Support Us

ހއ. ދިއްދޫ ޒުވާން ކުދިންތަކެއް މޫދު ކުޅިވަރު ކުޅެނީ -އަދިވެސް ފޮޓޯ: ސިނާން

ބައިގަރުވެގެން އަންނައިރު ޓޫރިޒަމް ކިޔަވައިދޭނެ ކޮލެޖެއް ރާއްޖޭގައި ނެތުމަކީ ބޮޑު މައްސަލައެއް

ފަންނުވެރި ޒުވާނުންތަކެއް އުފެއްދޭނީ ދުރާލާ ރާވައިގެން

ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ސެކަންޑްރީއާ ހަމައިން ސްޓްރީމެއް ހިޔާރުކުރުމުގައި އެކުދިންގެ ކުރިމަގާ ކިހާ ވަރެއްގެ ގުޅުމެއްވާކަން އެނގެނީ ކިހާ ވަރަކަށްބާ! އަދި އެ ހިޔާރު ކުރާ ސްޓްރީމަކީ އެކުދިންގެ މުސްތަގުބަލް ބިނާކުރުމުގައި އެންމެ ރަނގަޅު ގޮތްތޯ މިއީ ވެސް ކުދިންގެ ހިތްތަކުގައި އުފެދެމުން އަންނަ ސުވާލެކެވެ. ދަރިވަރުންނަށް އެކި ގޮތްގޮތުން ސްޓްރީމް ހިޔާރު ކުރުމުގައި އެހީތެރިކަން ލިބެމުން އަންނައިރު މާގިނަ މައުލޫމާތެއް ނުލިބި ސްޓްރީމް ހިޔާރުކުރާ ދަރިވަރުން ވެސް މަދެއް ނޫނެވެ.

"ބިޒްނަސް ނެގީ ހަމަ ވަރަށް ލައިކްވާތީ،" ސެކަންޑްރީގައި ކިޔަވަމުން އަންނަ ދަރިވަރަކު ބުންޏެވެ. ނަމަވެސް އެ ސްޓްރީމް ނަގައިގެން ކުރިމަގު ނޫނީ މުސްތަގުބަލުގައި ކުރިއަށް ދެވޭނެ ނޫނީ ދާން ބޭނުންވަނީ ކޮން ދާއިރާއަކުން ކަމެއް އަދި ނުނިންމާ ކަމަށް ވެސް އޭނާ ބުންޏެވެ. މިފަދަ އެތައް ދަރިވަރަކު އުޅޭނެ ކަމީ ސަކެއް ވެސް ނެތް ކަމެކެވެ.

ސެކަންޑްރީ ތައުލީމް ނިންމުމަށް ފަހު މަތީ ތައުލީމް ހާސިލް ކުރުމުގައި ވެސް އެދަރިވަރުން ހިޔާރުކުރާ ސްޓްރީމެއް މުހިންމު ރޯލެއް އަދާ ކުރާއިރު އެދަރިވަރުން ވަޒީފާގެ ބާޒާރަށް ކުރިމަތިލާއިރު ވެސް ހިޔާރުކުރާ ސްޓްރީމް އަކީ އެޅޭ ބިންގަލަކަށް ވެގެން ދެއެވެ. ނަމަވެސް ހިތާމައަކީ ވަޒީފާގެ ބާޒާރަށް ނުވަތަ މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް އެދަރިވަރަކު ހިޔާރު ކުރާ ސްޓްރީމަކާ ގުޅޭ މައުލޫމާތު އެންމެ އެކަށީގެންވާ ގޮތުގައި ލިބެމުން ނުދާ ކަމުގެ ސަކުވާތައް އަދިވެސް ލިބެމުން އަންނަ ކަމެވެ. އަދި ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ވަޒީފާތައް ނުވަތަ ދިވެހިރާއްޖޭގައި އުފެއްދިދާނެ އެންމެ މަތީ ފެންވަރުގެ ވަޒީފާއާ ބެހޭ މައުލޫމާތު ދަރިވަރުންނަށް ލިބެމުން ނުދާކަމުގެ ޝަކުވާތައް ދަނީ ގިނަވަމުންނެވެ.

އެޑިއުކޭޝަން ދާއިރާގެ އިސް ބޭފުޅަކު ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން އަމަލް ކުރަން ފަށާފައިވާ އާ ކަރިކިއުލަމްގެ ބޭނުމަކީ ދަރިވަރުން ސްކޫލް ނިންމާފައި ނުކުންނައިރު އެކުދިން ރިއުޅުމަށް ތައްޔާރުކުރުން ކަމަށެވެ.

"އަޅުގަނޑުމެން ކުދިންނަށް ސްކޫލްތަކުގައި ސްޓްރީމް ސެލެކްޓް ކުރާއިރު އެކަމާ ބެހޭ މައުލޫމާތުދީ ވަޒީފާތަކުގެ މައުލޫމާތު ވެސް ދެމުން ގެންދަނީ،" އޭނާ ވިދާޅުވި އެވެ. ނަމަވެސް ސްޓްރީމެއް ހިޔާރުކުރާނީ އެކުއްޖެ އަމިއްލައަކަށް ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ސްކޫލްތައް ނިންމާ މަތީ ތައުލީމު ހާސިލްކުރަން ނުވަތަ މަސައްކަތުގެ ދާއިރާއަށް ނުކުންނަށް ބޭނުންވާ ދަރިވަރުންނަށް އާ ކަރިކިއުލަމްގެ ދަށުން އެކަށީގެންވާ މައުލޫމާތު ލިބިގެންދާނެ ކަމަށް އެޑިކޭޝަނުން ދެކެވެ. ނަމަވެސް އެކުދިންނަށް އަދި މަސައްކަތުގެ ތަޒުރިބާ ނުލިބޭނެ ކަމަށާއި އެއީ ވެސް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގެންނަވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ ދަރިވަރުންނަށް މަސައްކަތުގެ ތަޒުރިބާއާ އެކަށީގެންވާ މިންވަރަށް މައުލޫމާތުތައް ލިބިފައި ނެތުމުގެ ނަތީޖާއަކަށް ވަނީ އެކުދިން މަސައްކަތުގެ މާހައުލަށް ރަނގަޅަށް ތައްޔާރުވެފައި ނެތުމާއި އެކުދިންނަށް ލިބެންޖެހޭ ފުރުސަތުތައް ހަނިވެގެންދިއުމާއި މަތީ ތައުލީމް ހާސިލް ކުރުމަށް ގިނަ ފަހަރަށް ދަތިތަކާ ކުރިމަތިލާން ޖެހުމެވެ.

މިފަދަ ދަރިވަރުން ވަޒީފާތަކަށް ނުކުތުމުގެ ކުރިން ރާއްޖޭގައި ހުރި ވަޒީފާތަކުގެ އަމަލީ ތަޖުރިބާ ކޮންމެ ވެސް ވަރަކަށް ސްކޫލް ދައުރުގައި ދިނުމަކީ މިހާރު ވެސް ކުރަން ވެއްޖެ ކަމެކެވެ. އަދި އެމަސައްކަތް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަކީ ވެސް އެކުދިންނަށް ކުރިމަގު ބައްޓަން ކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ އެވެ. ވަކިން ޚާއްސަ އިސްކަމެއް ދީގެން ޕްރޮފެޝަނަލް ޑޮކްޓަރުން، އެކައުންޓެންޓުން، ޓީޗަރުން، މި ނޫންވެސް ބިދޭސީން އަދާކުރަމުންދާ ގިނަ ވަޒީފާތަކާ ބެހޭ މައުލޫމާތާއި އަމަލީ ތަޒުރިބާ އެދަރިވަރުންނަށް ފޯރުކޮށްދެވޭނެ ގޮތްތަކެއް ރާވާ ހިންގަންޖެހެ އެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.

ޒުވާނުންތަކެއް ދަތުރުގޮސް މަޖާކުރަނީ: ފަތުރުވެރިކަމުގެ ދާއިރާއަކީ އެންމެ ގިނަ ޒުވާނުން ވަޒީފާ އަދާކުރާ އެއް ސިނާއަތު

ފަތުރުވެރިކަމުގެ ދާއިރާއަކީ ދިވެހިރާއްޖޭގައި އިޤްތިސާދު އޭގެ މައްޗަށް ބަރޯސާވާ އަދި އެންމެ ގިނަ ޒުވާނުން ވަޒީފާ އަދާކުރާ އެއް ސިނާއަތަށް ވީހިނދު މި ސިނާއަތުގައި ވެސް ގިނަ ވަޒީފާތަކުގައި ދިވެހިންނަށްވުރެ ބިދޭސީންގެ އަދަދު ގިނަވުމަކީ ރާއްޖޭގެ އިގްތިސާދަށް ލިބޭ ހީނަރު ކަމަކަށް ނޫނީ ނުވާނެ އެވެ.

ދިވެހި ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ބައިގަރުވެގެން އަންނައިރު އެ ދާއިރާއަށް ނިކުންނަން ބޭނުންވާ ދަރިވަރުންނަށް ޓޫރިޒަމް ކިޔަވާދޭނެ ކޮލެޖެއް ނުވަތަ ހޮޓެލް ސްކޫލެއް ރާއްޖޭގައި ގާއިމްވެފައި ނެތުމަކީ ވެސް މި ސިނާއަތަށް ދިވެހިން ބިނާކުރުގައި ކުރިމަތިވަމުންދާ އެއް މައްސަލަ އެވެ.

ޓޫރިޒަމް ދާއިރާގެ ވަޒީފާތަކުގައި ދިވެހިންނާއި ބިދޭސީންނަށް އޮންނަ ފުރުޞަތުތަކުގެ ފަރަގު ނައްތާލައި ހަމަހަމަ ފުރުސަތުތަކެއް ހޯދާންދޭން ޖެހެ އެވެ. އަދި އެފަދަ ހަމަހަމަ ފުރުސަތުތަކެއް ހޯދުމަށްޓަކައި އަބަދުވެސް އެންމެ ރަނގަޅަށް ސާވިސް ޗާޖް ދޭ ރިސޯޓްތަކުން ވަޒީފާތައް ހޯދުމަށް މަސައްކަތް ކުރާ ފަރާތްތައް ވެސް މަދެއް ނޫނެވެ. މި މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ގާނޫނަކުން ނަމަވެސް ހުރިހާ ރިސޯޓެއްގައި ވެސް ހަމަހަމަ އުސޫލަކުން ސާވިސް ޗާޖް ދޭނެ އުސޫލެއް ގާއިމް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ޓޫރިޒަމް ދާއިރާގައި މަތީ ފެންވަރުގެ މަޤާމުތަކުގައި ނިސްބަތުން ދިވެހިން ވަޒީފާ އަދާކުރާލެއް މަދެވެ. މިދާއިރާއަށް ޝައުގުވެރިވާ އެތައް ޒުވާނުންނަށް މަތީ ތައުލީމުގެ ހާސިލްކޮށްގެން ތިބި ނަމަވެސް އެ މައްސަލަ ހައްލު ނުވުމަކީ ވެސް ހިތާމަކުރަން ޖެހޭ ސަބަބެކެވެ. އެދާއިރާގައި މަސައްކަތް ކުރުމަށް ޖެނެރަލް މެނޭޖަރުން، ސީނިޔާ މެނޭޖުމެންޓު ފަދަ މަޤާމުތަކަށް ދިވެހިން ތަމްރީނުކޮށް އުފެއްދުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. މީގެ އިތުރުން ދުނިޔޭގެ ހުރިހާ ހިސާބަކުން ޓޫރިސްޓުން ރާއްޖެ އަންނައިރު ފަތުރުވެރިންނާއި މުއާމަލާތް ކުރެވޭ ގޮތަށް އެދާއިރާއަށް ނިކުންނަން ބޭނުންވާ ކުދިންނަށް އަދި މަސައްކަތްކުރާ ޒުވާނުން ތަމްރީނުކުރުމަކީ ވެސް ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއް ކަމުގައި ނޫނީ ނުވާނެ އެވެ. މިގޮތުން އިޓަލީ، ޖަރުމަން، ޗައިނާ ފަދަ ޤައުމުތަކުގެ މާދަރީ ބަސް ދަސްކޮށްދޭ އިންތިޒާމް ތަކެއް ހަމަޖެއްސުމަކީ ވެސް މި ސިނާއަތަށް ލިބިގެންދާ އިތުރު ކުރިއެރުމެކެވެ.

ދިވެހި ޒުވާނުން ވަޒީފާތަކައަށް ޝައުޤުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް މިއަދު މިވަނީ ކުރަންޖެހިފަ އެވެ. އެގޮތުން ޒުވާނުންނަށް ވަޒީފާތަކަށް ތަމްރީނު ލިބޭނެ ޚާއްސަ މަރުކަޒެއް ޤާއިމުކުރުމާއި ވަޒީފާއާ ބެހޭ ޤާނޫނު ހަރުދަނާކޮށް ޒަމާނާ އެންމެ އެކަށޭނެ ގޮތަކަށް ބަދަލުކުރުމަކީ ވެސް މުހިންމު ކަމެކެވެ. އަދި ރާއްޖޭގެ ވަކި ސަރަހައްދެއްގައި ޓުއަރިޒަމް ބަރޯސާކޮށްފައި ބޭއްވުމުގެ ބަދަލުގައި މުޅި ރާއްޖެއަށް ޓުއަރިޒަމްގެ ސިނާއަތު ފުޅާކުރުމަކީ ވެސް މިދާއިރާއަށް ދިވެހި ޒުވާނުންނަށް ކުރިމަތިލުމަށް ލިބިގެން އިތުރު ފުރުސަތަކަށް ވެގެންދާނެ އެވެ.

މީގެ އިތުރުން ޒުވާން ވިޔަފާރިވެރިން ބިނާކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް މިއަދު މިވަނީ ކުރަންޖެހިފަ އެވެ. މިގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް ސިނާއަތް ކަމުގައިވާ ޓޫރިޒަމް ދާއިރާއަށް ޒުވާނުން ބިނާކުރުމުގެ ގޮތުން ކުރެވިދާނެ ގިނަ ކަންތައްތަކެއް ރާވައި ހިންގުމާއި ޒުވާން ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ޓުއަރިޒަމް ދާއިރާގެ ރަށްތައް ތަރައްޤީކުރުމާއި ޒުވާނުންނަށް ޚާއްސަކޮށް ރަށްތަކެއް ދޫކުރުމަކީ ވެސް އެޅިގެންދާނެ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ އެވެ. އަދި ތައުލީމީ ހަޔާތް ނިންމައި ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ނިކުންނަން ބޭނުންވާ ޒުވާނުންނަށް ލިބިގެންދާނެ އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4115
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *