Support Us

ޖަޒާއިރު: ފަރަންސޭސިން މި ޤައުމު އިސްތިޢުމާރު ކުރީ 1830 ގައި

ނަބަވީ ހިދާޔަތުގެ އަލީގައި: އިސްލާމީ ދައުލަތުގެ ފުރާޅުގެ ދަށުގައި މުސްލިމު ރައްޔިތުންގެ ޢިއްޒަތް

މުސްލިމުންގެ ޤައުމަކުން މިނިވަންދުވަސް ފާހަގަކުރާ ކޮންމެ ދުވަހަކީ ހުޅަނގުގެ އިސްތިޢުމާރުގެ އަނިޔާވެރިކަމާއި، ރަޙްމުކުޑަކަމާއި، ބޭއިންސާފުވެރިކަން ހަނދާނަށް ގެނެސްދޭ ކަމެކެވެ. މީސްތަކުން މިނިވަންދުވަހުގެ އުފާ ފާޅުކުރަނީ އިސްތިޢުމާރީ ބާރުތަކުން ފުނޑާ މުގުރި ދިރިތިބީންގެ މަސްތަކާއި، އަންދާލި މައްޔިތުންގެ ކަށިތަކާއި، ހަލާކުކޮށްލި ދަނޑުފަނގުތަކާއި، ލޫޓުވައިލި ޚަޒާނާތަކާއި، މުސްލިމުންގެ ކުރިއެރުމަށާއި ތަރައްޤީއަށް އެޅި ހުރަސްތައް ހަނދާންކޮށް އެ ޒިކުރާތައް ދިރުވަމުންނެވެ.

މި ގޮތުން ބަލާއިރު އެންމެ ދިގު މުއްދަތަކަށް އިސްތިޢުމާރު ކުރެވުނު އެއް ޤައުމަކީ ޖަޒާއިރެވެ. ފަރަންސޭސިން މި ޤައުމު އިސްތިޢުމާރު ކުރީ 1830 ގައެވެ. މި ޤައުމަށް މިނިވަންކަން ލިބުނީ 1962 ވަނަ އަހަރުގައެވެ. މިލިޔަން ޝަހީދުންގެ ލެއިންނެވެ. މި ޤައުމުގެ މުސްލިމުން ނަޞާރާ ދީނަށް ވެއްދުމަށާއި އެމީހުން ބަސް ނައްތައިލުމަށް ކޮށްފައިވާ މަސައްކަތްތަކަކީ ބިރުވެރިކަން ބޮޑު ކޮވިޑެކެވެ. ފަރަންސޭސި އިސްތިޢުމާރުން މި ޤައުމުގެ ކިތައްކިތައް މިސްކިތް ފައްޅިތަކަށް ބަދަލުކޮށްލިތޯއެވެ؟

ޕޯޗްގީޒުން ދިވެހިރާއްޖެއަށް އަރައި ރާއްޖޭގެ ސިޔާސަތަށް ވެރިވެގަނެ މީސްތަކުން ނަޞާރާ ދީނަށް ގަދަކަމުން ވައްދަން ކިހާ މަސައްކަތެއް ކުރިތޯއެވެ؟ މުޙައްމަދު ތަކުރުފާނު ޕޯޗްގީޒުންނާ ދެކޮޅަށް ނުކުމެވަޑައިގަތީ އިސްލާމްދީނަށް ޓަކައެވެ. ރާއްޖޭގެ މުސްލިމު ރައްޔިތުންގެ އަބުރާ ޢިއްޒަތަށް ޓަކައެވެ.

މުސްލިމުންގެ އެތައް ބިންތަކެއް އިސްތިޢުމާރުކޮށް އަޅުވެތިކޮށްފައި އަދިވެސް އެބަ އޮތެވެ. ފަލަސްޠީނުގެ ބިމާއި ކަޝްމީރުގެ ބިންތައް ފަދަ ބިންތަކެވެ. މި ބިންތަކަށް ވެރިވެގަންފައިވާ ފަރާތްތަކުން މި ބިންތަކާ ބެހޭގޮތުން އ.ދ.ން ފާސްކޮށްފައިވާ ޤަރާރުތަކަށް ބަލައިލުމެއް ނެތިއެވެ. ދީމުޤުރާޠީ ނިޒާމުގެ ކުޑައިގެ ދަށުގައި އޮވެގެން މި ބިންތަކުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށް އަރަގަންނަމުންދަނީ މުޅި ދުނިޔެއަށް ގޮންޖަހަމުންނެވެ. ބޮޑެތި ބާރުތަކުގެ މަދަދާލައިގެންނެވެ.

މި ވޭންދެނިވި ހަނދާންތަކާއި ޒިކުރާތަކުގެ މަތިން ހަނދާން ނައްތައިލެވިގެން ނުވާނެއެވެ. ހެޔޮކަންތަކަށް ޝުކްރު ކުރުމަށް ޓަކައި ނުބައި ކަންތައްތައް ހަނދާނުގައި ބަހައްޓަން ޖެހޭނެއެވެ. ދެއްވަވާފައިވާ އަމާންކަމަށް ޙަމްދު ކުރުމަށް ޓަކައި ކުރިމަތިވެ ތަޙައްމުލު ކުރަން ޖެހުނު ބިރުވެރިކަން ހިތަށް ގެންނަން ޖެހޭނެއެވެ. ﷲ ތަޢާލާ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ((وَذَكِّرْهُم بِأَيَّىٰمِ ٱللَّـهِ އަދި އެއުރެންނަށް اللَّه ގެ ދުވަސްތައް ހަނދުމަކޮށްދެއްވާށެވެ!)) މާތް ﷲ މޫސާގެފާނަށް މި އަމުރު ކުރައްވަނީ ފިރްޢައުނުގެ ބޮޑާކަމުގެ މައްޗަށާއި، ޤާރޫނުގެ ކަންޒުތަކުގެ މައްޗަށާއި ހާމާނުގެ ފަސާދައިގެ މައްޗަށް ދެއްވި ކާމިޔާބީއާއި ނަޞްރު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ހަނދާންކޮށް ދެއްވުމަށެވެ.

ވެރިކަމެއް ޤާއިމު ކުރެވުނަސް އަދި ދައުލަތެއް ބިނާކުރުމުގައި ކާމިޔާބު ނުލިބި ހިނގައިދާނެއެވެ. ބައެއް ޤައުމުތަކަށް ބަލާއިރު ފެންނަނީ ދައުލަތާއި ރައްޔިތުން ދެ މިންގަނޑަކުން ކިރެމުންދާ ތަނެވެ. ރައްޔިތުންގެ މައްޗަށް އަތްގަދަކޮށް ބާރު ހިންގާ ސިފައިންގެ ބާރަކާއި މި ބާރުގެ ދަށުގައި އަޅުވެތިވެފައިވާ ރައްޔިތެކެވެ. ނުވަތަ މާތް މުޤައްދަސް ޙާކިމަކާއި ނިކަމެތި އަޅުވެތި ރައްޔިތެކެވެ.

ބާރުގަދަ އުއްމަތަކީ އެ އުއްމަތުގެ ފަރްދުންނަށް އެއީ އެމީހުންގެ  ދައުލަތް ކަން އިޙްސާސްކުރެވޭ އުއްމަތެވެ. އެއީ އެ  ދައުލަތާނުލައި އެ  ދައުލަތުގެ ރައްޔިތުންނަށް ހަމަޖެހުން ނުލިބޭ ދައުލަތެވެ. ދައުލަތުގެ ބާރުން ރައްޔިތުންނަށް ބާރު ލިބޭ ދައުލަތެވެ. ދައުލަތާ ރައްޔިތުންނާ ދެމެދުގައި އިތުބާރު އޮންނަ ދައުލަތެވެ. މި ދައުލަތުން އެންމެހާ ރައްޔިތުންނަށް ހައިބަތާއި ޢިއްޒަތް ލިބިދޭ ދައުލަތަކަށް ހެދުމަށް ޙާކިމާއި މަޙުކޫމު މަސައްކަތް ކުރާ ދައުލަތެވެ. މި ދައުލަތުގައި މުވާޠިނުންގެ ކަރާމަތާއި ޢިއްޒަތް ރައްކައުތެރި ކުރުމަށް ޙާކިމާ އަބަދު ވެސް މަސައްކަތް ކުރާނެއެވެ.

މިއާ ޚިލާފަށް ނިކަމެތި އުއްމަތަކީ ޙާކިމާއާއި މަޙްކޫމާއާ ދެމެދުގައި ހަތުރުވެރިކަމާއި، ނުތަނަވަސްކަމާއި، ބިރުވެރިކަމާއި، ގައިދުރުކުރުން އޮންނަ ދައުލަތެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙާކިމާއާ މަޙްކޫމާއާ ދެމެދުގައި އޮންނަން ޖެހޭ ގުޅުން ބަޔާންކޮށް ދެއްވަމުން ޙަދީސް ކުރެއްވިއެވެ. ((خِيارُ أئِمَّتِكُمُ الَّذِينَ تُحِبُّونَهُمْ ويُحِبُّونَكُمْ، ويُصَلُّونَ علَيْكُم وتُصَلُّونَ عليهم، وشِرارُ أئِمَّتِكُمُ الَّذِينَ تُبْغِضُونَهُمْ ويُبْغِضُونَكُمْ، وتَلْعَنُونَهُمْ ويَلْعَنُونَكُمْ ތިޔަބައިމީހުންގެ އެންމެ ރަނގަޅު ވެރީންނަކީ ތިޔަބައިމީހުން އެބައިމީހުންދެކެ ލޯބިވާ އަދި އެބައިމީހުން ތިޔަބައިމީހުންދެކެ ލޯބިވާ މީހުންނެވެ. އަދި އެބައިމީހުން ތިޔަބައިމީހުންނަށް ހެޔޮ ދުޢާކޮށްދޭ އަދި ތިޔަބައިމީހުން އެބައިމީހުންނަށް ހެޔޮ ދުޢާކޮށްދޭ މީހުންނެވެ. ތިޔަބައިމީހުންގެ އެންމެ ނުބައި ވެރީންނަކީ ތިޔަބައިމީހުން އެބައިމީހުންދެކެ ރުޅިއަންނަ އަދި އެބައިމީހުން ތިޔަބައިމީހުންދެކެ ރުޅި އަންނަ މީހުންނެވެ. އަދި އެބައިމީހުން ތިޔަބައިމީހުންނަށް ލަޢުނަތްދޭ  އަދި ތިޔަބައިމީހުން އެބައިމީހުންނަށް ލަޢުނަތްދޭ މީހުންނެވެ.))

ހައިބަތު ހުރި ދައުލަތަކީ އެ ދައުލަތުގެ އެތެރޭގައި އެ ދައުލަތުގެ ރައްޔިތުންނަށް ޢިއްޒަތްތެރިކަން ލިބިދޭ  އެ ދައުލަތުގެ ރައްޔިތަކަށް އެ ދައުލަތުން ބޭރުގައި ވިޔަސް ގޯނާއެއް ލިބިއްޖެނަމަ އެ ގޯނާއަކުން އެ މީހާ ސަލާމަތް ކުރުމަށް ތެދުވާ ދައުލަތެވެ. މިއަދު އެމެރިކާގެ ރައްޔިތަކަށް ދުނިޔޭގެ ޤައުމެއްގައި ގޯނާއެއް ލިބިއްޖެނަމަ އޭނާ ސަލާމަތް ކުރުމަށް ޓަކައި އެމެރިކާގެ ފްލީޓުތައް ޙަރަކާތްތެރި ވޭނޫންތޯއެވެ؟ އީރާނާއި ޢިރާޤާއި ލީބިޔާފަދަ ޤައުމުތަކާ ދެކޮޅަށް  އެމެރިކާއިން ފިޔަވަޅު އަޅައިފާވާ ގޮތް އަދި މިއަދު ވެސް އީރާނާ ދެކޮޅަށް ޙަރަކާތްތެރިވަމުންދާ ގޮތް ނަމޫނައަކަށް ފުދެއެވެ.

އިސްރާއީލުން ފަލަސްޠީނު މީހުންނާ ދެކޮޅަށް އަޅަމުން ގެންދާ ފިޔަވަޅުތަކަށް ބައްލަވާ ލައްވާށެވެ! އިސްރާއީލުގެ ރައްޔިތެއްގެ ލޭ އޮހޮރުވިއްޖެނަމަ އެ ކަމަށް ބަދަލު ހިފަމުންދާ އަނިޔާވެރިގޮތް މި ކަމުގެ މިސާލަކަށް ފުދެއެވެ. އިސްރާއީލު ޖަލުގައި އެންމެ ގިނަ ދުވަހު ހުރި ފަލަސްޠީނު މީހަކީ ސަމީރުލް ޤިންޠާރެވެ. އޭނާއަށް އަމާންކަންދީފައި ދޫކޮށްލުމަށްފަހު ޢަމަލު ކުރީ ކިހިނެއްތޯއެވެ؟ އޭނާ ފަލަސްޠީނު ބިމުން ބޭރުކޮށްލީ އަވަށްޓެރި ލުބްނާނަށެވެ. އެއަށްފަހު އިސްރާއީލުން ލުބްނާނުގެ ސިޔާދަތީ ޙުރްމަތް ކަނޑައި ވައިގެ ޙަމަލާއަކުން ސަމީރުލް ޤިންޠާރު ޝަހީދުކޮށްލިއެވެ. އިސްރާއީލު މީހެއްގެ "މާތް" ލޭ އޮހޮރުވި މީހަކަށް ދުނިޔޭގައި އަމާންކަން ނުލިބޭނެކަން އިސްރާއީލުން އިޢުލާނު ކުރިއެވެ.

ތާރީޚު ބުނާގޮތުގައި އުއްމަތްތައް ބިނާކޮށް ދައުލަތްތައް މޭސްތިރިކުރަން ފެށޭނީ އެ ދައުލަތުގެ ފަރްދުން ޢިއްޒަތްތެރިކޮށް ، އެ ދައުލަތުގެ ތާރީޚާއި ފަޚްރުވެރިކަން ހަނދާންކޮށްދީގެންނެވެ. މި ކަމުގައި އަޅުގަނޑުމެންނަށް ލިބިގެންވާ އެންމެ ހެޔޮ މިސާލަކީ އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَلِلَّـهِ ٱلْعِزَّةُ وَلِرَسُولِهِۦ وَلِلْمُؤْمِنِينَ عزّة ވަނީ، اللَّه އަށެވެ. އަދި އެކަލާނގެ رسول އާއަށާއި، مؤمن ންނަށެވެ.)) އެކަލޭގެފާނު ވަނީ އަލް މަދީނަތުލް މުނައްވަރާގެ  ޙަރަމްފުޅައި އެކަލޭގެފާނުގެ ވަރުގަދަ ދައުލަތުގެ ހިޔާވަހިކަމުގެ ތެރޭގައި ދިރިއުޅެމުން އައި އެންމެހާ މުސްލިމުންނަށާއި، ޒިއްމީންނަށާއި، ރެފިއުޖީންނަށް  ޢިއްޒަތުގެ މާނަ  ތަޞައްވުރުކޮށް ދެއްވައިފައެވެ. އެމީހުންނަށް މި ޢިއްޒަތުގެ ލައްޒަތު ޙާޞިލުކޮށް ދެއްވައިފައެވެ. މުސްލިމުންގެ ފުރަތަމަ ދައުލަތުގެ ހިޔާވަހިކަމުގެ ދަށުގައި ، ތެދުވެރި ޞަޙާބީންނަށާއި ، ދެފުށް ދެ ގޮތް މުނަފިޤުންނަށާއި، އަވަށްޓެރި ޔަހޫދީންނަށް ވަނީ ޢަދްލުވެރިކަމުގެ ޖައްވުގެ ތެރޭގައި ކަރާމަތްތެރިކަމުގެ ތަނަވަސްކަމުން ޙިމާޔަތް ލިބިފައެވެ.

އަލްމުޞްޠަފާ صلى الله عليه وسلم މަދީނާއަށް ހިޖްރަ ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ދުވަހު ޞަޙާބީންނަށާއި މަދީނާއާ އަވަށްޓެރިވެގެން ދިރިއުޅެމުންދިޔަ ޔަހޫދީންނަށާއި އެހެންވެސް މީހުންގެ ހިތްތަކަށް ވެއްދެވި ޝޫޢޫރަކީ އެ އެންމެންނަކީ އެކަލޭގެފާނުގެ މި ދައުލަތުގެ ފަރްދުން ކަމެވެ. ދުޝްމަނުންގެ މަކަރުވެރި ރޭވުންތަކުންނާއި ދުޝްމަނީ ޙަމަލާތަކުން ދައުލަތް ޙިމަޔަތް ކުރުމަށް ޓަކައި މަސައްކަތް ކުރުމަކީ އެ އެންމެތަކުންގެ މަސްއޫލިއްޔަތެއް ކަމެވެ. މަދީނާގެ ޢަޤްދުނާމާގައި އައިސްފައިވެއެވެ. ((ޤުރައިޝުންގެ ތެރެއިންނާއި ޔަޘްރިބުގެ މީހުންގެ ތެރެއިން  އިސްލާންވެގެންވާ މީހުންނާއި،އެމީހުންނާ ފަހުން ގުޅޭހާ ބަޔަކާއި އެމީހުންނާއެކު ޖިހާދު ކުރާ އެންމެތަކުންނަކީ އެހެން މީހުން ނުހިމެނޭގޮތަށް އޮތް ދައުލަތެކެވެ. މި ދައުލަތުގައި ޔަހޫދީންނަށް ނަޞްރު ލިބިގެން ވެއެވެ. އެމީހުންނަށް އަނިޔާ ލިބުމެއް ނެތިއެވެ.))

މަދީނާގެ ދައުލަތުގައި މުސްލިމުންނަށާއި ޣައިރު މުސްލިމުންނަށް ޢިއްޒަތް ވަނީ ލިބިފައެވެ. އެ ދައުލަތުގެ ބެލުންތެރިކަމުގެ ދަށުގައި އެއްވެސް ޙައްޤެއް ގެއްލިގެން ގޮސްފައެއް ނުވެއެވެ. އޮހޮރުވައލެވުނު އެއްވެސް ލެއެއް ގެއްލިގެން ގޮސްފައެއް ނުވެއެވެ. ބައެއް ހެކިތަކުން ފުއްދައިލާނަމެވެ. އޭގެތެރޭގައި :-

  • ޢުކްލު ވަންހައާއި ޢުރައިނާ ވަންހައިގެ ރަށްފުށުގެ އަށެއްކަ އަރަބިން މަދީނާއަށް އައިސް އިސްލާމްވިއެވެ. އެމީހުން ތިބީ ސިނގު ބަނޑުލައި، ވަރަށް ބަލިކޮށްނެވެ. އެމީހުންގެ މޫނުތައް ވަނީ ދޮންފޫޑުވެފައެވެ. މަދީނާގެ ޖައްވު އެމީހުންނާ ނުގުޅޭތީ ޖަމަލު ގެންގުޅޭ މީހަކާ ޙަވާލު ކުރެއްވިއެވެ. އެމީހުންނަށް ޖަމަލު  ކިރާއި ޖަމަލު މަހުން ފަރުވާ ދެއްވުމަށް ޓަކައެވެ. މި ބައިމީހުންގެ ބަލި ރަނގަޅުވެ ދުޅަހެޔޮ ވުވުމުން މި ޖަމަލުތަކުގެ ވެރިމީހާއަށް ޙަރާންކޯރުވެ އޭނާއަށް އަނިޔާކޮށް މަރައިލިއެވެ. އަދި އޭނާގެ ޖަމަލުތައް ފޭރިގަނެގެން ފިލައި ރައްކައުވިއެވެ. މި ޚަބަރު ރަސޫލާ صلى الله عليه وسلم އަށް ލިބިވަޑައިގަތުމުން ޞަޙާބީންގެ ބަޔަކު ފޮނުއްވާ މި މީހުން އަތުލައްވައިގެން މަދީނާއަށް ގެންނަވައި އެމީހުންގެ މައްޗަށް މަގު ފޭރޭމީހުންގެ ޙުކުން ތަންފީޒު ކުރެއްވިއެވެ. އިސްލާމީ ދައުލަތުގެ ރައްޔިތެއްކަމުގައިވި އެ ޖަމަލު ގޮވީގެ ލޭ ބޭކާރުވެގެން ދިޔަކަ ނުދެއްވިއެވެ.
  • ކީރިތި ރަސޫލާ صلى الله عليه وسلم ޣަޠުފާން ވަންހައިގެ މީހުންނާ ދެކޮޅަށް ދެއްވި ގިނަ ޙަމަލާތަކަކީ އެ ވަންހައިގެ މީހުން އިސްލާމީ ދައުލަތުގެ އިމަށް އަރައިގަތުމުން ދެއްވި ޙަމަލާތަކެކެވެ. މިއީ އެ ދައުލަތުގައި އޮތް އިޖްތިމާޢީ އަމާންކަން ޚަރާބުވިޔަ ނުދެއްވުމަށް ޓަކައި އެޅުއްވި ފިޔަވަޅުފުޅުތަކެކެވެ. ކީރިތި ރަސުލާގެ ސީރަތުން ހެނދުނު ޙަމަލާތަކާއެކު އިވިފައިވާ އަޑަކީ އޭ ﷲގެ އަހާއޭވެ! ސަވާރު ވާށެވެ! މި އަޑާއެކު ރަސޫލާ صلى الله عليه وسلم އަހަށް ސަވާރުވެވަޑައިގެންނެވުމަށް އަވަސްވެވަޑައިގެންފައިވެއެވެ. އެކަލޭގެފާނު މީސްތަކުންނަށް ހިތްހަމަޖެހުން ދެއްވުމަށް ޓަކައި ވިދާޅުވެފައިވާ ބަސްފުޅުގެ މަފްހޫމަކީ: އޭ މީސްތަކުންނޭވެ! ބިރުނުގަންނާށެވެ! އެންމެން ތިބީ ދައުލަތުގެ ހިޔާވަހިކަމުގައެވެ"
  • ބަނީ ޤައިނުޤާޢު ހަނގުރާމަ ހިނގީ މި ޤަބީލާގެ ބާޒާރަށް ދިޔަ މުސްލިމު އަންހެނަކަށް ފުރައްސާރަކޮށް އޭނާގެ ޢައުރާ ހާމަކުރުމުގެ ސަބަބުންނެވެ. ރަސޫލާ صلى الله عليه وسلم އެމީހުން މަދީނާއިން ބޭރުކޮށްލެއްވިއެވެ. ރަސޫލާ ދެއްވި މި ދަރުސުން އެނގެނީ ރައްޔިތުންގެ ލެއާއި މުދަލާއި އަބުރު ރައްކައުތެރިކުރުމަކީ ދައުލަތުގެ އެންމެ މުހިއްމު މަސްއޫލިއްޔަތުގެތެރޭގައި ހިމެނޭ ކަންތައްތަކެއް ކަމެވެ.
  • މައްކާގައި ހައްޔަރުވެފައި ތިބި ނިކަމެތި މުސްލިމުންނަށް ބަލާއިރު މަދީނާގެ ދައުލަތުން އެމީހުންނަށް އަބަދުވެސް މާނަވީ ގޮތުން އެއްބާރުލުން ދެމުން ދިޔައެވެ. އެމީހުންނަށް ޓަކައި ނަމާދުގައި ޤުނޫތު ވިދާޅުވަމުން ގެންދެވިއެވެ.
  • އަވަށްޓެރި ޔަހޫދީންނަށް ވެސް ރަސޫލާ صلى الله عليه وسلم އެމީހުންގެ ޙައްޤުތައް ރައްކައުތެރިކޮށް ދެއްވިއެވެ. އެމީހުންނަށް އިސްލާމްދީނުގެ ޢަދާލަތްތެރިކަން ފެނި މި ޢަދާލަތްތެރިކަމާމެދު ހިތްހަމަޖެހުމުގެ ސަބަބުން އެމީހުންގެ ޝަރީޢަތް ދޫކޮށް މަސްއަލަތައް ނިންމުމަށް ޓަކައި ރަސޫލާގެ އަރިހަށް ވަނީ އައިސްފައެވެ. އުބައިރިޤު ވަންހައިގެ މުނާފިޤުން ޔަހޫދީއެއްގެ ބޮލުގައި ވައްކަމުގެ ތުހްމަތު އެޅުވި ހިނދު އެކަމުގެ ޙަޤީޤަތް ބަޔާންކޮށް ދެއްވައި ކީރިތި ޤުރްއާނުން އާޔަތްތަކެއް ބާވައިލެއްވިއެވެ. އެއީ އައްނިސާއު ސޫރަތުގެ 105 ވަނަ އާޔަތުން ފެށިގެންގޮސް 113ވަނަ އާޔަތުގެ ނިޔަލަށެވެ. މި އާޔަތްތައް ނިންމަވައިލައްވަމުން ވަޙީ ކުރެއްވިއެވެ. ((وَلَوْلَا فَضْلُ ٱللَّـهِ عَلَيْكَ وَرَحْمَتُهُۥ لَهَمَّت طَّآئِفَةٌ مِّنْهُمْ أَن يُضِلُّوكَ وَمَا يُضِلُّونَ إِلَّآ أَنفُسَهُمْ وَمَا يَضُرُّونَكَ مِن شَىْءٍ وَأَنزَلَ ٱللَّـهُ عَلَيْكَ ٱلْكِتَـٰبَ وَٱلْحِكْمَةَ وَعَلَّمَكَ مَا لَمْ تَكُن تَعْلَمُ وَكَانَ فَضْلُ ٱللَّـهِ عَلَيْكَ عَظِيمًا ކަލޭގެފާނުގެ މައްޗަށް اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ނުވާނަމަ، ކަލޭގެފާނަށް އޮޅުވައިލުމަށް އެއުރެންގެ ތެރެއިން ބަޔަކު އުޅެފީހެވެ. ނަމަވެސް އެއުރެންގެ އަމިއްލަ نفس ތަކަށްމެނުވީ، އެއުރެންނަށް އޮޅުވަޔެއް ނުލެވެތެވެ. އަދި، އެއްވެސް ކަމަކުން އެއުރެންނަށް ކަލޭގެފާނަކަށް ގެއްލުމެއް ނުދެވޭނެތެވެ. ކަލޭގެފާނަށް اللَّه، حكمة އާއި، ފޮތް ބާވައިލައްވާފައި ވެއެވެ. އަދި، ކަލޭގެފާނު އިހަށް ދެނެވަޑައިނުގަންނަވާ ކަންތައް ކަލޭގެފާނަށް އެކަލާނގެ އުނގަންނައި ދެއްވިއެވެ. އަދި، ކަލޭގެފާނުގެ މައްޗަށް اللَّه ގެ فضل ވަންތަކަން ބޮޑުވެގެންވެއެވެ.)) މި ބަސްފުޅުގެ ސަބަބުން އެ ޔަހޫދީ މީހާއަށް އިސްލާމީ ދައުލަތުގެ ތެރެއިން އޭނާގެ ޙައްޤު ލިބިގެން ދިޔައެވެ.
  • މި ކަހަލަ ކިތަންމެ ހާދިސާތަކެއް އިސްލާމީ ޚިލާފަތުގެ ތަފާތު ޒަމާންތަކުގައި ވެސް ވަނީ ހިނގައިފައެވެ. މިސާލަކަށް ސިންދާއި ހިންދު ފަތަޙަ ކުރުމަށް މުސްލިމުން ނުކުތީ އަނިޔާ ލިބެމުން ދިޔަ މުސްލިމު  އަންހެނެއްގެ ގޮވައިލުމަކަށެވެ. މާ ބޮޑަށް ފުޅައު ނުކުރަން ވެގެން އެ ވާހަކަތައް ދޫކޮށްލައި މަޒްމޫން ނިންމައިލާނަމެވެ.

ދައުލަތުގެ މާނައިގެތެރޭގައި މަދީނާގައި މުޖްތަމަޢަށް އަމާންކަމާއެކު ދިރިއުޅެވުނީ އެތާނގައި ރައްކައުތެރި ކުރެވިފައިވާ އޮތް މުސްލިމުންގެ ޢިއްޒަތާއި ޔަހޫދީންގެ ކަރާމަތުގެ ސަބަބުންނެވެ. މުސްލިމުންނަށް މިއަދު ވަނީ މި ފަޚްރުވެރި އުއްމަތް ގެއްލިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ވަރަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެން ދިޔަ ލިޔުމެއް. ވަރަށް އުފަލާއެކު ދެފަހަރު ކިޔައިލެވިއްޖެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *