Support Us

ޝަރަފުވެރިކަމުގެ ގައުމީ އިނާމާއެކު މައްލާ ގެއަށް ވަޑައިގަތުމުން އާއިލާގެ ފަރާތުން އިންތިޒާމްކުރި "ސަޕްރައިޒް"ގެ ތެރެއިން... -އަދިވެސް ފޮޓޯ

މައްލާ- ކުޅިވަރުގެ ޚިދުމަތުގައި 52 އަހަރު: "ހުރިހައި އުންމީދެއް މިހާރު ހާސިލްވެއްޖެ"

"އަޅުގަނޑު ވަރަށް އުފާވެއްޖެ މި އިނާމު ލިބުނީމާ. ބައި ގަރުނަށްވުރެ ގިނަ ދުވަހު ދިވެހި ކުޅިވަރަށް އަޅުގަނޑު ކޮށްދިން ހިދުމަތުގެ އަގު ވަރަށް ފުރިހަމައަށް ދިވެހި ދައުލަތުން ވަޒަން ކުރައްވައިފި. އަޅުގަނޑުގެ ހުރިހައި އުންމީދެއް މިހާރު ހާސިލްވެއްޖެ،" ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅުން ހިއްޕަވައިގެން ވަޑައިގެން "އަދިވެސް"އާ ވާހަކަ ދައްކަވަމުން މައްލާ ޅަތުއްތުއްތު ރޭ ވިދާޅުވިއެވެ.

ކުޅިވަރަށް ހިދުމަތްކުރުމުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމު މައްލާ ޅަތުއްތުއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދެއްވަނީ

"މި ކަމުގައި އަޅުގަނޑަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން. އެންމެ ފުރަތަމަ މާތްﷲ އަށް ހަމްދުކުރަން. އެއަށްފަހު އަޅުގަނޑުގެ އަންހެނުން ޝަފީގާއާއި ކުދިން. ދެން މަރުހޫމު މުހައްމަދު ޒާހިރު ނަސީރު. އަދި ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އުމަރު ޒާހިރަށާއި އެފް.އޭ.އެމްގެ ވެރިންނަށާއި ރެފްރީންނަށާއި ފުޓުބޯޅައިގެ ބޮޑު އާއިލާއަށާއި ގާތް ރައްޓެހިންނަށާއި އަޅުގަނޑުގެ މުޅި އާއިލާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" މައްލާ، 73، ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއިން ވަރުބަލިވުމެއްނެތި 52 އަހަރު ދިވެހި ގައުމަށް ކޮށްދެއްވި އަގުހުރި ހިދުމަތުގެ އަގުވަޒަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއެކު މައްލާ ރޭ ގެއަށް ވަޑައިގެންނެވިއިރު، އާއިލާގެ މެމްބަރުން ވަނީ ފުޓުބޯޅަ ކޭކަކާއެކު މައްލާއަށް ބޮޑު ސަޕްރައިޒެއް ތައްޔާރުކޮށްފައެވެ. މައްލާއަށް އޮތީ ފަހަރަކު މީހަކާއެކު ފޮޓޯ ނެންގެވުމެވެ.

މައްލާގެ "މަރުހަބާ" ކޭކު ބަހައްޓައިފައި ހުރި މޭޒުގައި އޭނާ ރެފްރީކަން ކުރެއްވުމަށް ބޭނުންކުރެއްވި ބައެއް ކަށިގަނޑުތަކާއި ކާޑުތަކާއި ބެޖުތަކާއި ވަރަށް ގިނަ މެޑަލްތައްވެސް އަތުރައިފައި ހުއްޓެވެ. ކޭކުވެސް ތައްޔާރުކޮށްފައި ހުރީ ރީނދޫ ކާޑާއި ރަތްކާޑާއެކު ކަށިގަނޑެއްވެސް ހިމަނައިގެންނެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމާއެކު މައްލާ ގެއަށް ވަޑައިގަތުމުން އާއިލާގެ ފަރާތުން އިންތިޒާމްކުރި "ސަޕްރައިޒް"ގެ ތެރެއިން… -އަދިވެސް ފޮޓޯ

ދިވެހިރާއްޖޭގައި ފުޓުބޯޅަ ރެފްރީކަން، އެންމެ މަތީ ފަންތީގައި، ދިގު މުއްދަތެއްގައި ކުރައްވައި، ވަކިން ޚާއްސަކޮށް ފުޓުބޯޅަ ރެފްރީން އުފައްދަވައި ތަމްރީނުކުރެއްވުމަށް މައްލާ ޅަތުއްތު ކުރައްވައިފައި ވަނީ ގިނަގުނަ އަދި ބުރަ މަސައްކަތްޕުޅެކެވެ. ސްކޫލް ދައުރުއްސުރެ ފުޓުބޯޅަ ކުޅުއްވަމުން، 1969 ވަނަ އަހަރުން ފެށިގެން މާލޭ ޓެނިސް ކްލަބަށާއި އަދި ފަހުން މޫންސްޓާސް ކްލަބަށް، ފުލްބެކުގެ މަގާމުގައި ގައުމީ ފުޓުބޯޅަ މުބާރާތްތަކުގައި މައްލާ ވާދަކުރެއްވިއެވެ. އަދި ފުޓުބޯޅަ ކުޅުއްވަމުން ރެފްރީއެއްގެ ގޮތުގައި 1969 ވަނަ އަހަރުން ފެށިގެން މައްލާ ދަނޑަށް ނުކުންނަވަން ފެއްޓެވިއެވެ.

ރައީސް އިބްރާހިމް ނާސިރުގެ ނިންމެވުމަކަށް، މާލޭން ބޭރުގައި ފުރަތަމަ ފަހަރަށް ބޭއްވި ގައުމީ ފުޓުބޯޅަ މުބާރާތް، 1970 ވަނަ އަހަރު ސ.ހިތަދޫގައި ބޭއްވުމުން، ފައިނަލް މެޗާއެކު، އެ މުބާރާތުގެ 11 މެޗެއްގައި މައްލާ ރެފްރީކަން ކުރެއްވިއެވެ. އަދި އޭގެ ފަހުން، ރައީސް މައުމޫން ޢަބްދުލްގައްޔޫމުގެ ރިޔާސަތުގައި ބާއްވަވަން ފެއްޓެވި އަތޮޅު ފުޓުބޯޅަ މުބާރާތްތަކުގައި ރެފްރީކަން ކުރެއްވުމަށް ރާއްޖޭގެ އުތުރާއި ދެކުނަށް މައްލާ ދަތުރުކުރައްވައިފައިވެއެވެ. މިގޮތުން ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ނ. ވެލިދޫ، ކ. ހުރާ، ވ.ފެލިދޫ، ދ.ކުޑަހުވަދޫ، ގދ.ތިނަދޫ އަދި ޏ.ފުވައްމުލަކުގައި ބޭއްވި އަތޮޅު ފުޓުބޯޅަ މުބާރާތްތަކުގައި މައްލާ ރެފްރީކަންކުރެއްވިއެވެ. މައްލާ ވަނީ 1968 އިން ފެށިގެން 1995 އަށް، މެދުނުކެނޑި 27 އަހަރު ރާއްޖޭގެ ހުރިހައި ޑިވިޝަނެއްގެ ފުޓުބޯޅަ މުބާރާތެއްގައި ރެފްރީކަންކުރައްވައިފައެވެ.

ބައިނަލްއަގުވާމީ ފުޓުބޯޅަ ރެފްރީކަން ނުވަތަ ފީފާ ބެޖު ލިބިވަޑައިގެންނެވި އެންމެ ފުރަތަމަ ދިވެހި ރެފްރީގެ ޝަރަފުގެ އިތުރުން ފީފާގެ ބެޖު ޖަަހައިގެން ރާއްޖޭގައި އެންމެ ފުރަތަމަ ރެފްރީކަންކުރުމުގެ ޝަރަފު ވެސް 1990 ގައި މައްލާއަށް ލިބިވަޑައިގެންފައިވެއެވެ. އަދި ފީފާ ރެފްރީއެއްގެ ގޮތުން 1990 އިން 1993 އަށް ބައިނަލްއަގުވާމީ އެތައް މެޗެއްގައި މައްލާ ރެފްރީކަންކުރެއްވިއެވެ. މިގޮތުން ސްރީލަންކާގައި 1985 ގައި ބޭއްވި އޭޝިއަން ކްލަބު ޗެމްޕިއަންޝިޕާއި ސްރީލަންކާގައި 1991 ގައި ބޭއްވި ފަސް ވަނަ ސާފް ގޭމްސްގައި މައްލާ ރެފްރީކަންކުރެއްވިއެވެ. އަދި ސްރީލަންކާގެ ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތްތަކުގައި 1984 އާއި 1985ގައި މައްލާ ރެފްރީކަންކުރެއްވިއެވެ. މައްލާ ރަސްމީކޮށް ރެފްރީކަން ކުރެއްވުން 1995 ގައި ހުއްޓަވައިލެއްވީ ފީފާ ބެޖް (އޭރު) ލިބޭ އުމުރު ހަމަވުމުންނެވެ.

މައްލާ ވަނީ ފީފާ އާއި އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭ.އެފް.ސީ)ގެ ރެފްރީން ތަމްރީނު ކޯސްތައް ރާއްޖޭގެ އިތުރުން އިނގިރޭސިވިލާތާއި މެލޭޝިއާ އާއި ސިންގަޕޫރާއި ތައިލެންޑާއި ސްރީލަންކާ އިން ފުރިހަމަކުރައްވައިފައެވެ. އަދި އިންޓަނޭޝަނަލް ރެފްރީ އިންސްޓްރަކްޓަރސް ކޯސްތައް ވެސް މައްލާ ވަނީ ފުރިހަމަކުރައްވައިފައެވެ. މިގޮތުން ފީފާ/ އޭ.އެފްސީ ރެފްރީ އިންސްޓްރަކްޓަރސް ކޯހެއް އެންމެ ފަހުން މައްލާ ފުރިހަމަ ކުރައްވައިފައި ވަނީ ޖުލައި 2020 ގައެވެ.

ރެފްރީކަން ކުރައްވަމުން ވެސް މައްލާގެ އެންމެ ބޮޑު ޝައުގުވެރިކަމަކާއި އިސްކަމެއް ދެއްވީ ދިވެހި ރެފްރީން އުފައްދަވައި ތަމްރީނުކުރެއްވުމަށެވެ. މިގޮތުން ދިވެހި ފުޓުބޯޅަ ރެފްރީން އުފައްދަވައި ތަމްރީނުކުރެއްވުމަށް 1975 އިން ފެށިގެން 46 އަހަރު ދުވަހު ގިނަގުނަ މަސައްކަތްތަކެއް މައްލާ ވަނީ ކުރައްވައިފައެވެ. އަދި މިހާރުވެސް ގެންދަވަނީ ކުރައްވަމުންނެވެ. ރެފްރީން ތަމްރީނުކުރާ ކޯސްތައް މާލޭގައި ހިންގެވުމުގެ އިތުރަށް ރާއްޖޭގެ އުތުރާއި ދެކުނަށް ދަތުރުކުރައްވައި މައްލާ ވަނީ ރެފްރީން ތަމްރީނުކުރައްވައިފައެވެ. މިގޮތުން ސ. ހިތަދޫ، ސ. މަރަދޫ، ސ. ފޭދޫ، ސ. ހުޅުމީދޫ، ޏ. ފުވައްމުލައް، ލ. ފޮނަދޫ، ނ. ވެލިދޫ، ހދ. ކުޅުދުއްފުށި އަދި ހއ. ދިއްދޫގައި ރެފްރީން ކޯސްތައް މައްލާ ހިންގަވައިފައިވެއެވެ. ރާއްޖޭގައި މިހާރު ތިބި ފީފާ ރެފްރީންނާއި ސީނިއަރ ރެފްރީންނަކީ މައްލާގެ ދަރިވަރުންނެވެ. މީގެ އިތުރުން ދިވެހި އަންހެން ފުޓުބޯޅަ ރެފްރީން އުފައްދައި ތަމްރީނުކުރުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް، 2019 ގައި، މަސައްކަތް ފެއްޓެވީ ވެސް މައްލާއެވެ. މިގޮތުން މިހާތަނަށް 21 ކުދިންނަށް ކިޔަވައިދެއްވައި 11 ކުދިން ވަނީ ރެފްރީ ކޯހުން ފާސްވެ، ދަނޑަށް ނެރެފައެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން ރާވައި ހިންގާ ގައުމީ ފެންވަރުގެ ހުރިހާ ފުޓުބޯޅަ މުބާރާތެއްގައި ރެފްރީން އެސެސްކުރެއްވުމުގެ މަސައްކަތް މިހާރުވެސް މައްލާ ކުރައްވައެވެ. އަދި ރެފްރީންނަށް މިހާރުވެސް ކިޔަވައިދެއްވައެވެ.

މައްލާ ރެފްރީކަން ކުރެއްވި ބެޖުތަކާއި ބައެއް ކަށިގަނޑުތަކާއެކު ފޮޓޯއަކަށް މަޑުކޮށްލައްވައިގެން -އަދިވެސް ފޮޓޯ:

ރާއްޖޭގެ ފުޓުބޯޅަ ރެފްރީންގެ ބެޖެއް އެންމެ ފުރަތަމަ، 1969 ގައި، ފަރުމާކުރެއްވީ ވެސް މައްލާއެވެ. އަދި އޭގެ ފަހުން ވެސް ރެފްރީންގެ ހުރިހާ ބެޖެއް ފަރުމާކުރައްވައިފައި ވަނީ މައްލާއެވެ. އަދި 1982 ވަނަ އަހަރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އުފެދުމުން އެފް.އޭ.އެމްގެ ލޯގޯ ފަރުމާކުރެއްވީ ވެސް މައްލާއެވެ.

މައްލާގެ ކުޅިވަރުގެ ހިދުމަތާ ބެހޭ ގޮތުން "ޝަހީބު މީޑިއާ" އިން ތައްޔާރުކުރި ފޮތާއެކު މައްލާ

އެފް.އޭ.އެމްގެ އެންމެ ފުރަތަމަ ޖެނެރަލް ސެކްރެޓަރީއަކީ ވެސް މައްލާއެވެ. އަދި މައްލާ ވަނީ އެފް.އޭ.އެމްގެ ރެފްރީޒް ކޮމިޓީގެ ސެކްރެޓަރީކަމާއި ވައިސް ޗެއާމަންކަމާއި ޗެއާމަންކަން ވެސް ކުރައްވައިފައެވެ. ޖުލައި 31، 2019 އިން ފެށިގެން މައްލާ ވަޑައިގަންނަވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޕްރެޒިޑެންޓްގެ އެޑްވައިޒަރުގެ މަގާމު އަދާކުރައްވަމުންނެވެ.

ދިވެހި ފުޓުބޯޅަ އަށް މައްލާ ކުރެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، 1990 ވަނަ އަހަރު، ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ ޢިނާމު ދިވެހި ދައުލަތުން މައްލާ އަށް ވަނީ ދެއްވައިފައެވެ. އަދި 2018 ވަނަ އަހަރު، އެފް.އޭ.އެމްގެ "ޕްރެޒިޑެންޝަލް އެވޯޑް" ވެސް މައްލާ އަށް ވަނީ ދެއްވައިފައެވެ.

ވަރުބަލިވުމެއް ނެތި، ދިވެހި ކުޅިވަރުގެ ތަރައްގީއަށް 52 އަހަރު މައްލާ ވަނީ އަގުހުރި ޚިދުމަތްތަކެއް ކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *