Support Us

ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާގެ 50،000 ސިފައިން މިހާތަނަށް މަރުވެއްޖެ

 

ޔޫކްރެއިން ހިފަން ރަޝިޔާއިން މިހާރު ކުރިއަށްގެންދާ ހަނގުރާމައިގައި މިހާތަނަށް 50،000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ ކަމަށް އިނގިރޭސި ވިލާތުގެ ދައުލަތުގެ މީޑިއާ، ބްރިޓިޝް ބްރޯޑްކާސްޓިން ކޯޕަރޭޝަން (ބީ.ބީ.ސީ.) އިން މިއަދު ބުނެފިއެވެ.

މި އަދަދަށް ރަޝިޔާގެ ސިފައިން މަރުވީ މިދިޔަ އަހަރު ރަޝިޔާ ސަރުކާރުން ހަނގުރާމައަށް ފޮނުވީ ތަޖުރިބާ މަދު ސިފައިން ކަމަށް ވާތީ ކަމަށް ބީ.ބީ.ސީން ބުންޏެވެ.

ފެބްރުއަރީ 2022 ގައި ރަޝިޔާއިން ޔޫކްރެއިން ހިފަން ސިފައިން ފޮނުވި ހިސާބުން ފެށިގެން ރަޝިޔާ އަދި ޔޫކްރެއިންގެ ސިފައިން މަރުވަމުންދާ އަދަދުގެ ތަފާސްހިސާބު ބަލަހައްޓަމުން އަންނަ ކަމަށް ބީ.ބީ.ސީން ބުންޏެވެ. އެ ގޮތުން ހަނގުރާމައިގެ ދެވަނަ އަހަރު މަރުވި ރަޝިޔާގެ ސިފައިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވި ކަމަށް ބީ.ބީ.ސީން ބުންޏެވެ.

މިނިވަން މީޑިއާ ގްރޫޕެއް ކަމަށްވާ މީޑިއާޒޯނާ އާއި ހިލޭސާބަހަށް މަސައްކަތް ކުރާ ފަރާތްތަކުގެ އެހީގައި ބީ.ބީ.ސީން ކުރި ދިރާސާއިން އެނގުނު ގޮތުގައި ހަނގުރާމައިގެ ދެވަނަ އަހަރު އެކަނި ވެސް ރަޝިޔާގެ 27،300 މަރުވިއެވެ. މިއީ ހަނގުރާމައިގެ ފުރަތަމަ އަހަރުގައި މަރުވި އަދަދަށް ވުރެ 25 ޕަސެންޓް އިތުރު ނިސްބަތެއް ކަމަށްވެއެވެ.

ރަޝިޔާއިން މިހާތަނަށް އަމިއްލަ އަށް އެއްބަސްވެފައިވަނީ އެ ގައުމުން މަރުވި ސިފައިންގެ އަދަދަކީ 6،000 ސިފައިން ކަމަށެވެ. އެއީ 2022 ވަނަ އަހަރު އާއްމު ކުރި މައުލޫމާތެކެވެ. ނަމަވެސް ރަޝިޔާއިން ގެންގުޅޭ "މީޓް ގްރައިންޑާ" ނުވަތަ ވަކި ގޮތެއް ބަލައި ނުލާ ރަޝިޔާގެ ސިފައިން ޔޫކްރެއިންގެ ސިފައިންގެ ސަފުތަކާ ކުރިމަތިލުމަށް ފޮނުވުމުގެ ނަތީޖާއަކަށްވީ ރަޝިޔާގެ ސިފައިން މަރުވި އަދަދު އިތުރުވުމެވެ. މިހެންވެ ރަޝިޔާ ސަރުކާރުން ބުނާ އަދަދަށް ވުރެ މިދިޔަ އަހަރު އެ އަދަދު އިތުރުވެފައިވާ ކަމަށް ބީ.ބީ.ސީން ބުންޏެވެ.

ދިފާއީ އަދި ހާރިޖީ މައުލޫމާތު ދިރާސާ ކުރާ އެމެރިކާގެ ހިލޭސާބަހަށް މަސައްކަތް ކުރާ ފަރާތެއް ކަމަށްވާ އިންސްޓިޓިއުޓް އޮފް ވޯ (އައި.އެސް.ޑަބްލިޔު.)އިން ބުނީ ޔޫކްރެއިންގެ އިރުމަތީ އިމުގައި ރަޝިޔާގެ ސިފައިން މިދިޔަ އަހަރު ތާށި ވުމުން ރަޝިޔާއިން ވަނީ ވަކި އުސޫލެއް ނެތި އެތައް ސިފައިންނެއް އެ އިމުގައި ހަނގުރާމަ ކުރަން ފޮނުވާފައި ކަމަށެވެ. މި ކަމުގެ ނަތީޖާއަކަށްވީ ޑޮނެޓްސްކް އަދި ބަކްމުތު ސަރަހައްދުގައި ރަޝިޔާގެ އެތައް ސިފައިންނެއް މަރުވުން ކަމަށް ބީ.ބީ.ސީ.އިން ބުންޏެވެ.

ރަޝިޔާއިން މަރުވި ކޮންމެ ފަސް ސިފައިން ތެރެއިން ދެ މީހުންނަކީ ހަނގުރާމަ ފެށުމުގެ ކުރިން ރަޝިޔާގެ ސިފައިންނާ ގުޅުން ހުރި ބައެއް ނޫން ކަމަށް ބީ.ބީ.ސީން ބުންޏެވެ. އެ ގޮތުން މި މީހުންނަކީ ހިލޭސާބަހަށް މަސައްކަތް ކުރާ ވޮލަންޓިއަރުންނާއި އާއްމުންނާއި ގައިދީން ކަމަށް ބީ.ބީ.ސީން ބުންޏެވެ.

ބީ.ބީ.ސީން ކުރި ދިރާސާތަކުން ދެއްކި ގޮތުގައި ރަޝިޔާގެ 9،000 އެއްހާ ގައިދީންވަނީ މަރުވެފައެވެ. ހަނގުރާމާގައި އެ މީހުން ދިރިތިބީ ވެސް ދެތިން މަސް ވަންދެން ކަމަށް ބީ.ބީ.ސީ.އިން ބުންޏެވެ.

ބީ.ބީ.ސީން އިތުރަށް ބުނީ އިރުމަތީ ޔޫކްރެއިންގެ ލޫހަންސްކް ސަރަހައްދުގައި މަރުވި ރަޝިޔާ ސިފައިންގެ އަދަދަށް ބަލައިފި ނަމަ ޔޫކްރެއިން ހަނގުރާމާގައި މަރުވި ރަޝިޔާ ސިފައިންގެ އަދަދު ބައި ލައްކަ އަށްވުރެ އިތުރު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ޔޫކްރެއިން ރަސްމީ ސިފައެއްގައި މިދިޔަ ފެބްރުއަރީ މަހު ބުނީ ހަނގުރާމާގައި މިހާތަނަށް މަރުވީ ޔޫކްރެއިންގެ 31،000 ސިފައިން ކަމަށެވެ. ނަމަވެސް ބީ.ބީ.ސީން ބުނީ ހަނގުރާމާގައި މަރުވި ޔޫކްރެއިން ސިފައިންގެ އަދަދު ވެސް މިއަށްވުރެ އިތުރު ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ރަޝިޔާއިން ބުނީ ރަޝިޔާއިން މަރުވާ އަސްކަރީ ސިފައިންގެ އަދަދުތައް ހާމަ ކުރުމަކީ އެ ގައުމުގެ ސިޔާސަތެއް ނޫން ކަމަށެވެ.

ފްރާންސްގެ އޭ.އެފް.ޕީ. ނޫސް އޭޖެންސީގެ ތަރުޖަމާނު ޑިމީޓްރީ ޕެސްކޯފް ބުނީ ރަޝިޔާއިން ޔޫކްރެއިން ހިފަން ދެމުންދާ ހަމަލަތައް ރަޝިޔާއިން ސިފަ ކޮށްފައިވަނީ "ހާއްސަ އަސްކަރީ އޮޕަރޭޝަނެއް"ގެ ގޮތުގައި ކަމަށާއި މިހެންވެ ރަޝިޔާގެ ދިފާއީ ވުޒާރާއިން މައުލޫމާތު ހާމަ ނުކުރުމުގެ އުސޫލެއް ގެންގުޅުމަކީ ހައިރާން ވާ ކަމެއް ނޫން ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *