Support Us

ޔުކްރޭނުގެ އިރުމަތީ މައިދާނަށް ރަޝިޔާގެ ފިއްތުންތައް އިތުރު ކުރަނީ

ރަޝިޔާއިން ޔުކްރޭނަށް ދެމުންގެންދާ ޙަމަލާތައް ވަރަށް ދިގު މައިދާނަކަށް ފުޅައުކުރަމުންދާ ކަމަށާއި އެތައް ނާރެސްތަކެއްގައި ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާ ކަމަށް ޔުކްރޭނުން ބުނެފިއެވެ.

ޔުކްރޭނުން ރޭ ނެރުނު ޢަސްކަރީ ބަޔާންތައް ބުނާގޮތުގައި މިހާރު ހަނގުރާމަ ފުޅައުވެގެންގޮސް އިރުމަތީ ޔުކްރޭނުން ފެށިގެން އިރު އުތުރު ސަރަޙައްދާ ހަމައަށް ހަނގުރާމަ ވަނީ ފެތުރިފައެވެ. އެއީ ލީމާން ސަރަޙައްދުން ފެށިގެން ގޮސް ޚާރްކީވް ސަރަޙައްދަށެވެ. މި ރިޕޯޓުތައް ބުނާގޮތުގައި ރަޝިޔާގެ ބާރުގެ ދަށުގައިވާ ޑޮނެޓްސްކު ސަހަރު ކައިރީގައި އޮންނަ އެވްޑިވްކާ ސަހަރު ކައިރީގައި ހަނގުރާމަ ހިނގަމުން އެބަދެއެވެ. 

ރޮއެޓަރޒް ބުނާގޮތުގައި ޔުކްރޭން ސިފައިން 300 ކީލޯމީޓަރުގެ ދިގު މައިދާނެއްގެ ތެރޭގައި މަސައްކަތް ކުރަމުންދަނީ ރޫސީ ސިފައިންގެ ކުރިއެރުންތައް ހުއްޓުވޭތޯއެވެ. ރޮއެޓަރޒް ބުނާގޮތގައި ޑޮންބާސްގެ އެތައް ނާރެސްތަކެއްގައި ރޫސީ ސިފައިން ދަނީ ޢަސްކަރީ ފިއްތުންތައް ވަރުގަދަކުރަމުންނެވެ. ބަޚްމޫތުގައްޔާއި  ޚާރްކީވް ސަރަޙައްދުގައި ރަޝިޔާ ސިފައިންނާއި ވެގްނަރ ހަނގުރާމަ ވެރީން ތަފާތު މައިދާންތަކުގައި ދަނީ ޔުކްރޭނުން ދީފާނެ ކަމަށް ލަފާ ކުރެވޭ ޙަމަލާގެ ކުރިން ކުރިއެރުންތަކެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ރަޝިޔާގެ ޢަސްކަރީ  ރީޕާރު ވެބް ޞަފްޙާ ބުނާގޮތުގައި ރޫސީ ސިފައިން ދަނީ އެވްޑީވްކާ ސަހަރުގެ ޙިޞާރު ވަރުގަދަ ކުރަމުންނެވެ. މި ސަހަރުގެ އުތުރުގައި އޮންނަ ނޯވޯ ބަޚްމޫތުކާ ސަހަރަށް ވަނީ ރޫސީ ސިފައިން އަރައިފައެވެ. 

ބަޚްމޫތަށް ބަލާއިރު ވެގްނަރ ހަނގުރާމަވެރީން ކުރިއަރަމުންދަނީ ބަޚްމޫތުގެ ދެކުނު ފަރާތުން ކަމަށް ރަޝިޔާއިން ބުނެއެވެ.

އަނެއްކޮޅުން  ބްލޫމްބަރގް ނޫސް އޭޖެންސީ ބުނާގޮތުގައި ޔުކްރޭން ސިފައިން ދިނުމަށް ރާވަމުން ގެންދާ އިދިކޮޅު ޙަމަލާގެ އެއް އަމާޒަކަށް ވާނީ ކްރިމިޔާ ސަރަޙައްދާ ރަޝިޔާ ގުޅުވައިދޭ ބޮޑު ފާލަން ހަލާކުކޮށްލުމެވެ.

ޔުކްރޭނުން ކަށަވަރުކޮށްދޭ ގޮތުގައި ރަޝިޔާއިން އިއްޔެ ވައިގެ 40 ޙަމަލާދިނެވެ. ޔުކްރޭން ސިފައިން ތިބި ތަންތަނަށް ބޮޑު ބަޑީގެ 200 ޙަމަލާދިނެވެ.މި ޙަމަލާތަކުގެ ސަބަބުން އެތައް ރަށެއްގެ ބިނާރުތަކަށް ގެއްލުން ލިބުނެވެ. 

ޔުކްރޭނުގެ ބަޚްމޫތުގައި ފަރަންސޭސި ރައްޔިތަކު ނޭނގޭފަދަ ގޮތަކަށް އިއްޔެ މަރުވުމާ ވިދިގެން ފަރަންސޭސިން ޔުކްރޭނަށް ދަތުރު ނުކުރުމަށް ފަރަންސޭސި ޚާރިޖިއްޔާއިން ރޭ ވަނީ  ނަސޭހަތްތެރިވެފައެވެ. ޕެރިހުން ބުނާގޮތުގައި ޔުކްރޭނަކީ މިހާރު އަމާން ޤައުމެއްނޫނެވެ. 

މިގް މަތިންދާބޯޓުގެ މަސްއަލަ

ސްލޮވާކިޔާއިން މިގް 29 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުކޮޅެއް ޔުކްރޭނަށް ދިނުމުން ރަޝިޔާއިން އެކަން ކުށްވެރިކޮށްފިއެވެ. ރަޝިޔާ ބުނާގޮތުގައި މިއީ 1997ގައި އެއްބަސްވެފައިވާ އެއްބަސްވުމާ ޚިލާފު ޢަމަލެކެވެ. މި އެއްބަސްވުން ބުނާގޮތުގައި ރަޝިޔާއިން ސްލަވާކިޔާއަށް ވިއްކައިފައިވާ ބޯޓުތައް ތިންވަނަ ދައުލަތަކަށް ދިނުމަކީ މި އެއްބަސްވުން ހުއްދަކުރާ ކަމެއް ނޫނެވެ. މޮސްކޯއިން ސިފަކުރިގޮތުގައި މިއީ "ރަޙްމަތްތެރިކަމާ ޚިލާފު" ޢަމަލެކެވެ. ސްލަވާކިޔާގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި މިގް 29ގެ ހަތަރު ބޯޓު ބުރާސްފަތި ދުވަހު ވަނީ ޔުކްރޭނަށް ފޮނުވައިފައެވެ. އިތުރު ނުވަ ބޯޓު ދެވޭނެއެވެ.

ރަޝިޔާއިން އިތުރަށް ބުނާގޮތުގައި މި ބޯޓުތަކަކީ ފަންނިއްޔަތުގެ ގޮތުން ބަލާއިރު ބައު ހަތިޔާރެކެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *