ނައިޖަރުގެ ބޮޑުވަޒީރު ޢަލީ އަލްއަމީން އައްޒައިން ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްގުޣާނުގެ ދަޢުވަތަކަށް މި މަހު ކުރީކޮޅު ތުރްކީއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުން ތުރްކީ އެފްރިކާގެ ގުޅުމާ ދިމާއަށް ހުޅަނގުގެ ލޯތައް ހުއްޓިގެން ދިޔައެވެ. ތުރްކީން އެފްރިކާގައި ސިޔާސީ އިޤްތިޞާދީ އަދި ޢަސްކަރީ ގުޅުންތައް ވަރުގަދަކޮށް ފުޅައުކުރުމަށް މަސައްކަތްކުރަމުންދާކަން ހާމަވެގެން ދިޔައެވެ.
އެފްރިކާ ބައްރުގައި ތުރްކީގެ ވުޖޫދު ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންދާތާ ދެ ދަހަރު ވެއްޖެއެވެ. ތުރްކީ ދެކޭގޮތުގައި އެފްރިކާއަކީ ވުނަކުރުމަށް ބޭނުންވާ ރަނގަޅު ވެށްޓެއް އޮތް ތަނެކެވެ. ޢާލަމީ އިޤްތިޞާދުގެ މުއްސަނދިކަމުގެ ވަސީލަތްތަކުގެ 65% އެފްރިކާގައި އޮތީތީއެވެ. މި މުއްސަނދިކަން ހެޔޮގޮތުގައި ބޭނުންކޮށް އުފެއްދުންތެރިކަމުގެ މައިދާނަށް ނެރެންޖެހޭ ކަމަށް ތުރްކީ ދެކޭތީއެވެ.
ދެހާސް ވިހި ވަނަ އަހަރު ފެށުނުތަނާ މާލީއަށް ގެނައި އިންޤިލާބާ ވިދިގެން ހުޅަނގު އެފްރިކާގައި އޮތް ފަރަންސޭސި ނުފޫޒު ވަނީ ހިނދެން ފަށައިފައެވެ. ޢާލަމީ ވާދަވެރިކަމާއި ނުފޫޒު ފެތުރުމުގެ ފުޅައު މައިދާނަކަށް ވެފައިވާ އެފްރިކާއަށް ތުރްކީން ވަނުމަށް މަސައްކަތް ފެށީ އިޤްތިޞާދީ އެއްބާރުލުމުގެ ފާލަންތަކާއި ހަތިޔާރު ވިއްކުމުގެ ބާޒާރުތަކުގެ ތެރެއިން ލައިފައެވެ.
ޑިޕްލޮމެޓިކް ގުޅުންތައް
ތުރްކީގެ ޑިޕްލޮމަސީ ފަށައިގަތީ އެފްރިކާގެ ޤައުމުތައް ލަފައިލުމުގެ އިސްތިރާޖަކުންނެވެ. މި ކަމަށް ޓަކައި ތުރްކީގެ ޑިޕޮމެޓިކު ހުޟޫރު އިތުރުކޮށް ޑިޕްލޮމެޓިކް އޮފީސްތައް ހުޅުވަން ފެށިއެވެ. އަދި 2002 ގައި އެފްރިކާގައި ހުރީ ތުރްކީގެ އެންމެ 12 ސަފާރާއެވެ. އޭގެ ފަހުން 2022 އަށް ދިޔައިރު ސަފާރާތަކުގެ ޢަދަދު ވަނީ 44 ްަށް އިތުރުކޮށްފައެވެ. މިއާ ފަރަލިކޮށް ތުރްކީގައި ހުރި އެފްރިކާގެ ޤައުމުތަކުގެ ސަފާރާތަކުގެ ޢަދަދު ވެސް އިތުރުވެގެން ދިޔައެވެ.
ތުރްކީގައި 2008 ގައި ހުރީ އެފްރިކާގެ 10 ސަފަރާއެވެ. އަދި 2021 ގައި މި ޢަދަދު ވަނީ 37 ްަށް އިތުރުވެފައެވެ. އެހެންކަމުން ތުރްކީއަކީ އެފްރިކާ ބައްރުގައި ސަފާރާތައް އެންމެ ގިނަ ހަތަރު ވަނަ ޤައުމު ކަމުގައި ވެގެން ދިޔައެވެ. އެއީ އެމެރިކާއާއި ޗައިނައާއި ފަރަންސޭސި ވިލާތަށް ފަހުގައެވެ.
ތުރްކީގެ ޚާރިޖިއްޔާ ބުނާގޮތުގައި އެފްރިކާގެ ޤައުމުތަކާއެކު ގުޅުންތައް ޤާއިމުކޮށް ފުޅައުކުރުމަކީ ތުރްކީގެ ޚާރިޖީ ސިޔާސަތުގެ މައި ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ތުރްކީން އެފްރިކާގެ ޤައުމުތަކާއެކު ގުޅުންތައް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިގަތީ 2005 ގައި އެފްރިކާ އިއްތިޙާދު ޖަމާޢަތުގައި ތުރްކީއަށް އޮބްޒަރވަރެއްގެ ހައިސިއްޔަތު ލިބުމުންނެވެ. އެ އަހަރު ތުރްކީން ވަނީ "އެފްރިކާއަށް ހުޅުވައިލުމުގެ" ނަމުގައި އައު މަގުޗާޓެއް ކުރަހައިފައެވެ.
އެފްރިކާއާއެކު ބައިވެރިވުން
މި ގުޅުން ބަދަހިކޮށް ވަރުގަދަކުރުމުގެ މައިދާނުގައި 2008ވަނަ އަހަރު ތުރްކީގެ އިސްތަންބޯލުގައި ތުރްކީ އެފްރިކާ ސަމިޓެއް ބޭއްވިއެވެ. މި ސަމިޓްގެ ޝިޢާރަކީ "ގުޅިފައިވާ ކުރިމަގު" އަދި ބައިވެރިންގެ މެދުގައި "އެއްބާރުލުމާއި އެކަތިގަނޑަކަށްވުން" އެވެ. މި ސަމިޓްގެ ނިންމުންތަކާއެކު އެފްރިކާގެ ތަރައްޤީއާ ބެހޭ ބޭންކުގެ މެންބަރަކަށް ތުރްކީ ވެގެން ދިޔައެވެ. މިއީ މި ބައްރުން ބޭރުގެ ޤައުމަކަށް މި ބޭންކުގެ މެންބަރުކަން ދެވުނު ފުރަތަމަ ޤައުމެވެ. މި ކަމާ ވިދިގެން އެފްރިކާގެ ތަރައްޤީއާ ބެހޭ ވަރަށް ގިނަ މަޝްރޫޢުތަކަށް ތުރްކީން ފައިސާގެ އެހީ ފޯރުކޮށްދޭން ފެށިއެވެ.
ދެހާސް ސާދަ ވަނަ އަހަރު ތުރްކީ- އެފްރިކާ ދެވަނަ ސަމިޓް އިސްތިވާއީ ގިނީގެ މަލާޔޫގައި ބޭއްވިއެވެ. މި ސަމިޓްގައި 2015 އިން 2019 އަށް ތަންފީޒު ކުރާނެ ގުޅިފައިވާ މަސައްކަތުގެ އިސްތިރާޖެއް އެކުލަވައިލިއެވެ.
މީގެ އިތުރުން 2008 އާއި 2023 ދެމެދުގައި ތުރްކީގެ ރައީސް އެފްރިކާގެ 30 ޤައުމަކަށް ޒިޔާރަތް ކުރެއްވިއެވެ. މި ދަތުރުފުޅުތަކުގައި ތުރްކީގެ ވުނަކުރުމުގެ ސަމުގާ އެފްރިކާއާ ދިމާއަށް އަނބުރައިލެއްވިއެވެ.
ވުނަކުރުމާއި ވިޔަފާރީގެ މުޢާމަލާތުތައް
ތިންވަނަ ސާސްކަފު ފެށުމާއެކު ތުރްކީގެ ވިޔަފާރި ކުންފުނިތައް އެފްރިކާއާ ދިމާޔަށް މިސްރާބު ވަނީ ޖަހައިފައެވެ. މިގޮތުން 1.3 ބިލިއަން މީހުން އުޅޭ އެފްރިކާ ބައްރަކީ ބޮޑު އަދި ބިޔަ މާރުކޭޓެއް ކަމަށް ތުރްކީ ބަލައިގަތެވެ. އަދި 2003 ވަނަ އަހަރު ތުރްކީއާއި އެފްރިކާއާ ދެމެދުގައި ބަދަލުކުރި ވިޔަފާރީގެ މިންވަރަކީ ތިން ބިލިޔަން ޑޮލަރު ކަމުގައި ވިޔަސް 2021 ގައި މި ޢަދަދު 26 ބިލިޔަނަށް މައްޗަށް އުފުލުނެވެ.
ތުރްކީއަށް ބޭނުންވާ ތެލާއި ގޭހުގެ 90% އެތެރެކުރަނީ އެފްރިކާގެ ޤައުމުތަކުންނެވެ. އެފްރިކާއަކީ ތެލުގެ މުއްސަނދިކަމަށް ބަލާއިރު ދުނިޔޭގެ ރިޒަރވްގެ 10% އެވެ. އަންކަރާއިން މަސައްކަތް ކުރަނީ ޚާއްޞަ އަގެއްގައި ތެލާއި ގޭސް އެފްރިކާއިން ހޯދުމަށެވެ.
ނައިޖީރިޔާއިން ބޭރުކުރާ ގޭހުގެ 90% ދަނީ ތުރްކީއަށެވެ. ޖަޒާއިރަކީ ތުރްކީއަށް ބޭނުންވާ ދިޔާ ގޭހުގެ ހަތަރުވަނަ މަޞްދަރެވެ. އިތިޔޯޕިޔާގައި ތުރްކީގެ ތަފާތު 200 ކުންފުނި އެބަ ހުއްޓެވެ. މި ކުންފުނިތަކުގައި 300 ހާސް މީހުން މަސައްކަތް ކުރެއެވެ. ޗައިނާ ނަގައިފައި އިތިޔޯޕިޔާގައި އެންމެ ބޮޑަށް ވުނަކުރާ ޤައުމަކީ ތުރްކީއެވެ.
އެފްރިކާގައި ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ތުރްކީގެ ކުންފުނިތައް ވުނަކުރުމުގެ މައިދާނުގައި ވަރަށް މުހިއްމު ދައުރެއް ކުޅޭތަން ފެނެއެވެ. މިގޮތުން 2021 ވަނަނއަހަރު މި ކުންފުނިތަކުގެ މަސައްކަތް ވަނީ 71.1 ބިލިޔަނަށް ފުޅައުވެފައެވެ.
ޢަސްކަރީ ވުޖޫދު
ވިޔަފާރިއާއި ވުނަކުރުމުގެ މައިދާނުގައި ފައިތިލަ ސާބިތުކުރުމަށްފަހު ތުރްކީން މިހާރު މަސައްކަތް ކުރަނީ އެފްރިކާތެރޭގައި އެމިހުންގެ ޢަސްކަރީ ވުޖޫދު ވެސް ވަރުގަދަ ކުރެވޭތޯއެވެ.
މި ސިޔާސަތުގެ ދަށުން ތުރްކީން ކެންޔާއާއި އިތިޔޯޕިޔާއާއި ޔޫގެންޑާއާއި ޓެންޒާނިޔާ ފަދަ އެފްރިކާގެ ބައެއް ޤައުމުތަކާއެކު ސިފައިންނަށް ތަމްރީނުދިނުމާއި ކަނޑުފޭރުމުގެ ޢަމަލުތަކާއި ނިރުބަވެރި ޙަރަކާތްތަކާ އިދިކޮޅު ތަމްރީނުތައް ދިނުމުގެ މަސައްކަތް ފެށިއެވެ. މީގެ އިތުރަށް ޢަސްކަރީ ޞިނާޢަތްތަކަށް ޓަކައި އައު ބާޒާރުތައް ވެސް ހޯދަންފެށިއެވެ.
ތުރްކީން މިހާރު ވަނީ އެފްރިކާ ބައްރުގައި ޢަސްކަރީ ކަންތައްތަކާ ބެހޭ 37 އޮފީހެއް ހުޅުވައިފައެވެ. އެއާއެކޖ 2021 ގައި ތުރްކީން އެފްރިކާއަށް ވިއްކި ހަތިޔާރުގެ އަގު ވަނީ 328 މިލިޔަން ޑޮލަރަށް އިތުރުވެފައެވެ.
ތުރްކީގެ ރައީސް އުރްދުޣާން 2021 ގައި ވިދާޅުވިގޮތުގައި އިތިޔޯޕިޔާއާއެކު ތުރްކީ ދެމިއޮންނާނެއެވެ.
ރައީސް އުރްދުޣާން 2018 ގައި މޮރިޓޭނިޔާއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވިގޮތުގައި އެފްރިކާގެ އައްސޭރިފަށުގެ ޤައުމުތަކަށް ނިރުބަވެރިންނާ ހަނގުރާމަ ކުރުމަށް ޓަކައި ފަސް މިލިއަން ޑޮލަރުގެ އެހީއެއް ދޭނެއެވެ.
ހުޅަނގު އެފްރިކާގައި ފަރަންސޭސިވިލާތާ ދެކޮޅަށް ފެތުރެމުންދާ ހަތުރުވެރިކަމުގެ ސިޔާސަތާ ވިދިގެން މި ޤައުމުތަކުގެ ރައީސުން ތުރްކީގެ ސިޔާސީ ޢަސްކަރީ އެހީއަށް ދަނީ އެދިވަޑައިގަންނަވަމުންނެވެ. ހުޅަނގު އެފްރިކާގެ ޖަމްޢިއްޔާ އެކްވާސުން އެ ޖަމާޢަތުގެ ބައެއް މެންބަރު ޤައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމުމުން ތުރްކީން މި ޤައުމުތަކަށް އެހީވުމަށް ނިންމިއެވެ. އަދި 2020 ގައި މާލީއާ ދެކޮޅަށް ފިޔަވަޅު އެޅުމުން ތުރްކީގެ ޚާރިޖީ ވަޒީރު މާލީއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. ތުރްކީން އުފައްދާ ބައިރަޤްދާރު ޑްރޯނެއް މާލީގެ ރައީސަށް މި ދިޔަ ޖަނަވަރީ މަހު ވެދުމަށް އެރުވުނެވެ. މި ރަސްމިއްޔާތަށްފަހު ތުރްކީގެ ޚާރިޖީވަޒީރުގެ ނައިބު އަޙްމަދު ޔިލްދަޒް، ބާމާކޯއަށް ވަޑައިގެން މާލީ– ބުރްކީނާ ފާސޯ– ނައިޖަރު އިއްތިޙާދަށް ތާރީފުކުރެއްވިއެވެ. ނައިބު ވަޒީރު ޔިލްދަޒަކީ ތުރްކީ ޚާރިޖިއްޔާގައި އެފްރިކާގެ ކަންތައްތަކާ ބެހޭ އިދާރާ ބަލަހައްޓަވާ ވެރިޔާއެވެ.
ޖަނަވަރީ 17 ވަނަ ދުވަހު ބުރްކީނޯ ފާސޯއާއި ތުރްކީގެ ގުޅިފައިވާ ވުޒާރާ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުނެވެ. މި ކޮމެޓީން ވަނީ މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.
މިދިޔަ އަހަރުގެ 26 ޖުލައިގައި ނައިޖަރަށް ގެނައި ޢަސްކަރީ އިންޤިލާބާ ވިދިގެން އެ ޤައުމާ ދެކޮޅަށް އެކްވާސުން ފިޔަވަޅު އަޅަން ނިންމުމުން ތުރްކީން ނައިޖަރަށް ތާއީދުކޮށް ނައިޖަރާ އެކު ތުރްކީ އޮންނާނެކަން ހާމަކުރިއެވެ.
ގޮންޖެހުންތަކާއި ހުރަސްތައް
އެފްރިކާގައި ތުރްކީއާ ކުރިމަތިވެފައިވާ ހުރަސްތަކާއި ގޮންޖެހުންތައް މަދެއްނޫނެވެ. ދީނީ އަދި ނަސްލީ އަރާރުންތަކުގެ ސަބަބުން އެފްރިކާއަކީ ހަލަބޮލި ބައްރެކެވެ.
މީގެ އިތުރަށް އެފްރިކާގައި ނިރުބަވެރި ޙަތަކަތްތަކާއި ހަތިޔާރު އެޅި ވާދަވެރި ޙަރަކަތްތައް ވަނީ އުފެދި ފާޅުވެފައެވެ.
ބައިނަލްއަޤްވާމީ ބޮޑެތި ބާރުތަކުން (އެމެރިކާއާއި ޗައިނާއާއި ރަޝިޔާއާއި އިސްރާއީލު) ދަނީ މި ބައްރުގައި އެ ޤައުމުތަކުގެ ނުފޫޒު ފެތުރުމަށް މަސައްކަތް ކުރަމުންނެވެ. އެކަމުގެ ސަބަބުން ވަނީ ޢަސްކަރީ އިޤްތިޞާދީ ޖިޔޯސިޔާސީ ވާދަވެރި މާޙައުލެއް އުފެދިފައެވެ.