...

Support Us

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުން ފައިދާ ލިބެނީ ރަޝިޔާއަށްތަ؟ 

އިސްރާއީލާއި ޙަމާސާ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިން  ފައިދާ ލިބެމުންދާ ބަޔަކު ވާނަމަ ހަމަކަށަވަރުން ވެސް އެންމެ ބޮޑަށް ފައިދާ ލިބޭ ފަރާތަކީ ރަޝިޔާކަން ކަށަވަރެވެ. މި ހަނގުރާމައިގެ ސަބަބުން ރައީސް ޕޫޓިނަށް ބައިނަލްއަޤްވާމީ މުޖްތަމަޢުގައި އަޑުއުފުއްލެވުމުގެ ދޮރު ތަނަވަސްވެގެން ދިޔައެވެ. ޞުލްޙައަށް ޓަކައި އިސްނެގުންތައް ހުށައަޅުއްވަން ފެށްޓެވިއެވެ. ރަޝިޔާއާއި އިސްރާއީލާ ދެމެދުގައިވާ ބަދަހި ގުޅުމާއެކުގައި ވެސް ފަލަސްޠީނު މީހުންނާމެދު ޢަދްލުވެރި ނަޒަރަކުން ބެއްލެވުމުގެ މަނަސް ހޯއްދެވިއެވެ.

އެމެރިކާއިން ދުނިޔެއަށް ދައްކަމުންދިޔަ ފޮޓޯތައް ޣައްޒާ ހަނގުރާމައިގެ ސަބަބުން އަނެއް އަތަށް ފުރޮޅިގެން ދިޔައެވެ. ޣައްޒާ ތަޅުލައިގެން ޙިޞާރުކޮށްގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުތަކާއި ނަސްލުހޭދުތަކުގައި އެމެރިކާއިން އިސްރާއީލަށް އެއްވެސް ހިފެހެއްޓުމެއްނެތި މާއްދީ ގޮތުންނާއި މާނަވީގޮތުން އެހީވަމުންދާތީ ޢާންމުން މަރަން އެހީވެދޭ އެންމެ ބޮޑު ޤައުމުކަމުގައި އެމެރިކާ ލޭބަލްވިއެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެންމެ ބޮޑަށް ޚިލާފުވާ ޤައުމުކަމުގައި ވެސް އެމެރިކާ ވިއެވެ. ފެބްރުވަރީ 24، 2022 ގައި ޕޫޓިން ޔުކްރޭން ހަނގުރާމަ ފެށްޓެވުމުން އެމެރިކާއިން ޕުޓިންގެ އިސްތަށިފުޅުގައި އެޅުވީ ހަމަ މި ތުހްމަތުތަކެވެ.

ރަޝިޔާއަށް ބަލާއިރު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ލާއިންސާނީ ހަޑިމުޑުދާރު ހަނގުރާމައިގެ ސަބަބުން ރަޝިޔާއަށް އެތައް ފައިދާތަކެއް ދަނީ ލިބެމުންނެވެ. ބައެއް ފައިދާތަކަކީ  ސިޔާސީ އަދި އިސްތިރާޖީ ފައިދާތަކެކެވެ. އަނެއްބައި ފައިދާތަކަކީ  އަޚްލާޤީ ޢަސްކަރީ ފައިދާތަކެކެވެ. އަނެއްބައި ފައިދާތަކަކީ ޕްރޮޕެގެންޑާގެ މައިދާނުގައި ލިބޭ ފައިދާތަކެކެވެ. 

ހަނގުރާމައިގެ ދެ ފަރާތުން މަރުވި މަދަނީންގެ ޙައްޤުގައި ރައީސް ޕޫޓިން ތަޢުޒިޔާ ވިދާޅުވިއެވެ. ހަނގުރާމަ ހުއްޓުވުމަށް ޓަކައި ދެ ފަރާތުގެ ދެމެދުގައި ހިނގާ މެދުވެރިއެއްގެ ބައި އަދާކުރުމަށް މޮސްކޯއިން ހުށައެޅިއެވެ.

ސަލާމަތީ މަޖިލީހުގައި ރަޝިޔާގެ ދައުރު

ޙަމާސާއި އިސްރާއީލާ ދެމެދުގައި ޣައްޒާގައި އަރާރުންތައް ފެށުމުން އެކަމުގެ ޒިންމާ އުފުއްލަން ޖެހޭނީ ވޮޝިންގްޓަނަށް ކަމަށް މޮސްކޯއިން ބުންޏެވެ. މިކަމާއެކު ހުޅަނގާ އިދިކޮޅު އިއްތިޙާދު ވަރުގަދަކުރުމަށް މޮސްކޯއިން ތެދުވިއެވެ.   

ރަޝިޔާއިން ތެދުވީ އިންސާނީ ޙައްޤުތައް ރައްކައުތެރިކުރާ ލޭ އޮހޮރުވުން މަނާކުރާ ޞުލްޙައަށް ލޯބިކުރާ ކޮތަރެއްގެ ސިފައިގައެވެ. ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ގޮވައިލާ ޤަރާރެއް ސަލާމަތީ މަޖިލީހުން ފާސްކުރެވޭތޯ ރަޝިޔާއިން މަސައްކަތްކުރިއެވެ. މި ޤަރާރު ވުޖޫދަށް ނައީ އެމެރިކާއާއި ހުޅަނގުގެ ވީޓޯގެ ސަބަބުންނެވެ. ރަޝިޔާއިން އެތައް ފަހަރަކު މި މަސައްކަތް ކުރިއެވެ. ކޮންމެ ފަހަރަކުވެސް ޤަރާރު ފެނަށް ދަނީ ވޮޝިންގްޓަންގެ ވީޓޯއާ ހެދިއެވެ.

މީގެ އިތުރަށް މިޞްރު މެދުވެރިކޮށް ޣައްޒާގެ ރައްޔިތުންނަށް މޮސްކޯއިން އިންސާނީ އެހީތައް ފޮނުވިއެވެ. 

ރަޝިޔާގެ މި ޢަމަލުތަކުގެ ސަބަބުން ވާހަކައިގެ ނުބައި ބަޠަލަކަށް ވީ އެމެރިކާއެވެ. ރަނގަޅު ބަޠަލަކަށް ވީ ރަޝިޔާއެވެ.

 ރަޝިޔާއިން ވިސްނުންތެރިޔާގެ ދައުރު އަދާކުރުމަށް ވެސް ވަނީ އިސްނަގައިފައެވެ. ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް ވިދާޅުވިގޮތުގައި ޣައްޒާގެ ކޯޅުންތައް ފުޅައުވެގެންގޮސް ސަރަޙައްދީ އަރާރުމަކަށް ބަދަލުވެދާނެކަމުގެ ބިރު ދަނީ ބޮޑުވަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި މިކަމާ ބެހޭގޮތުން ރަޝިޔާއިން ދަނީ ތުރްކީއާއެކު މަޝްވަރާތައް ކުރަމުންނެވެ. މި މަސްއަލައިގައި އީރާނުގެ ބޮލުގައި ޒިންމާ އަޅުވަން މަސައްކަތްކުރުމަކީ ޖެއްސުންކުރުންކަމަށް ލެވްރޯވް ވިދާޅުވިއެވެ. 

ޙަމާސާ ރަޝިޔާ ގުޅުން ވަރަށް ހަރުދަނާ

މެދުއިރުމައްޗަކީ ރަޝިޔާއަށް ވަރަށް މުހިއްމު ސަރަޙައްދެކެވެ. ސޮވިއެޓް ޔުނިއަންގެ ޒަމާނުއްސުރެ މެދުއިރުމަތީގައި ރަޝިޔާއަށް  ދިގު އަތެއް ލިބިފައިވެއެވެ. ނަމަވެސް މިޞްރު– އިސްރާއީލު ޞުލްޙަޔާއި ޢިރާޤު ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގައި އެމެރިކާގެ ބާރާއި ނުފޫޒު ވަނީ މާ ބޮޑަށް ވަރުގަދަވެ ފެތުރިފައެވެ. އެހެންނަމަވެސް އޯޕެކް+ އާއި ބްރިކްސްގެ ސަބަބުން ރަޝިޔާގެ ނުފޫޒު މެދުއިރުމަތީގައި ފަނޑުކޮށްލުމަށް އެމެރިކާ ވަނީ ނުކުޅެދުންތެރިވެފައެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން ފިއްތަމުންދާ ފިއްތުންތަކުގެ ސަބަބުން މޮސްކޯގެ ބާރު ވަނީ އީރާނުގައި ގަދަވެފައެވެ. ޔުކްރޭން ހަނގުރާމައާއެކު މި ގުޅުން ވަނީ އިތުރަށް ފުޅައުވެ ބޮޑުވެފައެވެ. ޢަރަބި ރަބީޢަށްފަހު މި ގުޅުން ވަނީ ގަލްފުގެ ޤައުމުތަކާއި މިޞްރާއެކު އިތުރަށް ހަރުދަނާވެފައެވެ. ޖަޒާއިރާއި ސޫރިޔާއެކު އޮތް ޒަމާންވީ ގުޅުން ވަނީ ހަރުދަނާވެ އައު އުސްމިންތަކަކަށް ވާޞިލުވެފައެވެ. ސޫރިޔާގެ ރައީސް ބައްޝާރުގެ ވެރިކަން ދަހައްޓައިދީ އޭނާ ދުޝްމަނުންގެ ކިބައިން ސަލާމަތްކޮށްދިނީ ރަޝިޔާ ސިފައިން ސޫރިޔާއަށް ގޮސްގެންނެވެ.  

މޮސްކޯއަކީ ޙަމާސާއެކު ޒަމާންވީ ގުޅުންތަކެއް އޮތް ޖަމާޢަތެކެވެ. ޙަމާސަކީ ނިރުބަވެރި ޖަމާޢަތެއްކަމަށް މޮސްކޯއަކުން ނުބުނެއެވެ. ޙަމާސްގެ އިސްބޭފުޅުން މިއަހަރުވެސް އަދި މި ދިޔަ އަހަރުވެސް ވަނީ މޮސްކޯއަށް ޒިޔަރަތް ކުރައްވައިފައެވެ. މިކަމާހެދި ހުޅަނގުގެ ބައެއް ފަރާތްތައް ތުހްމަތުކުރާގޮތުގައި އަޤްޞާ ޠޫފާނުގައި މޮސްކޮގެ ދައުރެއް ވެއެވެ. މިކަމާ ބެހޭގޮތުން އެއްވެސް ފަރާތަކަށް ދަލީލެއް ދެއްކިފައެއް ނުވެއެވެ.  

އެއާޚިލާފަށް މޮސްކޯގައި ހުންނަވާ އިސްރާއީލު ސަފީރު މި ދިޔަ ހަފުތާގައި ވިދާޅުވެފައިވާ ގޮތުގައި އެއްވެސް ސިފައެއްގައި ރަޝިޔާގެ އަތެއް މި ކަމުގައެއް ނެތެވެ. ބީބީސީ އަށް އޭނާ ބުނިގޮތުގައި އެއީހަމަ ހޮޅި ވަހަކަތަކެކެވެ. އޭނާ ބުނިގޮތުގައި "ރޭވުމުގައި ވެސް ހަތިޔާރު ދިނުމުގައިވެސް އަދި ތަންފީޒުކުރުމުގައި ރަޝިޔާގެ އެހީ ޙަމާސަށް ލިބިފައިވާކަމުގެ އެއްވެސް ދަލީލެއްނެތެވެ."

ރަޝިޔާ އިސްރާއީލު ގުޅުން ސޫރިޔާގެ  ޖައްވުގައި

ރަޝިޔާއާއި އިސްރާއީލުގެ އެކުވެރިން ތަފާތުވި ނަމަވެސް ރަޝިޔާއާއި އިސްރާއީލުން ދަނީ އެ ދެ ފަރާތުގެ ދެމެދުގައި އޮތް ބަދަހި ގުޅުންތައް ދަމަހައްޓަމުންނެވެ. ސޫރިޔާގައި ހުންނަ ޙިޒްބުﷲގެ ނުވަތަ އީރާނުގެ ލަނޑުދަނޑިތަކަށް އިސްރާއީލުން ޙަމަލާތައް ދެމުންދާއިރު ރަޝިޔާއިން އެކަމާ ދެކޮޅަށް "ޗުއްޕު" ވެސް ނުބުނެއެވެ.

ހަމަ މިމޭރުމުން އިސްރާއީލުން ވެސް ރަޝިޔާ ރުޅިނާރުވާ މަސައްކަތްކުރުމަށް އިސްކަންދީފައިވާތަން ފެނެއެވެ. ޔުކްރޭންގެ މަސްއަލައިގައި ހުޅަނގާ ގުޅިގެން ރަޝިޔާ ކުށްވެރިކުރާ ތަނެއް ނުފެނެއެވެ. ޔުކްރޭން ހަނގުރާމަ ފެށުނުފަހުން އިސްރާއީލުން ކިޔީވަށް އެއްވެސް ހަތިޔާރެއް ނުދެއެވެ. އެމެރިކާއިން މި ކަމަށް އެދެމުން ދިޔައިރުވެސް ތައްލުއަބީބުން މި ކަމަށް އިޖާބައެއް ނުދެއެވެ.

ބައިނަލްއަޤްވާމީ ގުޅުންތައް ދިރާސާކުރާ ފަރަންސޭސިވިލާތުގެ މަރްކަޒުގެ ޑިރެކްޓަރު ޑިމިޓްރީ މެނިކް ވިދާޅުވާގޮތުގައި ޔުކްރޭން ހަނގުރާމައިގެ މައިދާނާ އިސްރާއީލު ދުރަށްލުމުގައި މޮސްކޯ ވަނީ ކާމިޔާބު ހޯދައިފައެވެ. 

ޔުކްރޭން ހަނގުރާމަޔާ ހެދި އިސްރާއީލު ރަޝިޔާ ދެކެ ރުޅިއަޔަސް އިސްރާއީލުގެ ބޮޑުވަޒީރު ކިޔީވަށް ޒިޔާރަތްކޮށް ކިޔީވަށް ތާއީދުކޮށްފައެއް ނުވެއެވެ. މިއީ ހުޅަނގުވެސް ވަރަށް ބޮޑަށް އެދުނު ކަމެކެވެ.

ޕޫޓިން ޙަމާސްގެ ޙަމަލާ ނިރުބަވެރި ޙަމަލާއެއް ކަމަށް ސިފަނުކުރައްވަވާ

  އޮކްޓޫބަރު ހަތެއްގައި ޙަމާސުން އިސްރާއީލަށް ދިން ޙަމަލާއަކީ ނިރުބަވެރި ޙަމަލާއެއްކަމަށް ރައީސް ޕޫޓިން ސިފަ ނުކުރައްވާކަން އެންމެން ވެސް ފާހަގަކުރެއެވެ. ހުޅަނގުން ވަނީ އިސްރާއީލާ އެއްގޮތަށް މި ޙަމަލާ ކުށްވެރިކޮށް އެއީ ނިރުބަވެރި ޙަމަލާއެއް ކަމަށް ބުނެފައެވެ. މިހާރު ވަނީ ނިރުބަވެރީންގެ ލިސްޓަށް ޙަމާސް ލައިފައެވެ.

ރަޝިޔާގެ މިއަދުގެ ސިޔާސަތަށް ބަލާއިރު ރަޝިޔާއަކީ ދުނިޔޭގެ ދެކުނު ފަޅީގެ ޤައުމަތައް ފަލަސްޠިނަށް ތާއީދުކުރާ ފަދައިން ފަލަސްޠީނުގެ މަސްއަލައަށް ތާއީދު ކުރާ އެ މަސްއަލަ އަވަހަށް ޙައްލުކުރަން ގޮވައިލާ ޤައުމެކެވެ. މި ކަމުގެ އަސަރު ރޫސީ– އިސްރާއީލު ކުރިމަގުގެ ގުޅުންތަކަށް ކުރާނެކަމަށް ދާރިސުން ވިދާޅުވެއެވެ.

ޕޫޓިނަކީ ނިކަމެތީންގެ އެހީތެރިޔާ

  ޙަމާސުން އިސްރާއީލަށް ދިން ޙަމަލާއާ ވިދިގެން ރައީސް ޕޫޓިންގެ މަރްކަޒީ މެސެޖަކީ އެއީ އެމެރިކާއިން މެދުއިރުމަތީގައި ގެންގުޅޭ އިންސާފެއް ނެތް ސިޔާސަތު ފޭލްވެފައިވާ ކަމުގެ ޢަލާމާތެކެވެ. މި ޙަމަލާގައި މޮސްކޯއިން ބޮޑަށް ކުށްވެރި ކުރީ ވޮޝިންގްޓަނެވެ. އިސްރާއީލެއް ނޫނެވެ. ވޮޝިންގްޓަން ޖަހައިލައިފާ މެދުއިރުމަތީގައި މޮސްކޯގެ ދައުރު ވަރުގަދަކުރުމަށް ލިބުނު ރަނގަޅު ފުރްޞަތެއް ކަމަށް ޕޫޓިން ދެކެވަޑައިގަތެވެ. 

ރަޝިޔާއިން ދައްކަން ބޭނުންވަނީ ޣައްޒާ ހަނގުރާމައިގައި ރަޝިޔާއަކީ އިސްތިޢުމާރާ އިދިކޮޅު ނިކަމެތީންނަށް އެހީވާ ބޮޑުބާރެއް ކަމެވެ. ހުޅަނގުން ވަރަށް ހެއްވާގޮތަކަށް ދައްކަން މަސައްކަތްކުރަނީ ޙަމާސަކީ ރަޝިޔާކަމަށެވެ. އިސްރާއީލަކީ ޔުކްރޭންކަމަށެވެ. އެހެނަސް މި ކަމުގައި ހިމެނޭ ދޮގުތައް އެންމެ ކުޑަ ކުއްޖާއަށް ވެސް ވިސްނެއެވެ. އިސްރާއީލަކީ ގަދަ ބާރުން ފަލަސްޠީނުގެ ބިންތަކަށް އަރައި އެ ބިންތައް ހިފައިގެން އޮތް ބާރެކެވެ.  

ފަލަސްޠީނަށް ތާއީދުކޮށް ހުޅަނގުގައި ބާއްވަމުންދާ މުޒާހަރާތައް ގަދަކަމުން ހުއްޓުވުމާއި މި މުޒާހަރާތަކުގައި ފަލަސްޠީނު ދިދަ ނެގުންފަދަ ޢަމަލުތައް މަނާކުރުމުން ދުނިޔެއަށް ބޭޒާރުވެގެން ދިޔައީ ހުޅަނގު އެ ބުނާ ދީމުޤްރާޠީ ނިޒާމުގެ ދޯހަޅިކަމެވެ. ރަޝިޔާ ޚުދްމުޚްތާރުކަމަށް ހުޅަނގުން ބުނާބުނުމާ ހުޅަނގުގެ ޢަމަލުތައް އަރާރުންވާ ކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *