Support Us

މިއީ އެއްމާބަނޑު ދެބެން ކަމަށް ގަބޫލްކުރެވޭތަ؟

ކެނެޑާ އަށް އުފަން ފޮޓޯގްރާފަރު ޖޫޑިތު ނުވޮކޯޗާ އަށް 2016 ވަނަ އަހަރު ލިބުނީ އެއްމާބަނޑު ދެބެންނެވެ. ފިރިހެން ކުއްޖާ އަށް ދިން ނަމަކީ ކެމްސީއެވެ. އަންހެން ކުއްޖާ ދިން ނަމަކީ ކާޗީއެވެ. ދެ ކުދިން ލިބުނީ ދަރިން ލިބޭތޯ އަށް އަހަރު ދުވަހު ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެން އައި.ވީ.އެފް.ގެ ޒަރީއާއިންނެވެ. ޖޫޑިތު ދެކެނީ މި ދެ ބެންނަކީ އޭނާ އަށް ލިބުނު ގުދުރަތީ ހަދިޔާއެއް ކަމަށެވެ.

ޖޫޑިތު ބުނީ ދެ ބެންނަކީ އެއްމާބަނޑު ދެ ދަރިން ކަމަށް ގިނަ ބަޔަކު ގަބޫލުނުކުރާ ކަމަށެވެ. ހަމުގެ ކުލައިގެ އިތުރުން އިސްތަށިގަނޑު ވެސް ތަފާތުވީމައެވެ. މިހެންވެ، ވަރަށް ގިނަ މީހުން މި ދެބެންގެ މަންމަ އަކީ ކާކުތޯ ސުވާލު ކުރާ ކަމަށް ޖޫޑިތު ބުންޏެވެ.

ސްކޭން ކުރަން ދިއުމުން ޖޫޑިތު އަށް ލިބެނީ އެއްމާބަނޑު ދެ ކުދިންކަން އެނގުނެވެ. ނަމަވެސް ދެވަނަ ސްކޭނެއް ކުރުމުން އެ ދެބެންނަކީ ޑައުން ސިންޑްރޯމް ހުރި ދެ ކުދިން ކަމަށް ދެއްކިއެވެ. ކާޗީގެ އުމުރުން ހަތް ހަފުތާގައި އޭނާ ބޮޑުވުން ހުއްޓުނެވެ. އަދި އާއްމު ގޮތެއްގައި އެ އުމުރުގެ އެހެން ކުދިންނާ ސައިޒުގެ ގޮތުން ކުޑަ ކަމަށް ފާހަގަ ކުރެވުނެވެ. ޑޮކްޓަރުން ވިދާޅުވީ ކާޗީ ދާދި އަވަހަށް މަރުވާނެ ކަމަށެވެ. ނަމަވެސް އެކަން އެހެން ނުވިކަން ޖޫޑިތު ފާހަގަ ކުރަނީ ނުހަނު ޝުކުރުވެރިކަމާ އެކުއެވެ.

އެންމެ ބޮޑު ސުވާލަކީ ކާޗީ އަކީ އަލްބައިނޯ ކުއްޖަކަށް ވީ ސަބަބެވެ. އަލްބައިނޯ އިންސާނުންނަކީ ހަމަށް ކުލަ ޖައްސައިދޭ "ޕިގްމަންޓް" ނުހުންނަ މީހުންނެވެ. މި ފަދަ މީހުންގެ ހަމާއި ލޮލާއި އިސްތަށިގަނޑު ފަދަ ގުނަވަންތަކުގައި ހުންނަނީ ދޮން ނުވަތަ އަލި ކުލައެކެވެ. ޖޫޑިތުގެ އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އަންހެން ދަރިފުޅު ކާޗީ އަލްބައިނޯ ކުއްޖަކަށް ވުމުން ޖޫޑިތު އަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. ސަބަބަކީ ޖޫޑިތުގެ މަންމަ ފަރާތު އާއިލާ އާއި ބައްޕަ ފަރާތު އާއިލާގައި ވެސް އަލްބައިނޯ މީހަކު ނެތުމުންނެވެ.

ކާޗީ އަލްބައިނޯ ކުއްޖަކަށް ވުމުން އޭނާ އާ ކެމްސީ ހީވަނީ މުޅިން ދެ ނަސްލެއްގެ ދެ ކުދިން ހެންނެވެ. ބަލާ ބެލުމަށް ސިފަ ވެސް އެހާ ތަފާތީއެވެ. ހޮސްޕިޓަލުގައި ވިހެއުމަށް ފަހު ޖޫޑިތުގެ އަތަށް ދެބެން ދިނުމުން އޭނާ އަށް ފުރަތަމަ ހީކުރެވުނީ ނަރުހަށް އޮޅިގެން އެހެން މީހެއްގެ ދަރިއެއް އޭނާގެ އަތަށް ދެވުނީ ކަމަށެވެ.

"ދެބެންގެ ސިފަ އެހާ ތަފާތު ކަމުން އަހަރެންނަށް ލިބުނީ ޝޮކެއް،" ޖޫޑިތު ބުންޏެވެ.

ކާޗީގެ ހަމުގެ ކުލަ އައްޔަސް އޭނާގެ ސިފަ ވައްތަރީ ޖޫޑިތު އާއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަލްބައިނޯ ޖީން ހުންނަ މީހުންނަށް ލިބޭ ކޮންމެ ހަތަރު ދަރިއަކުން އެއް ދަރިއަކު އަލްބައިނޯ ކުއްޖަކަށް ވުމުގެ ފުރުސަތު އޮވެއެވެ.

ޖޫޑިތު މިހާރު ހާސް ވަނީ ކާޗީ ބޮޑު ވާނީ ކިހިނެތް ކަމަށާއި އަދި އޭނާގެ އަލްބައިނޯ ސިފަތަކާމެދު މީހުން ދެކޭނީ ކިހިނެތް ކަމާމެދުއެވެ. ސަބަބަކީ ޖޫޑިތު އަކީ ކެނެޑާ އަށް އުފަން އަންހެނަކަށް ވިޔަސް އޭނާގެ އާއިލާއަކީ އެފްރިކާ ބައްރުގެ ނައިޖީރިޔާ މީހުން ކަމަށް ވާތީއެވެ. ނައިޖީރިޔާ އަކީ އަލްބައިނޯ މީހުންނާ މެދު ޝައްކުގެ ނަޒަރުން ބަލާ އާބާދީއެއް އޮންނަ ގައުމެކެވެ. މިހެންވެ ޖޫޑިތު ވަނީ ކައުންސެލިންގެ ހިދުމަތް ހޯދައިފައެވެ. މިހެންވެ، ކާޗީ އަށް ކުރިމަތިވެދާނެ ތައައްސުބުތަކާ ދެކޮޅަށް މަސައްކަތް ކުރާނެ ގޮތް ޖޫޑިތު އަށް މިހާރު އެނގެއެވެ.

"އަހަރެންނަށް ޖެހިފައި މި ވަނީ އަލްބައިނޯ ދަރިއެއް ބަލަންކަން އަހަރެންނަށް އިހުސާސް ކުރެވެން ދުވަސްތަކެއް ނެގި. އެހެން މީހުން ކިޔާނެ އެއްޗެއްސާމެދު ވަރަށް ސީރިއަސްކޮށް ވިސްނުނު. ކަޅު ކުއްޖަކާއި އަލްބައިނޯ ކުއްޖަކު ލިބުމަކީ އާދައިގެ ކަމެއް ނޫން. އަހަރެން ވަރަށް ދެރަވި މުޖުތަމައުގައި ކާޗީ އުޅެން ޖެހޭނެ ގޮތާއި މީހުން އޭނާއާމެދު އަމަލުތައް ބަހައްޓާނެ ގޮތް ހިތަށް އަރާފައި،" ޖޫޑިތު ބުންޏެވެ.

ޖޫޑިތު ބުނީ ކާޗީ އަށް އޮތް އޭނާގެ ލޯތްބަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި ނަމަވެސް ނައިޖީރިޔާގައި އާއްމު ގޮތްތަކާ ތަފާތު ގޮތްގޮތަށް ތިބޭ މީހުންނާމެދު އިހާނެތިކޮށް ކަންތައް ކުރާ ކަމަށެވެ. މިހެންވެ، ކެނެޑާ ކަހަލަ ހުޅަނގުގެ ގައުމެއްގައި އުޅުމަކީ އޭނާ އަށް ލިބުނު ނަސީބެއް ކަމަށާއި އެހެނަސް ކާޗީގެ ނާޒުކު ލޮލުގެ ފެނުމަށާއި އިރުގެ އަލިން ހަންގަނޑަށް ދިމާ ވާނެ މައްސަލަތަކާމެދު ވިސްނަން ޖެހޭ ކަމަށް ޖޫޑިތު ބުންޏެވެ.

"އިރުގެ އަލީގައި ކާޗީ އަށް މާ ގިނައިރަކު ނުހުރެވޭ. އަނެއްކޮޅުން ކޮންމެ ހަ މަހަކުން އެއް ފަހަރު ލޮލުގެ ޑޮކްޓަރަކަށް ދައްކަން ޖެހޭ،" ޖޫޑިތު ބުންޏެވެ.

އެފްރިކާގެ އިތުރުން އެމެރިކާގައި ދިރިއުޅޭ ކަޅު މީހުންނަށް ވެސް އަލްބައިނޯ ދަރިން ލިބެއެވެ. ދެ ކުލައިގެ އެއްމާބަނޑު ދެ ކުދިން ލިބެނީ ހަމައެކަނި އަލްބައިނޯ ކުދިން އޭގެ ތެރޭގައި ހިމެނޭތީ އެކަންޏެއް ވެސް ނޫނެވެ. ފުރަތަމަ ފަހަރަށް "ކަޅާއި ހުދު"ގެ އެއްމާބަނޑު ދެ ކުދިން އުފަންވީ 2016 ވަނަ އަހަރު އިނގިރޭސި ވިލާތުގައެވެ. އެއީ ކަޅު ނަސްލާއި ދޮން ނަސްލުގެ ދެމަފިރިއަކަށެވެ. އަންހެން މީހާގެ އެންމެ ބިހަކުން ގަރުބަގަތް ނަމަވެސް، ދެ ނަސްލުގެ ދެމަފިރިން ކަމަށްވާތީ، ދެ ކުލައިގެ އެއްމާބަނޑު ދެ ކުދިން ލިބުނީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *