Support Us

ސޫރަތުލް އަޢުލާ

އޮފީހުގެ ބައްދަލުވުމެކެވެ. ދާދިވަރުކޮށް އޮތް ބައްދަލުވުން ނިމުނީ މެންދުރު 11:30 އެހައިކަން ހައި އިރުއެވެ. މެންދުރާ ކައިރިވެފައި ވުމުން އަރާމުކޮށްލާނަމޭ ހިތައި ހިނދުކޮޅަކު އޮށޯވެލީމެވެ. މިއީ އާންމުކޮށް ކުރާ ކަމެއް ވެސް ނޫނެވެ. ރަސްމީ ދުވަސްތައް މިފަދައިން ގޭގައި ތިބެގެން އޮފިސް ހިންގާން ޖެހުމުން ތަފާތެއް އައީއެވެ. ކޮންމެއަކަސް ފިކުރުތަކާއި ޚިޔާލުތަކުގެ ތެރެއަށް ގެނބުނު ކަހަލައެވެ.

އެއީ ހުދު ގަމީހެއް ނުވަތަ ހުދު ޓީޝާޓެއް ލައިގެން ހުރި އިސްކޮޅުން ދިގު ދޮންދޮން މީހެކެވެ. އޭނާގެ ހައިބަތު އޭނާގެ ވާހަކަ ދެއްކުމާއި އަޑުގެ ބާނިތަކުން ދޭހަވިއެވެ. ކާކުކަން ބުނަން ނޭގޭ އެ މީހަކީ އަހަރެންނާ ހަގީގަތުގައި ދުވަހަކު ވެސް ބައްދަލުވެފައިވާ މީހެއް ނޫނެވެ. އެކަމަކު އެމީހަކާ ބައްދަލު ކުރާން އަހަރެން އިންތިޒާރުތަކެއް ކުރާ ކަމުގެ ބޮޑު އިހުސާސެއް ހިތާއި ވިސްނުމުން އިހުސާސްކުރުވައެވެ. ކީއްވެގެން ކަމެއް އެއްގޮތަކަށް ވެސް ނޭނގެއެވެ.

އެއީ ތަނަވަސް ބޮޑު ގެއެކެވެ. ކޮންމެވެސް ބޭނުމަކު އަހަންނާއި އާއިލާ އެ ގޭގައި އުޅެއެވެ. ކޮން ރަށެއް ކަމެއް  ނުވަތަ ކޮން ގައުމެއް ކަމެއް ބުނެ ބަޔާން ކުރާން ނޭގެއެވެ. އިހުސާސްތަކެއް ވެއެވެ. އަމިއްލަ ރަށުގެ ތަނެއް ނޫންބާވައޭ ވެސް ހިތަށް އަރައެވެ. ބައެއް އިހުސާސްތަކުން އެއީ ރާއްޖެ ނޫން އެހެން ގައުމެއްގެ ތަނަކާ ވެސް ވައްތަރުގެ އިހުސާސެއް ހިތަށް ކުރުވައެވެ. ކޮންމެ އަކަސް ބައެއް ކަންކަމުން އެއީ އަހަންނާ ވަރަށް ރައްޓެހި ތަނެއްކަން އިހުސާސްވެއެވެ.

ގާތް ނުވަތަ ދުރުތާ ތިމާގެ ނުވަތަ ދަންނަ ދެކެފަރިތަ ނުވަތަ އާއިލާއާ ގުޅުން އޮންނަ ކޮންމެވެސް މީހަކު ނިޔާވެއްޖެ ޚަބަރު ލިބުނެވެ. އަހަރެމްނެ ދިޔައީ އޭނާގެ ޖަނާޒާއަށެވެ.އެއީ ކާކު ކަމެއް ނޭނގެއެވެ. މޫނެއް ނުދެކެމެވެ. ކަފުންކޮށްފައި އޮއްވައެއް ވެސް ނުދެކެމެވެ. އެހެނަސް ޖަނާޒާއެއް ހިމޭން ގޮތެއްގައި ހިނގަނިކޮށް ފެނެއެވެ. ދެން ފެނުނީ ހާމަކަންބޮޑު ސަހަރާއެކެވެ. އެ މީހަކު ވަޅުލިކަން އިހުސާސްތައް ބުނެދެއެވެ. މަންޒަރެއް ސިފައެއް ނުކުރެވެއެވެ.

ހާމަ އެ ސަހަރާގެ އެއްކައިރިން އަހަންނަށް ބިސްތާނެއް ކަހަލަ ތަނެއް ފެނުނެވެ. އެއީ ނިކަން ހައިބަތު ހުރި ބިސްތާނެކެވެ. ތިރި ފާރު ވަށައިގެން ރާނައިފައިވާ ސަހަރާގެ އެންމެ މަގަތު ފާރު ކައިރީގައި އޮތް ބިސްތާނެކެވެ. ހިތަށް އެ ތަން ސިފަވަނީ މި ކަހަލަ ގޮތަކަށެވެ. ބިސްތާނާ ޖެހިގެން ހަތަރެސްކަން ހަމަހަމަ ކުޑަކުޑަ ބިސްތާނެއް ވެސް ހުއްޓެވެ. އަހުރެން ކުރެން ކޮންމެވެސް ބަޔަކު ސުވާލު ކުރިއެވެ. އެއީ ކޮން ބައެއް ކަމެއް އަތި ކިތަން މީހުން ކަމެއް ހަނދާނެއް ނެތެވެ. އެ ބަޔަކު ތިބީ އަހުރެން ބުނާ އެއްޗެއް ނޯޓުކުރާން ތައްޔާރަށް ކަން ހިތަށް ސިފަވެއެވެ. އެބަޔަކު ތިބީ ކުރިން މި ބުނި ބިސްތާނުގެ ފަހަތުކޮޅުގައެވެ. އަހަރެން ހުރީ ކުރީކޮޅުގައެވެ. އަހަރެންގެ ހިތަކަށް އެމީހުންނެއް ސިފައެއް ނުވެއެވެ. އެ މީހުން ސުވާލު ކުރެތެވެ.

"ތިޔަ ތަނަކީ އަސްލު ކީއްކުރާ ތަނެއް.. އެ ޒަމާންތަކުގައި ތިޔަ ހެން ހަދައިފައި ހުންނަނީ ކީއްކުރަން؟"

އަހަރެން ޖަވާބުގައި ބުނީމެވެ. "ލަފާ ކުރެވޭ ގޮތުން މިއީ އެކި ބާވަތުގެ ތަކެތި ބިސްއަޅުވަން ހަދާ ތަނެއް. މިހިރީނު މިތާ ދޮންވެލި ފަށަލައެއް ވެސް. އަޑީގައި އޮންނާނީ…" އެ ކުޑަ ބިސްތާނު ތެރޭގައި ހުރި ދޮންވެލިތައް ހާވަމުން އަހަރެން އެ މީހުންނަށް އޮޅުންފިލުވައިދިނީމެވެ. ހަގީގަތުގައި އެ ބުނެވުނީ ކޮން އެއްޗެއް ކަމެއް ކިޔުނީ ކީކޭ ކަމެއް އަދިވެސް އަހަންނަކަށް ނޭނގެއެވެ.

ކުއްލިއަކަށް ފަރުދާއެއް ކަޝްފުވިއެވެ. އަހަރެމެން އެންމެން ކަހަލަ ގޮތަކަށް ދެން ބައްދަލުވީ މާސިންގާ ހާމަ ގެއެއްގެ ތެރެއިންނެވެ. އެއީ އެއްކަލަ ގެއެވެ. ގޭގެތެރޭގައި މެދުގައި ހިނގަން އޮންނަ ހިނގާރުގެ އެންމެ ކޮޅުކޮޅުގައި ހެން ހީވާ ފަދަ ހިސާބެއްގައި އެއްކަލަ ހައިބަތު ބޮޑު ދޮންދޮން މީހާ ހުއްޓެވެ. އޭނާގެ ފުރަގަހުން ހުޅުވިފައި ހުރި ދޮރެއް ފެނެއެވެ. އެއީ ވެސް ކޮޓަރިއެއް ކަހަލަ ތަނެކެވެ. އަހަރެން އޭނާއާ ދިމާއަށް މަޑުމަޑުން ހިނގައިގަތީމެވެ. އަހަރެންނާ އެކު އަހަރެންގެ އާއިލާގެ ވެސް ބަޔަކު ތިބި ކަހަލަ އިހުސާސެއް ވެއެވެ. އަހަރެން އޭނާއާ އަރައި ހަމަވުމުން އޭނާ ބުންޏެވެ.

"ދެން މި ގެއިން ކަލޭމެން ދޭ. އަހަރެން އަންހެނުން ވެސް ވިހައިފި. ފިރިހެން ކުއްޖެއް. ކަލޭމެންނަކަށް ނާދެވުނެއްނު."

އޭރު އޭނާގެ ފަހަތުން އަހަންނަށް ފެނުނު އެއްކަލަ ކޮޓަރި ތެރޭ އޭނާގެ އަންހުން ހުއްޓެވެ. އެއްލި ކަޅިޔަކުން އަހަންނަށް ބެލުނީ އޭނާގެ ބަނޑަށެވެ. ބަނޑުވަނީ މުޅީން ހިނދިފައެވެ. އަޖައިބު ވިއެވެ. ދެން ހުރިކަން އިހުސާސްވީ އެ ކޮޓަރިތެރޭގައެވެ. ތުއްތުތުއްތު ފުއްކޮޅެއް އެނދުމަތީގައި ހުރި ރީތި ދާނުގައި ނިދައިލައިފައި އޮތެވެ.

އަހަރެން ބުނީމެވެ. "ވަރަށް ބޮޑަށް މާފު! އަޅުގަނޑުމެންގެ ތިމާގެ މީހަކު ނިޔާވެގެން ދާން ޖެހުނީ. އޭނަގެ ޖަނާޒާ ނިމުމުން މިއައީ. މައާފު އިނގޭތޯ"

އޭނާ ބުންޏެވެ. "މައާފު އެދުމުގެ ބޭނުމެއް ނެތް. ކަލޭމެންނަށް އޮތީ ހަމަ މި ގެއިން ނުކުތުން. ދެން އަވަހަށް ދާން އުޅޭ".

އަހަރެން ބުނީމެވެ. "ތިޔައީ އަހަރެން ހާދަހާ ބައްދަލު ކުރަން ބޭނުންވި ބޭފުޅެއް. މަނިކުފާނުގެ އަރިހުގައި ދުވަސްކޮޅަކު މަޑުކޮށްލަން އަދި ބޭނުން. އަޅުގަނޑު މަނިކުފާނުގެ ފޮތްތައް ކިޔަން. އެ ތަކެތި ބަލައި ފިކުރުކޮށް ހަދަން. ހަގީގަތުގައި މި ގެއިން މަނިކުފާނާ މި ބައްދަލުވުން ވެސް ވީ ވަރަށް ބޮޑު ހައިރާންކަމެއް ގެނުވި ކަމަކަށް. އެއީ ދުށުން އެދި އެތައް ދުވަހަކު އުންމީދު ކުރި ހިކުމަތްތެރި ލިޔުންތެރިޔާއާ ކުއްލިއަކަށް ބައްދަލުވުން. އެ ބޭފުޅަކީ ތިޔައީ ކަން މި އެނގުނީ މި ގެއަށް އާ ދެވުމުން. ދަނެގަންނަން ބޭނުން ވަނީ މަނިކުފާ ތިޔަ ނެރުއްވާ ހިކުމަތްތެރި ދަރުސްތަކާ މެދު ފިކުރު ކުރައްވާ ގޮތްތައް. އަދި ވުޖޫދު ކުރާން ތިޔަ ބޭނުން ކުރައްވާ އުސްލޫބުތައް"

އޭނާ ބުންޏެވެ. "ފޮތްފޮތުގައި ހުންނަނީ މީހެއްގެ ފިކުރާއި ވިސްނުމާއި އޭނާ ކުރާ ތަޖުރިބާގެ ވާހަކަތައް. އެއަކުން އަދި އެ މީހަކީ ކާކުކަން ކިހިނެއް އުޅޭ އާދަމުގެ ދަރިއެއްކަން ނޭނގޭނެ"

އެއްބަސްވުމުގެ ގޮތުން އަހަރެން އާނއެކޭ ބުނީމެވެ. އަދި ބުނީމެވެ. "ތެދުފުޅެއް! އެކަމަކު ވެސް ފޮތް ކިޔުމުން ލިބޭ ހިތްހަމަ ޖެހުން ނިކަން ބޮޑު. ޚާއްޞަކޮށް މަނިކުފާނުގެ ލިޔުއްވުންތައް އަޅުގަނޑު ވަރަށް ކިޔަން"

އަހަރެންގެ ވާހަކަތައް އަޑު އަހަމުން ދިޔަ އިރު އޭނާ އިނީ އެ ގޭގެ ބިތަށް ލެނގިލައިގެން އިށީނދެގެންނެވެ. އޭނާގެ ތުއްތު ދަރިފުޅު ވެސް އޭނާގެ ކޮނދުމަތީގައި އޮތް ހެން ހީވެއެވެ. މިއީ އިހުސާސުން އުފައްދާ ހީއެކެވެ. އޭނާގެ އަންހެނުން ވެސް އެތާ ހުރިކަން އިހުސާސްވެއެވެ. އަހަރެންގެ އާއިލާގެ ވެސް ބަޔަކު ތިބިކަން އިހުސާސްވެއެވެ.

އޭނާ އަހަރެންގެ މޫނަށް ބަލައިފައި ބުންޏެވެ. "ސޫރަތުލް އަޢުލާ ކަލޭ ކިޔަމުތަ؟ އިބްރާހީމްގެފާނާއި މޫސާގެ ފާނަށް ބާވައިލެއްވި ފޮތްފޮތާ ހަވާލާދީ ވާހަކަތަކެއް އެ ސޫރަތުގައި ވެއެއްނު.. ކިޔާބަލަ އެ ސޫރަތް. "

މިހެން ބުނުމަށް ފަހު އެ މީހަކު އެ ސޫރަތުގެ މާނަ ކިޔައިދޭން ފެށިއެވެ.

"ނަމާދު ނުކުރަންތަ؟ ބަންގި ވެސް ގޮވައިފި" އަންހެނުން ބުނި އަޑަށް ސިއްސައިގެން ގޮސް ހޭލެވުނެވެ. މިއީ ކޮން ފަދަ ހުވަފެނެއްބާވައޭ ހިތަށް އަރައި ހިނދުކޮޅަކު ހިމޭންވެވުނެވެ." ވަރަށް ތަފާތު ހުވަފެނެއްގައި އޮއްވައި ތިޔަ ހޭލެއްވީ". އަންހެނުން ގާތު ބުނީމެވެ. އަދި ހަނދާން ހުއްޓައި އޭނާއަށް ހުވަފެން ކިޔައިދިނީމެވެ. "ހުވަފެނުގައި ވެސް ތި މީހުންނަށް ފެންނަނީ ކޮންމެވެސް ފޮތެއް ކިޔަނިކޮށްތަ އަޅެ. ރީތި ހުވަފެނެއް ދޯ" އަހަރެން ސަމާސާ ގޮތަކަށް ހީނލުމަށް ފަހު ސޫރަތުލް އަޢުލާ ކީމެވެ. އެއީ އަހަރެން އެންމެ ތުއްތު އިރުއްސުރެ ހިތު ދަސް ސޫރަތެކެވެ. ސޫރަތް ކީ ހިތްހަމަ ޖެހުމުގެ ނިޔަތުގައެވެ. އެއަށް ފަހު މެންދުރު ނަމާދުކޮށްލަން އަވަސްވެގަތީމެވެ. ފެންވަރައިލައި ވެވުނު އެންމެ ފުރިހަމަ ޒީނަތަކުން ޒީނަތްތެރިވެގެން މެންދުރުނަމާދު ކުރީމެވެ. ލަސްނުވެ ސޫރަތުލް އަޢުލާ ކިޔެވީމެވެ. އަދި މާނަ ކިޔަމުން އެއާ މެދު ފިކުރު ހިންގީމެވެ. ފެނުނު ހުވަފެނުގެ ތައުބީރަކީ އެއީ ކަމުގެ އިޙުސާސް ވިއެވެ. ހަމަކަށަވަރުން އެ ކަލާނގެއީ ޙިކުމަތްވަންތަ ޢަލީމްވަންތަ މާތް ރަސްކަލާނގެއެވެ. އެކަލާނގެ ފިޔަވައި އެހެން އެއްވެސް އިލާހަކު ނުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *