Support Us

ދިޔަވަރު ބޮޑުވެ، ހިކެނީ ކީއްވެ؟

ރެއަކާއި ދުވާލުގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު އުފުލި ތިރިވުމަކީ ދިޔަވަރުގެ ޙަރަކާތެކެވެ. އާދަކޮށް ރެއަކާއި ދުވާލެއްގެ ތެރޭގައި، ދެފަހަރަށް ދިޔަވަރު ބޮޑުވެ ދެފަހަރަށް ދިޔަވަރު ހިކޭކަން ގިނަބަޔަކު ވާނީ ތަޖްރިބާކޮށްފައެވެ. ދިޔަވަރަށް އަސަރުކުރަނީ ހަނދުގެ ދަމާބާރާއި އަދި އެއަށްވުރެ ކުޑަ މިންވަރަކަށް އިރުގެ ދަމާ ބާރު އެކުވެގެންނެވެ. އެހެންކަމުން ހަނދާއި އިރުގެ ޙަރަކާތުގެ ސަބަބުން ދިޔަވަރު ބޮޑުވެ ދިޔަވަރު ހިކެއެވެ.

އަހަރެމެން ދިރިއުޅޭ ދުނިޔެ އިރުވަށައިގެން ދައުރާނާ ކުރަމުންދާ ފަދައިން ދުނިޔެ ވަށައިގެން ހަނދުވެސް ދައުރާނާ ކުރަމުންދެއެވެ. ޖައްވުގައިވާ ޕްލެނެޓެއް ވަށައިގެން އެނބުރޭ ތަކެއްޗަށް ކިޔަނީ ސެޓެލައިޓެވެ. މިހެންވެ ހަނދަކީ ދުނިޔޭގެ ސެޓެލައިޓެވެ. އަހަރެމެން ދިރިއުޅޭ ދުނިޔެ އިރުވަށައިގެން ދައުރާނާ ކުރަމުންދާ ފަދައިން ދުނިޔެ ވަށައިގެން ހަނދުވެސް ދައުރާނާ ކުރަމުންދެއެވެ. ދުނިޔޭގައި ހުންނަ މީހަކަށް ފާހަގަ ކުރެވޭނީ ދުނިޔެ ވަށައިގެން ހަނދު ދަތުރު ކުރުމަށް އެވްރެޖްކޮށް 29.5 ދުވަސް ހޭދަވާ ކަމަށެވެ. މިމުއްދަތުގެ ތެރޭގައި ހަނދު އޭގެ ނާރެސް ނުވަތަ ތަނޑީގެ މަތީ އެއް ބުރު ޖަހައެވެ. އެހެނަސް ދުނިޔޭގައި ހުންނަ މީހަކަށް ހަނދު އެނބުރޭ އެނބުރުމެއް ނުފެނެއެވެ. މިހެންވެ، އަހަރެމެންނަށް ފެންނަނީ ހަނދުގެ އެއް ފަރާތެވެ. އަނެއް ފަރާތެއް ނުފެނެއެވެ. މިގޮތަށް ހަނދުގެ އެއް ފަރާތް ފެންނަ ސަބަބަކީ ހަނދު ދުނިޔެއާ ދިމާއަށް ހުންނަ ފަރާތް އަބަދުވެސް ދުނިޔެއަށް ކުރިމަތިވާ ގޮތަށް ހަނދު އޭގެ ނާރެސް ނުވަތަ ތަނޑީގެ ވަށައިގެން އެބުރޭތީއެވެ. ދުނިޔެ އޭގެ އަމިއްލަ ތަނޑީގެ ވަށައިގެން އެއް ބުރުޖެހުމަށް ނަގަނީ 24 ގަޑި އިރެވެ. ނުވަތަ އެއް ދުވަހެވެ. އިރު ވަށައިގެން ދުނިޔެ ބުރެއްޖަހަނީ 365.25 ދުވަހުން ނުވަތަ އެއް އަހަރުންނެވެ.

ދުނިޔޭގައި ހުރި މީހަކަށް އެކި ދުވަސްވަރު ހަނދު ފެންނަނީ ތަފާތު ބައްޓަމަށެވެ. މިގޮތުން ހުޅެވި ހަނދަކުން ބުރުހަމަ ހަނދަކަށް ބަދަލު ވަމުންދެއެވެ.

ހަނދުގެ އެކި ފިޔަވަހިތައް 

1. އާހަނދު New Moon: ހަނދު މަހެއް ފުރިހަމަވެ (ނިމި) އަނެއް މަސް ފެށެނީ، މި ބިމުގެ ވަށައިގެން ހަނދު ދައުރުކޮށް، ބަރާބަރު ބުރެއް ފުރިހަމަ ކުރާ ވަގުތުގަ އެވެ. ފަލަކީ ޢިލްމުގައި މި ހާލަތަށް ކިޔައި އުޅެނީ، އިޤްތިރާން (ކޮންޖަންކްޝަން ނުވަތަ މާރަހަ) ވުމެވެ. މިހިސާބުން ހަނދުގެ “ދުވާލުފަޅީގެ” އެއްވެސް ތަންކޮޅެއް ނުފެނުން އެކަށީގެންވެއެވެ.

2. ހުޅެވި ހަނދު waxing crescent: އިރާއި ދުނިޔެއާ ދެމެދުގައިވާ މަޤާމުން ދުރަށް ހަނދު ޖެހެމުން ދިޔަހެން ހަނދުގެ "ދުވާލުފަޅި" ފެންނަލެއް ބޮޑުވަމުންދެއެވެ.

3. ފަޅިހަނދު first quarter half moon: (އެއްވަނަ ފިޔަވަހި) އިރާއި ދުނިޔެއާއިވާ ދުރުމިން ހަނދާއި އިރާއި ދެމެދުގައިވާ ދުރުމިން އެއްވަރުވުމުން ހަނދުގެ ދުވާލުފަޅި ދެބައިކުޅަ އެއްބައި އަހަރެމެންނަށް ފެނެއެވެ.

4. ބުރު ހަމަނުވާ ހަނދު waxing gibbous moon: ހަނދު ބުރުހަމަވަމުން ދިޔަހެން ދުވާލުފަޅި ބޮޑަށް ފެންނަމުން ދެއެވެ.

5. ބުރުހަމަ ހަނދު (ދެވަނަ ފިޔަވަހި):full moon ހަނދުގެ ދުވާލުފަޅީގެ ހުރިހާ ހިސާބެއް އުޑުމަތީގައިވާ ވަށްފޮތްޗެއްގެ ސިފައިގައި އަހަރެމެންނަށް ފެނެއެވެ.

6. ފަހުފޮއިގެ ބުރުހަމަނުވާ ހަނދު waning gibbous moon: އިރާއި ކައިރިއަށް ހަނދު ޖެހެމުން ދިޔަހެން ހަނދުގެ ދުވާލުފަޅި ގެއްލެމުންދެއެވެ.

7. ފަހުފޮއިގެ ފަޅި ހަނދު last quarter half moon: (ތިންވަނަ ފިޔަވަހި) ފުރަތަމަ ފިޔަވަހީގައި ފެނުނު ފަދައިން މިހާރު ފެންނާނީ ދުވާލުފަޅީގެ ދެބައިކުޅަ އެއްބައެވެ.

8. ފަހުފޮއިގެ ފޮރުވެމުންދާ ހަނދު waning crescent moon: މިބުރު ނިމޭއިރު ފެންނާނީ ހަނދުގެ ދުވާލުފަޅީގެ ތަންކޮޅެއް، ހުޅެވި ހަނދެއްގެ ސިފައިގައެވެ.

ހަނދުގެ ފިޔަވަހިތަކާއި ގުޅުވައިގެން ތިރީގައިވާ ކުރެހުމަށް ބެލުމުން ހަނދުމަހެއްގެ ތެރޭގައި ދިޔަވަރަށް އަންނަ ބަދަލު ފާހަގަ ކުރެވޭނެއެވެ. ދިޔަވަރަށް އަންނަ ބަދަލު އެންމެ ބޮޑަށް ފާހަގަ ކުރެވޭނީ ހަނދުމަހެއް ފެށޭ ދުވަސްވަރާއި، ހަނދު އެންމެ ބޮޑުވާ ދުވަސްވަރާއި ހަނދުމަސް ނިމޭ ދުވަސްވަރު އެވެ. މީގެ އިތުރުން ހަނދުމަހެއްގެ ދެވަނަ ހަފްތާ ފެށޭ ދުވަސްވަރު ދިޔަވަރު ބޮޑުވެ ދިޔަވަރު ހިކޭނީ ނިސްބަތުން ކުޑަ ކޮށެވެ. މިގޮތަށް ދެން ދިމާވާނީ ހަނދުމަހެއްގެ ތިންވަނަ ހަފްތާ ފެށޭ ދުވަސްވަރުގައެވެ.

ހަނދާއި އެންމެ ކައިރީގައިވާ ދިމާއިން ދުނިޔޭގެ ބިމާއި ކަނޑުގައިވާ ފެނާއި، އަދި ސީދާ ހަނދާއި ދިމާވާ ފަރާތްނޫން އަނެއްފަރާތުގައިވާ ދުނިޔޭގެ ބިމާއި ކަނޑުގެފެން މައްޗަށް އުފުލިގެންދެއެވެ. މިގޮތަށް ފެންގަނޑު މައްޗަށް އުފުލުމަކީ ދިޔަވަރު ބޮޑުވުމެވެ. ހަމައެއާއެކު މިދެފަރާތާއި ދިމާ ހުރަސްވާ ދެފަރާތުގެ އެއްގަމާއި ކަނޑުގެ ފެންގަނޑު (ފައިތާޅައާއި ދިމާއަށް – ދުނިޔޭގެ އެތެރެއިންމެދާ ދިމާއަށް) ތިރިއަށްވާގޮތަށް ގެބިގެންދެއެވެ. މިހެންވުމުން މިދެފަރާތުގެ ދިޔަވަރު ހިކެއެވެ.

އެންމެ ބޮޑަށް ދިޔަވަރު ބޮޑުވުމުގެ އަސަރު ފެންނަނީ ދުނިޔޭގެ ނިސްބަތުގައި ހަނދާއި އިރު އެއްރޮނގަކަށް ނުވަތަ އެއް މިޞްރާބަކަށް ސީދާވުމުންނެވެ. މިގޮތަށް އިރު، ހަނދު، ދުނިޔެ އެއްރޮގެއްގެ މައްޗަށް އައުމުން (މިގޮތަށް އިރު، ހަނދު، ދުނިޔެ އެއްރޮނގަކަށް އަންނަނީ ކޮންމެ ހަނދުމަހެއްގެ ފެށުމާއި ނިމުމާއި ގުޅިފައިވާ ދެތިން ދުވަހު) ކަނޑުގެ ލޮނުގަނޑު ވަރަށް ބޮޑަށް އުފުލެއެވެ. މިގޮތަށް ދިޔަވަރު އުފުލުނީމާ އޮންނާނީ އެންމެ ބޮޑު ދިޔަވަރު "ދަންބޮޑުދިޔަވަރު" ނުވަތަ Spring tide ސްޕްރިންގ ޓައިޑް އެވެ.

އެންމެ ބޮޑަށް ދިޔަވަރު ހިކެނީ އިރު ހަނދު ވަޑިފަތިވާގޮތަށް ހުރުމުންނެވެ. އެހެންގޮތަކަށް ބުނާނަމަ ހަނދާއި ދުނިޔެ އާއި އިރު ދުނިޔޭގެ ނިސްބަތުން ވަޑިފަތިވާ ގޮތަށް އައުމުން ދިޔަވަރަށް ކުރުވާ އަސަރުކުޑައެވެ. އެހެންކަމުން މިދުވަސްވަރު ލިބޭ ދިޔަވަރަކީ އެންމެ ހިކި ދިޔަވަރު ނުވަތަ Neap tide ނީޕް ޓައިޑް އެވެ. މިދުވަސްވަރަކީ ހަނދު ފުރިހަމަވުމަށްޓަކައި ބޮޑުވަމުން އަންނަ ދުވަސްވަރާއި ހަނދު ފުރިހަމަވުމަށްފަހު ކުޑަވަމުންދާ ދުވަސްވަރެވެ. (ހަނދުމަހުގެ ފުރަތަމަ ފަނަރައިގެ މެދުތެރެއާއި، ހަނދުމަހުގެ ފަހު ފަނަރައިގެ މެދުތެރެއެވެ.)

ދުނިޔޭގެ ދިޔަވަރަށް އިރުން ފޯރާބާރަކީ، ގާތަގަނޑަކަށް ހަނދުން ފޯރާބާރުގެ 46 އިންސައްތައެވެ. ދުނިޔެއާއި ހަނދާއި އިރު ގާތްގަނޑަކަށް އެއް ދަނޑިއަކަށް އައުމާއި ދުނިޔެއާއި ހަނދު ކައިރިވުމުގެ ސަބަބުން ދަމާބާރުގެ ގުޅުން އިތުރުވެ ހަނދާއި އިރާއި ދިމާއަށްވާ ހިސާބުގަނޑުގެ ކަނޑުގެ ލޮނުގަނޑު އުފުލި އާންމުކޮށް ދިޔަވަރު ބޮޑުވާ ވަރަށްވުރެ އިތުރަށް ދިޔަވަރު ބޮޑުވެއެވެ. ދިޔަވަރު ބޮޑުވުމާއި ގުޅިފައިފައިވަނީ ހަދާއި އިރަށް ހުންނަ ދަމާބާރެވެ. ކާއިނާތުގައިވާ ހުރިހާ އެއްޗެއްގައިމެ، އެކަތި އަނެކެއްޗަށް ދަމާބާރު ވެއެވެ. މި ދަމާބާރަށް އިނގިރޭސިބަހުން ކިޔަނީ "ގްރެވިޓީ”" އެވެ. ދުނިޔެ އެނބުރެމުން ދާއިރު އަހަރެމެން ޖައްވަށް ނުވެއްޓި ބިމުގައި ތިބެވެނީ ގްރެވިޓީ ނުވަތަ މި ދަމާ ބާރުގެ ސަބަބުންނެވެ.

މަޢުލޫމާތު ނެގީ:
ޢިޖްތިމާޢީ ޢިލްމު 1
ޑރ. ޙަސަން ޙަމީދު. ދިޔަވަރު ކުޑަވެ ބޮޑުވާ ގޮތް–1. www.hassanhameed.com

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *