Support Us

މިއީ ދެ ބޯ ހުރި ކުއްޖެއް ނޫން! އެކަމަކު…

އެމަނުއެލްގެ އުމުރުން މިހާރު އަށް އަހަރެވެ. ސްކޫލަށް ދަނީ ގްރޭޑް އެކަކަށެވެ. ހަނގާކުރާ ވަރުން އޭނާ އުޅެން ޖެހިފައިވަނީ އަބަދުވެސް ހާސް ކަމެއްގެ ތެރޭގައެވެ. ނަމަވެސް ކިޔެވުމުގެ މުހިންމުކަން މައިންބަފައިން ވިސްނައިދޭތީ އޭނާ ސްކޫލަށް ދަނީއެވެ.

އެމަނުއެލްގެ ތަފާތު ކަމަކީ އޭނާގެ ކަރުގައި ބޮޑު ޓިއުމަރެއް ހުރުމެވެ. ޓިއުމަރުގެ ބޮޑު ކަމުން ހީވަނީ އޭނާގެ ދެ ބޯ ހުރި ހެންނެވެ.

އެމަނުއެލް އުފަންވީ މި ހާލަތައިގެން ނޫނެވެ. ފުރަތަމަ ވީ ގޮތަކީ އޭނާގެ ކަރުގައި ބިއްސެއް ނެގީއެވެ. އެ ބިހި ކަހަން ފެށުމުން، ބިހި ބޮޑުވާން ފެށިއެވެ. ދުޅަވާން ފެށިއެވެ. އަދި އިސާހިތަކު ބޮޑު ޓިއުމަރަކަށް ބަދަލުވިއެވެ.

ރުވާންޑާއަށް އުފަން އެމަނުއެލްގެ މައިންބަފައިންނަކީ އާދައިގެ ދަނޑުވެރިންނެވެ. މިހެންވެ، ޓިއުމަރުން އެމަނުއެލް އަށް ތަދުވިޔަސް، އޮޕަރޭޝަން ކޮށްގެން ޓިއުމަރު ނަގާނެ ވަރަށް އާއިލާގައި ފައިސާއެއް ނެތެވެ. އެހެންކަމުން މައިންބަފައިން އަދިވެސް އުއްމީދު ކޮށްގެން ތިބީ ކޮންމެވެސް ފަރާތެއްގެ ދީލަތި އެހީ ލިބި، އެމަނުއެލްގެ ޓިއުމަރު ސާޖަރީ ހަދައިގެން ނެގޭނެ ދުވަހަކަށެވެ. އެމަނުއެލްގެ މައިންބަފައިން ބޮޑުވީ ސްކޫލަށް ނުގޮހެވެ. މިހެންވެ، ދަނޑުވެރިކަން ކުރުން ނޫން ގޮތެއް އެ ދެމަފިރިންނަކަށް ނެތެވެ. އާއިލާއަށް ކާން ދީފައި އިތުރު ކަމަކަށް ހަރަދު ކުރެވޭ ވަރަށް އާމްދަނީއެއް ނުލިބެއެވެ.

އެމަނުއެލްގެ ޓިއުމަރު ނުނަގައިފި ނަމަ، ސްކޫލަށް ދިއުން ހުއްޓާލަން ޖެހިދާނެ ކަމަށް ވެސް އޭނާގެ މައިންބަފައިން ބުނެއެވެ. މިހާރު ވެސް އެމަނުއެލް އަށް ހަމަ ނިދި ނުލިބެއެވެ. ކަރުގައި ރިއްސާވަރުންނެވެ.

ޓިއުމަރަކަށް ބަދަލުވި ބިހި ނެގީ އެމަނުއެލްގެ އުމުރުން ހަ މަހުގައެވެ. އެހާ ތަނުން އެމަނުއެލް ކޮންމެ ދުވަހަކު އެ ބިހި ކޮއްޓާ ކަމަށްވެއެވެ. ކަހާތީއެވެ. ގިނައިން ކެހި ވަރަކަށް ބިހި ދުޅަވެ އެންމެ ފަހުން ޓިއުމަރަކަށް ބަދަލުވީ ކަމަށް އޭނާގެ މައިންބަފައިން ބުނެއެވެ.

އެ ދެމަފިރިން ފަގީރުކަމުން އެމަނުއެލްގެ އެކްސްރޭ ވެސް ނެގޭނެ ގޮތެއް ނެތެވެ. އަދި ދެމަފިރިން ލަފާ ކުރަނީ މި ޓިއުމަރަކީ އެމަނުއެލްގެ ފުރާނަ އަށް ނުރައްކާ ކޮށްފާނެ އެއްޗެއް ކަމަށެވެ. ގިނަ ހޮސްޕިޓަލްތަކަށް ދިޔަ ނަމަވެސް އެމަނުއެލް އަށް އެކަށީގެންވާ ފަރުވާއެއް އަދި ނުލިބެއެވެ. އެންމެ ކުޑަމިނުން މި ޓިއުމަރު ނެގީ ކީއްވެ ކަމެއް ވެސް ނޭނގެއެވެ.

ހަނގާ ކުރުމުގެ ބަދަލުގައި ލޯތްބާއި އަޅާލުން ވިލެޖުންނާއި ސްކޫލުން ލިބެން ޖެހޭނެ ކަމަށް އެމަނުއެލްގެ މައިންބަފައިން ދެކެއެވެ. އަދި ކެތްކުރާށާއި ހިތްވަރު ކުރަން އެމަނުއެލް އަށް ނަސޭހަތްތެރިވެއެވެ. ކޮންމެވެސް ދުވަހަކުން އޮޕަރޭޝަން ކުރެވި، އާދައިގެ ދިރިއުޅުމަކަށް ދެވޭނެ ކަމުގެ އުއްމީދު އެމަނުއެލް ގާތުގައި ފާޅުކުރެއެވެ. މިހާރު ކަންތައްތައް ދާ ގޮތުން ކްލާހުގައި މުދައްރިސުން ނަގައިދޭ ފިލާވަޅުތަކަށް ވެސް އެމަނުއެލް އަށް ސަމާލުކަން ދޭން އުނދަގޫވެއެވެ.

އެމަނުއެލްގެ ގެ އާއި ސްކޫލް ހުންނަ ހިސާބު ދުރުކަމުން ކްލާހަށް ގިނަ ފަހަރަށް ދެވެނީ ގަޑިޖެހިގެންނެވެ. ބައެއް ފަހަރަށް އޭނާ ކްލާހަކަށް ނުދެއެވެ. މިހެންވެ ސްކޫލަށް ދިއުމުގެ މުހިންމުކަން އެމަނުއެލްގެ މައިންބަފައިން އޭނާ އަށް ވިސްނައިދެއެވެ. އޭނާގެ އާއިލާ އަކީ ދަނޑުވެރިން ކަމުގައި ވެފައި އެ ނޫން ރަނގަޅު ގޮތެއް އޭނާ އަށް ލިބޭނީ ކިޔަވައިގެން ކަމަށް ވިސްނައިދެއެވެ.

އެމަނުއެލް އަށް އެހެން މީހުން ޖެއްސުން ކުރިއަސް އޭނާ އަކީ ހުރިހާ އެންމެންނަށް އިހުތިރާމް ކުރާ ކުއްޖެކެވެ. އަދި ހަޔާތުގެ ބޮޑެތި ހުވަފެންތައް ދެކެއެވެ. އޭނާ ބުނަނީ ކޮންމެވެސް ދުވަހަކުން އޭނާ ޑޮކްޓަރަކަށް ވާން ބޭނުން ކަމަށެވެ. އަދި އޭނާ ކަހަލަ ކުދިންނަށް ފަރުވާ ދޭން ބޭނުންވާ ކަމަށެވެ. އަދި މި ގޮތަށް ފަރުވާ ދޭނީ މުޅިން ހިލޭ ކަމަށެވެ.

ޖިސްމާނީ ތަދެއް ކަރުގައި އިހުސާސް ކުރެވުމުގެ އިތުރުން އެމަނުއެލް ދަނީ ނަފުސާނީ ބައްޔެއް ކަމަށްވާ ޑިޕްރެޝަން ވެސް ތަހައްމަލު ކުރަމުންނެވެ. އޭނާގެ މައިންބަފައިން އޭނާ އަށް ވިސްނައިދެވޭތޯ ބަލަނީ ހަޔާތުގެ ވޭން ތަހައްމަލު ކުރުމަކީ އެ ކަމުގައި އޮތް ހައްލު ކަމަށެވެ. ކޮންމެ ތޫފާނަކަށް ފަހު އިރުގެ އަލިކަން އަލުން ފެންނާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *