އިންޑިއާގެ އާއްމު އިންތިހާބު ބޭއްވުމަށް ދެ މަސް ދުވަހަށް ވެފައިވަނިކޮށް، ނޫސްވެރިކަމަށް ސަރުކާރުން ހުރަސްއަޅަން ފެށުމުން، ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ދުނިޔޭގެ އެންމެ ބޮޑު ޖަމިއްޔާ އިން ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.
އެ ގޮތުން ބިދޭސީ ނޫސްވެރިންނަށް ހުރަސް ނޭޅުމަށާއި އެ ފަދަ ނޫސްވެރިންނަށް ވިސާ ދިނުމުގައި މިހާރު ކުރިމަތި ކުރަމުންދާ ދަތިތައް ދޫކޮށްލުމަށް، ފަރަންސޭސި ވިލާތަށް ނިސްބަތްވާ ރިޕޯޓަރސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ގޮވައިއެވެ.
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ދަނީ ބޭރުގެ ނޫސްވެރިންނާ ދޭތެރޭ "ބަދަލު ހިފުމުގެ ފިޔަވަޅުތަކެއް އަޅާ މިންވަރު އިތުރު ކުރަމުން" ކަމަށާއި އޭގެ ތެރޭގައި އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ބިދޭސީ ނޫސްވެރިން ވަނުމަށް ހުއްދަ ދިނުމަށް އިންކާރު ކުރާ ކަމަށާއި، ވިސާގެ މުއްދަތު ކުރުކުރުމާއި އިންޑިއާގައި ނޫސްވެރިކަން ކުރުމަށް ހުއްދަ ދިނުމާ ދެކޮޅު ހެދުން ވެސް ހިމެނޭ ކަމަށް އާރްއެސްއެފުން ބުންޏެވެ.
އިންޑިއާގެ ސަރުކާރުން މި ފަދަ ހަރުކަށި ފިޔަވަޅު އަޅަމުން ދަނީ "އިންޑިއާގެ އަގު ވެއްޓޭ" ފަދަ ރިޕޯޓްތައް ގެނެސްދޭތީ ކަމަށް ތުހުމަތު ކޮށްފައި ކަމަށް، އެ ޖަމިއްޔާއިން ބުންޏެވެ. ނަމަވެސް މިއީ ހަގީގަތުގައި ނޫސްވެރިންގެ އަގު ވައްޓާލުމަށް އިންޑިއާއިން ދައްކާ ބަހަނާއެއް ކަމަށާއި، އެންމެ ބޮޑަށް ފިޔަވަޅު އަޅަމުން އަންނަނީ އިންޑިއާގެ ރައްޔިތުންނާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީ ނޫސްވެރިންނާ ދެކޮޅަށް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އަދި މި ގޮތުން، މި ފަދަ މީހުންނަށް ދޭ "އޯވަސީސް ސިޓިޒަން އޮފް އިންޑިއާ" (އޯސީއައި) ވިސާ ފަހަކަށް އައިސް އިންޑިއާ ސަރުކާރުން ކެންސަލް ކުރާ މިންވަރު ދަނީ އިތުރުވަމުން ކަމަށް ވެސް އާރްއެސްއެފުން ފާހަގަކުރިއެވެ.
އޯސީއައި ކާޑު ގެންގުޅޭ ހަތަރު ނޫސްވެރިއަކަށް މިހާތަނަށް ވަނީ މަސައްކަތް ކުރުމުގެ ހުއްދަ ދިނުމަށް ދެކޮޅު ހަދާފައި ކަމަށާއި ނަތީޖާއެއްގެ ގޮތުން އޭގެ ތެރެއިން ދެ ނޫސްވެރިއަކު ނިންމީ އެއްކޮށް އިންޑިއާ ދޫކޮށް ދިއުމަށް ކަމަށް އާރްއެސްއެފުން ބުންޏެވެ.
ނޫސްވެރިކަން ކުރުމުގެ ވިސާ ނުވަތަ ވޯކް ޕާމިޓް ދޫކުރުމުގެ އިޖުރާއަތްތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ބޭރުގެ ނޫސްވެރިންނަށް ތަފާތު ޕްރެޝަރުތައް ކުރިމަތިކުރުމާއި، ނުވަތަ އިންޑިއާގައި އެއްވެސް ގޮތަކަށް ނޫސްވެރިކަމުގެ މަސައްކަތް ނުކުރެވޭނެ ގޮތް އިންޑިއާ ސަރުކާރުން ހަދަމުން އަންނަ ކަމަށް ވެސް އާރްއެސްއެފުން ބުންޏެވެ.
ނަތީޖާއެއްގެ ގޮތުން ހަގީގީ މިނިވަން، މަދު މީޑިއާތަކެއް މިހާރު ބާކީ އޮތްއިރު، މިއީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަށް ބޭނުން ކުރާ "ހަތިޔާރެއް" ފަދަ އުކުޅުތަކެއް ކަމަށް އާރްއެސްއެފުން ސިފަކުރިއެވެ.
އިނގިރޭސިވިލާތަށް އުފަން ނަމަވެސް އިންޑިއާގައި ބޮޑުވި ނޫސްވެރިއެއް ކަމަށްވާ އާތިޝް ތަސީރުގެ އޯސީއައިގެ މަގާމު އިންޑިއާ ސަރުކާރުން "އަނބުރާ އަތުލާފައި ވަނީ" 2019 ގައި "ޓައިމް" މަޖައްލާއަށް މޯދީއާ ބެހޭ ގޮތުން ކަވަރ ސްޓޯރީއެއް ލިޔުމުން ކަމަށާއި ނަތީޖާއެއްގެ ގޮތުން އޭނާގެ އާއިލާ ދިރިއުޅޭ އިންޑިއާގައި އޭނާއަށް މިހާރު ދިރިނޫޅެވޭ ގޮތް ވެސް އިންޑިއާގެ ސަރުކާރުން ހަދާފައިވާ ކަމަށް އާރްއެސްއެފުން ބުންޏެވެ.
އޯސީއައި ކާޑު ގެންގުޅޭ ބިދޭސީ ނޫސްވެރިންނަށް ކުރިމަތި ކުރަން ފެށި ހުރަސްތައް ވަރަށް ބޮޑަށް އިތުރުވެފައިވަނީ 2022 ވަނަ އަހަރުން ފެށިގެން ނޫސްވެރިންގެ ގޮތުގައި މަސައްކަތް ކުރުމަށް ހާއްސަ ހުއްދައަކަށް އެދި ބިދޭސީ ނޫސްވެރިން ހުށަހަޅަން ފެށުމުން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެހެން ނޫސްވެރިއެއް ކަމަށްވާ، "ވައިސް ނިއުސް"އަށް ޑޮކިއުމެންޓްރީތައް ހަދާ އިންޑިއާ ނަސްލުގެ އެމެރިކާގެ ނޫސްވެރިއެއް ކަމަށްވާ އަންގަދު ސިންގްގެ އޯސީއައި ކާޑެއް އޮތް ނަމަވެސް، 2022 ވަނަ އަހަރުގެ އޮގަސްޓް މަހު އިންޑިއާގެ ވެރިރަށް ދިއްލީއަށް ދިއުމުން އޭނާ އަނބުރާ އެމެރިކާއަށް ފޮނުވާލި ކަމަށާއި އިންޑިއާއާ ބެހޭ ގޮތުން ސިންގް 2020 ވަނަ އަހަރު އުފެއްދި ޑޮކިއުމެންޓްރީއެއް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން "ނެގެޓިވް" ކަމަށް އުޒުރު ދައްކައި، އޭނާ ވަނީ "އިންޑިއާގެ އަބުރު ކަތިލައި، އިންޑިއާ ބަދުނާމު ކުރުމަށް ފާޅުގައި ގައުމާ ދެކޮޅު ޕްރޮޕެގެންޑާއެއްގައި ބައިވެރިވެފައި ކަމަށް" ބުނެ އިންޑިއާއިން ބޭރުކޮށްލާފައި ކަމަށް އާރްއެސްއެފުން ބުންޏެވެ.
އިންޑިއާގައި މިހާރު އޮތް ނޫސްވެރިކަމުގެ އިޖުރާއަތުގެ ދަށުން، އޯސީއައިގެ ދަރަޖަ ނެތް ބޭރުގެ ނޫސްވެރިން ނޫސްވެރިއެއްގެ ވިސާއަށް އެދި ހުށަހަޅަން ޖެހެ އެވެ. މި ވިސާ ދޫކުރަނީ އަހަރެއްހާ ދުވަހަށް ކަމަށް ވިޔަސް، އިންޑިއާ ސަރުކާރުން ފަހަކަށް އައިސް މި ވިސާ ދޫކުރަނީ ހައެއްކަ މަސް ދުވަހުގެ ކުރު މުއްދަތަކަށް ކަމަށް، އާރްއެސްއެފުން ބުންޏެވެ.
އެ ޖަމިއްޔާއިން އިތުރަށް ބުނި ގޮތުގައި، ބޭރުގެ ނޫސްވެރިންނަށް ވެސް މިހާރު އިންޑިއާގެ ދިހަ ސްޓޭޓާއި ޔޫނިއަން ޓެރިޓަރީ އަށް ވަނުމަށް ހުއްދަ ނުދެއެވެ. ވަކިން ޚާއްސަކޮށް 2019 ވަނަ އަހަރުން ފެށިގެން ޖައްމު ކަޝްމީރަށް ނުވަދެވޭނެ ގޮތް ވަނީ ހަދާފައި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
މި ފަދަ ހުރަސްތައް ކުރިމަތި ކުރަނީ އިންޑިއާގެ "ހަގީގީ ކުލަވަރު" ދުނިޔެއަށް ދެއްކުމަށް ބޭނުން ނުވާތީ ކަމަށާއި، 1.4 ބިލިއަންގެ އާބާދީއެއް އޮތް އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ ކަމަށް ދައުވާ ކުރި ނަމަވެސް، ހަގީގަތަކީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ މިންގަނޑުގައި އިންޑިއާ މިހާރު 180 ގައުމުގެ ތެރެއިން 161 ވަނަ ދަރަޖައަށް ވެއްޓިފައިވާ ކަމަށް އާރްއެސްއެފުން ބުންޏެވެ.