Support Us

ޤައުމީ ލޯތްބަކީ ވެސް މިފަދަ ކަމެކެވެ.

އަހަރެމެން ޤައުމީ ފުޓްބޯޅަ ޓީމަށް ސަޕޯޓްކޮށް ހިތްވަރުދީ އެ ޓީމާއެކު މި ތިބީ އެއީ ޤައުމީ ޓީމު ވީމައެވެ. މޮޅުވިޔަސް ބަލިވިޔަސް އެ ޓީމަކާ ދުރަކަށް ނުދެވޭނެއެވެ. މޮޅުވީމާ އުފާވާނެއެވެ. ބަލިވީމާ ދެރަވާނެއެވެ.

ޤައުމީ ފުޓްބޯޅަ ޓީމަށް އަހަރެމެން ތަރުހީބު ދެނީ އެއީ މި މުބާރާތުގައި، ނޫނީ މުޅި ސަރަހައްދުގައި އޮތް އެންމެ މޮޅު ޓީމަށް ވެގެންނެއް ނޫނެވެ. އެންމެ މޮޅު ކުޅުންތެރިން ތިބި ޓީމަށް ވެގެންނެއް ވެސް ނޫނެވެ. ކޮންމެ ބަޔަކު ޤައުމީ ޖޯޒީގައި ނިކުތަސް މައްސަލައެއްނެތެވެ. ކޮންމެ ކޯޗަކު ހުއްޓަސް ވަރިހަމައެވެ. ޤައުމީ ޓީމަށް އޮންނަ ލޯތްބެއް ފަނޑެއް ނުވާނެއެވެ. އެއީ އަހަރެމެންގެ ޤައުމީ ޓީމު ވީމައެވެ.

އަހަރެމެން ޤައުމު ދެކެ ލޯބިވަނީ ވެސް މިއީ އެންމެ މުއްސަނދި ޤައުމަށް ވެގެނެއް ނޫނެވެ. އަހަރެމެންގެ ޤައުމަށް ވީތީއެވެ. އަހަރެމެން މަންމަ ދެކެ ލޯބިވަނީ ވެސް އެއީ ދުނިޔޭގައި ހުރި އެންމެ ރީތި މީހާއަށް ވެގެނެއް ނޫނެވެ. މަންމައަށް ވީތީއެވެ. އަހަރެމެން ބައްޕަ ދެކެ ލޯބިވަނީ ވެސް އެއީ ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާއަށް ވެގެނެއް ނޫނެވެ. ބައްޕައަށް ވީތީއެވެ.

ޤައުމީ ލޯތްބަކީ ވެސް މިފަދަ ކަމެކެވެ.

ނޭޕާލް މެޗުގައި އަލީ އަޝްފާގު (ދަގަނޑޭ) ބޯޅަ ހޯދުމަށް މަސައްކަތްކުރަނީ: ގައުމީ ޓީމުގެ ޖާޒީއަކީ 100 ޕަސަންޓް ރާއްޖޭގެ އުފެއްދުމެއް -ފޮޓޯ: އެފް.އޭ.އެމް/ އެފް.ބީ

އެހެންވެ އެފްބީއަށް ވެސް ބުނެލަން އޮތީ، ބަލިވިޔަސް، މޮޅުވިޔަސް، އެއްވެސް މީހަކަށް ނުބަވާނަމޭއެވެ. އެންމެން ކައިރީ ބުނެލަންވެސް ބޭނުންވަނީ ގައުމީ ޓީމުގެ އެއްވެސް ކުޅުންތެރިޔަކަށް ނޫނީ އޮފިޝަލަކަށް ވިޔަސް ބަވާތަން ދެކެން އަހަރެން ބޭނުންނުވާ ވާހަކައެވެ. ފަހު ވަގުތާ ހަމަޔަށް ޖެހެންދެންވެސް އަހަރެން ހުންނާނީ މިގޮތުގައެވެ. ބަލި ވީމަ ކިތަންމެހާ ދެރަވެއެވެ. އެކަމަކު ބަލިވުމަކުން މި ރޫހަކަށް، މި ޖޯޝަކަށް ބަދަލެއް ނާދެއެވެ. ނުވެސް އަންނާނެއެވެ. ގައުމީ ޓީމު ބަލިވީމާ އަހަރެންގެ ސަޕޯޓު އަދި އެތައް ތަނަކުން ވާނީ އިތުރެވެ. އެއީ ބަލިވީމަ އުފާވާތީއެއް ނޫނެވެ. އެކަމަކު ބަލިވީމާ އިތުރު ސަޕޯޓާއި އިތުރު ހިތްވަރު އެ ކުދިންނަށް ބޭނުންވާނެތީއެވެ.

ގައުމީ ޓީމަށް ބަވާ މީހުންނަށް އަހަރެން ބުނެލަން ބޭނުންވަނީ، އަހަރެން ދެކޭ ގޮތުގައި ތިޔަ ބެވެނީ އަމިއްލަ މީހާއާ ދިމާއަށޭއެވެ. އަމިއްލަ ގައުމާ ދިމާލަށޭއެވެ. މިއަދު ދިވެހި ގައުމީ ޓީމަކީ ދިވެހި ގައުމެވެ. ފަހު ސިކުންތާ ހަމަޔަށްވެސް އަހަރެން ހުންނާނީ ގައުމާ އެކުގައެވެ. ބަލި ވިޔަސް ބަލިވާނީ އަހަންނާވެސް އެކުގައެވެ. މޮޅެއްވިއްޔާ އެ މޮޅުވެސް ވެވޭނީ އަހަންނާވެސް އެކުގައެވެ.

 

މައުލޫމާތު ނެގީ: އަބްދުﷲ ސައީދު އަދި ސިނާން އަލީގެ ލިއުއްވުމުން

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *