Support Us

އަބޫޖަހުލަށް ފެނުނު ތަފާތު ގިނަ، އަޖައިބު ކުރުވަނިވި ކަންތައްތައް

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email

އަބޫ ޖަހުލަކީ މިއުންމަތުގެ ފިރުޢައުނެވެ. މީނާގެ ޖާހިލުކަން އެހެން ހުރިހާ ފިރުޢައުންނަށް ވުރެ ބޮޑެވެ. މޫސާގެފާނު ޤަޢުމުގެ ފިރުޢައުނުވެސް އޭނާގެ މަރު އައިސް ޖެހުނު ވަގުތު ޝަހާދަތުގެ ދެ ކަލިމަ ކިޔަން މަސައްކަތް ކުރިއެވެ. ނަމަވެސް ބަދުރު ހަނގުރާމައިގައި އަބޫ ޖަހުލު ޒަޚަމްވެގެން ވެއްޓިފައި ވަނިކޮށް އޭނާގެ ބޯ ކަނޑާލަން ސަހާބީއަކު އުޅުއްވުމުންވެސް އޭނާ އިސްކުރީ ބޮޑާކަމެވެ.

އަބޫޖަހުލަކީ ކީރިތި ރަސޫލާ ﷺ ގެ ފަރާތްޕުޅުން ތަފާތު ގިނަގުނަ، އަޖައިބު ކުރުވަނިވި ކަންތައް ފެނުނު މީހެކެވެ. އެގޮތުން ބަދުރު ހަނގުރާމައިގައި އުޑުން މަލާއިކަތުން ފައިބައިވަޑައިގެން ހަނގުރާމައިގައި ބައިވެރިވި މަންޒަރު މީނާ އަށް ފެނުނެވެ.

އައްބާސްގެފާނު ރިވާކުރައްވާފައިވެއެވެ. އެއް ދުވަހަކު ތިމަންކަލޭގެފާނު ހަރަމްފުޅުގެ ތެރޭގައި އިންނަވަނިކޮށް އަބޫޖަހުލު އައިސް ބުނެފިއެވެ. ތިމަން ނަދުރު ބުނަމެވެ. މުހައްމަދުގެފާނު ހަރަމްފުޅުގައި ސަޖިދައިގައި އޮންނަވަނިކޮށް ފެނިއްޖެއީވިއްޔާ ތިމަން އެކަލޭގެފާނުގެ ކަނދުރާފުޅަށް ފައިން އަރައި ހާނިއްކަ ކުރާ ހުށީމެވެ.

ދެންފަހެ ތިމަންކަލޭގެފާނު ކީރިތި ރަސޫލާ ﷺގެ އަރިހަށް ވަޑައިގެން އެވާހަކަ ދަންނަވައިފީމެވެ. ހަމަ ދެންނެވުމުން އެކަލޭގެފާނު ކޯފާ އިސްކުރައްވައި ނިކުމެވަޑައިގެން ހަރަމްފުޅާ ދިމާލަށް މިސްރާބު ޖެއްސެވިއެވެ. އަދި ތިމަންކަލޭގެފާނު މިކަންތައް ވާނޭ ގޮތެއް ބަލާނަމޭ ހިތްޕުޅަށް އަރާވަޑައިގެން އެކަލޭގެފާނުގެ ފަހަތްޕުޅުން ދަނިކޮށް އެކަލޭގެފާނު އިސްވެފައިވާ ކޯފާގެ ގަދަކަމުން އަވަސްވެވަޑައިގަންނަވާންވެގެން ދޮރަކުންވެސް ވަދެވަޑައިނުގެން އެތާ ހުރި ބިތްގަނޑެއްގެ މަތިން ފުންމާވަޑައިގެން ހަރަމްފުޅުގެތެރެއަށް ވަޑައިގަތެވެ.

ގެފުޅުގެ އަރިހަށް ވަޑައިގެން ހަރުއަޑުފުޅުން اقْرَأْ بِاسْمِ ސޫރަތް ކިޔަވައިވަޑައިގެންފައި ސަޖިދައަށް ތިރިވެއްޖެއެވެ. ދެން އެތާނގައި ތިބި މީހުންކުރެ މީހަކު އަބޫޖަހުލަށް އެކަލޭގެފާނު ދެއްކެވެމުން ފުންމައިގެން ތެދުވެ ހަދާލާގޮތް ނިކަންދެކޭށޭ ކިޔާފައި އެކަލޭގެފާނު ސަޖިދާގައި އޮންނެވި ދިމާލުން ހަޖަރުލް އަސްވަދާ ވީ ފަރާތަށް ގޮސްފައި ކުއްލިޔަކަށް އެނބުރި އައިސް މޫނު ހުތުރުކޮށްގެން އިށީނދެއްޖެވެ.

އެތާނގައި ތިބި މުޝްރިކުން އަބޫޖަހުލަށް މަލާމާތްކުރަން ފެށުމުން ބުންޏެވެ. ތިޔަބައިމީހުންނަށް މަށަށް ފެންނަ ކަންތައް ނުފެނޭހެއްޔެވެ؟ ބަލަގަ އެކަލޭގެފާނާއި ތިމަންނައާ ދެމެދުގައި އެއޮތީ އަލިފާނުން އޮތް ކަންޒެކެވެ. އަބޫޖަހުގެ ކިބައިން އެކަލޭގެފާނު ރައްކާތެރިކުރެއްވުމަށްޓަކައި މާތްﷲ ޒަބާނިޔަ މަލާއިކަތް ބޭކަލުންނަށް އަމުރުކުރެއްވިއެވެ. އަލަޤު ސޫރަތުގެ ފަހު ދެ އާޔަތަކީ މިވާހަކައިގައި ބާވައިލެއްވުނު އާޔަތްތަކެވެ.

﴿18﴾ سَنَدْعُ الزَّبَانِيَةَ
ނިކަންހުރެ ތިމަންރަސްކަލާނގެ زبانىّ ملائكة ންނަށް ގޮވައިލައްވާހުށީމެވެ.

﴿19﴾ كَلَّا لَا تُطِعْهُ وَاسْجُدْ وَاقْتَرِب ۩
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ކަލޭގެފާނު އޭނާޔަށް ކިޔަމަންވެ ވަޑައިނުގަންނަވާށެވެ! އަދި سجدة ކުރައްވައި ނަމާދު ކުރައްވާށެވެ! އަދި اللَّه ގެ حضرة އަށް ކަލޭގެފާނު ކުއްތަންވެވަޑައިގަންނަވާށެވެ!

މީގެ އިތުރުން އެހެން ދުވަހެއްގައިވެސް އަބޫޖަހުލު އޭނާގެ މަޖިލީހުގައި އިނދެފައި އެކަލޭގެފާނު ދެން ހަރަމްފުޅުގައި ސަޖިދައިގައި އޮންނަވަނިކޮށް ފެނިއްޖެވިއްޔާ ކިރިޔާ ހިފޭވަރުގެ ހިލަޔަކުން ޖަހާ އެކަލޭގެފާނުގެ އިސްތަށިފުޅު ފިސްކޮށްލާނެ ކަމަށް ހުވާކޮށްފިއެވެ. ދެން ބޮޑު ހިލައެއް ގެނެސް ކައިރީގައި ބާއްވައިގެން އެކަލޭގެފާނު ހެނދުނުގެ ނަމާދުފުޅަށް ވަޑައިގަތުމުގެ އިންތިޒާރުގައި މިބައިމީހުން ތިއްބެވެ.

މާކަ ގިނަ އިރުތަކެއް ނުވަނީސް އެކަލޭގެފާނު ވަޑައިގެން ހަޖަރުލް އަސްވަދު ކައިރީގައި ހުންނަވައި ނަމާދުކުރައްވަން ފައްޓަވައިފިއެވެ. ސަޖިދައަށް ހަމަ ވަޑައިގަތުމުން އަބޫޖަހުލު އެއްކަލަ ހިލަ ހިފައިގެން ފުންމައިގެން ތެދުވެ އެކަލޭގެފާނާ ދިމާލަށް ދިޔައެވެ. އަދި ގުރައިޝްވަންހައިގެ މީހުން މިއަދަކީ ބޮޑު ދުވަހަކަށް ވާނޭތާއޭ އަބުދުލް މަނާފް ވަންހައިގެ ސިންގާތައް އަންނައިރު ލައްކަ ވަރެއް ހުންނާނެއޭ ކިޔަކިޔައި ތިއްބާ އަބޫޖަހުލު އެކަލޭގެފާނާ ދާދި ކައިރިޔަށް ގޮސްފައި ކުއްލިޔަކަށް ދުވަމުން ތުރުތުރު އަޅަމުން އަތުވެއްޖެއެވެ. އަތުގައި އޮތް ހިލަވެސް ނައްޓާލެވުނީ އެހެން މީހުންގެ ބާރުގައެވެ.

މިފަހަރުވެސް ގުރައިޝުންގެ މުޝްރިކުން އަބޫޖަހުލަށް މަލާމާތް ކުރުމުން ބުންޏެވެ. އަހުރެންނަށް ފެންނަ މަންޒަރު ކަލޭމެންނަށް ފެންނަ ނަމަ ތިޔަހެން ނުބުނާނެއެވެ. އެކަލޭގެފާނުގެ ކައިރީގައި އެއޮތީ ތިމަން ދުވަހަކުވެސް ލޮލުން ނުދެކޭ ފަދަ ބޮޑު ފިރިހެން ޖަމަލެކެވެ. އެޖަމަލު އަނގަހުޅުވާލުމުން ތިމަން އޮތީ އޭގެ އަނގަތެރޭގައެވެ. އެއަނގަ ލައްޕާލިނަމަކަ މަށެއް ތިޔަބައި މީހުންނަކަށް ދެނެއް ނުފެނުނީހެވެ. މިއީ އާދައިގެ އާދަމުގެ ދަރިންނަކާ ކުޅަދާނަވެގެންވާ ކަމެއްނޫނެވެ.

އަބޫޖަހުލު މިހެން ބުނުމުން ހަމަ އެހިލަ ހިފައިގެން އެހެން މީހަކު ދިޔައެވެ. މީނާއަށް ދިމާވި ގޮތަކީ އެހިސާބަށް ދެވުމުން ދެލޯ ކަނުވެއްޖެއެވެ. އަދި އެކަލޭގެފާނު ކިޔަވާ އަޑުފުޅު އިވެއެވެ. ބައެއް ފަހަރު ފުރަގަހުންނެވެ. ބައެއް ފަހަރު ދެ އަރިމަތިންނެވެ. ބައެއް ފަހަރު ކުރިމަތިންނެވެ. މިހާލެއްގައި މީނާ ހުއްޓާ އެކަލޭގެފާނު ނަމާދުން އަވަދިވެވަޑައިގެން ވަޑައިގެންފިއެވެ.

ތަފްސީރު އިލްމުވެރިން ވިދާޅުވާ ގޮތުގައި ޔާސީން ސޫރަތުގެ 8-9 ވަނަ އާޔަތަކީ މި ދުވަހުގެ ވާހަކަތަކެވެ.

﴿8﴾ إِنَّا جَعَلْنَا فِي أَعْنَاقِهِمْ أَغْلَالًا فَهِيَ إِلَى الْأَذْقَانِ فَهُم مُّقْمَحُونَ

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ ކަނދުރާތަކުގައި ކަސްތަޅުތަކެއް ލެއްވީމެވެ. ފަހެ، އެ ކަސްތަޅުތައް ދަތްދޮޅިތަކާ ހަމަޔަށް ހުންނަހުށްޓެވެ. ފަހެ، އެއުރެންވަނީ ބޯތައް އުފުލިގެންނެވެ.

﴿9﴾ وَجَعَلْنَا مِن بَيْنِ أَيْدِيهِمْ سَدًّا وَمِنْ خَلْفِهِمْ سَدًّا فَأَغْشَيْنَاهُمْ فَهُمْ لَا يُبْصِرُونَ

އަދި ތިމަންރަސްކަލާނގެ އެއުރެންގެ ކުރިމަތިން ހުރަހަކާއި، އެއުރެންގެ ފުރަގަހުން ހުރަހެއް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންގެ ލޯތަކުގައި ފަރުދާއެއް ލެއްވީމެވެ. ދެން އެއުރެންނަކަށް ނުފެންނާނެތެވެ.

މީގެ އިތުން އެހެން ދުވަހެއްގައިވެސް ނަބިއްޔާ ގަތުލުކޮށްލުމަށް ސައްލާކޮށްގެން އަބޫޖަހުލާއި އޭނާގެ ބައިވެރިން އެކަލޭގެފާނު ހަރަމްފުޅުގައި ހުންނަވަނިކޮށް އުޅުނެވެ. ނަމަވެސް މިބައިމީހުން އެކަލޭގެފާނުގެ ފުރަގަހުން ހަމަ ގާތްވެލިތަނުން އިވުނު އަޑުފަށްގަނޑެއްގެ ބާރުކަމުން ހައިރާންވެފައި ތިއްބާ އެކަލޭގެފާނު ނަމާދުން އަވަދިވެގެން ވަޑައިގަތީއެވެ. އަދި އެހެން ރެޔަކުވެސް މިބައިމީހުން އެކަމަށް ސައްލާކޮށްގެން ދަނިކޮށް އެކަލޭގެފާނާ ބައްދަލުކުރަން ދާން އޮތް މަގު ބެދުނެވެ. އެގޮތުން ސޮފާ ފަރުބަދައާއި މަރުވާ ފަރުބަދަ ޖެހި ތާށިވެ ކުރިޔަށް ދެވޭނެ ގޮތެއް ނުވިއެވެ.

މި ހުރިހާ ކަމެއް މެދުވެރި ވުމުންވެސް މިބައިމީހުން ނިންމީ އެއީ ބޮޑުވެގެންވާ ސިހުރެއް ކަމަށެވެ.

ނޯޓް: ހުސެއިން ސަލާހުއްދީން ލިއުއްވި ކީރިތި ރަސޫލާގެ ސިޔަރަތުން ނަގައިފައި