ޙަޔާތަކީ ވަގުތުގެ ނަމެކެވެ. ވަރަށް ކުޑަކުޑަ ހިނދުކޮޅެކެވެ. މިއަދު ހިތަށް މި ކުރާ އަސަރަކީ ވަރަށް ތަފާތު އަސަރެކެވެ. މުޅިން ތަފާތު އިހުސާސެކެވެ.

"?Are you free for lunch"
"!please confirm today’s lunch

މިއީ އަޅުގަނޑަށް ދޭތެރެދޭތެރެއިން އަންނަ މެސެޖެކެވެ. އަޅުގަނޑު ދިވެހިބަހުގެ އެކެޑަމީގައި މަސައްކަތް ކުރި އިރު ވެސް އާދެއެވެ. އެ ތަނުން ވަކިވި ފަހުން މި މެސެޖު އަންނަލެއް މާގިނަވިއެވެ. މިއީ އަޅުގަނޑު އެ ބޭފުޅަކަށް ނުހަނު އިހުތިރާމާއި ޤަދަރުކުރާ އެކުވެރި އާމިނަތު ޢައްބާސް ފޮނުއްވާ މެސެޖެވެ. ގ.ޢައްބާސާ އާމިނަތު ޢައްބާސްއެވެ. ވަރަށް ގިނަ ބޭފުޅުންނަށް އައިންތު އެނގިވަޑައިގަންނަވާނެއެވެ. އިތުރު މާދިގު ތަފްސީލަކަށް ނުދާނަމެވެ. ޑޭޒީމާގޭ އަލްމަރްޙޫމާ އާމިނަތު ފާއިޒާ، އާދެ! ދިވެހި ޅެންވެރިކަމުގެ ބަގީޗާއިން ފަރިވި ޑޭޒީމަލުގެ ދަރިކަނބަލުން އާމިނަތު ޢައްބާސްއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ލޮބުވެތި އާމިނަތު ޢައްބާސް މި ވަގުތީ ޢާލަމާ އަލްވިދާޢު ވިދާޅުވެ އަޅުގަނޑުމެން އެންމެނާ ވަކިވަޑައިގެން ތާއަބަދުގެ ގޮވަޗަށް ދަތުރުކުރައްވައިފިއެވެ. އެތައް ދުވަހަކު އާލާސްކަންފުޅުގައި އުޅުއްވުމަށް ފަހުއެވެ. އައިންތުގެ ފުރާނަފުޅު ސުވަރުގޭގެ  ދާއިމީ ނިޢުމަތްތަކުގައި ލެއްވުން އެދި ﷲ ތަޢާލާއަށް ދުޢާ ދަންނަވަމެވެ. އޭނާގެ ޢާއިލާގެ ބޭފުޅުންނަށް ތައުޒިޔާ ދަންނަވަމެވެ. ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދި ދުޢާ ކުރަމެވެ.

އަލްމަރްޙޫމާ އާމިނަތު ޢައްބާސްއަކީ ވަރަށް ކެތްތެރި ބޭފުޅެކެވެ. ވަރަށް ހިތްވަރުފުޅު ގަދަ ބޭފުޅެއް ވެސް މެއެވެ. އައިންތަކީ އަނެކުންނަށް ބަރޯސާވުމެއް ނެތި އަމިއްލަފުޅު "ދުނިޔެއެއްގައި"، އަމިއްލަފުޅު ގޮތްތަކެއްގެ މަތީ ދިރިއުޅުއްވި ބޭކަނބަލެކެވެ. އައިންތު ގަބޫލުފުޅު ކުރައްވާ ވަކި ހަމަތަކެއް ވަކި އުސޫލުތަކެއް ކޮންމެ ކަމެއްގައި ވެސް  ހުރެއެވެ. މި ކަން އޭނާއާ އެކު ވެވުނު އެތައް ބައްދަލުވުމަކުން އަޅުގަނޑަށް ވަނީ ފާހަގަކުރެވިފައެވެ. އައިންތުގެ "ރޫލް" އެއްވެސް މީހަކަށް މުގުރައެއް ނުލެވޭނެއެވެ. އައިންތަކީ އޭނާ ގަބޫލުފުޅުކުރައްވާ އުސޫލުތަކާއި ހަމަތަކާއި ގަވާއިތުތަކަށް ވަރަށް ބޮޑަށް އިހުތިރާމް ކުރައްވައިގެން އުޅުއްވި ބޭފުޅެކެވެ.

ވަރަށް ގިނަ ދުވަސްދުވަހު މެންދުރު ފަރީއްކުޅުއްވަން އަޅުގަނޑަށް ދައުވަތު ފޮނުއްވައެވެ. އަޅުގަނޑު ބަހުގެ އެކެޑަމީގައި ހުރި އިރު އެންމެ ގިނައިން އަޅުގަނޑުމެން ދެމީހުން މެންދުރު ކަނީ "ޕަޕަޑަމް" ކިޔާ ރެސްޓޯރެންޓަކުންނެވެ. އޭރު އެ ތަން ހުރީ އޭޑީކޭ ކުރިމަތީގައި އޮންނަ ގޯޅިތެރޭގައެވެ. އާދެ މިޔަލަނި ގޯޅީގައެވެ. ފަހުންފަހުން އައިސް އަޅުގަނޑުމެން ބައްދަލުވު މެންދުރު ކަނީ މާގިރިހޮޓަލުންނެވެ. މަދުމަދުން އޭޑީކޭއަށް ވެސް ދަމުއެވެ. މި އިން ކޮންމެ ތާކަށް ދިޔަޔަސް އެ ތަނަކަށް އައިންތު ވަޑައިގެންފި ކަން އެ ތަނުގެ މީހުންނަށް އެނގެއެވެ. އައިތު ބޭނުންފުޅުވާ ކާއެއްޗެހި ވެސް އެ މީހުންނަށް އެނގެއެވެ. އައިންތު ގިނަ ދުވަސްދުވަހު ވިދާޅުވާނީ މެނޫގެ ނަންބަރެވެ. އައިންތުއަށް ޚިދުމަތް ދެއްވަން ވަކި ބޭފުޅަކު ނުވަތަ ވަކި ދެތިންބޭފުޅަކު އުޅުއްވާ ހެން ވެސް ހީވާކަހަލަ ގޮތްތަކެއް އެ މީހުންގެ އަމަލުތަކުން އަޅުގަނޑަށް ފާހަގަވެއެވެ.

"?Are you free for lunch"
"!please confirm today’s lunch

މިއީ މިފަދަ މެންދުރު ކެޔުންތަކަށް އަޅުގަނޑަށް ދައުވަތު ދެއްވައި އައިންތު ފޮނުއްވާ ދައުވަތުގެ މެސެޖުތަކެވެ. މި ކަހަލަ ނުރަސްމީ މުއާމަލާތް އަބަދު ކަހަލަ ގޮތަކަށް އައިންތު ކުރައްވާނީ އިނގިރޭސިބަހުންނެވެ. އިނގިރޭސިބަހަށް އައިންތު ވަރަށް ފަރިތަފުޅެވެ. ކުށެއް ނެތް ސާފު އިނގިރޭސިބަހުން ރީތިކޮށް ވާހަކަފުޅު ދައްކަވައެވެ. އެހެނަސް ބައްދަލުވުންތަކުގައްޔާއި "ލަންޗްތަކުގައި" ކުރައްވާ މުޢާމަލާތުތަކާއި ދައްކަވާ ކޮންމެ ވާހަކަފުޅެއް ދައްކަވަނީ އެންމެ ރީތި ދިވެހިބަހުންނެވެ. އެންމެ ޝާހީ ބަސްމަގުންނެވެ. އެންމެފަހުން މި ފަދަ އުފާވެރި "ލަންޗަކުން" އަޅުގަނޑުމެން ބައްދަލުވީ 2022ވަނަ އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހު މާގިރި ހޮޓަލުންނެވެ. ދިވެހި ރާއްޖޭގެ އުފާވެރި މިނިވަން ދުވަހުއެވެ. އޭގެ ފަހުން އަޅުގަނޑުމެންނެއް  ލަންޗަކުން ބައްދަލެއް ނުވެއެވެ. އެހެނަސް ދޭތެރެދޭތެރެއިން އައިންތު ގުޅުއްވައެވެ. ޙާލު ވިދާޅުވެދައްވައެވެ. ކެންސަރުގެ އާލާސްކަންފުޅުގައި އައިންތު އުޅުއްވީ ވަރަށް ކެތްތެރިކަމާ އެކުއެވެ. ވަރަށް ހިތްވަރުފުޅު ގަދަ ކުރައްވައިގެންނެވެ. ބަލީގައި ވާ ގޮތާއި ވާނޭ ގޮތް އައިންތަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. ދުނިޔޭގެ ވަގުތީކަމާއި އިންސާނާގެ އަޖަލްގެ ގާތް ކަން އައިންތު ކިތަންމެ ރަނގަޅަކަށް ވެސް ދެނެވަޑައިގަންނަވައެވެ. އައިންތުގެ ފުށުން އަޅުގަނޑަށް ދަސްވި ފިލާވަޅަކީ ތިމާއަށް ދިމާވާ ކޮންމެ ކަމަކާ ކުރިމަތިލާން ޖެހޭނީ ޚުދު ތިމާ ކަމެވެ. ކެތްތެރިކަން އިސްކޮށް ޝަކުވާ މަދުކޮށް ފަހު ވަގުތާ ޖެހެންދެން ހިތްވަރުކުރަން ޖެހޭނެ ކަމެވެ. މީހުންނަށް ބަރޯސާވުން އެއީ އެދެވޭ ނަތީޖާއެއް އޮތް ގުޅުމެއް ނޫން ކަމެވެ.

އައިންތުގެ ހެޔޮ ޙަޔާތްޕުޅުގައި އައިންތަކީ އޭނާ ދެނެވަޑައިގަންނަވާ އެކުވެރި ބޭބޭފުޅުންނާއި ޢާއިލާގެ ބޭބޭފުޅުންގެ އަރިހަށް ޒިޔާރަތް ކުރައްވައި ޙާލުކޮށް ބެއްލި ބޭފުޅެކެވެ. އައިންތަކީ ސީރިޔަސް ބޭފުޅެކެވެ. އެކަމަކު ނިކަން ސާމާސާ ވެސް ކުރައްވައެވެ.

އަޅުގަނޑުމެންގެ ބައްދަލުވުންތަކުގައި، ދިވެހިބަހާއި އަދަބަށް އަންނަމުންދާ ތަފާތު ބަދަލުތަކާއި ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ވާހަކަ ދައްކަވައި އެ ކަމުގައި ހުރި ކަންބޮޑުވުންތަކުގެ މައްޗަށް ވަރަށް ގިނަފަހަރު އައިންތު ވާހަކަފުޅު ދައްކަވައެވެ. ޚާއްޞަކޮށް ދިވެހިބަހުން ވާޙަކަދެއްކުމުގައި ހަމައެއްނަމައެއް ނެތި ވާހަކަދައްކާ ދެއްކުމާއި ދިވެހިބަހުގެ ދަރަޖައަށް އިހުތިރާމް ނުކުރާ ވާހަކައާއި ކުޑަކުދިން ދިވެހިބަހުން ވާހަކަ ނުދައްކާ ވާހަކަ ވަރަށް ގިނައިން ދައްކަވައެވެ. އަދި ގައުމީ ނިސްބަތުގައި ފާހަގަކުރެވޭ ބޮޑެތި "ބޭފުޅުން" ދިވެހިބަހަށް އިހުތިރާމް ނުކުރައްވާ ވާހަކަފުޅާއި ބަސްމަސްހުނިކޮށްގެން ވާހަކަ ދައްކަވާ ވާހަކަފުޅު ވެސް ވިދާޅުވެއެވެ.

ކޮންމެއަކަސް މިއަދު ހެނދުނު އަޅުގަނޑަށް ދެ ފަހަރަކު އަލްފާޟިލް މަޑުލު މުޙައްމަދު ވަޙީދު ގުޅުއްވައިފައި އޮތެވެ. ކޮންމެ ދުވަހަކު ވެސް މަޑުލު އޮފީހަށް ވަޑައިގެން އަޅުގަނޑަށް ގުޅުއްވައެއެވެ. އާދައިގެ މަތިން 7:14ގައި މަޑުލު މުޙައްމަދު ވަޙީދު އަޅުގަނޑަށް ގުޅުއްވައިފައި އޮތެވެ. އޭގެ ފަހުން މަޑުލު ގުޅުއްވީ 8:09 ގައެވެ. އަޚުގަނޑު އޮފީހަށް ދާން ތައްޔާރުވަނިކޮށެވެ. އަޅުގަނޑު އަވަސްއަވަހަށް މަޑުލަށް ގުޅީމެވެ. މަޑުލު ވިދާޅުވީ އާމިނަތު ޢައްބާސްގެ ޙާލުކޮޅު ތަންކޮޅެއް ސީރިޔަސް ވެގެން އޭޑީކޭއަށް ވަޑައިގަންނަވާ ވާހަކައެވެ. އަޅުގަނޑު ވެސް އޮފީހަށް ގޮސް ސޮއިކޮށްފައި ދާނަމޭ ދެންނެވީމެވެ. މަޑުލު ވަޑައިގަތީ ބަހުގެ އެކެޑަމީގެ ބެފުޅުންކޮޅަކާ އެކުއެވެ. އޭޑީކޭގައި އައިންތު އޮންނެވި ކަމަށް އެ ތަނުން މަޢުލޫމާތު ދެއްވި ކޮޓަރިއަށް ވަން އިރު އަޅުގަނޑުމެންނަށް ފެނުނީ އައިންތެއް ނޫނެވެ. ހުދުފޮތިން މޫނުފުޅާ އެކު މުޅި ހަށިކޮޅު ނިވާކޮށްފައި އޮތް އެ މަރުޙޫމާގެ  ޤަބުރުފުޅެވެ. އިންނާލިއްލާއި ވައިންނާ އިލައިހި ރާޖިޢޫން. ލޮބުވެތި މިތުރުގެ ފުރާނަފުޅު ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލައްވާށިއެވެ.

މިއަދު އަލުން ފޯނަށް ބެލިއްޖެއެވެ. އައިންތުގެ "މިތުރުވެރި" މެސެޖުތައް އަލުން ކިޔައިލެވިއްޖެއެވެ. ދަންނަވައިލާ ހިތްވެއެވެ. "އޭ ލޮބުވެތި އައިންތުއެވެ. އާރ ޔޫ ފްރީ ފޮރ ޓްޑޭސް ލަންޗް؟ ޕްލީސް ކޮންފަރމް!" އެހެނަސް.. އެހެނަސް… މިއަދު ހިތުގައި ޖެހިއްޖެއެވެ. ވަރަށް ދެރަވެއްޖެއެވެ. އަޅުގަނޑުމެން އިށީނދެ ތިބެ މީރު ކެޔުންތައް  ކަމުން އުފާވެރި ވާހަކަތައް ހިއްސާކުރި މޭޒު މިއަދު ފަޅުވެއްޖެވެ. އެހެނަސް އެ ހަނދާންތައް އަޅުގަނޑުގެ އަޖަލް ޖެހެންދެން ހިތުގައި ހިނިތުންވާނެއެވެ.

ގެއްލިގެން ދިޔައީ މިއަދު ޑޭޒީ މަލުގެ އަސަރާ ވަހޭ
ދެން އޮތީ ހިތްހެޔޮކަމާ އެކުގައި ކުރުންމެ ދުޢާތަކޭ