Support Us

އޮށްގަލުން އަޤްޞާ ޠޫފާނަށް… 36 އަހަރުގެ ދިގު ޖިހާދު

ފަލަސްޠީނުގެ ހިތްވަރުގަދަ ރައްޔިތުން އިސްރާއީލުގެ އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ކުރަމުންދާ ޖިހާދުގެ ޞަފްޙާތަކަށް ބަލާއިރު އޮށްގަލުގެ އިންތިފާޟާ ފެށުނީ 1987 ޑިސެންބަރު އަށް ވަނަ ދުވަހުއެވެ. މި އިންތިފާޟާގައި ފަލަސްޠީނުގެ ރައްޔިތުން ބޮޑު އަގެއް ދައްކައިފައިވެއެވެ. އެހެނަސް އެމީހުންގެ ޢަޒްމު ބިންދައެއް ނުލެވުނެވެ. ދިޔައީ ކުރިއަށެވެ.އިސްރާއީލާ ދެކޮޅަށް ފަށައިފައިވާ ޖިހާދު ދުވަހެއް ދުވަހަކަށް ދިޔައީ އައުވަމުންނެވެ.  

ފަލަސްޠީނުގެ ރައްޔިތުން އިންތިފާޟާ ފެށީ އޮށްގަލުންނެވެ. ބަދަލުވަމުން ގޮސް ދެން ފެނުނީ  ހަތިޔާރުއެޅި ޖިހާދެވެ. އެއަށްފަހު ޢަސްކަރީ ޤާބިލުކަން ތަރައްޤީވަމުން ގޮސް ބަދަލުވީ ރޮކެޓް ފިޔަވައްސަށެވެ. އެއަށްފަހު މި އަހަރު އޮކްޓޯބަރު ހަތެއްގައި މި ފެނުނީ އަޤްޞާ ޠޫފާނެވެ.މި ޠޫފާނަށް އިސްރާއީލުން ރައްދުދޭން ފެށީ މީގެކުރިން ނުދޭފަދަ ހަރުކަށި އަނިޔާވެރި ޢަމަލުތަކަކުންނެވެ. މީހުންމެރުމާއި ހައްޔަރުކުރުމާއި ކަށި ބިންދުމާއި ގެދޮރު ތަޅައި ސުންނާފަތިކުރުމާއި ނަސްލުނައްތައިލުމުގެ ޢުދްވާނުންނެވެ.  

ޣައްޒާގައި އިންތިފާޟާގެ ހުޅުގަނޑު ފެށުނީ އިސްރާއީލުގައި މަސައްކަތަށް ގޮސް އުޅުނު ޣައްޒާގެ ބަޔަކު މަސައްކަތް ނިންމައިފައި ރަށަށް އައި މަގުމަތީގައި އިސްރާއީލުގެ ޢަސްކަރީ އުޅަނދަކުން އެމީހުންގެ ގައިގައި ޖައްސައި އޭގެތެރެއިން ދެ މީހުން ޝަހީދުކޮށްލައި ހަތް މީހުން ޒަޚަމުކޮށްލުމުންނެވެ. ޣައްޒާގެ ރައްޔިތުން މި ކަން ކުށްވެރިކޮށް މަގުމައްޗަށް ނުކުމެ އިސްރާއީލާ ދެކޮޅަށް މުޒާހަރާތައް ބާއްވަން ފެށިއެވެ. މި ތެދުވިތެދުވުމަށް ފުރަތަމަ އިންތިފާޟާގެ ނަންދެވުނެވެ. މި ރުޅި ޣައްޒާއިން ހުޅަނގު އައްސޭރިއަށް ދިޔައީ އޮށްގައު ހިފައިގެންނެވެ.  

ފަލަސްޠީނުގެ ޤައުމީ ޑޭޓާބޭސްތައް ބުނާގޮތުގައި މި އިންތިފާޟާގައި 1،550 މީހުން ޝަހީދުވިއެވެ. އަދި 100 ހާސް މީހުން ހައްޔަރުކުރިއެވެ. ހަތްދިހަ ވަރަކަށް ހާސް މީހުން ޒަޚަމުވިއެވެ. މި އިންތިފާޟާގެ ހުޅުގަނޑު ކަނިވެގެން ދިޔައީ 1993ގެ ސެޕްޓެންބަރުގައި އޮސްލޯގައި ސޮއިކުރި އެއްބަސްވުމާއެކުގައެވެ. 

ޙައްޤުތަކާބެހޭ އިސްރާއީލުގެ ޖަމްޢިއްޔާ ބަތުސްލީމު ބުނާގޮތުގައި މި އިންތިފާޟާގައި ފަލަސްޠީނުގެ 741 ގެ ތަޅައި ބިމާ ހަމަކޮށްފައި ވެއެވެ. މީގެއިތުރަށް ހުއްދަނެތި ބިނާކުރިކަމަށް ތުހްމަތުކޮށް ފަލަސްޠީނުގެ 1800 ގެ ތަޅައިލިއެވެ.

އަޤްޞާ ޠޫފާނު ހަނގުރާމައިގައި މިހާތަނަށް އިސްރާއީލުން ވަނީ 16 ހާހަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ. ބޯހިޔާވަހިކަމުގެ 280 ޔުނިޓް ވަނީ ތަޅައިލައިފައެވެ.

ޠޫފާނުލްއަޤްޞާގެ ހަނގުރާމައަށް ބަލާއިރު ފަލަސްޠީނުގެ ރައްޔިތުން ހާމަކުރަމުންދަނީ އެމީހުންގެ މިނިވަންކަމަށް މަސައްކަތްކުރާނެކަމެވެ. އެމީހުން ދެކޮޅުހަދަމުން ދަނީ އެމީހުންގެ ބިމަށް އިސްރާއީލު އަރައި އޮތްއޮތުމާއެވެ. އެމީހުންގެ ޤަޟިއްޔާ ބާޒާރުކުރުމާ ދެކޮޅު ހަދާކަމެވެ. އެމީހުންގެ ޖިހާދު ހުއްޓުވައެއް ނުލެވޭނެއެވެ. އެމީހުން ބުނާގޮތުގައި މުޅި ދުނިޔެ އެކަމާ ދެކޮޅަށް ތެދުވިޔަސް ބިން ފޭރިގަނެގެން އުޅޭ މީހާއާ ބިމުގެ ވެރިފަރާތް ތަފާތުވާނެއެވެ. ގެއްލުންތައް ކިތަންމެ ބޮޑުވިޔަސް ޙައްޤުގެ ވެރިޔާއަށް އޭނާގެ  ޙައްޤު ލިބޭނެކަމެވެ. 

ނުހުއްޓި ކުރިއަށް ދަނީ ކީއްވެ

އޮށްގަލުގެ އިންތިފާޟާއާ ހަމައިން ފަލަސްޠީނު ރައްޔިތުންގެ ޖިހާދަށް ހުއްޓުމެއް ނާދެއެވެ. މި އިންތިފާޟާއަށް ފަހު ދެން ފެނުނީ ބަރަކާތްތެރި އަޤްޞާ މިސްކިތަށް ނަޞްރުދިނުމަށް ޓަކައި 1996ގައި ތެދުވި ތަނެވެ. އެއަށްފަހު 2000 ވަނަ އަހަރުވެސް އަޤްޞާއަށް ޓަކައި ފަލަސްޠީނީން ތެދުވިއެވެ. 

ފަލަސްޠީނުގެ އިންތިފާޟާތަކުގެ ސަބަބުން އަދިވެސް ދައުލަތަކާ ހަމައަކަށް ނާދެވެއެވެ. ޕީއެލްއޯ (ޕެލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން) އަކީ ފަލަސްޠީނުގެ މިއަދުގެ ސަރުކާރުގެ ބިންގަލެވެ.ފަލަސްޠީނީން މި ތަޖްރިބާތައް ތަކްރާރު ކުރަނީ ކީއްވެގެން ބާވައެވެ؟

ދާރިސަކު ވިދާޅުވާގޮތުގައި އިންސާނަކަށް ލިބިފައިވާ އެންމެ އަގުބޮޑު ދޭއްޗަކީ އޭނާގެ ޢަޤީދާއާއި މިނިވަންކަމެވެ. އޭނާގެ ޢަޤީދާ ރައްކައުތެރިކުރަން ބޭނުންވާ މީހާ އޭނާގެ މިނިވަންކަމަށް ޓަކައި މަސައްކަތް ކުރާނެއެވެ.

 އޭނާ ވިދާޅުވިގޮތުގައި ފަލަސްޠީނު ރައްޔިތުން މަސައްކަތްކުރަނީ ގިލަންތަކާއި ބަލާވެރިކަމާއެކުގައި ވެސް މިނިވަންކަން ހޯދުމަށެވެ. އިނގިރޭސި އިންތިދާބުން ފެށިގެން އިސްރާއީލު ފަލަސްޠީނަށް ވެރިގަތް ހިސާބުން ފެށިގެން މި ޖިހާދު ދަނީ ކުރިއަށެވެ.
އިސްރާއީލުން އަބަދުވެސް ދަނީ ފަލަސްޠީނޭ ކިޔާ ބިމެއް ވުޖޫދުގައި ނުވާކަމަށާއި ފަލަސްޠީނު މީހުންނަކީ އުޅުނު އަދި އުޅޭ ބައެއް ނޫންކަން ދައްކާށެވެ. އެކި ސިފަސިފައިގައެވެ. ފަލަސްޠީނުގެ ބިން ތަންތަންކޮޅުން ނަގައި އިސްރާއީލަށް އެއްކުރަމުންނެވެ. ފަލަސްޠީނު މީހުންގެ ގެދޮރާއި ބިނާރުތައް ހަލާކުކޮށް ނައްތައިލައިގެންނެވެ. ފަލަސްޠީނު މީހުން އެމީހުންގެ ބިމުން ބޭރުކޮށްލައިގެންނެވެ. 

އެހެނަސް ފަލަސްޠީނު މީހުން އަމާނެއް ނުދެއެވެ. ނުރައްކާ ބޮޑުވާން ފަށައިފިނަމަ މި ނުރައްކަލާ ދެކޮޅަށް ތެދުވެއެވެ. އިންތިފާޟާތައް ރޯކޮށް ފަތުރައެވެ.

ނަސްލު ފުހެލުމުގެ ހަނގުރާމައެއް

ފަލަސްޠީނުގެ މުޖާހިދުންގެ 1987 ވަނަ އަހަރުގެ އިންތިފާޟާއާއި 2023 ގެ އިންތިފާޟާ ވަރަށް ތަފާތެވެ. އިސްރާއީލުގެ ރައްދުފިޢުލު ވަރަށް އަނިޔާވެރިއެވެ. މީހުން މެރުމާއި ތަންތަން ފުޑުފުޑުކުރުމުގެ ސިޔާސަތު މާ ބޭއިންސާފެވެ. މީހުން ބަނޑަށް ޖައްސައިގެން މެރުމާއި ޙިޞާރުކޮށްގެންނާއި އިންސާނުންނަށް ބޭނުންވާ އަސާސީ މުހްތާދުތަކުން މަޙްރޫމުކޮށްގެންނެވެ. ބައިނަލްއަޤްވާމީ ޤާނޫނު މަނާކުރާ ހަތިޔާރުތައް (ކޯޅިބޮމާއި ހުދު ފޮސްފޯރު ބޮމާއި އަލިފާންބޮމާއި 2،000 ޓަނުގެ ބިޔަ ބޮންފަދަ ހަތިޔާރުތައް) ބޭނުންކޮށްގެންނެވެ. މިފަހަރުގެ އަމާޒަކީ ނަސްލު ނައްތައިލުމެވެ. ފަލަސްޠީނު ވުޖޫދުން ފުހެލުމެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *