Support Us

އިސްރާއީލުން ހިންގަނީ މަޑު ދުވެއްޔެއްގެ ނާމާން އެޖެންޑާއެއް: އދ

އިސްރާއީލުން ރަފަހަށް ދިން އެންމެ ފަހުގެ ހަމަލާތަކުގައި ފަލަސްތީނުގެ 11 ރައްޔިތުން ޝަހީދު ކޮށްލިއިރު އޭގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނޭ ކަމަށާއި އިސްރާއީލުން ހިންގަނީ މަޑު ދުވެއްޔެއްގައި އެކަމަކު ނާމާން އެޖެންޑާއެއް ކަމަށް އދ.އިން ބުނެފިއެވެ.

އިސްރާއީލުން ރަފަހް ހިފާނެކަން ގާތްގަނޑަކަށް ޔަގީނާ ގާތްވެފައިވާ މި ދަނޑިވަޅުގައި އެ ތަނުގައި ފަލަސްތީނުގެ 1.5 މިލިއަން ރެފިއުޖީން އެބަތިއްބެވެ. އަދި އދ.ގެ ފުރިހަމަ މެންބަރަކަށް ފަލަސްތީނު ވުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް މާދަމާ ހުށަހަޅާ ގަރާރާ ދެކޮޅަށް އެމެރިކާއިން ވޯޓު ދޭނެ ކަމަށް ބެލެވޭއިރު، އދ.ގެ ފަލަސްތީނު ރެފިއުޖީންނާ ބެހޭ އިދާރާ، ޔުނައިޓެޑް ނޭޝަންސް އޭޖެންސީ ފޮ ޕަލަސްތީނިއަން ރެފިއުޖީސް (ޔޫ.އެން.އާރް.ޑަބްލިޔު.އޭ.) އިން ބުނީ އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ގެންގުޅެނީ "އިންސިޑިއަސް" އެޖެންޑާއެއް ކަމަށެވެ. މާނައަކީ މަތިފުށުން އެހާ ސާފު ނުވާ، ނަމަވެސް އަޑިއަޑިން ނޭނގޭ ގޮތަށް މަޑު ދުވެއްޔެއްގައި ފަލަސްތީނަށް އިސްރާއީލުން ހިތުހުރި އެއްޗެއް ހަދަން ކުރިއަށް ގެންދާ އެޖެންޑާއެކެވެ.

ހަމާސްއިން މިދިޔަ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލަށް ހަމަލާ ދިނުމުން ޣައްޒާގައި ވެރިކަން ކުރާ ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ބުނެ، ހަމާސް ނައްތާލާނެކަމުގެ އިންޒާރު ދީފައި ފަލަސްތީނުގެ އާއްމުން ޝަހީދު ކުރާށާއި އުމްރާނީ ބިނާތަކަށް ދޭން ފެށި ގެއްލުންތަކުގައި ފަލަސްތީނަށް އެހީ ދިނުން ކުރިއަށް ގެންދިޔައީ ޔޫ.އެން.އާރް.ޑަބްލިޔު.އޭ. އިންނެވެ. އަދި އެ އޭޖެންސީގެ ވެރިޔާ ފިލީޕް ލައްޒަރިނީ (ފޮޓޯގައި) ވިދާޅުވީ ކުރިއަށް ވުރެ ވެސް ބޮޑަށް ފަލަސްތީނުގެ ރައްޔިތުން އެ އޭޖެންސީގެ އެހީއަށް ބޭނުންވެފައިވާ ކަމަށެވެ.

މިއަދާ ހަމައަށް ޣައްޒާގައި ފަލަސްތީނުގެ 33،899 ރައްޔިތުން ޝަހީދު ކޮށްލާފައިވާ އިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އަދި ރެފިއުޖީ އޭޖެންސީން ބުނީ ބަނޑުހައިހޫނުކަމާއި ފެނަށް ޖެހިގެން އެތައް ބަޔަކު މަރުވަމުންދާއިރު ފަލަސްތީނު ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމުގައި އެންމެ މުހިންމު ރޯލެއް ކުޅެނީ އެ އޭޖެންސީން ކަމަށެވެ.

"ނަމަވެސް އަހަރެމެންގެ މަސައްކަތަށް އިސްރާއީލުން ތަކުރާރުކޮށް ހުރަސް އަޅަމުންދޭ،"ފިލީޕް ވިދާޅުވިއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި އިއްޔެ ވާހަކަ ދައްކަވަމުން ފިލީޕް ވިދާޅުވީ އޭނާގެ އޭޖެންސީ އަށް ބޭނުންވާ ހުރިހާ ރައްކާތެރިކަމެއް ދޭން ޖެހޭ ކަމަށެވެ.

ފިލީޕްގެ އޭޖެންސީން ފަލަސްތީނު ރައްޔިތުންނަށް އެހީ ފޯރުކޮށްދެމުން އަންނަނިކޮށް އިސްރާއީލުން ވަނީ ހަމާސްއަށް އެހީ ވާކަމުގެ ތުހުމަތު އެ އެޖެންސީއަށް އަމާޒުކޮށްފައެވެ. އަދި އިސްރާއީލުން ހަމައެކަނި މި ބުނެލި ބުނެލުމަށް ބައެއް ހުޅަނގުގެ ގައުމުތަކުން ވަނީ ފިލީޕްގެ އޭޖެންސީއަށް ދޭ އެހީ ކަނޑާލައިފައެވެ.

"އިސްރާއީލުން މިހާރު މި ހިންގާ 'އިންސިޑިއަސް' ސިޔާސަތުގެ ސަބަބުން ބައިނަލްއަގުވާމީ ސުލްހަ އާއި ރައްކާތެރި ކަމަށް ނޭދެވޭ އަސަރު ފޯރާނެ،" އުރުދުން އިން އިސްނަގައިގެން އދ.ގެ 15 މެންބަރުން ހިމެނޭ ސަލާމަތީ މަޖިލީހުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ފިލީޕް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަށީގެންވާ ކާނާ އާއި ފެން ނުލިބުމުގެ ސަބަބުން ފަލަސްތީނުގެ ކުޑަކުދިން މަރުވަމުން ދިޔުމަކީ އިސްރާއީލުގެ ލާއިންސާނީ އަނިޔާވެރިކަމުގެ ނަތީޖާ ކަމަށެވެ.

ފިލީޕް ވިދާޅުވީ އޭނާގެ އޭޖެންސީގެ އެހީ މިހާރު ވެސް ހުރީ ފަލަސްތީނާއި އިސްރާއީލު ގުޅޭ އިމުގައި ތާށިކޮށްލާފައި ކަމަށެވެ. އަދި ބައިނަލްއަގުވާމީ ދުނިޔެއިން ސިޔާސީ ނުފޫޒު ފޯރުވާ ނަމަ، އިސްރާއީލުން އޭނާގެ އޭޖެންސީގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ފުރުސަތެއް ނުލިބޭނެ ކަމަށެވެ.

ފިލީޕް ތަކުރާރުކޮށް ވިދާޅުވީ އޭނާގެ އޭޖެންސީ ވެސް މިހާރު ވެފައިވަނީ އިސްރާއީލުގެ އަމާޒުފަތްގަނޑަކަށް ކަމަށެވެ. އެ ގޮތުން އެ އޭޖެންސީގެ ތަންތަނާއި މުވައްޒަފުންނަށް ހަމަލާ ދީ މިހާތަނަށް އެ އޭޖެންސީގެ 178 މުވައްޒަފުން އިސްރާއީލު ސިފައިން މަރާލާފައިވާ ކަމަށް ފިލީޕް ވިދާޅުވިއެވެ.

ހަމާސްއިން މިދިޔަ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާގައި ގާތްގަނޑަކަށް 1.100 ޔަހޫދީން ވަނީ މަރާލައިފައެވެ. އަދި އިސްރާއީލުން ތުހުމަތު ކުރީ މި ހަމަލާގައި ފިލީޕްގެ އޭޖެންސީގެ 12 މުވައްޒަފަކު ބައިވެރިވި ކަމަށެވެ. ނަމަވެސް މިހާތަނަށް އައިއިރު ވެސް އިސްރާއީލުން ކުރި މި ތުހުމަތަށް ޔަގީންކަން ލިބިދޭނެ ހެއްކެއް އދ.އަށް ހުށަހަޅާފައެއް ނެތެވެ. ނަމަވެސް އދ.ގެ އަމީން އާއްމު އެންޓޯނިއޯ ގުޓެރެސް ވަނީ މި ތުހުމަތުތައް ބެލުމަށް ދެ ތަހުގީގެއް ހިންގައިފައެވެ. މި ތަނުން އެއް ތަހުގީގުގެ ހޯދުންތައް އަންނަ ހޯމަ ދުވަހު ހާމަ ކުރަން ވަނީ ތައްޔާރުވެފައެވެ.

ފިލީޕް ވިދާޅުވީ 1948 ގައި އިސްރާއީލު ދައުލަތް އުފެއްދި ފަހުން، ގަދަމުން ގެދޮރުން ބޭރުކޮށްލި 700،000 ފަލަސްތީނުގެ ރެފިއުޖީންނަށް މިހާތަނަށް ދިރިހުރުމުގެ އުއްމީދެއް ގެނެސްދީފައިވަނީ އޭނާގެ އޭޖެންސީން ކަމަށެވެ. އެ އޭޖެންސީއަށް ދޭ އެހީ ހުއްޓާނުލާނެ ކަމަށް ބުނި ޔޫރަޕްގެ އިއްތިހާދުގެ އަށް ގައުމުގެ ފަރާތުން އިއްޔެ އދ.ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި ލަކްސެމްބާގުން ބުނީ ވެސް ފަލަސްތީނުގެ ރައްޔިތުންގެ އުއްމީދު ގުޅިފައިވަނީ ފިލީޕްގެ އޭޖެންސީއާ ކަމުގައެވެ. އުރުދުންއިން ހުށަހަޅައިގެން ބޭއްވި މި ބައްދަލުވުން ފެށުމުގެ ކުރިން އުރުދުންއިން ބުނީ ފިލީޕްގެ އޭޖެންސީ އުވާލަން އިސްރާއީލުން ވަނީ ހަމާސްގެ އޮކްޓޫބަރު ހަމަލާގެ މާ ކުރީއްސުރެ ވެސް މަސައްކަތް ފަށާފައި ކަމަށާއި އިސްރާއީލުގެ ބޭނުމަކީ ފަލަސްތީނުގެ ރެފިއުޖީ މައްސަލަ އޮއްބާލުން ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *