Support Us

މައްލާ ރެފްރީކަން ކުރެއްވި ބެޖުތަކާއި ބައެއް ކަށިގަނޑުތަކާއެކު ފޮޓޯއަކަށް މަޑުކޮށްލައްވައިގެން -އަދިވެސް ފޮޓޯ:

މައްލާގެ ހިތްވަރާއި ލޯބި: ތަފާތު ވާހަކަތަކެއް

މައްލާ ޅަތުއްތު ފުޓުބޯޅަ ރެފްރީކަން ކުރެއްވިއިރު ބޭނުންކުރެއްވި ޖާޒީތަކާއި، ބެޖުތަކާއި ކަށިގަނޑުތަކާއި ދިދަތައް އޭނާގެ އަތުގައި ރައްކާކޮށްފައި ހުރި ވާހަކަ ފޯނުން ވިދާޅުވުމުން، ގަބޫލުކުރަން ދަތިވިއެވެ. ވަގުތުން އެގެއަށް ދިޔައީ އެހެންވެއެވެ. އެ ހުރިހައި ސާމާނެއް ލޮލުން ދެކެ، އަތުން ހިިފާށެވެ.

ހ. ސާވަންގެ ސިޓިން ރޫމުގައި އަޅުގަނޑު ބައިންދައިފައި މައްލާ ވެންނެވީ ކޮޓަރިއަށެވެ. އިރުކޮޅަކުން އޭނާ ނުކުންނެވީ ބޮޑު ފައިލް ބޮނޑިއަކާއި އެކި ސައިޒުގެ ކުދި ދަބަސްތަކެއް ހިއްޕަވައިގެންނެވެ. ހުރިހައި ބެޖުތަކާއި ވަރަށް ގިނަ ކަށިގަނޑުތަކާއި ލައިންސްމަނުންގެ ދިދަތައް އޭގައި ހުއްޓެވެ. އަޅުގަނޑު އެ ސާމާނުތައް ބަލަން އިންދާ، އަދި މަޑުކޮށްލާށޭ ވިދާޅުވެފައި އެތެރެއަށް ވަންނަވައިފައި ދެން ގެންނެވީ ބޮޑު އަންނައުނު ފުންޏެކެވެ. ހުސް ރެފްރީ ޖާޒީއެވެ. އެކި ކުލަކުލައިގެއެވެ.

"މިއީ އަދި އެއްބައި. ހުރިހައި އެއްޗެއް ގެންނަންވީތޯ؟" ޖާޒީތައް ގޮނޑިމައްޗަށް އަޅުއްވައިލައްވަމުން މައްލާ އެއްސެވިއެވެ. އަޅުގަނޑު އަވަހަށް "ނޫން ނޫން، ދެންހެވޭ، މިހާރު ފުދިއްޖެއޭ" ބުނެފީމެވެ.

މި ހުރިހައި ބެޖަކީ ވެސް، އެ ބެޖު ޖައްސަވައިގެން މައްލާ ރެފްރީކަން ކުރައްވައިފައިވާ ބެޖުތަކެވެ. މައްލާ ރެފްރީކަން ކުރެއްވިއިރު ޖެއްސެވި ހުރިހައި ބެޖެއްވެސް އޭނާގެ އަތުގައި، ރައްކާކޮށްފައި އެބަހުއްޓެވެ. އޭގެތެރެއިން އެންމެ ފާހަގަކުރެވެނީ، މީގެ ބައިގަރުނު ކުރިން، 1969 ވަނަ އަހަރު ކުޅުނު ގައުމީ ފުޓުބޯޅަ މުބާރާތަށްޓަކައި، ފުރަތަމަ ފަހަރަށް ތައްޔާރުކުރި ދިވެހި ރެފްރީންގެ ބެޖެވެ. އެ ބެޖް ފަރުމާކުރެއްވީ ވެސް މައްލާއެވެ.

"ދިވެހި ފުޓުބޯޅަ ރެފްރީންގެ ފުރަތަމަ ބެޖް އަޅުގަނޑު ޑިޒައިންކޮށް ކަމާ ބެހޭ ފަރާތްތަކުން ފާސްކުރުމުން، އެ ބެޖް ފަހާފޮށިން ޖައްސަވައިދެއްވީ (ފެހުމާއި މާޖެހުމުގެ ދާއިރާއިން ރާއްޖޭގައި ދެވަނައެއް ނެތް ޝަހުސިއްޔަތު) މަރުހޫމު ސަރަނގު ޝަމީމާ ކަނބުލޭގެފާނު،" މައްލާ ވިދާޅުވިއެވެ. "އޭގެ ތިން ބެޖު ފުރަތަމަ ހެދީ. އެ ދުވަހަކު މެޗަށް އަރާ ތިން މީހުންނަށް ކޮންމެ ދުވަހަކު ވެސް ބެޖު ދެނީ."

1970 ގައި ސ.ހިތަދޫގައި ބޭއްވި ގައުމީ ފުޓުބޯޅަ މުބާރާތުގެ ޖޮއިންޓް ޗެމްޕިއަނުންނާއެކު ރެފްރީ މައްލާ

ޖެހިގެން އައި އަހަރު އައްޑޫ ހިތަދޫގައި ބޭއްވި ގައުމީ ފުޓުބޯޅަ މުބާރާތުގައި ވެސް އެ ބެޖް ބޭނުންކުރިއެވެ. ނަމަވެސް ފަހުން، އަނެއްކާ ވެސް ދެ ޑިޒައިނަކަށް ބެޖް ބަދަލުކުރިއެވެ. އެކަމަކު ހުރިހައި ބެޖެއްވެސް ފަރުމާކުރެއްވީ މައްލާއެވެ. ފަހާފޮށިން ބެޖް ޖައްސަވައިދެއްވަނީ ޝަމީމާއެވެ.

ދިވެހި ފުޓުބޯޅަ ރެފްރީން މިހާރު ބޭނުންކުރާ ބެޖު ފަރުމާކުރެއްވީ ވެސް މައްލާއެވެ. ހަގީގަތުގައި ރެފްރީންގެ ބެޖުގެ އަސްލަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ލޯގޯއެވެ. އެފް.އޭ.އެމް އުފެދުނީ 1982 ގައެވެ. އެފް.އޭ.އެމްގެ ފުރަތަމަ ޖެނެރަލް ސެކްރެޓަރީ އަކީ ވެސް މައްލާއެވެ. އެފް.އޭ.އެމްގެ ލޯގޯ ވެސް ފަރުމާ ކުރެއްވީ މައްލާއެވެ. އެކަމުގައި މައްލާ ވަނީ ކުރީގެ މަޝްހޫރު ކުރެހުންތެރިޔާ މަރުހޫމު މައިޒާން ހަސަން މަނިކުގެ އެހީތެރިކަން ހޯއްދަވައިފައެވެ.

"މައިޒާން ހަސަން މަނިކު އަރިހަށް ގޮސް އަޅުގަނޑުގެ ޚިޔާލު ދިނީމަ، ހަސަން މަނިކު އޭތި ރީތިކޮށް ޑިޒައިންކޮށްދެއްވީ. ދެން އެފް.އޭ.އެމްގެ ލޯގޯ އަށް ބޯޅައެއް ލާފައި ރެފްރީންގެ ބެޖު އަނެއްކާ ހެދީ. ރެފްރީންގެ ބެޖު މި ފަހަރު ވެސް ފަހާފޮށިން ޖައްސަވައިދެއްވީ ހަމަ ޝަމީމާ،" މައްލާ ވިދާޅުވިއެވެ.

ވަށައިގެން ކަޅު ރޮނގެއް ލައިގެން މައްލާ 1982 ގައި ފަރުމާކުރެއްވި އެފް.އޭ.އެމްގެ ލޯގޯއަށް "މޯލްޑިވްސް" އިތުރުކުރެއްވީ، އެފް.އޭ.އެމްގެ ޗެއާމަންކަމުގައި ސަމަރުބުލޫ އިބްރާޙިމް މަނިކު ހުންނެވިއިރު، 1995 ގައެވެ.

އިނގިރޭސިވިލާތުގައި 1990 ގައި މައްލާ ރެފްރީ ކޯސް ހެއްދެވިއިރު  -ފޮޓޯ: މައްލާ/އެފް.ބީ

މައްލާގެ ކުޑަކުޑަ "ދާރުލްއާސާރު"ގައި ގެންގުޅުއްވާ ބެޖުތަކުގެ ތެރެއިން ސްރީލަންކާގެ ރެފްރީ ބެޖަކާއި އިނގިރޭސިވިލާތުގެ ރެފްރީ ބެޖެއްވެސް ހިމެނެއެވެ. އިނގިރޭސިވިލާތުގެ ވަށް ބެޖަކީ، ފުޓުބޯޅަ ރެފްރީކަން ދަސްކުރެއްވުމަށް 1990 ގައި މައްލާ އިނގިރޭސިވިލާތުގައި ހޭދަކުރެއްވި ހަތަރު މަސް ދުވަހުގެ ތެރޭގައި، ބައެއް މެޗުތަކަށް އެރުއްވުމަށް ބޭނުންކުރެއްވި ބެޖެކެވެ. ދެން އޮތް ލަންކާ ބެޖަކީ ލަންކާގައި ރެފްރީކަން ދަސްކުރެއްވިއިރު ބޭނުންކުރެއްވި ބެޖެކެވެ. ދެން އެ ހުރީ މުޅިން ވެސް ފީފާގެ ބެޖުތަކެވެ.

މައްލާ ގެންގުޅުއްވި ރެފްރީކަމާ ބެހޭ ގަވައިދު ފޮތްތައް ވެސް ހުރީ ރައްކާކުރައްވައިފައެވެ. އަދި އޭނާއަށް ލިބިވަޑައިގެންފައިވާ ހުރިހައި ސެޓްފިކެޓްތަކަކާއި ހަނދާނީ ލިއުމެއްވެސް ހުރީ ލެމިނޭޓްކޮށް، ފައިލްތަކުގައި ރައްކާކުރައްވައިފައެވެ. އޭގެތެރޭގައި ބައެއް ނޫސްތަކުގެ ތަންތަންކޮޅު ވެސް ހުއްޓެވެ. އެތަނުން، 12 ނޮވެމްބަރު 1986ގެ ހަވީރުގެ "ފަހު ސަފުހާ"ގައިވާ ތަންކޮޅު ފައިލުން ނެންގެވުމާއެކު މައްލާގެ މޫޑު މުޅިން ބަދަލުވެގެންދިޔައެވެ.

"މިއީ ފުޓުބޯޅައިގެ ހަޔާތުގައި އަޅުގަނޑު އެންމެ ދެރަވި، ލަދުގަތް ދުވަސް. އަޅުގަނޑުގެ އެއްވެސް ކުށަކާ ނުލައި، އަޅުގަނޑު މަގާމުތަކުން ވަކިކޮށްލި ދުވަސް،" މައްލާ ވިދާޅުވިއެވެ.

މައްލާ ވިދާޅުވީ އެ ދުވަހުގެ މެޗަށް އޭނާއަށް ވަޑައިނުގެންނެވުނީ، މެޗު ފެށެން ގަޑިއިރަކަށް ވެފައި ހުއްޓައި އޭނާ އަށް މެޗަށް ކިއުމުން ކަމަށެވެ.

"އެސް.ޓީ.އޯގެ ވަޒީފާގައި އަޅުގަނޑު އުޅުނީ. ގެއަށް އާދެވުނީ ތިނެއް ޖަހަނިކޮށް. ގެއަށް އައިސް ބަނބުކެޔޮލީ ބަތާއި ގަރުދިޔައާ ހެސްކިޔައިފައި ކާލިތަނާ ގުޅާފައި ބުނީ ހަތަރެއް ޖަހާއިރު ފަށާ މެޗަށް އަރަން އަންނާށޭ. އަޅުގަނޑު ވަރަށް އާދޭހާއެކު ދެންނެވިން މި ވަރަށް ކައިގެން ހުރެގެނެއް މެޗަކަށް ނޭރޭނޭ. ނުދުވެވޭނެއޭ. ކުރިން އަންގަވާލެއްވި ނަމަ ވަރަށް ރަނގަޅަށް ތައްޔާރުވީމުހޭ. އެހެންވެ އަޅުގަނޑު ނުދަން،" މައްލާ ވިދާޅުވިއެވެ. "އެކަމަކު ބައްލަވާ ނޫހަށް ދެއްވާފައި މިވާ ބަޔާން. އެ މެޗުގައި ހަމަނުޖެހުމެއް ހިނގުމުގައި ކޮބާތޯ އަޅުގަނޑުގެ ކުށަކީ؟ ކީއްވެގެންތޯ އަޅުގަނޑު ކުށްވެރިވާންވީ؟ އަޅުގަނޑު ހުރީ ގޭގައި. ދަނޑާ ހިސާބަށް ވެސް ނާރަން. އެކަމަކު އޭރު ކަންތައް ހުންނަ ގޮތް އެއީ. އަޅުގަނޑަކީ ދުވަހަކު ވެސް ދައުލަތަށް ނުކިޔަމަންތެރިކަން ދެއްކި މީހެއް ނޫން މުޅި ހަޔާތުގައި ވެސް. އެކަމަކު ބައްލަވާ އަޅުގަނޑަށް ހަދާލި ގޮތް."

އެ މައްސަލައިގައި މައްލާ ދަނޑުން ބޭރުގައި ހުންނަވަން ޖެހުނީ ގިނަވެގެން ތިން މަސް ދުވަހުއެވެ.

"ރައީސް އޮފީހަށް ގެންގޮސްފައި ސުވާލުކުރެއްވީ އެ ދުވަހު ކަންތައް ވީގޮތާ ބެހޭ ގޮތުން. އަޅުގަނޑު ތަފްސީލްކޮށް ދެންނެވިން. އަނެއް ދުވަހު، އަޅުގަނޑު ކުރިން ހުރި ހުރިހާ މަގާމަކަށް އަލުން ހަމަޖެއްސެވި. އަޅުގަނޑު ކުށްވެރިކޮށްލެއްވި ބޭފުޅާ އެހެން ތަނަކަށް ބަދަލުކުރެއްވީ،" މައްލާ ވިދާޅުވިއެވެ.

ފީފާގެ މެމްބަރަކަށް 1985 ގައި ދިވެހިރާއްޖެ ވެގެން، ފުރަތަމަ ރަޖިސްޓްރީކުރި ފީފާ ދެ ރެފްރީންގެ ތެރެއިން އެކަކީ މައްލާއެވެ. ދެން، އިބްރާޙިމް އިސްމާއީލެވެ. އެކަމަކު ފީފާ ބެޖު ޖަހައިގެން 1990 ގައި ގަލޮޅު ދަނޑަށް ފުރަތަމަ ނުކުންނެވި ރެފްރީގެ ޝަރަފު ލިބިވަޑައިގަތީ މައްލާއަށެވެ.

ފީފާ ބެޖު މައްލާގެ މޭމަތީގައި ރައީސް މައުމޫން 1990 ގައި ޖައްސަވައިދެއްވަނީ -ފޮޓޯ: މައްލާ/ އެފް.ބީ

ބައިނަލްއަގުވާމީ ފުޓުބޯޅަ ރެފްރީންގެ ބެޖު މައްލާގެ މޭމަތީގައި ޖައްސަވައިދެއްވީ، އެކަމަށްޓަކައި ގަލޮޅު ދަނޑުގައި އޮތް ހާއްސަ ރަސްމީޔާތެއްގައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމެވެ.

"ކުޅިވަރުގެ ހަޔާތުގައި އަޅުގަނޑު އެންމެ އުފާވި ދުވަހަކީ ފީފާ ބެޖު ލިބުނު ދުވަސް. އެ ދުވަހު އުފަލުން ގޮސް ރޮވުނު ހަމަ،" އުމުރުން މިހާރު 72 އަހަރުވެފައިވާ މައްލާ ވިދާޅުވިއެވެ.

ފީފާ ރެފްރީކަން 1990 އިން ފެށިގެން ހަތަރު އަހަރު މައްލާ ކުރެއްވި އެވެ. ފީފާ ބެޖުގައި މައްލާ ރެފްރީކަން ކުރެެއްވި ބޮޑެތި މެޗުތަކުގެ ތެރޭގައި ލަންކާގައި އޮތް ސާފް ގޭމްސްގެ ސެމީފައިނަލަކާއި ކަލްކަތާގައި އޮތް ވޯލްޑްކަޕް ކޮލިފައިންގެ މެޗެއް ހިމެނެއެވެ.

ބައިނަލްއަގުވާމީ ރެފްރީކަމުން މައްލާ ރިޓަޔަރ ކުރެއްވީ 1993 ވަނަ އަހަރުއެވެ.

ފުޓުބޯޅަ ރެފްރީން ޒަމާނުއްސުރެ ލަމުން އައި ކަޅު ޖާޒީގެ ބަދަލުގައި ކުލަ ޖާޒީ، 1994 ގެ ވޯލްޑްކަޕާއެކު ތައާރަފުވުމުން، ގަލޮޅު ދަނޑުގައި ކުލަ ޖާޒީއެއްގައި އެންމެ ފުރަތަމަ ރެފްރީކަންކުރެއްވީ ވެސް މައްލާއެވެ. އެ ދުވަހު މައްލާ ތުރުކުރެއްވީ ރަތް ޖާޒީއެކެވެ.

ހދ. ކުޅުދުއްފުށީގައި 1991 ގައި ކުޅުނު އަތޮޅު ފައިނަލް މެޗެއްގައި އަބްދުލްހަކީމު، މައްލާ، އަދި އަލީ ސަލީމު -ފޮޓޯ: މައްލާ/ އެފް.ބީ

"އަޅުގަނޑުގެ ރައްޓެއްސެއް ޖަރުމަނުން ގެނެސްދިން ޖާޒީއެއް އެއީ،" މައްލާ ވިދާޅުވިއެވެ. "އެ ދުވަހު ބައެއް މީހުން ވަރަށް ފާޑުވެސް ކީ ކުލަ ޖާޒީއެއްގައި އަޅުގަނޑު ހުރީމަ."

މައްލާ އަތުގައި ހުރި ރެފްރީ ޖާޒީތަކާއި ކަށިގަނޑުތަކަކީ ހަމައެކަނި ފީފާއިން، އޭ.އެފް.ސީން ނުވަތަ އެފް.އޭ.އެމުން ދީފައި ހުރި އެއްޗިއްސެއް ނޫނެވެ. މައްލާގެ އަމިއްލަ އުފަލަށް، ދުނިޔޭގެ އެކި ގައުމުތަކުން އޭނާ ބައްލަވައިގެންފައިވާ އެއްޗެހިވެސް ހުއްޓެވެ.

އެކުވެރިކަމުގެ މެޗެއްގައި 2012 ގައި މައްލާ ރެފްރީކަން ކުރައްވަނީ -ފޮޓޯ: މައްލާ/ އެފް.ބީ

"އޭރު ރާއްޖެއިން ބޭރަށް ގޮސްފައި އަޅުގަނޑު އައުމުން އަންހެނުންވެސް އަދި ކުދިވެރިން ވެސް އިންތިޒާރެއް ނުކުރާނެ އެ މީހުންނަށް ހަދިޔާ ގެންނާނެ ކަމަކަށް. ހަދިޔާއެއް ނުގެންނަން އަޅުގަނޑެއް. އަޅުގަނޑު މުޅިން ވެސް ގަންނަނީ ރެފްރީކަމާ ގުޅޭ ސާމާނު. ރެފްރީ ޔުނީފޯމާއި ކަށިގަނޑާއި ދިދަ އާއި މިކަހަލަ ސާމާނު އަޅުގަނޑު ގަންނަނީ. ބައެއް ރެފްރީންނަށް ވެސް ހަދިޔާކުރަން. އެ ސާމާނު ގަނެފައި އެހެން އެއްޗެއް ގަންނާކަށް ލާރިއެއް ނުހުރޭ. އެހާ ލާރި ކޮންތާކުން ހޯދާނީ؟" މައްލާ ވިދާޅުވިއެވެ. "އެއީ އޭރު އޮތްގޮތް. އެކަމަކު ރެފްރީކަން ހުއްޓާލި ފަހުން ގެޔަށް ހަދިޔާ ގެންނަން."

އެކުވެރިކަމުގެ މެޗެއްގައި 2012 ގައި މައްލާ ރެފްރީކަން ކުރައްވާ މެޗެއްގައި ޝާހު އިސްމާއިލް (ކ) އަދި އަލީ އާޒިމް -ފޮޓޯ: މައްލާ/ އެފް.ބީ

ރަސްމީ މެޗުތަކުގައި ރެފްރީކަން ކުރެއްވުން ހުއްޓާލެއްވި ނަމަވެސް، އެކިއެކި މުނާސަބަތުތަކާ ގުޅިގެން ކުޅޭ ޚާއްސަ މެޗުތަކުގައި އަދިވެސް މައްލާ ފެނެއެވެ.

ރެފްރީއަކަށް ވުމުގެ ކުރިން މައްލާއަކީ ފުޓުބޯޅަ ކުޅުންތެރިއެކެވެ. ފުލް ބެކުގެ މަގާމަށް 1969 އިން ފެށިގެން އޭނާ ކުޅުއްވީ މާލޭ ޓެނިސް ކްލަބަށާއި މޫންސްޓާސް ކްލަބަށެވެ. ކަށިގަނޑު ހިއްޕަވައިގެން މައްލާ ނުކުންނެވީ ކުޅުންތެރިއެއްގެ ގޮތުގައި ވެސް ކުޅުއްވަމުންނެވެ.

މައްލާ ޒުވާން ދުވަސްވަރުގެ ހަނދާނެއް، 1974 ގައި.. -ފޮޓޯ: މައްލާ/ އެފް.ބީ

"އަޅުގަނޑުގެ ޓީމު އޮންނަ ފަޅި ނޫން އަނެއް ފަޅީގެ މެޗުތަކުގައި އަޅުގަނޑު ރެފްރީކަން ކުރަމުން އައީ ފެށުނީއްސުރެ. ޖުމްލަ 13 އަހަރު ކުޅުނިން ފުޓުބޯޅަ،" މައްލާ ވިދާޅުވިއެވެ.

ފުޓުބޯޅަ ކުޅުއްވުމުގެ ތެރޭގައި މައްލާއަށް ވަނީ ދުވަހަކު ވެސް ހިތުން ނުފިލާނެވަރުގެ ބޮޑެތި ޒަޚަމްތަކެއްވެސް ލިބިވަޑައިގެންފައެވެ.

"ބައްލަވާ މިހިރީ ހުސް ޒަޚަމްތައް. ފުޓުބޯޅައިގެން ހަނދާންތައް،" ޒަޚަމްތައް ދައްކަވަމުން މައްލާ ވިދާޅުވިއެވެ.

މައްލާގެ ކަކޫ އޮޕަރޭޝަން ކޮށްގެން އިންޑިއާގައި، 1988 ގައި.. -ފޮޓޯ: މައްލާ/ އެފް.ބީ

ތެދެކެވެ. މައްލާގެ އަތްފައިގެ އެތަންމިތަނުގައި ވަނީ ފުޓުބޯޅައިގެ ބޮޑެތި ލަކުނުތަކެވެ؛ އިދިކޮޅު ކުޅުންތެރިއެއްގެ ހަމަލާއެއްގައި އޭނާގެ ވާތު ކަކުލުގެ ލިގަމެންޓް ވަނީ ހަލާކުވެ ބޮޑު އޮޕަރޭޝަނެއް ކޮށްފައެވެ. އަދި ކަނާތު ފަޔަށް އެރި ހަމަލާއެއްގައި ނާރެއް ޗިސްވުމުގެ ސަބަބުން، ފައި އެއްކޮޅުން އަނެއްކޮޅަށް ކަފާލައިގެން އެ ނާރު ވަނީ ނަގައިފައެވެ. މައްލާގެ ކަނާއަތް ވަނީ ބިނދިފައެވެ. މަތީ ތުންފަތް ވަނީ ފޫދުއްވާލައިފައެވެ.

މައްލާގެ ރެފްރީ ކެރިއަރުގެ ބިންގަލީ އަލްމަރުހޫމު މުހައްމަދު ޒާހިރު ނަސީރެވެ. ޒާހިރު ނަސީރު ތަމްރީނު ކުރެއްވި އެންމެ ފުރަތަމަ ރެފްރީންގެ ބެޗުގައި ވެސް މައްލާ ހިމެނުނެވެ.

 އެންމެ ފުރަތަމަ ރެފްރީ ކޯސް ހެދި ބެޗު (1966 ހިސާބުގައި): ކޮޅަށް ފަހަތުގައި (ކ-ވ) މަރުހޫމު މަންދު އަބްދުﷲ ވަހީދު، މައްލާ، މަރުހޫމު އަލީ އާދަމް މަނިކު (ސުމާޓު އަލިބެ)، އަބްދުލްލަތީފު (ބޯފުޅު)، ހައްތި އަހުމަދު މަނިކު. އިށީނދެގެން ކުރީގައި (ކ-ވ) މަރުހޫމު އަބްދުއްރަހުމާން (އުޅޮނބޮށި ކަޅުހުއްތު)، މަރުހޫމު ޒާހިރު ނަސީރު، މަރުހޫމު ކޮށީގޭ މުހައްމަދު ސައީދު، ކެލާގޭ އަލްއުސްތާޒު އަބްދުލްހަކީމު ރަޝާދު -ފޮޓޯ: މައްލާ/ އެފް.ބީ

ރެފްރީކަން ކުރެއްވުމުގެ އިތުރުން މައްލާ ވަނީ ގިނަ އަދަދެއްގެ ރެފްރީން ދަނޑަށް ނެރުއްވައިފައެވެ. މައްލާ އާއި އިބްރާޙިމް އިސްމާއީލަށްފަހު ފީފާ ބެޖު ދެން ހޯދި ސީނިއަރ ރެފްރީންނަކީ މައްލާގެ ދަރިވަރުންނެވެ. އެއީ އަލީ ސަލީމު، މުހައްމަދު ސައީދު، ނާގޫރު އަހުމަދު އާސިމް، އަބްދުލްހަކީމު، އަހުމަދު އަބީރު، އަލީ ވަހީދު، އަހުމަދު އަމީޒު އަދި ރިޔާޒު ރަޝީދު ފަދަ އެތައް އެތައް ރެފްރީންނެކެވެ.

މައްލާގެ ފަރާތުން ދަރިވަރުވި ބައެއް ފީފާ ރެފްރީން (ކ-ވ) އަހުމަދު އަމީޒު، އަލީ ސަލީމު، މުހައްމަދު ސައީދު އަދި އަހުމަދު އަބީރު އެކުވެރިކަމުގެ މެޗެެއްގައި  -ފޮޓޯ: މައްލާ/ އެފް.ބީ

އަންހެން ރެފްރީން ތަމްރީނު ކުރުމަށްޓަކައި ވެސް މައްލާ ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވައިފައެވެ.

"ރަށްރަށަށް ގޮސް ކުދިން ހޮވައިގެން ގެނެސްގެން ތަމްރީނުކުރީ،" މައްލާ ވިދާޅުވިއެވެ.

އަންހެން ރެފްރީން ތަމްރީނު ކުރުމަށް 2018 ގައި މައްލާ ހިންގެވި ކޯހުގެ ބައެއް ދަރިވަރުން ދަނޑުމަތީގައި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ފަސް އަހަރު މައްލާ ހިދުމަތްކުރެއްވިއެވެ. އޭގެ ފަހުން ރެފްރީސް ކޮމިޓީގެ ވައިސް ޗެއާމަން ކަމާއި ޗެއާމަންކަން ވެސް މައްލާ އަދާކުރެއްވިއެވެ.

 މައްލާގެ ކާމިޔާބީގެ އުފަލުގައި (ކ-ވ) މައްލާގެ ދަރިކަނބަލުން އާމިނަތު ޝަހުރުނާޒު، އަނބިކަނބަލުން ޝަފީގާ އާދަމް، ހަގު ދަރިކަނބަލުން މަރިޔަމް ޝިވާޒާއާއެކު މައްލާ -ފޮޓޯ: މައްލާ/އެފް.ބީ

ދިވެހި ފުޓުބޯޅަ އަށް މައްލާ ކުރެއްވި އަގުނުކުރެވޭ ހިދުމަތުގެ އަގު ވަޒަން ކުރައްވައި އެފް.އޭ.އެމްގެ "ޕްރެޒިޑެންޝަލް އެވޯޑް" 29 ޑިސެމްބަރު 2018 ގައި މައްލާ އަށް ވަނީ ދެއްވައިފައެވެ.

މިހާރު މައްލާއަކީ އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ، ރެފްރީންގެ ކަންކަމާ ބެހޭ އެޑްވައިޒަރެވެ. މައްލާގެ އަގުހުރި ޚިދުމަތަށްޓަކައި ބައްސާމް ތައުރީފު ކުރެއްވިއެވެ.

"މައްލާ އަކީ ދިވެހިން ކަށިގަނޑު ހިފައިގެން ބައިނަލް އަގްވާމީ ދަނޑަށް ނުކުންނަން ޖެހޭކަމުގެ ޝައުގު އުފައްދައިދީ ދިވެއްސަކަށް އެންމެ ފުރަތަމަ ފީފާ ބެޖު ހޯއްދެވި ފަރާތް. އަދި ވަކިން ހާއްސަކޮށް ދިވެހި ފުޓުބޯޅައަށް ތަފާތު ގިނަ ހިދުމަތްތަކެއް ކޮއްދެއްވި ބޭފުޅެއް. ރެފްރީކަމުގެ އިތުރުން އެފް.އޭ.އެމްގެ ފުރަތަމަ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވި މައްލާ އަކީ ދިވެހި ފުޓުބޯޅައިގެ ފަނޑުވުމެއްނެތް އަލި ގަދަ ތަރިއެއް،" ބައްސާމް "އަދިވެސް" އަށް ވިދާޅުވިއެވެ. "މިވަގުތުވެސް ރެފްރީންގެ ކަންކަމުގައި އެޑްވައިޒާ މަގާމުގައި ކޮއްދެއްވާ މަސައްކަތްތަކަކީ ދިވެހި ރެފްރީންގެ ކުރިމަގާއި ތަރައްގީއަށް ވަރަށް މުހިންމު މަސައްކަތްތަކެއްކަން ޝުކުރުވެރި ކަމާއެކު ފާހަގަކުރަން."

މައްލާގެ ރެފްރީކަމުގެ ޒަމާންވީ ކެރިއަރުގައި އޭނާ ސިއްސުވާލީ އެންމެ ފަހަރަކުއެވެ. އެއީ ގައުމީ ފުޓުބޯޅަ ފައިނަލެއް ކުޅެން އޮތް ދުވަހުގެ ކުރީ ރޭ "ކޮންމެވެސް މީހަކު" އޭނާއާ ބައްދަލުކޮށް، ރިޝްވަތުގެ ގޮތުގައި 25،000ރ. ހުށަހެޅުމުންނެވެ.

"އޭރަށް ބަލާއިރު ވެސް އެއީ ވަރަށް ބޮޑު އަދަދެއް. އޮޅުވާލައިގެން ގެޔަކަށް ގެންގޮސްފައި އަޅުގަނޑު ކައިރީ ބުނީ، މާދަމާ މެޗުން މޮޅުކޮށްދޭށޭ، ފަންސަވީސް ހާސް ރުފިޔާ މިއޮތީއޭ. ބަލިވެގެން ނިމެންޏާ ޕެނަލްޓީ ދީގެން މޮޅުކޮށްދޭށޭ،" އެ މީހެއް ވެސް، އަދި އެ ކްލަބެއްގެ މައުލޫމާތު ވެސް ހާމަނުކުރައްވައި، މައްލާ ވިދާޅުވިއެވެ. "އަޅުގަނޑު އަނގައިންވެސް ނުބުނެ ނުކުމެގެން އައީ. އައިސް ފޯނު ބޫތަކުން މިނިސްޓަރ އުމަރު ޒާހިރަށް ގުޅައި ތަފްސީލް ދިނިން. އަޅުގަނޑު ދެންނެވިން މި ވީގޮތުން ދެން އަޅުގަނޑަކަށް ނުކެރޭނެޔޭ މާދަން މެޗަށް އަރާކަށްވެސް. ވިދާޅުވީ ނޫނެކޭ. އަރަންވާނޭ. ހަމަ މައްލާއޭ އަރަންވާނީ. ދެން އަޅުގަނޑަކަށް ނެތް ޗޮއިސްއެއް. އެހެންވެ އަޅުގަނޑު އެރީ. ކަން ދިމާކުރި ގޮތުން އެ ޓީމު ބަލިވީ."

މައްލާ ވިދާޅުވީ ދުވަހަކު ވެސް ނަތީޖާ ވަކި ގޮތަކަށް ނެރުމަށް މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށެވެ. ނަމަވެސް ފަޅި ސިކުންތުން ނިންމަންޖެހޭ ކަންކަމުގައި އަތްދަށުން ކަންކަން ގޮސްފައި ހުރެދާނެ ކަމަށެވެ.

 އެފް.އޭ.އެމްގެ އިސް ބައެއް ވެރިންނާއެކު 2015 ގައި.. (ކ-ވ) ހިޔަލީ މުހައްމަދު ރަޝީދު، ޝާހު އިސްމާއިލް، ލަންކާގެ ރެފްރީ މުހުސިން އާރިފު، އިބްރާޙިމް އިސްމާއިލް އަދި މައްލާ  -ފޮޓޯ: މައްލާ/އެފް.ބީ

މައްލާ ރެފްރީކަން ކުރެއްވި މެޗެއްގައި، އަރިމަތިން ހުރަސްކުރި ބޯޅައެއް، ދާގަނޑު ފޫއަޅުވާލައިފައި ގޮސް ގޯލަށް ވަނުމުން، ލަނޑެއް ކަމަށް ފުރަތަމަ ނިންމެވިއެވެ. ނަމަވެސް ފަހުން، އެ ނިންމުން ބަދަލުކުރެއްވިއެވެ.

އެ ގޯލް މަޝްހޫރުވެފައި ވަނީ "މައްލާ ގޯލް"ގެ ނަމުންނެވެ.

"ވެލެންސިއާ އާއި ނިއު ރޭޑިއަންޓް ކުޅުނު މެޗެއް. ހުޅަނގު ފަރާތުން ބޯޅަ ހިފައިގެން ގޮސް ސަހަރާއާ ވީކޮޅުން އަލިކާ ހުރަސްކުރީ ވަރަށް ބާރަށް. އެ ބޯޅަ ނެރުނީ ގޯލުގެތެރެއިން. އެ ފަޅީގެ ލައިންސްމަނަކަށް ހުރި (މަރުހޫމު) ޖޯޖު ދެއްކީ ލަނޑެއް ކަމަށް. އެހެންވެ އަޅުގަނޑު މެދަށް ފުމުނީ. ދެން ނިއު ރޭޑިއަންޓް މީހުންގަނޑު އަތުވެއްޖެ. ނާގޫރޭ ހުރީ ކީޕަރަކަށް. ބުނެފި ބޭރުންނޭ އައިސް ބޯޅަ ވަނީ. ދެން ގޮސް ބެލިއިއިރު ހަތަރު މަޅި ހުރި ކެނޑިފައި. ބޯޅަ އައިލެއް ބާރުކަމުން ކަނޑައިގެންދިޔައީ. އެކަމަކު އަޅުގަނޑަކަށް ނުފެންނާނެ އެތަނެއް. ލައިންސްމަނަށް ފެންނާނީ."

(ކ-ވ) އަބީރު، އިބްރާހިމް އިސްމާއިލް، މައްލާ އަދި ނާގޫރޭ: އެކުވެރިކަމުގެ މެޗެއްގައި ރެފްރީކަން ކުރަން ތައްޔާރުވެގެން  -ފޮޓޯ: މައްލާ/އެފް.ބީ

މައްލާއާއެކު ފީފާ ބެޖް ލިބިވަޑައިގެންނެވި، އަދި އެފް.އޭ.އެމްގެ ޖެނެރަލް ސެކްރެޓަރީކަން ވެސް ކުރެއްވި އިބްރާހިމް އިސްމާއިލް ގަބޫލްކުރައްވާ ގޮތުގައި މައްލާއަކީ ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު ރެފްރީއެވެ.

"އަޅުގަނޑު ދަންނަވާނީ މައްލާއަކީ ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު ރެފްރީއޭ. އެއީ އެންމެ ގިނަ ދުވަހު ހިދުމަތްކުރެއްވި ރެފްރީ. އަދި މިހާރު ވެސް އެ ގެންދަވަނީ އެފް.އޭ.އެމަށް އެހީތެރިކަން ދެއްވަމުން. ފުޓުބޯޅަ ރެފްރީންގެ ތަރައްގީއަށް މައްލާ ވަނީ ވަރަށް ގިނަގުނަ ހިދުމަތްތައް ކުރައްވައިފައި. މައްލާ ތަމްރީނު ކުރެއްވި އެތައް ރެފްރީންނެއް މިހާރު ވެސް ދަނޑުމަތީގައި އެބަތިބި،" އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ. "ރެފްރީކަމަކީ ފުޓުބޯޅައިގެން އެންމެ މުހިންމު އެއް ބައި. ރެފްރީ ނެތި މެޗެއް ނުކުޅެވޭނެ. މައްލާ ރެފްރީކަން ކުރެއްވީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން. އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ އެންމެ ފުރަތަމަ ފީފާ ރެފްރީގެ މަގާމު މައްލާ އަށް ހައްގު. މައްލާ ނިންމަވާނީ ފޮތުގައި އޮންނަ ގޮތަށް. ގަވައިދުތަކަށް ވަރަށް ފަރިތަވާނެ. ތަޖުރިބާގެ އަލީގައި އެހެން ރެފްރީންނަށް ކިޔައިދެއްވުމަކީ ވެސް މައްލާ ވަރަށް ކުރާހިތްވާ ކަމެއް."

ދިވެހި ކޯޗުންގެ ތެރެއިން މައްލާ އެންމެ ބޮޑަށް ފާހަގަކުރައްވާ ކޯޗަކީ، މޮޅަށް ފުޓުބޯޅަ ކުޅުމަށްފަހު ކާމިޔާބު ކޯޗެއްގެ ގޮތުން ފަހުން ވިދާލި އަލީ ސުޒެއިނެވެ.

"ސުޒެއިނަކީ ވަރަށް ޑިސިޕްލިން ކޯޗެއް. އެހެން ރެފްރީން ވެސް ބުނާނެ ދުވަހަކު ވެސް ރެފްރީންނާ ދިމާލަށް އެއްޗެހި ކިޔައި ދިމާކޮށް ނަހަދާނެއޭ ސުޒެއިނެއް. އެހެން ކޯޗުންނާ ބެހޭ ޝަކުވާތައް އަބަދުވެސް ލިބޭ. ސުޒެއިނަކީ ހަމަ އާދަޔާ ޚިލާފަށް ޑިސިޕްލިން އަދި ކާމިޔާބު ވެސް ކޯޗެއް،" މައްލާ ވިދާޅުވިއެވެ.

އެހެންވިއްޔާ މައްލާގެ ރެފްރީކަމާ ދޭތެރޭ ސުޒެއިން ބުނާ އެއްޗެއް ވެސް ވާނީ ބަލައިލަންތާއެވެ.

"މައްލާ އަކީ ދިވެހި ފުޓުބޯޅައިގެ ބްރޭންޑް ނަމެއް. ވަރަށް މޮޅު ރެފްރީއެއް. އެއީ އުސޫލުތައް ހިފެހެއްޓެވި، ނަޒާހަތްތެރި ޝަހުސިއްޔަތެއް،" ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމުގައި މިހާރު ހުރި ސުޒެއިން ބުންޏެވެ.

ދިވެހި ފުޓުބޯޅައަށް މައްލާ ކުރެއްވި އަގުހުރި ހިދުމަތުގެ އަގު ވަޒަންކުރައްވައި ރައީސް މައުމޫން އަބްދުލްގައްޔޫމު ވަނީ، ކުޅިވަރަށް ހިދުމަތްކުރުމުގެ ހިތްވަރުދިނުމުގެ ގައުމީ އިނާމު، 31 ޑިސެމްބަރު 1990 ގައި މައްލާ އަށް ދެއްވައިފައެވެ.

މައްލާއަކީ ފޭސްބުކްގައި ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. ފުޓުބޯޅައާ ގުޅުންހުރި އެކިއެކި ފޮޓޯތަކާއި އާއިލާގެ މެމްބަރުންގެ ތަފާތު ފޮޓޯތައް، ތަކުރާރުކޮށް އެތައް ފަހަރަކު ވެސް އޭނާގެ ފޭސްބުކަށް ލައްވައެވެ. އެކަމަކު، ގައުމީ އިނާމު ލިބިވަޑައިގެންނެވި ފޮޓޯއެއް ދުވަހަކު ވެސް ނުފެނެއެވެ.

"އަޅުގަނޑަށް އިނާމު ދެއްވިއިރު އަޅުގަނޑު ހުރީ އިނގިރޭސިވިލާތުގައި ރެފްރީކަން ކިޔަވަން ގޮސް. މާލެ އައި ފަހުން ރައީސް އޮފީހަށް ގެންގޮސްފައި އިނާމު ހަވާލުކުރެއްވީ،" މައްލާ ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުގެ ޒުވާން ދުވަސްވަރު ނަމަ، އިރާދަކުރެއްވިއްޔާ ވޯލްޑްކަޕްގައި ރެފްރީކަން ކޮށްފައި ހުއްޓާނީ. އެވަރަށް އަޅުގަނޑު މަސައްކަތް ކުރާނަން. އެހެން ނަމަވެސް މިހާރު ދެން އެ ދުވަސް ހިނގައްޖެނޫންތޯ؟" މައްލާ ވިދާޅުވިއެވެ. "އަޅުގަނޑުގެ މިހާރު އޮތީ ހަމަ އެންމެ އުންމީދެއް ހާސިލްނުވެ. އެއީ ޝަރަފުވެރިކަމުގެ އިނާމު. އެކަން ވެސް ވާނެެ ދުނިޔޭގެ ހުރިއްޔާ ކޮންމެވެސް ދުވަހަކުން އިރާދަކުރެއްވިއްޔާ."

ބެޖުތަކާއި ކަށިގަނޑުތަކާއެކު މައްލާގެ ފޮޓޯއެއް ނަގައިފައި، އެ ސެޓިންގައި މައްލާއާއެކު ފޮޓޯއެއް ނުނަގައި އަޅުގަނޑަކަށް ވެސް ކެތެއްނުލެވިއެވެ. މިކަހަލަ ދެވަނަ ފުރުސަތެއް ނުލިބުމަކީ ވެސް އެކަށީގެންވާ ކަމަކަށްވާތީއެވެ.

މިއީ ތާރީހީ ފޮޓޯއެކެވެ. މި ފޮޓޯއިން މި ފެންނަނީ ފުޓުބޯޅައަށް މައްލާ ކުރެއްވި ހުރިހައި ޚިދުމަތެއް ނޫނެވެ. އޭގެ ބައިކުޅަބަޔަށް ވެސް ވެދާނެއެވެ. އެކަމަކު މިއީ ފުޓުބޯޅަ ރެފްރީއެއްގެ ގޮތުގައި، ވަރުބަލިވުމެއް ނެތި، ބައިގަރުނަށްވުރެ ގިނަ ދުވަހު މައްލާ ކުރެއްވި އަގުހުރި ޚިދުމަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަަސައްކަތްތަކުގެ ރަމްޒެއްކަން ޔަގީނެވެ.

"އަޅުގަނޑު ނެތް ދުވަހަކުން މި އެއްޗެތި ދައުލަތުގެ ކަމާ ބެހޭ ފަރާތަކާ ހަވާލުކުރާށޭ އަންހެނުން ގާތުގައި ބުނެފިން. ދާރުލް އާސާރު ކަމަށްވިޔަސް އެންމެ ރަނގަޅު. އޭރުން މި ބަލަން ބޭނުން ބަޔަކަށް އަބަދު ފެންނަން ހުންނާނެނޫންތޯ؟" މައްލާ ވިދާޅުވިއެވެ.

އެއް ރެއެއްގެ ގާތްގަނޑަކަށް ތިން ގަޑިއެއްހާއިރު ވަންދެން މައްލާއާއެކު ހޭދަކުރުމަށްފަހު، ނުކުންނަން ފެށުމުން އަދި މަޑުކޮށްލުމަށް މައްލާ ވިދާޅުވިއެވެ. ދަބަހުން ކުޑަ ފޮތެއް ނެންގެވިއެވެ. އޭގައި ރީނދޫ ކާޑަކާއި ރަތް ކާޑެއް އޮތެވެ. އެތަނުން ރީނދޫ ކާޑުގައި މައްލާ އޮޓޯގްރާފުކޮށްލައްވައިފައި އަޅުގަނޑަށް ދެއްވިއެވެ.

"މިއީ ޝަހީބަށް ހަދިޔާއެއް،" މައްލާ ވިދާޅުވިއެވެ.

"ޝުކުރިއްޔާ މައްލާ،" އަޅުގަނޑު އިހުތިރާމާއެކު ދެންނެވީމެވެ.

ރީނދޫ ކާޑާއެކު އެ ދެއްވީ އަނެއްކާ އިންޒާރެއް ނޫންބާވައެވެ؟

އެހެންވިއްޔާ ރަތް ކާޑު ދެއްކެވުމުގެ ކުރިން ޖެހޭނީ އަވަހަށް ނުކުންނާށެވެ.

އަދިވެސް އެއްފަހަރު މައްލާ އަށް ޝުކުރިއްޔާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
43
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *