...

Support Us

"އިސްރާއީލުގެ ބޯޓަށް ދިން ޙަމަލާގެ މޭސްތިރިއަކީ އިރާނުގެ ޑްރޯން ފައުޖުގެ ވެރިޔާ"

ޢުމާނުގެ އައްސޭރި ފަށުން ދަތުރުކުރި އިސްރާއީލުގެ ބޯޓަށް ދިން ޙަމަލާގެ ރޭވުންތެރިއަކީ އީރާނުގެ އިންޤިލާބީ ފާރަވެރި ލަޝްކަރުގެ ޑްރޯން ފައުޖުގެ ވެރިޔާ ސަޢީދު އާރާ ޖާނީ ކަމަށް އިސްރާއީލުގެ ދިފާޢީ ވަޒީރު ޔާއީރު ގެންޓްސް ތުހްމަތު ކުރައްވައިފިއެވެ.

އޭނާ މި ކަން ހާމަކުރެއްވީ އދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރުންނަށް އިސްރާއީލުގެ ޚާރިޖީ ވަޒީރު ޔާއީރު ލެޕިޑް މިިއަދު މަޢުލޫމާތު ދެއްވުމުގެ ތެރޭގައެވެ. "މަރސަރ ސްޓްރީޓް" ބޯޓަށް ދިން މި ޙަމަލާގެ ސަބަބުން ދެ ފަޅުވެރިއަކު ވަނީ މަރުވެފައެވެ. އެއީ އިނގިރޭސިއަކާއި ރޯމޭނިޔާގެ މީހެކެވެ.

ގެންޓްސް ހާމަކުރެއްވި ގޮތުގައި ބޯޓަށް ދިން ޙަމަލާއަކީ އީރާނުގެ ޑްރޯނާ ބެހޭ ފައުޖުން ހިންގި "ނިރުބަވެރި" ޢަމަލެކެވެ. މި ފައުޖަށް ތަމްރީނު ދީ ފައުޖަށް ބޭނުންވާ އާލަތްތައް ހޯދުމުގައި ޙަރަކާތްތެރިވާ މޭސްތިރިއަކީ އާރާ ޖާނީ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ސަރަޙައްދުގައި ދީފައިވާ ޑްރޯނާއި މިސައިލް ޙަމަލާތަކުގެ އިސްވެރިއަކީ އީރާނުގެ އިންޤިލާބީ ފާރަވެރި ލަޝްކަރުގެ ވައިގެ ހަތިޔާރާ ބެހޭ ކޮމާންޑަރު އަމީރު ޢަލީ ޙާޖީ ކަމަށް ވެސް ގެންޓްސް ވިދާޅުވިއެވެ.

ގެންޓްސް ތުހްމަތު ކުރެއްވި ގޮތުގައި އީރާނަކީ އެ ސަރަޙައްދަށާއި މުޅި ދުނިޔެއާ ކުރިމަތިވެފައިވާ "ގޮންޖެހު"މެކެވެ. އޭނާ އިންޒާރު ކުރެއްވި ގޮތުގައި ދިހަވަރަކަށް ހަފުތާގެތެރޭގައި ނިޔުކްލިއަރ ބޮމެއް އުފެއްދުމަށް ބޭނުންވާ މާއްދާތައް އީރާނުން ޙާޞިލު ކުރާނެއެވެ.

ލެޕިޑް ސިފަކުރެއްވި ގޮތުގައި އިސްރާއީލުގެ ޒޯޑިއެކް މެރިޓައިމުން ދުއްވާ މަރސަރ ސްޓްރީޓް ތެޔޮ ބޯޓަށް ދިން ޙަމަލާއަކީ "ބައިނަލް އަޤްވާމީ ޖަރީމާ" އެކެވެ. އެއީ އޭނާ ސިފަކުރެއްވި ގޮތުގައި ބައިނަލްއަޤްވާމީ ވިޔަފާރި ރޮނގުތަކަށާއި މުދާ އުފުލުމުގެ ދަތުރުވެރިކަމުގެ މިނިވަންކަމަށް ދިން ޙަމަލާ" އެކެވެ.

އިސްރާއީލުގެ ދެ ވަޒީރުން ވިދާޅުވި ގޮތުގައި "މިއީ ދެ ފަރާތެއްގެ ދެމެދުގައި ބަދަލު ކުރެވޭ ޙަމަލާތަކެއް ނޫނެވެ. އެހެނަސް މިއީ ބައިނަލްއަޤްވާމީ އަރާރުމެކެވެ." އެ ދެ ވަޒީރުން ވިދާޅުވި ގޮތުގައި މިކަމަށް ދުނިޔެ ރައްދު ދޭން ޖެހޭނެއެވެ. މި ކަން ކުރެވޭނީ ސަލާމަތީ މަޖިލީހުގެ ތެރެއިން ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ހިތްވަރާއި ފަންވަރުގެ ތެރެއިން އެކައްޗެއް ކިޔައިގެން ކަމަށް އިސްރާއީލުގެ މި ދެ ވަޒީރުން ވިދާޅުވިއެވެ.

އީރާނުން ދަނީ މި ތުހްމަތު ނަފީ ކުރަމުންނެވެ. އީރާނުގެ ޚާރިޖިއްޔާގެ ތަރްޖަމާނު ސަޢީދު ޚަޠީބު ޒާދާ އާދީއްތަ ދުވަހު ނޫސްވެރީންނާ ބައްދަލުކުރައްވަމުން ވިދާޅުވި ގޮތުގައި އިސްރާއީލުގެ ބޯޓަށް އީރާނުން ޙަމަލާދިން ކަމަށް ކުރާ ތުހްމަތަކީ އެއްވެސް އަސާސެއް ނެތް ވާހަކައެކެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ތައްލު އަބީބުން މިފަދަ ތުހްމަތެއް އީރާނުގެ ބޮލުގައި އެޅުވި ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި "އިސްރާއީލު ސަރަޙައްދަކަށް ވަދެއްޖެނަމަ އެ ސަރަޙައްދެއްގެ ސަލާމަތަށާއި ހަމަޖެހުމަށް ގަޑުބަޑުކަން ގެންނާނެއެވެ. އެ ސަރަޙައްދެއްގައި ހަރުކަށި ޢަމަލުތަކާއި ނިރުބަވެރި ޢަމަލުތައް ހިންގާނެއެވެ." އޭނާ ވިދާޅުވިއެވެ. "މި ފަދަ ތުހްމަތުތަކުގެ ބޭނުމަކީ ޙަޤީޤަތާ ދުރަށް ލޯތައް އަނބުރާލުމެވެ."

އޭނާ ވިދާޅުވިއެވެ. "މި ފަދަ ތުހްމަތުތައް އީރާނުގެ ބޮލުގައި އަޅުވަން އުޅުމަކީ އައު ކަމެއްނޫނެވެ. މި ޙަމަލާގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ މި ސަރަޙައްދުގައި އިސްރާއީލުގެ ފައިތިލަ ސާބިތުކުރުވި ފަރާތްތަކަށެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.