މާލެ އަކީ ދުނިޔޭގެ އެންމެ މުޑުދާރު ރަށް ކަމަށް ސިފަކޮށް، ރާއްޖެއާއި އެފް.އޭ.އެމް ވަރަށް ބޮޑަށް ބަދުނާމުކޮށް ޤައުމީ ފުޓުބޯޅަ ކޯޗު މާޓިން ކޫޕްމަން ނެދަލެންޑްސްގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއް އިންޓަނެޓުން ފެނިއްޖެ އެވެ.
ލޮކްޑައުން ދުވަސްވަރު، ބޭރަށް ނުނުކުމެވި ހޮޓަލުގައި ހުންނަން ޖެހުމުން، އެކަމާ ހިތްހަމަނުޖެހިގެން، ނެދަލެންޑަށް އުފަން އުމުރުން 63 އަހަރުގެ ކޫޕްމަން އޭނާގެ ރަށު ބަހުން މޭ މަހު 14 ގައި ދީފައިވާ މި އިންޓަވިއު ޝާއިއުކޮށްފައި ވަނީ ނެދަލެންޑްސްގެ ކުޅިވަރު އޮންލައިން ނޫހެއް ކަމަށްވާ ވީއައިޑޮޓްއެންއެލްގަ އެވެ.

ކޯޗުގެ އިންޓަވިއުގެ ސުރުހީގައި ވަނީ "މުސާރަ ލިބޭ، ނަމަވެސް ވިސްނުން ހުރި ގޮތެއް ނޭނގޭ،" ކަމަށެވެ.
ކޯޗު ސިފަކޮށްފައިވާ ގޮތުގައި މާލެ އަކީ "ދުނިޔޭގެ އެންމެ މުޑުދާރު ރަށެ"ވެ. މި ކުޑަކުޑަ ރަށުގައި އެހާތަނަށް 955 މީހަކު ކޮވިޑަށް ފައްސިވެ، ހަތަރު މީހުން މަރުވެފައިވާ ކަމަށާއި، ކުރިއަށް އޮތް 2-4 ހަފްތާއާ ދެމެދު މި އަދަދު 17 ހާހަށް އަރައިގެންދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ކޫޕްމަން ބުނެފައި ވެއެވެ.
ކޯޗު ބުނީ، އޭނާ އާއި އޭނާގެ އެސިސްޓަންޓް ނެދަލެންޑްސްގެ ރެނޭ ހިޑިންކްއާއެކު މާލޭގެ ހޮޓަލެއްގައި އެކަހެރިވެ ތިބޭތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި އޭޕްރިލް މަހުގެ މެދުތެރޭގައި މާލޭގައި ލޮކްޑައުން އިއުލާންކުރުމަށްފަހު، ކުރިއަށް އޮތް ދުވަސްތަކުގައި ފުޓުބޯޅަ އެސޯސިއޭޝަނުގެ ފަރާތުން އެއްވެސް މުޢާމަލާތެއް ނެތި، އަމިއްލައަށް އުޅެން ޖެހިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އޭޕްރީލް މަހާއި، މާޗު މަހުގެ މުސާރަވެސް ދީފައިނުވާ ކަމަށާއި، އަރޫބާގެ ފީފާ އޮފިޝަލުން މެދުވެރިކޮށް މަޝްވަރާކުރުމަށްފަހު މިހާރު މުސާރަ ލިބިފައިވާ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
"މުސާރައިގެ ކަންތައް ހަމަޖެހުމުން ހިތްހަމަޖެހޭ، އެހެން ނަމަވެސް މިތާނގެ ޔޫނިއަންއަށް މުޢާމަލާތުކުރާނެ ގޮތެއް ނެތް. އަދި މިވަގުތު ކަންތައް ހުރިގޮތެއް ނޭނގޭ. އަހަރެމެންނަށް ބޭރަކަށް ނުނިކުމެވޭ. ހޮޓަލުގައި ތިބޭތާ މިހާރު ހަތަރު ހަފުތާވީ. އަދި ލޮކްޑައުން އިތުރު ދެހަފްތާއަށް، މޭ މަސް ނިމެންދެން ދެމިގެންދާނެ ކަމަށް ވަނީ. ނަފްސާނީ ގޮތުން އުނދަގޫކަން އިޙުސާސްވޭ. ހޮޓަލުގެ މުވައްޒަފުންނާ ވީހާވެސް ގިނައިން ވާހަކަ ދެއްކޭތޯ ބަލަން. އަދި ޓެރަހުގައި ކަސްރަތުކޮށް ހަދަން. ވަރަށް ގިނައިން ނިދޭ. ދެން އިތުރަށް ކޮން ކަމެއް ކުރެވޭނީ؟ ވީހާވެސް ބަލައިގެން އުޅެވޭތޯ މަސައްކަތް ކުރަނީ،" ކޫޕްމަން ކިޔައިދީފައި ވެއެެވެ.
"ރެނޭ އާއި އަހަރެން މި ތިބެނީ ބޭރަށް ނުނިކުމެ، ދިމާވާ ބަޔަކަށް ތިބީ ހަމައެކަނި ހޮޓަލުގެ މުވައްޒަފުންނާއި މަގުމަތީގައި ހަރަކާތްތެރިވުމަށްފަހު މިތަނަށް ނިދަން އަންނަ ފުލުހުން. އަހަރެން އަބަދުވެސް މާސްކު އަޅައިގެން މިއުޅެނީ. ހިތްވަރު އެލުވާލާކަށް ބޭނުމެއްނުވޭ. އެކަމަކު އަހަރެން ހިތަށް އަރަނީ އަހަރެމެން މިތާ ކީއްބާއޭ މި ކުރަނީ؟ އަނބުރާ ޤައުމަށް ދެވޭކަށް ނެތް. ބައިނަލްއަޤްވާމީ ވައިގެ ބަނދަރުތައް ވަނީ ބަންދުކޮށްފައި. އަދި ޕާސްޕޯޓު ވެސް ވީ މިތާނގެ ސަރުކާރުން ނަގާފަ. ރެނޭއާއި އަހަންނަކީ މިތާ ސަރުކާރުގެ ދެ މުވައްޒަފުން. އެހެންކަމުން އަހަރެން މިހާރު ވާނީ އެހީތެރިކަމަށް އެދި ކޮންސުލް (އެމްބަސީ) އަށް އީމެއިލެއް ފޮނުވާފަ. އަނބުރާ ޤައުމަށް ގޮސް، މިހާރުގެ ހާލަތު އާންމު ހާލަތަށް ރުޖޫޢަވުމުން އާދެވޭ ކަހަލަ ގޮތެއް ވޭތޯ މިބަލަނީ. މިހާރު މިތިބީ ގޮތްހުސްވެފައި،" ކޯޗު ކިޔައިދީފައި ވެއެވެ.
މިދިޔަ ޖެނުއަރީ ފަހުކޮޅު ކޫޕްމަން ގައުމީ ޓީމާ ހަވާލުވެ ޕްރެކްޓިސް ފެށިތާ ގިނަ ދުވަސްތަކެއް ނުވެ ޕްރެކްޓިސް ވަނީ މެދުކަނޑާލަންޖެހިފަ އެވެ. އެއީ ކޮވިޑް19 ގެ ވަބާއާ ހެދި އެވެ.
ކޮވިޑަށް ޕޮޒިޓިވްމި މީހަކު މާޗު 15 ގައި މާލެއިން ފެނުމުން، މާލެ ފުލް ލޮކްޑައުނަކަށް ދިއުމުން، މާލޭގެ ތަންތަން ބަންދުކޮށް، ބޭރަށް ނުކުމެ އުޅުން ސަރުކާރުން އޮތީ އެއްކޮށް މަނާކޮށްފަ އެވެ.
ނަމަވެސް ލޮކް ޑައުން ދޫކޮށްލުމުން ގައުމީ ޓީމުގެ ޕްރެކްޓިސް ވެސް މިހާރު ވަނީ ފަށައިފަ އެވެ.
އެފް.ޢޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ ގައުމީ ކޯޗުގެ އެފަދަ އިންޓަވިއުއެއް ދީގެން އުޅޭކަން އޭނާ އަށް އެނގިވަޑައިގެންފައިނުވާ ކަމަށާއި، ކޯޗު އެ ބުނާ "ލޮކްޑައުން ދުވަސްތަކުގައި އެފް.އޭ.އެމްގައި ވެސް ދަތިތަކެއް ހުރި" ކަމަށެވެ.
"ނަމަވެސް ﷲގެ އިރާދަފުޅާއެކު އެކަންކަން މިހާރު ވަނީ ހަމަޖެހި ނިމިފައި. އިތުރު މައްސަލައެއް ނޫޅޭނެ،" ބައްސާމް ވިދާޅުވި އެވެ.