...

Support Us

ޗައިނާއިން އަފްޣާނިސްތާނުގެ ތޯލިބާނު ސަރުކާރު ބަލައިގެންފި ކަމުގެ އިޝާރާތެއް

ޗައިނާގެ ވެރިރަށް ބެއިޖިންގައި ޖެނުއަރީ 30 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ބޭރުގެ ސަފީރުން، ދިގު ކިޔޫއެއްގައި ތިބެގެން ރައީސް ޝީ ޖިންޕިން އަށް، މަގާމުގެ ފަތްކޮޅު އަރުވަމުން ދިޔައިރު އެ 42 ސަފީރުންގެ ތެރޭގައި "އެހެން ކަހަލަ ޝަޚުސިއްޔަތެއް" ހުއްޓެވެ.

ދެ އަހަރަށް ވުރެ ގިނަ ދުވަހުގެ މަޝްވަރާތަކަށް ފަހު، ޗައިނާއިން އަފްޣާނިސްތާނުގެ ވެރިކަމުގައި ތިބި ތޯލިބާނުންގެ ކުރީގެ ތަރުޖަމާނު ބިލާލް ކަރީމީ ޗައިނާގެ ރަސްމީ މަންދޫބެއްގެ ގޮތުގައި ބަލައިގަތުމުން ޝީގެ ސަރުކާރަކީ، 2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަމަށް އައި ތޯލިބާންގެ ވެރިކަން ބަލައިގަތްކަމުގެ އިޝާރާތެއް ދިން ފުރަތަމަ ގައުމަށް މިހާރު ވަނީ ވެފައެވެ.

ހުޅަނގުގެ ގައުމުތަކުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ތާށިވެ، ދުނިޔޭގެ ފެންވަރުގައި ބަލައިގަތުމަށް މަސައްކަތް ކުރަމުން ތޯލިބާނުން އަންނައިރު، ޗައިނާގެ މި ފިޔަވަޅަކީ ބައިނަލްއަގުވާމީ ދުނިޔެއިން މުޅިން އެކަހެރި ވެފައިވާ ތޯލިބާނުންނަށް އަލުން ދިރުމެއް ދެވުނު ކަހަލަ ކަމަކަށް ވަނީ ވެފައެވެ.

އެމެރިކާއިން 2021 ގައި އަފްޣާނިސްތާނުން ސިފައިން އަނބުރާ ގެންދިޔަ ފަހުން ޗައިނާއިން އިންވެސްޓްމަންޓްތަކާއި މަޝްރޫއުތަކުގެ ޒަރީއާއިން އަފްޣާނިސްތާނަށް ވަނުމުން، ކުރިން ހުޅަނގުގެ ތާއީދު އޮތް އަފްޣާނިސްތާނުގެ ސަރުކާރުގެ ހުރިހާ ނުފޫޒެއް މިހާރު ވަނީ ރޫޅިގެން ގޮސްފައެވެ. އަދި އޭގެ ބަދަލުގައި ވެރިކަމާ ހަވާލުވީ ތޯލިބާން ޖަމާއަތެވެ.

އެކަމަކު ޖެނުއަރީ 30 ވަނަ ދުވަހު ބެއިޖިން އިން ތޯލިބާނު ރަސްމީ ސިފައެއްގައި ބަލައިގަންނަން ތައްޔާރު ކަމުގެ "ޝައްކުތަކެއް" ފެތުރިގެން ދިޔައިރު، ޗައިނާގެ ފޮރިން މިނިސްޓްރީން އަވަސް އަވަހަށް ބަޔާނެއް ނެރެ، ކަރީމީ އެރުވި "ސަފީރު ކަމުގެ ފަތްކޮޅަކީ" އަފްޣާނިސްތާނުގެ މިހާރުގެ ވެރިން ޗައިނާއިން ރަސްމީކޮށް ބަލައިގަތުމުގެ އިޝާރާތެއް ނޫން ކަމަށް ބުނެފައިވެއެވެ.

ޗައިނާއިން މިހެން ބުނި ކަމުގައި ވިޔަސް، ސަފީރު ކަމުގެ ފަތްކޮޅު ކަރީމީގެ އަތުން ޝީ އަށް އަރުވާފައިވުމުން، ބެއިޖިންގ އިން މި ބުނި ބުނުން ހުޅަނގުން ބަލައިނުގަންނާނެ ކަމަށް ހުޅަނގުގެ ގައުމުތައް މިހާރު ވަނީ ބުނެފައެވެ.

މިއީ އަފްޣާނިސްތާނުގެ ވެރިކަމަށް ތޯލިބާނުން އައި ފަހުން ޑިޕްލޮމެޓިކް ގޮތުން ތޯލިބާނު ސަރުކާރަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ބައިނަލްއަގުވާމީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމާ ގުޅިގެން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވި ފަހުން ބައިނަލްއަގްވާމީ މައިދާނުގައި ތޯލިބާން އެކަހެރިވެފައިވަނީ އަންހެނުންގެ ހައްގުތަކާއި ފަރުދުންގެ މިނިވަންކަން ހަނި ކުރުމުން ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ބެއިޖިންގައި ހުންނަ ތޯލިބާނުންގެ މަންދޫބެއްގެ ގޮތުގައި ޗައިނާއިން ކަރީމީ ބަލައިގަތީ ކީއްވެގެން ކަމާ މެދު ގައުމުތަކުން މިހާރު އަންނަނީ ސުވާލު ކުރަމުންނެވެ.

އަފްޣާނިސްތާނުގެ ތޯލިބާނު ސަރުކާރަކީ ދުނިޔޭގެ ގިނަ ސަރުކާރުތަކުން ބާކީކޮށްފައިވާ ބައެއްގެ ގޮތުގައި ދެކޭ ދަނޑިވަޅެއްގައި ޗައިނާއިން ވަނީ އެ ޖަމާއަތާ ގުޅުން ވަރުގަދަކޮށް، އެތައް ވިޔަފާރީގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ. އެ ގޮތުން ޗައިނާގެ ގިނަ ކުންފުނިތަކަކުން ވަނީ 25 އަހަރަށް ދެމިގެންދާ ތެޔޮ ގަތުމުގެ މަޝްރޫއެއްގައި  ސޮއި ކޮށްފައެވެ. މީގެ ދަށުން ފުރަތަމަ އަހަރަށް 150 މިލިއަން ޑޮލަރު އަފްޣާނިސްތާނަށް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ކުރިއަށް އޮތް ތިން އަހަރު 540 މިލިއަން ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

"ތޯލިބާނުންނަކީ ޗައިނާ ސަރުކާރަށް ނޭނގޭ ބައެއް ނޫން؛ 1990 ގެ އަހަރުތަކުގެ ފަހުކޮޅު ތޯލިބާނުން ބާކީ ކޮށްލާފައި ތިއްބާ އެމީހުންނާ ގުޅި، ޗައިނާއިން އަފްޣާނިސްތާނާ ދެމެދު އޮތް ގުޅުން ކުރިއަށް ގެންދިޔަ،" ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (އެސްއައިޕީއާރުއައި) ގެ ރިސާޗަރު ޖިއާއީ ޒޯ، އަލްޖަޒީރާއަށް ވިދާޅުވި އެވެ.

ޗައިނާ އާއި ތޯލިބާނުންނާ އެކު ދިގު ޒަމާންތަކެއް ވަންދެން އޮތް ގުޅުމަކީ އަފްޣާނިސްތާނު ބާކީ ކޮށްލާފައި އެހެން ގައުމުތަކުން އޮތުމުން، އެ ގައުމުގެ ހާލަތާ ބައްދަލު އެހީތެރިކަމެއް ދޭން ވެގެން ޗައިނާއިން މިހާރު އަފްޣާނިސްތާނަށް ދިއްކުރާ "އެހީގެ އަތެއް" ކަމަށް ބައެއް ޑިޕްލޮމެޓުން ސިފަ ކުރައްވައެވެ.

މި ގޮތުން ބަލާއިރު، އަފްޣާނިސްތާނުގެ "އަވަށްޓެރިއެއްގެ ގޮތުގައި އޮތް އޮތުމަކީ ވެސް ޗައިނާއިން ބަލައިގަންނަ" ކަމެއް ކަމަށް ވެއެވެ.

ބައެއް ސިޔާސީ ފަރާތްތަކުން ބުނަނީ އަފްޣާނިސްތާނުގައި ތޯލިބާނު ފިޔަވާ އެހެން "ބާރެއް" ނެތުމުން، އެންމެ ރަނގަޅު ގޮތަކީ ކޮންމެވެސް ކަހަލަ "އިންސާނިއްޔަތު ކަމުގެ ގުޅުމެއް" ބެހެއްޓުން މުހިންމު ކަމަށެވެ. އަދި މިހެންވެ، ތޯލިބާނުގެ ސަފީރަކު ބަލައިގަތް ފުރަތަމަ ގައުމަކީ ޗައިނާ ކަމަށް ވިޔަސް، ރަޝިޔާ، އިރާން، ތުރުކީ އަދި އިންޑިއާއިން އަފްޣާނިސްތާނުގައި މިހާރު އެމްބަސީ ހުޅުވާފައި ވާތީ މިއީ އަފްޣާނިސްތާނުގެ އާއްމު ހާލަތު އަލުން ހަމަ މަގަށް އަޅުވަން މުހިންމު ފިޔަވަޅެއް ކަމަށެވެ.

ހުޅަނގުގެ ދެކޮޅުވެރިކަމުގެ ސަބަބުން، ޚާއްޞަކޮށް ދަތިކުރުމުގެ ފިޔަވަޅުތަކާހެދި، ހުޅަނގުގެ އެހީއަށް ބަރޯސާވެފައިވާ އަފްޣާނިސްތާނަށް އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފައިވެއެވެ. ވަޒީފާ ނެތުމާއި ބަނޑުހައިހޫނުކަން ފުޅާވެފައިވާއިރު، 2024 ވަނަ އަހަރު ގާތްގަނޑަކަށް 23.7 މިލިއަން މީހުންނަށް އިންސާނީ އެހީތެރިކަން ބޭނުންވާ ކަމަށް ބައިނަލް އަގުވާމީ އެހީ ދޭ ޖަމާއަތްތަކުން ލަފާކުރެއެވެ.

ބައިނަލްއަގްވާމީ އެތައް އިދާރާއަކުން އެއްކުރި މައުލޫމާތުތަކަށް ބަލާއިރު، 13 މިލިއަނަށް ވުރެ ގިނަ މީހުން – އެގައުމުގެ އާބާދީގެ ގާތްގަނޑަކަށް 30 ޕަސެންޓް – އަށް ކާބޯތަކެތީގެ ރައްކާތެރިކަން އިންތިހާއަށް ދަތިވެފައިވެ އެވެ. އެ އަދަދު މާޗް މަހުގެ ނިޔަލަށް 15.8 މިލިއަނަށް އަރާނެ ކަމަށް ވެސް އެ ފަރާތްތަކުން ލަފާކުރެވެ އެވެ.

ހަމައެފަދައިން 2022 ވަނަ އަހަރު، އދ.ގެ މަސައްކަތްތެރިންނާ ބެހޭ ޖަމިއްޔާ ކަމަށްވާ އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައި.އެލް.އޯ) އިން ކުރި އަންދާޒާއަކުން ދައްކާ ގޮތުގައި ތޯލިބާނުން ވެރިކަމަށް އައި ފަހުން ގައުމުގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) 35 ޕަސެންޓް ދަށްވެ، 2021 ވަނަ އަހަރުން ފެށިގެން 900،000 އަށް ވުރެ ގިނަ މީހުންގެ ވަޒީފާ ވަނީ ގެއްލިފައެވެ.

މި ދަތިތަކާ ކުރިމަތިލާން ޖެހުމުން ތޯލިބާނުންނަށް ވަނީ ބައިނަލް އަގުވާމީ އެހީ އަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކާއި ޗައިނާ އާއި ރަޝިޔާ އާއި އިންޑިއާ ފަދަ ސަރަހައްދީ ބާރުގަދަ ގައުމުތަކާ އެކު ވަރުގަދަ ގުޅުންތަކެއް ތޯލިބާނުން ގާއިމު ކުރަން ބޭނުންވަނީ މި ސަބަބުތަކާ ހުރެ ކަމަށް ޑިޕްލޮމެޓުން ވިދާޅުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *