Support Us

ޙަމާސް ޙަރަކާތުގެ ރައީސް ޔަޙްޔާ އައްސިންވާރު ޣައްޒާގައި

ޣައްޒާ ޙިޞާރު ކުރަމުންދާނަމަ އިސްރާއީލު އަންދާލާނެ ކަމުގެ އިންޒާރު ޙަމާސުން ދީފި

އިސްރާއީލުން ޣައްޒާ ޙިޞާރުކޮށްފައި އޮތްއޮތުމަށް ނިމުމެއް ނުގެނެސް ޙިޞާރު ކުރިއަށް ގެންދާނަމަ އިސްރާއީލުގެ ހިކި ތަންތަނާއި ރޯ ތަންތަން އަންދާލެވިދާނެ ކަމަށް ވިދާޅުވެ ޙަމާސް ޙަރަކާތުގެ ޣައްޒާގެ ރައީސް ޔަޙްޔާ އައްސިންވާރު އިސްރާއީލަށް ވަރުގަދަ އިންޒާރެއް މިއަދު ދެއްވައިފިއެވެ. އޭނާ ޣައްޒާގައި ނޫސްވެރީންނާ ބައްދަލު ކުރައްވަމުން ވިދާޅުވިގޮތުގައި ޣައްޒާ މި އަހަރު ނިމޭއިރު މި ގޮތަކަށް ނޯންނާނެއެވެ.

ޣައްޒާ އަލުން ބިނާކުރުމަށް ޓަކައި ކުރެވޭ މަސައްކަތަށް ތާރީފު ކުރައްވާ ނޫސްވެރީންނަށް ހާމަ ކުރެއްވިގޮތުގައި އެކަމަށް ދެވޭ އެންމެ ލާރިއެއްވެސް ޙަމާސަކަށް ވެސް އަދި ޙަމާސްގެ އެންމެ މެންބަރަކަށް ނުލިބޭނެއެވެ.

ޣައްޒާ ހަނގުރާމައަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރީންނާ ބައްދަލު ކުރައްވާ ޙަމާސްގެ ޣައްޒާ ގޮފީގެ ރައީސް އައްސިންވާރު ވިދާޅުވިއެވެ. "ޤުދުސް ސަހަރަކީ ރަތް ރޮނގުކަން ހަނދާން ބަހައްޓަން ވާނެ" އެވެ. އޭނާ ވިދާޅުވިއެވެ. "އިސްރާއީލުގެ ނެތިގެން ދިޔުން ގުޅިފައި ވަނީ މި ސަހަރާ ބެހޭގޮތުން ރާވާ ރޭވުންތަކާ" އެވެ.

ސައްތައިންސައްތައިން ރޮކެޓް ފޮނުވައިލެވިދާނެ

އައްސިންވާރު ވިދާޅުވިއެވެ. "މި ދިޔަ ބުރުގައި ފަލަސްޠީނުގެ މުޤާވަމާއިން ދުނިޔެއަށާއި ޢަދުއްވަށް މި ދިން މެސެޖަކީ އަލިފާނާ ކުޅުން ފުދިއްޖެއެވެ. "އޭނާ އިތުރަށް ވިދާޅުވިއެވެ. "އަހުރެމެން ޤުދްސާ ދިމާއަށް ރޮކެޓްތައް ފޮނުވާލައި އިސްރާއީލަށް ރައްދު ދޭން ފެށީ "ޢަދުއްވުންނަށް ޤުދުސް ޙިމާޔަތް ކުރާނެ ބާރެއް އޮތްކަން" ހާމަކޮށްދިނުމަށެވެ." އޭނާ ވިދާޅުވިއެވެ. "ދުއިސައްތަ ކީލޯމީޓަރުގެ ރާސްތާއެއް ލިބިފައިވާ އެތައް ސަތޭކަ ރޮކެޓެއް މިނެޓެއްގެ ތެރޭގައި އިސްރާއީލާ ދިމާއަށް ފޮނުވައިލުމުގެ ޤާބިލުކަން އަހުރެމެންގެ ކިބައިގައި އެބަހުއްޓެވެ."

ޙަމާސުގެ ޒަޢީމު ފާހަގަ ކުރެއްވިގޮތުގައި އިސްރާއީލަށް ވަނީ ޙަމާސުގެ ސިޔާސީ ބޭފުޅުންނާއި ޢަސްކަރީ ބޭފުޅުންނާއި ސަލާމަތީ ބާރުތަކުގެ ބޭފުޅުންނަށް ޙަމަލާދިނުމުގައި ނާކާމިޔާބުވެފައެވެ. އޭނާ ވިދާޅުވިގޮތުގައި "އަހުރެމެންގެ އޮޕަރޭޝަންތަކުގެ ކޮޓަރިތައް ވެސް ވާނީ އިސްރާއީލަށް ކަނުކޮށްލައިފައެވެ."

 

އިސްރާއީލުން މުޤާވަމާގެ އިސްވާރުންނަށް އަމާޒު ކުރި

އޭނާ އިތުރަށް ސާފުކޮށްދެއްވަމުން ވިދާޅުވިގޮތުގައި " މުޤާވަމާގެ އިސް 500 ހަނގުރާމަވެރިއަކު އަވަހާރަކޮށްލެވޭތޯ އިސްރާއީލުން މަސައްކަތް ކުރިއެވެ. އެމީހުން އޮޅުވައިލަންވެގެން އެއްގަމު ހަނގުރާމައަކަށް ތައްޔާރުވަމުންދާކަމަށް ބުންޏެވެ. އެއީ އަހުރެމެން ބޭރަށް ނެރުމަށްޓަކައި ޖަހަން އުޅުނު މަޅިއެކެވެ. "

އައްސިންވާރު ވިދާޅުވިއެވެ. " ބިމުގެ އަޑީގައި ޙަމާސް ގެ ބާރުގެދަށުގައި 500 ކީލޯމީޓަރުގެ ބިންގަރާސްތައް އެބަ ހުއްޓެވެ. " އޭނާ ވިދާޅުވިގޮތުގައި 11 ދުވަހުގެ ޙަމަލާތަކުގައި އިސްރާއީލަށް ހަލާކުކޮށްލެވުނީ މީގެތެރެއިން އެންމެ 5 % އެވެ.

އައްސިންވާރު ވިދާޅުވި ގޮތުގައި އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ޙަމާސް ޖަމާޢަތުގެ ހަނގުރާމަވެރީންގެ ތެރެއިން 2 ވަނަ ދަރަޖައާއި 3ވަނަ ދަރަޖައާއި 4ވަނަ ދަރަޖައިގެ  15 އިސްވާރަކު ޝަހީދުވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އިސްރާއީލުން އައްލްޤައްސާމު ޖަމާޢާތުގެ 57  ބޭފުޅަކާއި ސަރާޔާ އަލްޤުދުސް ޖަމާޢަތުގެ 22 ބޭފުޅަކު ޝަހީދުކޮށްލައިފައި ވެއެވެ.

ޣައްޒާ އާރާސްތުކުރުން

ފްރާންސް ޕްރެސް ބުނާގޮތުގައި އެމެރިކާއިން ޣައްޒާ ބިނާކުރުމަށް ދޭ އެހީ ދޭނީ އދގެ ތެރެއިން ފަލަސްޠީނު ސަރުކާރަށެވެ. އެމެރިކާގެ ޚާރިޖިއްޔާގެ އިސް މަސްއޫލުވެރިއަކާ ޙަވާލާދީ ފްރާންސް ޕްރެސް ބުނާގޮތުގައި އެމެރިކާއިން ގަލްފްގެ ޤައުމުތަކާއި އެހީދޭ ޤައުމުތަކާއެކު މި ކަމުގައި ވިލަރެސް ކުރާނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މި ކަމުގައި އެމެރިކާއިން ޙަމަސަކާ އެއްވެސް ގުޅުމެއް ނުބާއްވާނެއެވެ. އެމެރިކާއިން މުޢާމަލާތު ކުރާނީ ރައީސް މަޙްމޫދު ޢައްބާސާއެވެ. އެމެރިކާއިން މަސައްކަތް ކުރާނީ ފަލަސްޠީނު ސަރުކާރުގެ ބާރު ޣައްޒާގައި ވަރުގަދަ ކުރުމަށް ކަމަށް ވެސް އެމެރިކާގެ މި މަސްއޫލުވެރިއާ ވިދާޅުވިއެވެ.

މިޞްރާއި ޤަޠަރާއި އުރްދުނަށް އެމެރިކާގެ ތާރީފު

 

ނަން ހާމަ ނުކުރުމަށް އެދިވަޑައިގެން  ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. " ޣައްޒާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޓަކައި މިޞްރާއި ޤަޠަރާއި އުރްދުންގެ ދައުރަކީ އެމެރިކާ އެ ކަމަށް ތާރީފުކޮށް  ޝުކްރުވެރިވާ ކަމެކެވެ. އޭނާ ހާމަކުރެއްވިގޮތުގައި އެމެރިކާގެ  ޚާރިޖީ ވަޒީރު މެދު އިރުމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ބޭނުމަކީ ހަނގުރާމަ ހުއްޓުވާފައި ބޭއްވުމެވެ. ބްލިންކެން މި ދަތުރުފުޅު ކުރެއްވީ ރައީސް ބައިޑްންގެ އެދިވަޑައިގަތުމުގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޢުދްވާނަށްފަހު އައްސިންވާރު މަގުމައްޗަށް

އިސްރާއީލުގެ ދިފާޢީ ވަޒީރު ބަނީ ގެންޓްސް  ޣައްޒާގެ ޙަމާސް ޒަޢީމު އައްސިންވާރު އަވަހާރަކޮށްލާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް މި މަހުގެ 22 ވަނަ ދުވަހު ހެދުނު އައްސިންވާރު ޣައްޒާގެ އަވަށްތަކުންނާއި މަގުތައް ވަނީ ފެނިފައެވެ. މިއީ 11 ދުވަހުގެ ހަނގުރާމައަށް ފަހު އޭނާ މީސްތަކުންގެތެރެއަށް ނުކުމެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ގެންޓްސް މި ދިޔަ ހުކުރުދުވަހު އިސްރާއީލުގެ " ކާން " ޗެނެލްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. " ޙަމާސްގެ ވެރިން ޚާއްޞަކޮށް އަލްޤައްސާމު ބްރިގޭޑްގެ ޖެނެރަލް ކޮމާންޑަރު    މުޙައްމަދު ޟައިފާއި ޔަޙްޔާ އައްސިންވާރަކީ އަދިވެސް އަހުރެމެންގެ އަމާޒެކެވެ. " ގެންޓްސް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. " އައްސިންވާރު ހީކުރަނީ އޭނާއަކީ 21ވަނަ ސައްތައިގެ ޞަލާޙުއް ދީނުލް އައްޔޫބީ ކަމަށެވެ. " ގެންޓްސް ވިދާޅުވިއެވެ. " އައްސިންވާރު މި ކުރާ ހީއަކީ ކުށް ހީއެކެވެ. އޭނާއަށް އިސްރާއީލުން ޙަމަލާދޭނެއެވެ. "

ޣައްޒާގެ ޢުދްވާނުގެތެރޭގައި ފަލަސްޠީނުގެ ހަނގުރާމަވެރީންގެތެރެއިން އަވަހާރަކޮށްލަން ނަތަންޔާހޫ ލިސްޓު ކުރެއްވި ލިސްޓުގެ އެންމެ މަތީގައި ސިންވާރު ވެއެވެ. ޣައްޒާގައި ހުންނަ ސިންވާރުގެ ގެއަށާއި އޭނާގެ އޮފީހަށް އިސްރާއީލުގެ މަތިންދާބޯޓުތަކުން ޙަމަލާދީ އެތަންތަން ބިމާ ހަލާކުކޮށްލިއެވެ. އެހެނަސް އިސްރާއީލަށް ވަނީ ސިންވާރު އަވަހާރަކޮށްލާނެ ގޮތެއް ނުފެނިފައެވެ.

ސިންވާރު އިސްރާއީލުގެ މި އިންޒާރުތަކަށް މާ ބޮޑު ސަމާލުކަމެއް ނުދެއްވައެވެ. ހަނގުރާމަ ހުއްޓުނުތާ 24 ގަޑިއިރު ފަހުން އޭނާ ވަނީ  ފަލަސްޠީނގެ ޝަހީދުންގެ ތަޢުޒިޔާ ހަރުގެތަކަށް ވަޑައިގެން އެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *