...

Support Us

ވާހަކަ: މިފަހަރު ކުރި ދަތުރުގެ…

ޝައްކެއް ވެސް ނެތެވެ. ކޮންމެ މީހެއްގެ ވެސް ހިތުގެ ހާލާ ޅެން ގުޅޭނެޔޭ ބުނެއުޅޭ ބުނުމަކީ ވަރަށް ބޮޑު ތެދެކެވެ!

ވަސީމާއަކީ ނުހަނު މަޑުމައިތިރި ކުއްޖެކެވެ. ރިވެތި އަޚުލާޤެއްގެ ވެރި ކުއްޖެކެވެ. ޕަރީއެއް ފަދަ ރީތި ކުއްޖެކެވެ. ފުރާވަރުގެ ކުދީންގެ ތެރެއިން ރަށުގައި ދިއްލިފައިވާ ވޮށެއް ފަދައިން އަލިވެ ދިއްލިފައިވާ ރީތި ފަތްމިންޏެކެވެ. ވަސީމާގެ ލަދުރަކިކަން އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ރީތި ކަޅިރަވައިގެ ރިވެލި ޒުހުރަތު ތަރީގެ ދޯދިތައް ފަދަވެއެެވެ. ފުރާވަރުގެ ޒުވާން ކުދީން އޭނާގެ ވަށައިގެން ބުރުޖަހާއިރު ހީވަނީ ރީތި ފިނިފެންމަލެއްގެ ވަށައިގެން ކޮކާތަކެއް އުޅޭ ހެންނެވެ. ވަސީމާއަކީ މަދަރުސީ ދައުރު ނިމި އަށާރަ ފުރިފައިވާ ކުއްޖެކެވެ.

ވާފިރު ވެސް އޭލެވެލް އިމްތިހާނު ނިންމާލުމަށްފަހު، ރަށަށް އަތުވެއްޖެއެވެ. ވާފިރަކީ ރަށު ކައުންސިލް އުފެދުމުގެ ކުރީން ހުންނެވި ރަށު ބޮޑު ކަތީބުގެ ހަގު ފިރިހެން ދަރިފުޅެވެ. މަޖީދިއްޔާ ސްކޫލުން ކިޔެވި ދުވަސްވަރު ކޮންމެ އަހަރަކު ވެސް އެ ސްކޫލުގެ އެންމެ މޮޅު ދިހަ ދަރިވަރުންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ.

ވާފިރު ރަށަށް އައި ހަފުތާގެ ފަހު ހަފުތާގެ ހުކުރު ދުވަހުގެ ހަވީރެވެ. ވާފިރު ހުރީ ވޮލީ ކުޅޭށެވެ. ވާފިރަކީ ސްކޫލު ދައުރުގައި ވެސް މޮޅު ކުޅުންތެރިއެކެވެ. ވަރަށް މޮޅު ސެޓަރެކެވެ. އޭނާގެ މޮޅުކަމުން ގައުމީ ވޮލީޓީމުގެ ސްކޮޑުން އޭނާއަށް ސްކޫލު ދައުރުގައި ފުރުސަތު ލިބިފައި ވެސް ވެއެވެ.

ވާފިރަކީ އިސްކޮޅުން ދިގު ރީތި ދޮން ކުއްޖެކެވެ. ހިމަތޮޅި ބަނިޔާދަން ކުއްޖެކެވެ. އޭނާ މަގެއްމަތީން ދަންޏާ އޭނާއާ ދިމާޔަށް ކަޅިނާޅާ އަންހެން ކުއްޖަކު ރަށުގައި ނެތޭ ބުންޏަސް ކުށަކަށް ނުވާނެއެވެ.

އާދައިގެ މަތީން ކޮންމެ އަހަރެއްގެ ވެސް ބޮޑު ޗުއްޓީގައި ރަށުގެ ޒުވާނުން އިންތިޒާމު ކޮށްގެން ކުޅޭ ވޮލީ މުބާރާތުގެ ފައިނަލުގައި މިއަހަރު އެއްކޮޅުން ކުޅެނީ ވެސް ވާފިރު ކުޅޭ ޓީމެވެ. ވޮލީގެ ފައިނަލް މެޗް ބަލަން މުޅި ރަށުގެ ރައްޔިތުންހެން ޖަމާވެފައިވެއެވެ. މުޅިތަން ވާފިރު ހޯޕްހޯޕްގެ އަޑުން ގުގުމާލާފައި ވެއެވެ.

ވޮލީކޯޓުގެ ދެކުނު ފަރާތުން ކޯޓުގެ ފެންސު ދާގަނޑުގެ މަޅިތަކުގައި އަތުގެ އިނގިލިތަކުން ބުޅި އަޅުވާލައިގެން ވަސީމާ ވޮލީ ބަލާން އައިސް ހުއްްޓެވެ. އެކަމަކު ވަސީމާގެ އެ ރީތި އަލިމަހެއް ފަދަ ކަޅި ހުއްޓިފައިވަނީ ބޯޅައަކަށް ނޫނެވެ. ކޯޓުގައި ކުޅޭން ހުރި ވާފިރަށެވެ. ވާފިރުގެ ރީތިކަމަށެވެ. ހަލުވި ފަރި ހަރަކާތްތަކަށެވެ. މެޗުގެ ދެވަނަ ސެޓު ވެސް ގެންދިޔައީ ވާފިރު ކުޅޭ ޓީމެވެ. ތިންވަނަ ސެޓަށް ދެޓީމުން ތައްޔާރުވެ ކޮޅު ބަދަލުކުރާން ލިބުނު ވަގުތުކޮޅު ތެެރޭގައި ވާފިރުގެ ކަޅި އަޅައިގަތީ ފެންސު ދާގަނޑުގެ މަޅިތަކުގައި އަތުގެ އިނގިލިތަކުން ބުޅިއަޅުވާލައިގެން ވާފިރުގެ މޫނަށް ބަލަހައްޓައިގެން ހުރި ވަސީމާގެ މޫނުގައެވެ.

ވާފިރާއި ވަސީމާ ފުރަތަމަ ފަހަރަށް ހަތަރުކަޅި ހަމަވީއެވެ. ވަސީމާގެ ޖާދުވީ ފުން ކަޅިރަވައިގެ އަސަރުގަދަ ބަލައިލުމުން ވާފިރުގެ ހިތުގައި ވަސީމާގެ ލޯބި ހުޅުދާން ވެއްޖެއެވެ. މީގެ ކުރިން ދުވަހަކު ވެސް ނުވާ އިހުސާސް ތަކެއްގެ ސަބަބުންނެވެ. ވާފިރުގެ ހިތަށް ކުރި ލޯބީގެ އަސަރެއްގެ ގަދަކަމުން އިސްޖަހައި ލެވުނެވެ. ވަސީމާޔަށް ވެސް ވީ ހަމަ އެހެންނެވެ. ލަދުރަކި ޒާތަކަށް ހުރެފައި ފުން ޝުޢޫރު ތަކެއްގެ ތެރެއަށް ގެއްލިފައި އިސްޖަހާލައިގެން ކުޑަ އިރުކޮޅަކު ވަސީމާޔަށް ހުރެވުނެވެ. މާކަ ގިނައިރަކަށް ނޫނެވެ. އިރުއިރުކޮޅާ ވާފިރުގެ މޫނަށް ބަލައިނުލައެއް ނުވެއެވެ. ވާފިރުގެ ޖާދުވީ ހަރަކާތްތަކަށެވެ. ވާފިރުގެ ހާލަކީ ވެސް ހަމަ އެއެވެ. ސިއްރުން ވައްކަޅިއަކުން ވަސީމާޔަށް ބަލައިނުލައެއް ވެސް ފަރަކު ނުޖެހެއެވެ.

ސީދާ ތިން ސެޓުން ވާފިރު ކުޅޭ ޓީމު މޮޅުވެގެން މެޗުވެސް ނިމިއްޖެއެވެ.

ޖެހިގެން އައިރޭ މުބާރާތް ނިންމާލުމުގެ އުފާ ޒުވާނުން ފާހަގަކުރީ، ރަށުގެ ޒުވާން ފިރިހެން ކުދީންގެ ފަރާތުން ރަށުގެ ޒުވާން އަންހެން ކުދީންނަށް ދިން ސަޔަކުންނެވެ. ހުކުރު މިސްކިތާ ދިމާއިން ރަށުގެ މައިމަގާ ގުޅޭ ހަތަރުއަނގޮޅީގައި އޮތް ސައިގެ ހަފުލާއަށް ރަށުގެ ޒުވާން އަންހެންކުދީން އައީ، އެކުއްޖަކަށްވީ އެންމެ ފަރިއެއްކޮށް ނަލަ ހެދިލައި ޖަރީވެގެންނެވެ. ހީވަނީ އުޑުގެ އަލިގަދަ ތަރިތަކާއި ގުރަހަތައް އެކުއެކުގައި އުދަވެގެން އަރައިގެން އައީހެންނެވެ.

އެ ކުދީންގެ ތެރޭގައި ސާދަވިލޭރޭގެ ފުރިހަމަ ހަނދު ފަދައިން ވަސީމާ ވަކީން އަލިވެ ދިއްލިފައި ވެއެވެ.

ސައިގެ ހަފުލާ ތެރޭގައި ވޭޓަރުންގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދެނީ ޒުވާން ފިރިހެން ކުދީންނެވެ. ވާފިރު ވެސް ހޭބޯ ނާރައި އުޅެނީ އަންހެން ކުދީންނަށް އެހީތެރިވެ ދިނުމުގައެވެ. އެއިރު ވާފިރު ހިތާހިތާ ކިޔައެވެ. ލަދަކާހުރެ ތަދެއް ނުފިލާނެޔޭ ބުނާ ހަރުބަހުގައި ވެސް ކޮންމެވެސް ބުރަދަނެއް ހުންނާނެއެވެ. ބުނި ދުލަކަށް ފާފައެއް ވެސް ނުވާނެއެވެ. މިކަހަލަ ޝުޢޫރުތައް ވާފިރުގެ ހިތުގައި ދައުރުވަމުން ދެއެވެ. ވަސީމާއަށް ލޯބި ހުށަހަޅާން އަހަންނަން ނުކެރޭންވީ ކީއްވެގެން ހެއްޔެވެ؟ އަހަންނަކީ ހަމަ އެހައި ފިނޑި ފިރިހެނަކީ ހެއްޔެވެ؟ ވާފިރުގެ ހިތުގައި ސުވާލުތަކުގެ ތޫފާނެއް އުފެދިފައިވާ ކަހަލައެވެ.

އެފަދަ ޚިޔާލުތަކާއި އަމިއްލަ ޖަވާބުތަކުން ހިތްވަރު ލިބިގެން ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކޮށްލާފައި، ނިކަން ހިތްވަރުކޮށްފައި ތައްޓަކަށް "އައިސިން" ޖަހާފައި އޮތް ކޭކުކޮޅެއް ލައިގެން އެ ކޭކުކޮޅުގައި ރަތްޗެރީއެއް ޖަހައިގެން ތަށި އަތްމައްޗަށް ލައިގެންގޮސް ވަސީމާގެ ކައިރިއަށް ގުދުވެލާފައި ތަށި ދިއްކޮށްލިއެވެ. ވަރަށް ރަނގަޅަށް ވަސީމާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. ދެކުދީންގެ ވެސް ހަރަކާތް ސިކުންތު ކޮޅަކަށް ހުއްޓުނެވެ. ބަލާން ތިބި ކުދީންނަށް ހީވީ ވާފިރާއި ވަސީމާ ސުކޫތެއް ގެނައީހެންނެވެ. ދެމީހުން ވެސް އެކަކު އަނެކެއްގެ ލޮލަށް ބަލަހައްޓައިގެން ހަރަކާތް ހުއްޓިފައި ކުޑަ އިރުކޮޅަކު ތިއްބެވެ. ކުޑަ އިރުކޮޅެއް ފަހުން ވާފިރު…. "އަހަރެން ވަސީމާ ދެކެ ވަރަށް ލޯބިވޭ…. އަހަރެންގެ މުޅި ހަޔާތުގައި ވެސް ވަސީމާ ބޭނުން….." ވަރަށް ކެރިގެން ހުރެ ވާފިރު ވަސީމާ ގާތުގައި ބުނެލިއެވެ. ވަރަށް ލަދުވެތި ރަކި ހިނިތުންވުމަކާއެކު ނިކަން ހިތްވަރު ކޮށްފައި "…..އަހަރެން ވެސް…." މި ލުއި ކުރު ޖުމްލައިން ވަސީމާ ބިޔަ ޖަވާބެއް ދިނެވެ. ވާފިރު އުފަލުން ފޮޅުނެވެ.

ދެޖިންސުގެ ޒުވާން ކުދީންނަށް ވާފިރާއި ވަސީމާގެ ހިތުގެ ޝުޢޫރުތައް ތާޅަފިއްޔަކުން އިވޭތީ އެނގޭ ފަދައިން އެނގުނު ކަހަލައެވެ. "ދެކުދީންނަށް ފާގަތި ހަޔާތެއް މިންވަރު ކުރައްވާށި…!!" މި ފަދަ އިބާރާތް ތަކުން ލާނެތް ޒާތްޒާތުން ސަމާސާގެ ބަސްތައް ހުރިހައި ކުދީންހެން ގޮވަމުން ދިމާކުރަމުން ގެންދިޔައެވެ. އަޅުވައިކިޔުމަކީ އިސްތިރިއެކޭ ބުނާ ފަދައިން އެކުދީންގެ ދިމާކުރުމުގެ ސަބަބުން ވާފިރާއި ވަސީމާގެ ހިތުގައި ލޯބީގެ ބާރު އިތުރަށް ވަރުގަދަވިއެވެ.

ކޮންމެއަކަސް އެރޭގެ ފަހުން ދެކުދީންގެ ދެމެދުގައި ލޯބީގެ ގުޅުން ބަދަހިވެ އާރޯވާން ފެށިއެވެ. ލޯބީގެ މާތައް ފަރިވެ ފޮޅޭން ފެށިއެވެ. އޭގެ ވަސްމީރުކަމާއި ފޮނިމީރުކަން ފެތުރޭން ފެށިއެވެ. ތަފާތު ބައްދަލުވުންތައް ފެށިއްޖެއެވެ. ހެނދުނާއި ހަވީރުއެވެ. ރޭގަނޑާއި ދުވާލުއެވެ. އަތްވާއި ވާރޭގައެވެ. އަނދިރި މޫސުމާއި ހަނދުވަރު މޫސުމުގައެވެ. އަތިރިމައްޗާއި ތުނޑިމަތީގައެވެ. ވަލުތެރެއާއި ހޭޅިފަށުގައި ވެސް މެއެވެ.

އޯގާތެރި ލޯބީގެ ބައްދަލުވުން ތަކެކެވެ. ދެކުދީންގެ ގުޅުން އެންމެ ބަދަހިވެ ވަރުގަދަ ވެއްޖެއެވެ. ކުރިމަގުގެ ޗާޓު ކުރަހައި އޭގައި ކުލަ ޖައްސާން ފެށިއްޖެއެވެ. ދެކުދީންގެ ލޯބީގެ ގުޅުން ނުހަނު ބޮޑަށް ވަރުގަދަވެ ކާވެނީގެ ގޮށް ޖެހުމަށް ނިންމިއެވެ.

ދެކުދީންގެ ދެ އާއިލާއަކީ ޒަމާނުއްސުރެ ވެސް ވަރަށް ގާތްކަން އޮންނަ ދެ އާއިލާއެވެ. އެހެންކަމުން ދެކުދީން ކާވެނީގެ ގުޅުމަށް ދެފަރާތުގެ އާއިލާއިން ވެސް ރުހި ގަބޫލުވީ ނުހަނު އުފަލާއި ލޯތްބާ އެކުގައެވެ.

އެ ހުރިހައި ސަބަބުތަކަކަށްޓަކައި މާކަ ގިނަ ދުވަސްތަކެއް ފާއިތުނުކޮށް ދެކުދީންގެ ކާވެނި ވެސް ކުރެވިއްޖެއެވެ.

ދެކުދީންގެ ހަޔާތުގެ ހެނދުނު ހެނދުނާ ޒަވާޖީހަޔާތުގެ އުފާވެރި ދަތުރަށް ފަށައިފިއެވެ. ޝާޢިރުގެ ލަވައިގެ ފުރަތަމަ ކަޑީގައިވާ ފަދައިންނެވެ.

"ހެނދުނާ ދަތުރަށްމެ ހަދައި އޮނަވިހި މީހުން ލައިގެން

އެދުވަހު އުފަލުންނޭ މާފުށި ގުރައިދޫ ދަތުރަށް އެދި ފެއްޓީމޭ"

ކާވެންޏަށްފަހު ވަސީމާ ބަދަލުވީ ވާފިރުގެ ގެއަށެވެ. ދެކުދީން ދިރިއުޅެނީ ނުހަނު ލޯތްބާއެކު އުފާފާގަތިކަން މަތީގައެވެ. ކާވެންޏަށް ފަސްއަހަރު ފުރުނުއިރު ނުހަނު ލޯބިލޯބި އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައިވެއެވެ. ދެމަފިރީންނަށް ލިބިފައިވާ ލޯބިލޯބި ދެކުދީންވީ، ވާފިރާއި ވަސީމާގެ ގުޅުމާއި ލޯބި އިހުނަށް ވުރެވެސް މަތިވެރިވެ ބަދަހިވީ ސަބަކަކަށެވެ.

ވާފިރަށް ރަށު ރައްޔިތުންގެ ހިތުގައި އޮންނަ ލޯތްބާއި ދެވިފައިވާ ޤަދަރާއި އިތުބާރުގެ އިތުރުން ވާފިރުގެ ބައްޕައަކީ ވެސް މުޅި ރަށާއި އަތޮޅުގައި ވެސް އިހުތިރާމާއި ގަދަރު ލިބިފައިވާ ބޭކަލެއްކަމުން، ރަށު ކައުންސިލްގެ ރައީސްކަމުގެ ދެ ދައުރު ވާފިރު ފުރިހަމަ ކުރުމަށްފަހު، އަތޮޅުގެ ގިނަ ބަޔަކު ވެސް އެދުނު އެދުމުގެ މަތީން، އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާފިރު ކުރިމަތިލައި އެމަގާމަށް އިސްވެވިއްޖެއެވެ.

އެހެންކަމުން ވާފިރު ގިނައިން ހުންނާން ޖެހެނީ އަތޮޅު ކައުންސިލްގެ މައި އިދާރާގައެވެ. އެކަމަކު ވެސް ހުކުރު ހޮނިހިރާއި އެހެން ވެސް ބަންދު ދުވަސްތަކުގައި ވާފިރު ހުންނަނީ ވަސީމާއާއި ކުދީން ގާތުގައެވެ. ރަށުގައެވެ.

ވާފިރާއި ވަސީމާގެ ހަޔާތުގެ ހެނދުނު ހެނދުނާ ފެށި ދަތުރުގެ އުޅަނދު ކަނޑު ދެބަޔާ ހަމަޔަށް ދުވެފިއެވެ.

އެހެނަސް ފިތުރަތުގެ އުސޫލު ކޮންމެ ކަމެއްގެ މައްޗަށް ވެސް ހިނގާކަމުން، ވާފިރާއި ވަސީމާ ކުރަމުންދާ ހަޔާތުގެ ފަހި ނިޔާމަ ދަތުރަށް މޫސުން ހިޔަނި އަޅައި އިދިކީލިވުމުގެ އަސަރު ފޯރާގޮތް ވެއްޖެއެވެ.

ލަވައިގެ ދެވަނަ ކަޑީގައި ޅެންވެރިޔާ އިޝާރާތް ކޮށްފައިވާ ފަދައިންނެވެ!

"ދުވެފައި ކަނޑު ދެބަޔަށް ދެން ހުއްޓައި ނެގި ފުސްކޮޅަކުން

ދުވެލީގައި ހަރުކޮށް ދީލާފައި ގޮސް ބޮޑުހުރަޔަށް ޖެއްސީމޭ"

އާނއެކެވެ! ދެކުދީންގެ ހަޔާތުގެެ ހެނދުނު ހެނދުނާ ފެށި އުފާވެރި ދަތުރުގައި ކަނޑު ދެބަޔާ ހަމަޔަށް ވެސް ދަތުރުކުރީ ނުހަނު ނިޔާމައިގައެވެ. ފަހި ވައިގައި ދެބޮމަހައިތަން ދަންމާނުން ވެސް ދޫކޮށްފައެވެ. އޮޔާއި ވަޔާއި ރާޅާ ވެސް ފައްސިޔަޔަށެވެ.

ނަމަވެސް، ފިތުރަތުގެ އާދައިގެ މަތީން މޫސުން ބަދަލު ވެއްޖެއެވެ. ވައިމަތީގައި ފުސްކޮޅެއް ޖަހައިފިއެވެ. އޭގެ ސަބަބުން ވައިވަރު ހަރުވެއްޖެއެވެ. ވައި އިދިމަތި ވެއްޖެއެވެ. އިރުކޮޅަކަށް ވުރެން އިރުކޮޅެއް ދިޔައީ ވައި ވެސް ބާރުވަމުންނެވެ. މޫސުމާ ކުރިމަތިލުމަށް ވުރެން ދީލާލާފައި ގޮސް ހިމާޔަތްވާނެ ފަސޭހަ ރައްކާތެރި ބަނދަރެއް (ބޮޑުހުރައެއް) ހިފުން ބުއްދިވެރި ކަމުގައި ވެއްޖެއެވެ.

މިވީ ކީއްބާވައެވެ؟ ދުނިޔޭގެ ފުރޮޅޭ ފުރޮޅުމުގައި އޭގެ ހާލަތު އެއް ހާލަތުން އަނެއް ހާލަތަށް ބަދަލުވާ ހަމައިން އަސަރު ފޯރީ ބާވައެވެ؟ ސަބަބަކުން އުފެދޭނީ އަނެއް ސަބަބެވެ. އަތޮޅުކައުންސިލްގެ މެމްބަރު ޝަހީމާގެ ރީތިކަމުގެ އަވައިގައި ވާފިރަށް ޖެހެވުނީއެވެ. އެ އަވައިގައި ވާފިރުގެ ހަމަ ބުއްދި ވެސް ފިލައި ދިޔައީއެވެ. ޝަހީމާގެ މަސްތުގައި ރަނގަޅަށް ޖެހުނީއެވެ.

މީގެ ކުރީގައި ބަންދެއް އަޔަސް ޗުއްޓީއެއް ލިބުނަސް ވަސީމާއާއި ކުދީން ގާތަށް ރަށަށް އަންނަ އައުން ބަދަލުވެ ރަށަށް ނާންނަތާނގައި ފޯނަކުން ވެސް ވަސީމާއާއި ކުދީންގެ ހާލުއަހުވާލު ވާފިރު މިހާރު ބަލައިވެސް ނުލަނީއެވެ. ވަސީމާ ގުޅިޔަސް ފޯނު ނުވެސް ނަގަނީއެވެ. ނަގާ ފަހަރަކު ވެސް ވަރަށް ރޮންކުރު ފާޑަކަށް ބިޒީކަމަށް ބުނެފައި ފޯނު ކަނޑާލަނީއެވެ.

ހަރީފު މޫސުމުގެ ގަދަ އަވީން މިލައި މޯޅިވެގެންދާ މަލެކޭ ވަސީމާއެކޭ އެއްވެސް ތަފާތެއް ނެތެވެ. އެކަމަކު ވެސް، ވާފިރު ކަންތައް ކުރާގޮތުގެ ވާހަކަ އެއްވެސް މީހަކު ގާތަކު ވަސީމާއެއް ނުބުނެއެވެ. ސިއްރުކޮށްގެން ޖަޒުބާތުތައް އެތެރެއަށް ހިންދާލައިގެން ހުންނަނީއެވެ. ވަސީމާގެ ރީތި ދެލޮލާއި ދެކޯތާފަތް ވަޅުވަދެ މުޅީން އަނަރޫފަ ވެއްޖެއެވެ. ވަސީމާއަށް ވެގެން އުޅޭގޮތެއް ނޭނގޭނަމަވެސް ވަސީމާ ދެކޭ ކޮންމެ މީހަކު ވަސީމާޔަށް ވެފައިހުރިގޮތް ފެނިފައި އަސަރުކޮށް ދެރަވެ ކަރުނަ އަޅައެވެ.

ފުސްކޮޅުން ފޯރި ބާރު ވަޔާއެކު، ކަނޑު ހަލަބޮލިވުމުން ބިޔަ ރާޅުތަކުގެ ތެރޭގައި ދަތުރު ކުރިޔަށް ގެންދެވޭން ނެތުމުން މޫސުމާ ކުރިމަތިލުން ދޫކޮށްލާފައި ވަސީމާ އޮޑި ދީލައިލިއެވެ. ބޮޑުހުރައެއްގެ ރައްކާތެރި ނިވަލެއްގައި ބަނދަރު ކުރުމަށެވެ! އާއެކެވެ! ވާފިރާ ދެބަހެއް ވާންޖެހިދާނޭކަމެއް ނުކުރާންވެގެން ވާފިރާ ދުރަށް ޖެހިލީއެވެ. ވާފިރު އުޅޭގޮތާ ދެކޮޅުހަދާން ބޭނުންނުވީއެވެ. ވަސީމާ އޭނާގެ އަމިއްލަގެއަށް ބަދަލުވީއެވެ.

ވާފިރަށް ވިސްނިގެން ނުވަތަ ދެކުދީންނާއި ވަސީމާ ދެކެވާ ލޯބީގެ ސަބަބުން އެނބުރި އަންނާނެ ކަމުގެ އުއްމީދުގައެވެ. އެ އުއްމީދު ވަސީމާ ކަނޑައެއް ވެސް ނުލައެވެ. ފުސްކޮޅު ކަހައިލައިފިނަމަ އަލުން ދަތުރު ފެށުމުގެ ދަނޑިވަޅަކަށް އިންތިޒާރުކޮށްގެންނެވެ. މޫސުން ހަނުވެ ހިމޭންވެއްޖެނަމަ އަލުން ދަތުރު ނެގުމަށްޓަކައެވެ. ވާފިރު އެނބުރި އައިސްފިނަމަ ވާފިރާއެކު އެނބުރި ވާފިރުގެ ގެއަށް ދިއުމުގެ ހެޔޮ ނިޔަތުގައެވެ.

ކަން އެގޮތަށް ވެސް ދިމާވެއްޖެއެވެ. ވާފިރާ ޝަހީމާ އާއި ދެމެދު އޮތް ގުޅުމަށް އެރި ލޮޅުމެއްގައި  ވާފިރު ވެފައި ހުރި މަސްތުކަން ކޮންމެ ވެސް ވަރަކަށް ފިލައިފިއެވެ. ލޯބިވާ ތުއްތު ދެ ދަރީންނާއި އޭނާގެ ފުރާނަ ކަމުގައި ދުށް ވަސީމާގެ މަތީން ހަނދާންވާން ފަށައިފިއެވެ. އެންމެފަހުން ނުހުރެވިގެން ރަށަށް ނައިސް ވެސް ފަރަކު ނުޖެހުނެވެ. ވާފިރު ރަށަށް ވެސް އައީއެވެ. ދިމާވި ގޮތާއި ވީގޮތް ވެސް ވަސީމާއަށް ކިޔައިދީ މާފަށް ވެސް އެދުނީއެވެ. ވާފިރާއެކު ވާފިރުގެ ގެއަށް ދިއުން އެދި ވާފިރު ތަކުރާރުކޮށް ކުރި އާދޭހަށް ވަސީމާ އިޖާބަ ވެސް ދިނީއެވެ.

ވަސީމާގެ ފުރާނަޔަށް ވުރެވެސް ލޯބިވާ ފިރިމީހާ ވާފިރު ކުރި އާދޭސްގެ ފިޔަވައި، ވާފިރުދެކެ ވަސީމާ ވެސް ވާ މަތިވެރި ލޯތްބަށްޓަކައި ނެގި ވިލާކޮޅުގެ ސަބަބުން މޫސުމަށް ފޯރި އަސަރު ހަނދާން ވެސް ނެތިއްޖެއެވެ. މޫސުން މުޅިން ހިމޭން ނުވިނަމަވެސް މެދުރިޔަލުގައި ދަތުރު ކުރެވޭވަރު ވެއްޖެއެވެ. އެހެންކަމުން ހެނދުނު ހެނދުނާ ފެށި ދަތުރާއިގެން ކުރިއަށް ދެވޭތޯ އަނެއްކާ ވެސް ދަތުރަށް ފެށިއެވެ. ވާފިރާއެކު އޭނާގެ ގެއަށް އިހު ފަދައިން ބަދަލުވެ ހިތްވަރާއެކު ދިރިއުޅޭން ވަސީމާ ފެށިއެވެ.

ޅެންވެރިޔާ ކިޔާފައިވާ ފަދައިންނެވެ.

"ތިއްބައި ބޮޑު ހުރަޔަށް ގޮސް ފުސްގަނޑުމަޑު ހަނުވީމާ

މިންޖުވެދޭތޯ މިކަމުން ގުޅިއަށް ދާން ދަތުރު ނަގައި ފެއްޓީމޭ"

އެކަމަކު މިފަހަރު ދަތުރު އިހަށްހައި ނިޔާމައެއް ނޫނެވެ! ވައިވަރެއް މަޑެއް ވެސް ނޫނެވެ! ވައި ފައްސިޔައެއް ވެސް ނޫނެވެ! ވައިވަރު ދިމާ އިދިމައްޗެވެ! ދަންމާނުން ދެބޮމަ ދޫކޮށްފައި ކުރިން ކުރި ދަތުރާ ހިލާފަށް މިފަހަރު ކުރިޔަށް ދެވޭންއޮތީ ވެސް ކަނިހަމަޔަށް އަނބުރަމުންނެވެ! ދެއަތަށް ދެ ހޭރިޔާ އަޅަމުންނެވެ! ވަޔާ، ރާޅާ، ދިމާ އިދިކޮޅަށެވެ.

ވާފިރު ވެފައިހުރި މަސްތު މުޅިއަކުން ނުފިލައެވެ. ވަސީމާގެ ހިތުގައި ޝައްކާއި ވަހުމުގެ ވަސްވާސް އުފެދޭ ގޮތަށް ނޫނީ ވާފިރުގެ އަމަލާއި ބަސްމަގެއް ވެސް މިހާރަކު ނުހުރެއެވެ! އޯގާތެރިކަމާއި ލޯބި ދިނުން ވެސް އިހަށް ގޮތެއް ނޫނެވެ. އެހެންކަމުން ނިޔާމައިގައި ފަހިކޮށް ދަތުރު ކުރެވޭ ގޮތެއް ނުވެއެވެ. އެކަމަށް އެޅެނީ ހައްތަހާ ވެސް ހުރަހެވެ!

ވާފިރަށް ޝަހީމާއާ ވަތްކެއްވެސް ނުވެވުނެވެ. ނަތީޖާއަކަށްވީ ވަސީމާގެ ގިސްލުންތަކަށާއި އާދޭސްތަކުން ވާފިރުގެ ހިތަށް އަސަރު ނުކުުރާން ފެށުމެވެ. ވަސީމާގެ އާދޭހުގެ އަޑު ނާހާތާނގައި އެކަމަށް ދެނީވެސް ބީރު ކަންފަތެވެ.

އެންމެފަހުން ވަސީމާގެ ނުރުހުމުގައި ވާފިރު ޝަހީމާއާ ކާވެނި ވެސް ކުރީއެވެ! ޝަހީމާއާ އިން ހިސާބުން ވާފިރު މުޅީން އެހެން މީހަކަށް ބަދަލުވި ކަހަލައެވެ. ވަސީމާއާއި ކުދީންނާމެދު އެއްވެސް އަލައިލުމެއް އޯގާތެރިކަމެއް ވެސް ނުބަހައްތައެވެ.

ވަސީމާގެ ހިތުގެ މައްސަލަ ހުންނަ ކަމުން ކުރާންޖެހުނު ބޮޑު ހިތާމައިގެ ސަބަބުން ވަސީމާ ބަލި މީހަކަށް ވެއްޖެއެވެ. ހިތާމަ އިންތިހާޔަށް ގޮސް ކެތްތެރިކަން ވެސް ކޮޅުން ލައިފިއެވެ. ހިތާމަކޮށްކޮށް ވަސީމާގެ ހިތް މުޅީން ހަލާކު ވެއްޖެއެވެ! ހިތުގެ ބަލިމީހަކަށް ވެސް ވެއްޖެއެވެ!

ވަސީމާގެ ދެކުދީންނަކީ ވެސް ހިތުގެ މައްސަލައެއް ހުރި ދެކުދީންނެވެ. އެކުދީންގެ ޢުމުރުން ވިއްސަކަށް އަހަރުވާންދެން އެކުދީން ދެރަވާ ޒާތުގެ ކަންކަން ނުކޮށް ހިތްހަމަ ޖައްސައިގެން ގެންގުޅޭން ސިލޯނަށް ދިޔަފަހަރު ޑޮކްޓަރު އިރުޝާދު ވެސް ދެއްވާފައި ވެއެވެ. އަދި މަދުވެގެން އަހަރަކު އެއްފަހަރު ޓެސްޓްހަދާން އައުމަށް ވެސ

ސިލޯނުން ބެއްލެވި ޑޮކްޓަރުވަނީ އަގަވާފައެވެ.

އެހެނަސް ބައްޕަގެ ކިބައިން ލިބެމުން އައި ލޯތްބާއި އޯގާތެރިކަން މުޅިންހެން ނެތި ގޮސް، ލޯބި ދެމުން އައި މާމަމެން ވެސް ނިޔާވެ މާމަމެންގެ ފުށުން ލިބެމުން އައި ލޯބިންވެސް މަހުރޫމުވީ މި ދަނޑިވަޅުގައި، ވަސީމާގެ ޙާލު ހުރިގޮތުންނާއި ވާފިރު އެއްވެސް އަޅައިލުމެއް ނެތުމުގެ ސަބަބުން ދެކުދީންގެ ބަލިވެސް ބޮޑުވެ ބަލިވެ އުޅޭން ފަށައިފިއެވެ! އެކުދީންގެ ހިތުގެ މައްސަލަ ގޯސްވާން ވަށައިފިއެވެ. އެހެންކަމުން ވަސީމާއާއި ދެކުދީންގެ ޙާލަތު ދުވަހަކަށް ވުރެން ދުވަހެއް ދިޔައީ ދަށަށެވެ. ޙާލަތު ނުރައްކާވެ ސީރިޔަސްވަމުންދާތީ މާލެދާން ވެސް ޑޮކްޓަރުވަނީ އަންގަވާފައެވެ. އެކަމަކު މާލެދާނެ ގޮތެއް ވަސީމާއަކަށް ނެތެވެ. ވާފިރަށް އެކަން އެންގުމުން އަޅައެއް ވެސް ނުލިއެވެ. ވަސީމާއާއި ދެކުދީން ނިދާ ތަންމައްޗަކީ ސިއްހީ މަރުކަޒުގެ އެނދުތައް ކަމުގައި ވެއްޖެ ކަހަލައެވެ.

ޅެންވެރިޔާ ކިޔާފައިވާ ފަދައިން އެންމެފަހުން އުޅަނދު ބަންޑުން ވެސް ޖަހައިލީއެވެ. އަންނަ ބާރުގަދަ ލަކި ރޯޅިރޯޅީގެ ސަބަބުންނެވެ.

"ކަނިކަމަޔަށް އަނބުރާފައި ދުއްވާފައި ދަނިކޮށް ދެން

މަނިއަފަރަށް އެވަގުތު ބަންޑުންވީމާ ގިސްލާފައި ރޮއިލީމޭ"

ވަސީމާއާއި ދެކުދީން ކަނޑުވެއްޖެއެވެ. ފުރާނަ ސަލާމަތްވާނެ މަގެއްހޯދާން ކުރާނެކަމެއް ވެސް ނެތިއްޖެއެވެ. މަދަދެއް ލިބޭނެ ގޮތެއް މަގެއް ވެސް ނެތީއެވެ. ވަސީމާގެ އެއްބަނޑު އެއްބަފައި ނުވަތަ ގާތްތިމާގެ މީހަކު ވެސް ނެތެވެ. ވަސީމާގެ ލޯބިވާ މަންމައާއި ބައްޕަ ވެސް އެއިރު ދުނިޔޭގައި ނެތެވެ. އަމިއްލަ ގޭގައި ދިރިއުޅު ނަމަވެސް ގެއަށް ވަދެލާ ރައްޓެއްސަކު އެހީތެރިވެ ނުދިނީވިއްޔާ ވަސީމާއާއި ދެކުދީންނަށް ކާއެތިކޮޅެއް ވެސް ރޯފިލުވައި ލެވޭވަރެއް މިހާރަކު ނުވެއެވެ.

ވާފިރުގެ މަންމަ ވަސީމާއާއި ކުދީންނަށް ކިތަންމެ ހެވަސް އޭނާ ނިޔާވިފަހުން ވާފިރުގެ ބައްޕަ އިނދެގެން އުޅޭ އައިސާފުޅުގެ ޒީލަގަދަކަމާއި ނުފޫޒު ގަދަކަމުން ވާފިރުގެ ބައްޕަ އާސިފަށް ވަސީމާއާއި ކުދީންނާ އަޅައިލާން ކުރެވޭނެ މާކަބޮޑު ކަމެއް ވެސް ނޯވެއެވެ. އެއްޗެއް ދިއްކޮށްލިޔަސް ދިއްކޮށްލެވެނީ ވަރަށް ވެސް ސިއްރިޔާތުގައެވެ.

ވަސީމާގެ ޙާލު ބަލައިލާން އާދަވެ ކޮންމެ ދުވަހަކު އައިސް އުޅެނީ ވަސީމާގެ އެންމެ ގާތް އެކުވެރީން ކުރެ ތޯހިރާއެވެ. އެއްދުވަހަކު އަސުރު ނަމާދުން ފައިބައިގެން ވަސީމާއާއި ދެ ކުދީންނަށް ކުޅިބަތްޕެންކޮޅެއް ހިފައިގެން ތޯހިރާ ގޮސް ގޮވައިލުމުން ވަސީމާ ބަހެއް ނުބުނެގެން ބަލައިލި އިރު ވަސީމާ އޮތީ ހަބަރު ހުސްވެފައެވެ. ތޯހިރާ ހާސްވެފައި ހުރެގެން ވެސް އަވަހަށް އެންބިޔުލާންސަށް ގުޅިއެވެ. ލަސްނުވެ ވަސީމާ ސިއްހީ މަރުކަޒަށް ގެންދިޔައެވެ. ވަސީމާގެ ދެކުދީންގެ ވެސް ހާލު ހުރިގޮތުން ސިއްހީ މަރުކަޒަށް ގެނައުމުން ދެ ކުދީން ވެސް އެޑުމިޓު ކުރިއެވެ. ވަސީމާ ކައިރީގައެވެ. ވަސީމާ އޮތް ވޯޑުގައެވެ.

ވާފިރުގެ ބައްޕަ ފިޔަވައި ވާފިރުގެ ޢާއިލާގެ މީހަކު ހާލު ބަލައިލާން ވެސް ވަދެއެއް ނުލައެވެ. ވަސީމާގެ ފަރާތުން އަންނާނެ އެއްވެސް މީހަކު ނެތެވެ.

ވާފިރުގެ ބައްޕަ އާސިފް ފޯނު ކުރައްވާފައި ވަސީމާއާއި ދެކުދީންގެ ހާލު ވާފިރަށް އަންގަވާފައި ހަމަ މިހާރު ރަށަށް އައުމަށް ބުނުއްވިއެވެ. ވާފިރުގެ ބައްޕަ ދުވަހަކުވެސް ރުހިނުލައްވާ ރާގެއްގައި އެނޫނީ ވާފިރާ މުހާތަބެއް ކުރައްވާފައި ނެތްކަމުން، އަތޮޅު ކައުންސިލްގެ ލާންޗުގައި ވާފިރު ވަގުތުން ފުރައިގެން ރަށަށްއައިސް ސިއްހީ މަރުކަޒަށް ވަދެއްޖެއެވެ. ވަސީމާއާއި ދެކުދީން އެޑުމިޓުކޮށްފައި ތިބި ވޯޑަށް ވަދެފައި، ދެކުދީންގެ ބޮލުގައި ފިރުމާލާފައި ބައްޕައަށް އައިސް މަޑުކުރެވޭނީ އަދި ދެދުވަހެއްގެ ފަހުންކަމަށް ބުނެފައި ވަސީމާއާ ދިމާޔަށް ބަލައިވެސް ނުލައި ފުރާން ދިއުމަށްޓަކައި ވާފިރު ހިނގައިގަތެވެ.

ވާފިރުގެ ރަހުމުކުޑަ އެ އަމަލު ފެނުމުން ވަސީމާގެ ހިތަށް ހީވީ ވިހަލާފައި އޮތް ހަންޖަރެއް ހަރާލިހެންނެވެ. ވަސީމާގެ ހިތް ދިޔައީ ފަޅައިިގެންނެވެ. ވާފިރަކީ ވަސީމާއާމެދު އެހައި ރަޙުމެއް ނެތް މީހެއްގެ ގޮތުގައި ދުވަހަކު ވެސް ފެނިދާނެއެކޭ ހިތަށް ވެސް އަރާފައި ނެތްކަމުން ހިތުގައި ޖެހުނީއެވެ. އަމުދުން އެ ހާލަތުގައި އޮއްވައި ވާފިރު އެގޮތަށް ކަންތައް ކުރުމުން މާބޮޑަށް ހިތަށް އަސަރު ކުރީއެވެ. ހިތަށް ތަދުވީއެވެ.

އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ އަޑު ބޭރުވާ ވަރަށް ރޮއިލާނެ ވަރުވެސް އަދި އެފަދަ ހިތްވަރެއް ވެސް ވަސީމާގެ ނިކަމެތި އަނަރޫފަ ކަށިގަނޑެއް ފަދަ ހަށިގަނޑަކު ނެތެވެ.

އެހެނަސް، ވަސީމާގެ ހަރަކާތްތަކާއި ބަހުން ވާފިރަށް އާދޭހުގެ ބަސްތަކުން ގޮވަމުން ގެންދިޔައެވެ. ތިޔަހެން ނަހަދާށެވެ! އަހަންނާ ދެކުދީން ސަލާމަތުން ދުނިޔޭގައި އުޅުނަދޭށެވެ. އެ ފުރުސަތު ދިނުމަށްޓަކައި ވާފިރު އޯގާތެރިވެ ދޭށެވެ. މިފަދަ ބަސްތަކުންނާއި ހަރަކާތްތަކުން ވަސީމާ އާދޭސް ކުރަމުން ރޮމުން ގެންދިޔައެވެ.

ވާފިރަށް އެ އަޑު ނުވެސް އިވޭކަހަލައެެވެ. އެއިން ހަރަކާތެއް ވެސް ނުފެންްނަފަދައެވެ. އެތާނގައި ވަސީމާ އޮތްކަން ނުވެސް އެނގޭ ފަދައެވެ! ވަސީމާ ސަލާމަތަށާއި އެހީތެރިކަމަށް އެދި ރޯ ރުއިމާއި ގޮވާ ގޮވުންތަކަށް ވާފިރު ދިނީ ސީދާ ފުރަގަހެވެ. ޝަހީމާގެ ނަލަ ވައިރޯޅިން ހަމަރިޔަލަށް ވައިއަޅުވާލާފައި ދުއްވާފައި ވާފިރު ރަށުން ފުރައިގެން ދިޔައީއެެވެ.

ޅެންވެރިޔާ ކިޔާފައިވާ ގޮތަށް އެ މަންޒަރު ވެސް ތަމްސީލު ވެގެން ދިޔައީއެވެ!

"އެވަޤުތު އައިސް ހަމަކޮށްލީ މާފުށި ބޮޑު މަސްދޯންޏަށް

އެވަޤުތު އެންމެން ރޮއިފާ މިތަނުން ބަލަ މިންޖުކުރާށެ ގޮވީމޭ"

"ނަމަވެސް އެއިން މީހަކު ދެން މިވަނީ ކީއްތޯ ނުބަލައި

ހަމަރިޔަލަށް  ވައިއަޅުވާލާފައި   ދިއުމުން  ހިތްދަތިކޮށްލީމޭ"

ވާފިރު ޝަހީމާގެ ނަލަ ވައިރޯޅިން ބޮޑު ރިޔަލަށް ވައިއަޅުވާލާފައި ސިއްހީމަރުކަޒުން ނުކުމެގެން ދިޔަގޮތަށް ލާންޗަށް އަރައިގެން ފުރައިގެން ދިޔައީއެވެ!

ދެން ކަންތައް ހިނގީވެސް ހަމަ ޅެންވެރިޔާ ކިޔާފައިވާ ގޮތަށެވެ!

ލަސްނުވެ ފެންނަން އެފެށީ ފެންމަތިވީ ޤަބުރުތަކޭ

އަސްތާއޭ ގޮވަމުން ފަތަމުންގޮސް އެންމެން އެއްކޮށް ބަނދެލީމޭ"

މިވަނީ ކީއްތޯ ނުބަލައި ހަމަރިޔަލަށް ވައިއަޅުވާލާފައި ވާފިރު ދުއްވާފައި ދިއުމުން، ވަސީމާޔަށް ކުރި ގަދަފަދަ ވޭނީ އަސަރުގެ ސަބަބުން ވަސީމާޔަށް ބާރުގަދަ ހާރޓްއެޓޭކެއް ހަމަ އެވަގުތުގައި ޖެހުނެވެ! ޑޮކްޓަރާއި ނަރުހުން އަވަސްވެ ލެއްވީ ފަރުވާ ދެއްވުމަށެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ ވަސީމާގެ ފުރާނަވަނީ އެ ނިކަމެތި ހަށިގަނޑާ ވަކިވެފައެވެ. މި ފަނާވަނިވި ދުނިޔެއަށް އަލަވަދާޢު ކިޔާފައެވެ. ވަސީމާ ހިތްވަނީ ފަޅައިގެންގޮސްފައި ކަމަށް ޑޮކްޓަރު ބުނުއްވިއެވެ. އާއެކެވެ! ވަސީމާ ނިޔާވީއެވެ! إِنَّاللهِ وَإِنَّا إِلَيْهِ رَاجِعُوْن! ޅެންވެރިޔާ ކިޔާފައިވާ ފަދައިން ކަންތައްތައް ތަރުތީބުވަމުން ހިނގަމުން ދަނީއެވެ.

އާސިފް ހަމަ އެވަގުތުން އެ ހަބަރު ވާފިރަށް ދެއްވައިފިއެވެ! ދެން ވާފިރު އަޔަސް ނަޔަސް ފަރުވާލެއް ނެތޭ ވެސް އާސިފަށް ބުނުއްވުނެވެ! ދުރުވެވިފައި ހުންނެވި ރުޅިއަށް ވުރެން، ވެލައްވާފައި ހުންނެވި ދެރައިގެ ސަބަބުން އާސިފުގެ ހިތުގައި ވެސް އެޅި ވޭން ބޮޑުވީއެވެ.

ވަސީމާ ނިޔާވީ ދެކުދީން ވެސް އޮތް ވޯޑްގައި ކަމުން ދެކުދީންނަށް، ވެސް އެ ދެކުދީންގެ ލޯބިވާ މަންމަ ނިޔާވީކަން އެނގުމުން ވަރަށް އަސަރާއެކު ގިސްލަގިސްލާފައި ހަރުއަޑުން ރޯންފެށިއެވެ. އާސިފާއި ތޯހިރާ އެދެކުދީން ރަމަތަ ކުރެވޭތޯ ނުހަނު އޯގާތެރިކަމާއި ލޯތްބާއެކު ފިރުމަމުން ގެންގެންދެއެވެ! ދެ ކަށިގަނޑު ފަދަ ނިކަމެތި ދެ ފުރާނަ ރޮމުން ގިސްލަމުން ގޮސް ޚަބަރު ވެސް ހުސްވެއްޖެއެވެ. އައިވީ ގުޅާފައި ވިޔަސް އެ ދެކުދީންގެ ގަޔަކު އެއް ވެސް ހަކަތައެއް ނެތެވެ.

ޑޮކްޓަރާއި ނަރުހުން އެކުދީންނަށް އިތުރު ފަރުވާ ދެއްވަމުން ގެންދެވިއެވެ. ވަރަށް ވެސް އޯގާތެރިކަމާއި ލޯތްބާ އެކުގައެވެ. އިރުކޮޅަކަށްފަހު އާސިފްގެ މޫނަށް ބައްލަވާލައްވާފައި ވަރަށް އަސަރާއެކު ޑޮކްޓަރު ބުނުއްވިއެވެ! "ޢާސިފްއެވެ! އެއްވެސް އުއްމީދެއް ނެތެވެ! ދެކުދީންގެ ވިންދު ވެސް މިހާރު އެދަނީ ހުއްޓެމުންނެވެ. ވަގުތު މާބޮޑަށް ވެސް ފާއިތުވެއްޖެއެވެ. އަވަހަށް މާލެ ދިއުމަށް ވެސް އޮންނާނީ އަންގާފައެވެ."

އޭގެ މާ ގިނަ އިރުތަކެއް ނުވެ އެ ލޯބިލޯބި، ކުށެއް ނެތް މައުޞޫމު ދެކުދީންގެ ފުރާނަ ވެސް އެ ދެކުދީންގެ އެ ނިކަމެތި ބަލިކަށި ހަށިގަނޑާ ވަކިވެއްޖެއެވެ. إِنَّاللهِ وَإِنَّا إِلَيْهِ رَاجِعُوْن!

ވާފިރު އައި ލާންޗު ރަށަށް ކައިރިކޮށްލުމާއެކު ވާފިރު ދުވެފައި އައިސް ސިއްހީމަރުކަޒަށް ވަދެއްޖެއެވެ! ވަސީމާގެ ގައިމަތީ އަޅާފައި އޮތް ފޮތިގަނޑު މޫނުމަތީން ނަގާފައި ހަރު އަޑުން ރޯންފެށިއެވެ. ވަސީމާގެ މޫނުގައި ބޮސްދޭން ފެށިއެވެ. ވަސީމާގެ ފުރާނަ ނެތް މަސްގަނޑުގައި އޮޅުލާން ފެށިއެވެ. ވާފިރު ހަރުއަޑުން މާފަށް އެދި ވަސީމާގެ މޫނާއި ދެފައިގައި ވެސް ބޮސްދެއެވެ. ވާފިރު މޮޔައެއް ފަދައެވެ. ވާފިރު އޭނާގެ ލޯބިވާ ދެ ކުދީންގެ ގައިގައި ވެސް އޮޅުލައި މޫނުގައި ބޮސްދެއެވެ. އެ ކުދީން ކިބައިން މާފަށް ވެސް އެދެއެވެ.

ކުޑަ އިރުކޮޅަކަށް ފަހު، ފުލުހުންގެ ބޭކަލުން ދުރުވެ މަރު ތަހުލީލު ކުރެއްވުމުގެ ކަންތައް ނިންމެވުމުން، ވަސީމާއާއި ދެކުދީން ސަހަރާގައި ހުރި ހިނަވާގެއަށް ގެންގޮސްފިއެވެ. ރަށުގެ ފައިނދޭ ފުރާ އެއްކޮށްހެން ތިބީ އެތާނގައެވެ. ތުނބާ ތުން ގުޅުވައިގެން ވާފިރަށް ލައުނަތް ނުދޭ އެކަކުވެސް އެތާކު ނެތެވެ.

ވާފިރުގެ ބައްޕަގެ ލަފާމަތީން ފަތިސްނަމާދަށް ފަހު ވަޅުލާގޮތަށް ހަމަޖެއްސިއެވެ. އަދި އެރޭގެ ތިނެއް ޖަހާންދެން މޫނު ދެއްކުން ކުރިއަށް ގެންދާން ވެސް ހަމަޖެއްސިއެވެ.

ފަތިސްނަމާދަށް ފަހު ވަސީމާއާއި ތިން ކުދީން އެއްވަޅެއްގައި ވަޅުލިއެވެ.

ޅެންވެރިޔާ ކިޔާފައިވާ ފަދައިން މަންޒަރަކަށްފަހު މަންޒަރެއް ތަމްސީލުވަމުންގޮސް ނިމުނީއެވެ.

"ތިންގަޑިއިރު ފަހުގައި ދެން މިންޖުވެގެން މިކަމުން ގޮސް

ތިން ހަތަރު ޤަބުރު ގުޅިޔަށް ގެންގޮސް މިސްކިތް ދޮށުގައި ވަޅުލީމޭ"

"ގެއްލުނު ތިންމީހުންނަށް ލެއްވުން އެދިގެން ރަޙްމަތް

ދެން މިފަދަ މުސީބާތެއް ނުމެ ދެއްކެވުމަށް މަ ދުޢާކޮށްލީމޭ"

ވާފިރުގެ ލޮލުން ހިފެހެއްޓުމެއް ނެތި އޮހޮރެމުންދާ ކަރުނަޔާ ވެސް އެކު ވަރަށް ކެތްކޮށް ހިތްވަރު ކޮށްގެން ހުރެ ތިން ސަންދޯއް ކަށްވަޅަށް ތިރިކުރުމުން، ވާފިރުގެ އެންމެ ފަހުގެ ވަދާޢީ ހަދިޔާއެއްގެ ގޮތުގައި ވަސީމާއާއި ދެކުދީންކުރެ ކޮންމެ ކުއްޖެއްގެ ވެސް ސަންދޯކުގެ މައްޗަށް ވަކިވަކީން ތިންމުށްވެލިން ހަދިޔާކޮށް ހެޔޮ ދުޢާކުރުމަށްފަހު، ވާފިރު އޭނާގެ ލޯބިވާ އަނބިމީހާއާއި ލޯބިވާ ދެ ކުދީން އެއްވަޅެއްގައި ވަޅުލުމަށްފަހު އަބަދަށްޓަކައި ވަކިވީއެވެ.

ހެނދުނު ހެނދުނާ ފެށި ޙަޔާތުގެ އުފާވެރި ދަތުރުގައި ކަނޑު ދެބަޔާ ހަމަޔަށް ދުވެފައި ހުއްޓައި ނެގި ފުސްކޮޅެއްގެ ސަބަބުން މޫސުން ގޯސްވެ، ޅެންވެރިޔާ ޅެމުގައި ކިޔާފައި އެވާ ފަދައިން، ހުރިހައި ކަމެއްވެސް ހިނގައި ނިމި ދިޔައީއެވެ.

މިފަދަ ޝަރަޙަ ތަކުން ޢިބްރަތް ޙާޞިލްކޮށްގެން ހޯދާންވީ ފައިދާއަކީ، ލިބިގަންނާންވީ ފިލާވަޅަކީ، ޙަޔާތުގެ ދަތުރުގައި އިންސާނިއްޔަ އަޚުލާޤާއި ރަޙުމާއި ހަމްދަރީދީއާއި އަޅައިލުމާއި އެކަކު އަނެކަކު ދެކެ ވާންވީ ލޯބި ވެގެން ލޯބި ދީގެން ފާގަތިކަމާއި އުފާވެރިކަންމަތީގައި ޙަޔާތެއްގައި މުޅި ޢުމުރު ވޭތުކުރާން ދަސްކުރުމެވެ.

 

ނޯޓް: "މިފަހަރު ކުރި ދަތުރުގެ ޠޫފާނުން ހިތް ކުދިކުދި އަދު ވެއްޖޭ ދެން،" މިއީ، 1956 ވަނަ އަހަރު ހިނގައިދިޔަ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް އޮތް، ވަރަށް ފުރިހަމަ ޅެމެކެވެ. މި ޅެމުގެ ޅެންވެރިޔާއެއް ނުދަންނަމެވެ. މިޅެން ޒަމާންތަކަށް ފަނޑުނުވެ ދެމިއޮތުމުގެ ބޭނުމުގައި މިޅެމުން ދެވަނަ މާނައެއްގެ މައްޗަށް ފުރޮޅާލައިގެން މި ޝަރަޙަ އަޅުގަނޑު ކުރީއެވެ.

ކަވަރ ފޮޓޯ: އާޓްސް އޮފް ސިރޫ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.