Support Us

ކީމޯތެރަޕީގެ ބަދަލުގައި ކެންސަރު "މަރާލާ ސްވިޗެއް"

ކެންސަރު ނައްތާލުމަށް ކީމޯތެރަޕީގެ ބަދަލުގައި ޖީން ތެރަޕީގެ އާ ގޮތެއް އެމެރިކާގެ ނޯތްވެސްޓަން ޔުނިވާސިޓީގެ ސައިންސްވެރިން ހޯދައިފިއެވެ. އެ މީހުންނަށް ދެނެގަނެވުނީ އިންސާނާގެ ހަށިގަނޑުގެ ކޮންމެ ސެލްއެއްގައި ވެސް ކެންސަރު މަރާލާ ސްވިޗެއް އެކުލެވޭ ކަމެވެ. މި ސްވިޗްގެ ސަބަބުން ކެންސަރު ސެލްތައް އޭގެ ޒާތުގައި މަރާލައި ނުވަތަ ނައްތާލާ ކަމަށް ވަނީ އެނގިފައެވެ.

މި ސްވިޗަކީ ކޯޑެއްގެ ގޮތުގައި މަސައްކަތް ކުރާ އެއްޗެކެވެ. ކެންސަރުގެ އަސަރެއް ހަށިގަނޑުގައި ފެންނަ ހިސާބުން ފެށިގެން މި ކޯޑުގެ އެހީގައި ކެންސަރު ސެލްތައް ނައްތައިލައެވެ. ރިބޮނިއުކްލައިކް އެސިޑް (އާރް.އެން.އޭ.) އާއި ޕްރޮޓީން ކޯޑް ކުރާ އާރް.އެން.އޭ.ގައި ވެސް މި ކޯޑު ވާ ކަމަށް ސައިންސްވެރިން ވިދާޅުވިއެވެ. އާރް.އެން.އޭ. އަކީ އިންސާނާގެ ހަށިގަނޑުގެ ދެލިކޮޕީ އެކުލެވޭ ޖީން ކަމަށްވާ ޑީ.އެން.އޭ. ކޯޑް ޕޮރްޓީންއަށް ބަދަލު ކޮށްދޭ މޮލެކިއުލެވެ. މޮލެކިއުލަކީ އެޓޮމް ނުވަތަ ޒައްރު ގުޅިގެން އުފެދިފައިވާ ސެލްތަކެވެ.

ނޯތްވެސްޓަން ޔުނިވާސިޓީ ސައިންސްވެރިންގެ ޓީމުން ބުނީ މި މައިކްރޯ އާރް.އެން.އޭ. އުފެދުނީ 800 މިލިއަން އަހަރު ކުރިން ދިރޭތަކެތީގެ ދިފާއީ ނިޒާމުގެ ބައެއްގެ ގޮތުގައި ކަމަށެވެ. ކީމޯތެރަޕީން ވެސް މި ކުދިކުދި އާރް.އެން.އޭ.ތަކަށް ދިރުން ގެނެސްދޭ ކަމަށްވެއެވެ.

މި އާރް.އެން.އޭ ތަކާ ކެންސަރު ސެލްތަކާ މުޑިއަރައިފި ނަމަ، ކެންސަރު ސެލްތައް މަރުވެއެވެ. ސައިންސްވެރިންގެ ޓީމުން ބުނީ މަސްނޫއީ ގޮތަކަށް ވެސް މި ފަދަ އާރް.އެން.އޭ. އުފެއްދި ދާނެ ކަމަށެވެ. އަދި މި ގޮތުގެ މަތިން ކީމޯތެރަޕީގެ ބޭނުން ކެނޑިގެން ހިނގައިދާނެ ކަމަށެވެ.

މިއީ މައިކްރޯ އާރް.އެން.އޭ މުޑިއަރައިފި ނަމަ ކެންސަރު ސެލްތައް މަރުވާ ކަމުގެ ދަލީލު ހޯދުނު ފުރަތަމަ ފަހަރެވެ. ކީމޯތެރަޕީއަކީ އޭގެ ސަބަބުން އިތުރު އެހެން ކެންސަރުތައް ވެސް ޖައްސުވައިދޭ "ފަރުވާ"އެކެވެ. ސަބަބަކީ ހަށިގަނޑުގައި ހުރި ސިއްހީ ގޮތުން ރަނގަޅު އަދި ބަލިވެފައިވާ ސެލްތަކަށް ވެސް، ވަކި ތަފާތު ކުރުމެއް ނެތި، "ހަމަލަ" ދޭތީއެވެ.

"މި ކެންސަރު މަރާލާ ސްވިޗް ފެނުމުން ކީމޯތެރަޕީގެ ބޭނުމެއް މިހާރު އޮތް ކަމަކަށް ނުފެނޭ. އަދި މިހެންވެ، އިންސާނާގެ ހަށިގަނޑުގެ ދެލިކޮޕީ ކަމަށްވާ ޖީންތަކާ ވެސް ދެން ކުޅޭކަށް ނުޖެހޭނެ. ސެލްތަކަށް އާރް.އެން.އޭ. މޮލެކިއުލް ފޮނުވައިގެން ކެންސަރާ ހަނގުރާމަ ކުރެވޭނެ،" ދިރާސާގެ އިސްވެރިޔާ މާކަސް ޕީޓާ ވިދާޅުވިއެވެ.

"މި ދިފާއީ ކޯޑު ހުރިހާ ސެލްއެއްގައި ވެސް ހިމެނޭ ކަމަށް ގަބޫލު ކުރެވޭ. އަދި ކެންސަރު ސެލްތައް އޭގެ ޒާތުގައި 'އަމިއްލަ އަށް މަރުވުމަށް' މެދުވެރި ކޮށްދޭ. ނަމަވެސް މި ކަން މިހެން ވަނީ ކީއްވެ ކަމެއް އަދި ނޭނގޭ. މިއީ އަހަރެމެން އިންސާނުން ވެސް ކެންސަރުން ރައްކާތެރިކޮށްދޭ ކޯޑް،" އޭނާ ވިދާޅުވިއެވެ.

މާކަސް ވިދާޅުވީ މި ދިރާސާގެ އަލީގައި ގުދުރަތީ ގޮތުން ސެލްތަކުގައި ހުންނަ މައިކްރޯ އާރް.އެން.އޭ. އަށް ވުރެ ވަރުގަދަ މަސްނޫއީ މައިކްރޯ އާރް.އެން.އޭ. މިހާރު އުފެއްދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި ނަމަވެސް އެ އަމާޒަށް ވާސިލު ވާން އެތައް އަހަރެއް ނަގާފާނެ ކަމަށެވެ.

"އަހަރެމެންގެ އަމާޒަކަށްވީ އާ މަސްނޫއީ ވިހައެއް އުފެއްދުމެއް ނޫން. ނަމަވެސް ގުދުރަތީ ގޮތުން އުފެދިފައިވާ ފަރުވާއަކަށް ބިނާކޮށް ކެންސަރު ނައްތާލާ ނިޒާމެއް އުފެއްދުން،" މާކަސް ވިދާޅުވިއެވެ.

މިހާރު ލިބެން ހުރި ބޭހާއި އެހެނިހެން ގޮތް ގޮތުން ޖީންތަކަށް ފަރުވާ ދިނަސް، މި ކަމުން ނަތީޖާ ނުނުކުންނަ ދާއިރާތައް ވާކަމަށް މާކަސް ވިދާޅުވިއެވެ. އެ ގޮތުން ފުއްޕާމެއާއި ސިކުނޑީގެ އިތުރުން އަންހެނާގެ ބިސް އުފައްދައިދޭ އޯވަރީ އަށް ޖެހޭ ކެންސަރަށް ދޭ ފަރުވާތައް އެހާ ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނަމަވެސް ކެންސަރު މަރާލާ ސްވިޗްއަށް ފޮނުވާލާ އާރް.އެން.އޭ. ޓެކްނޮލޮޖީގެ ސަބަބުން ކުރިމަގުގައި ކެންސަރު ވެގެންދާނީ އިންސާނުންގެ މާޒީގެ ތެރެއަށް ގޮސްފައިވާ ބައްޔަކަށް،" މާކަސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *