Support Us

ރައީސް ބައިޑެން އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ދެއްވި އިފްތިތާހީ ޚިތާބު

އިސްބަހެއް:

މި އިސްބަސްކޮޅުގައި އެމެރިކާގެ 46 ވަނަ ރައީސް ޑރ. ޖޯސެފް ރޮބިނެޓް ބައިޑެންގެ އިފްތިތާހީ ޚިތާބުގެ މުހިއްމު ބައެއް ކަންކަމުގައި މައްޗަށް ކަޅިއެއް އެއްލަން ގަސްދުކުރަމެވެ.

ރައީސް ބައިޑަންއަކީ ކެތަލިކު މަސީހީއެކެވެ. އޭނާގެ ދީނީ ގަބޫލުކުރުންތަކުގެ އަސަރު ޚިތާބުން ފެނިގެން ދެއެވެ. އޭނާ މިޚިތާބު ދެއްވީ ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހުއެވެ. އެކަން ފެށުނީ ފައްޅިއަށް ޒިޔާރަތްކޮށް ދީނީ ރަސްމުތަކަށް ފަހުއެވެ. ޚިތާބުގައި ވެސް، ދީނީ އަސަރުތައް ހިމެނެއެވެ. ދުނިޔެދޫކޮށް ދިޔަ މީހުންނަށް ހެޔޮ ދުއާކުރުމެވެ. އެ ދުއާގައި ބައިވެރިވުމަށް އެންމެނަށް ދައުވަތު ދިނުމެވެ. ކުރަން ހުރި ކަންކަން ކުރުމުގައި ދީނީ ބާރުން ބާރުލިބިގަތުމެވެ. އާދެ، ގައުމެއްގެ ހުވިއްޔަތުގެ، އެއީ ކޮންބައެއްކަން އަންގައިދޭ ކަންކަމުގެ، އެންމެ މުހިއްމު އެއްކަމަކީ ދީނެވެ. އިރުމައްޗަށް ބަލާލި ކަމުގައި ވިޔަސް، ހުޅަނގަށް ބަލާލި ކަމުގައި ވިޔަސް މިކަން ފެނިގެންދާނެއެވެ. ހަމަގައިމު ވެސް، އެމެރިކާގެ ހަވިއްޔަތުގެ ތެރޭގައި ދީން ހިމެނޭކަން މިޚިތާބުން ފެނިގެން ދެއެވެ.

ދެން، ފާހަގަކޮށްލަން ޖެހެނީ ރައީސް ބައިޑަންއަކީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވެގެންވާ ބޭފުޅަކަށްވިޔަސް، އޭނާއަކީ މުޅި ގައުމުގެ ރައީސްކަމާއި އޭނާ މަސައްކަތްކުރައްވާނީ ވަކި ބައެއްގެ ފައިދާއަށް ނޫންކަމާއި އެންމެންގެ ހެވަށްޓަކައިކަން އޭނާ ބަޔާންކުރެއްވި ކަމެވެ. ޑިމޮކުރަސީގައި ޚިޔާލު ތަފާތުވުމާއި ޕާޓީތަކުގެ ފިކުރުތަކަށް ތަންދެވިފައި އޮތަސް، މިއީ ގައުމު ބައިބައި ކުރަން ޖެހޭނޭ ކަމެއް ނޫންކަން އޭނާ ފާހަގަކޮށްދެއްވިއެވެ. އިންތިޚާބުތައް ވާދަވެރިވެ، ތަފާތު ކެންޑިޑޭޓުންނަށް ތާއީދުކުރެވި، ވޯޓުނެގި، އިންތިޚާބުތައް ނިމުމުން، ދެން، އޮތީ އިންތިޚާބު ކާމިޔާބުކުރި މީހުންގެ ފަހަތުގައި އެންމެން އެކުވެގެން މަސައްކަތްކުރުމެވެ. ގައުމުގެ، ޖަމާއަތުގެ، އެންމެންގެ ހެވަށްޓަކައެވެ. އިންތިޚާބުވީ މީހުންގެ ވާޖިބަކަށް ވާންޖެހޭނީ ތިމާމެންގެ ޒާތީ ފައިދާ އެއްކިބާކޮށް، އެންމެންގެ ފައިދާއަށްޓަކައި، އެންމެންގެ ވެރިންނަށް ވެގެން، އެންމެން ތަމްސީލުކުރަމުން މަސައްކަތްކުރުމެވެ.

ދެން، ފާހަގަކޮށްލެވޭ ނުކުތާއަކީ ގައުމާ ކުރިމަތިވެފައި ހުރި ބޮޑެތި ބޮޑެތި މައްސަލަތައް ފާހަގަކޮށް ކަނޑައަޅާލުމެވެ. ގައުމުގައި ބައިބައިވުން ބޮޑުވެފައި އޮތް މައްސަލައެވެ. ކޮވިޑު ރޯގާގެ ވަބާގެ މައްސަލައެވެ. އިޖުތިމާއީ އަދާލަތު އިތުރަށް އިސްލާހުކުރަން ޖެހިފައި އޮތް މައްސަލައެވެ. ކަޅު ދޮނުގެ ތަފާތުކުރުމުގެ އުންސުރިއްޔަތުގެ މައްސަލައެވެ. ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ތަނުގެ އިގުތިސާދު ކުރިއެރުވުމުގެ މައްސަލައެވެ. ގައުމު ދިފާއުކޮށް ހިމާޔަތްކުރުމުގެ މައްސަލައެވެ. ބޭރު ދުނިޔެއާއި ގުޅުންތައް އިއާދަކޮށް ވަރުގަދަ ކުރުމުގެ މައްސަލައެވެ. މޫސުން ބަދަލުވަމުން އަންނައައުމާ ދޭތެރޭ ފިޔަވަޅު އެޅުމުގެ މައްސަލައެވެ. އަދި މިމައްސަލަތައް ހައްލުކުރަން މަސައްކަތްކުރެއްވުމަކީ އޭނާގެ ވާޖިބުކަމާއި އެމަސައްކަތުގައި އެންމެން ބައިވެރިވާން ޖެހޭކަމުގެ ވާހަކައެވެ. އާދެ، ގައުމެއް ބިނާކުރުމަކީ އެކެއްގެ ނުވަތަ ވަކި ބައެއްގެ ވާޖިބެއް ނޫނެވެ. ވަކި މީހެއްގެ ނުވަތަ ބަޔެއްގެ ކޮނޑުގައި އެޅިފައި އޮތް މަސްއޫލިއްޔަތެއް ނޫނެވެ. އެންމެންގެ ވާޖިބެކެވެ. އެންމެންގެ ވެސް މަސްއޫލިއްޔަތެކެވެ.

މި މަސައްކަތްކުރެއްވުމުގައި އޭނާ ތެދުވެރިވެ ހުންނަވާނެ ކަމަށް އޭނާ ހުވާކުރެއްވިއެވެ. އެއްވެސް މީހަކަށް، އިތުރުފުޅެއް ނުހައްދަވާނެ ކަމަށް އެންމެންގެ ކުރިމަތީގައި ވިދާޅުވެ، އޭނާ ހުވާކުރެއްވިއެވެ. އަދި މި މަސައްކަތުގައި ގައުމަށާއި މީސްތަކުންނަށް ވަފާތެރިވެ ހުންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި، ހަމަ އެގޮތުގައި އެންމެންވެސް، ތެދުވެރިވެ، ގައުމަށް އިޚުލާސްތެރިވުމަށް އޭނާ ގޮވާލެއްވިއެވެ.

އޭނާގެ ވާހަކަކޮޅު ނިންމާލެއްވީ ގައުމަށް ޝުކުރުއަދާކޮށް، މާތްރަސްކަލާނގެ ކިބަފުޅަށް ދުއާކުރައްވަމުންނެވެ. ގައުމަށް ޝުކުރުއަދާކުރުން ރަމްޒުކޮށްދެނީ ގައުމުގެ ޖަމާއަތަށް މިނިވަންކަމާއި ހައްގުތައް، ތަނަވަސްކަމާއި މުއްސަނދިކަން، ހޯދައިދެނީ ގައުމުކަމަށް ވުމުންނެވެ. ގައުމަށް ވުރެ ބޮޑު އެކަކުވެސް ގައުމުގައި ހުރެގެން ނުވާނެއެވެ. މާނައަކީ އެންމެންނަކީވެސް ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާން ޖެހޭ ބައެއްކަމަށް ވުމެވެ. މާތް ރަސްކަލާނގެ ކިބަފުޅަށް ދުއާކޮށް، އެމެރިކާއަށް ބަރަކާތްލައްވައި އެމެރިކާގެ ސިފައިން ހިމާޔަތްކޮށްދެއްވުމަށް އެދި މާތްރަސްކަލާނގެ ހަޒުރަތުގައި ރައީސް ދެންނެވިއެވެ. އާދެ، އޭނާގެ މަސައްކަތް ކުރެއްވުމަށް އިލާހުވަންތަ ފަރާތުގައި ދަންނަވައި އެފަރާތުން ވާގިއަށް އެދިލެއްވިއެވެ.

އާދެ، މި ޚިތާބަކީ، އަޅުގަނޑު ދެކޭ ގޮތުގައި، އަޅުގަނޑުމެންގެ ސިޔާސީވެރިންނަށް ވެސް، އޭގައި ދަރުސުތައް އެކުލެވިގެންވާ، އެއިން ފައިދާކުރާނޭ ޚިތާބެކެވެ.

އެންމެ ފުރަތަމަ، ތަނުގެ އާދަކާދަތަކަށް އިހުތިރާމުކުރުމެވެ. އާދަކާދަތަކުގެ ޖައުހަރަކީ ދީން ކަމަށް ވުމުން، ދީނުގެ އަސާސުތަކަށް އިހުތިރާމުކުރަން ޖެހެއެވެ. ތަނުގެ ޖަމާއަތުގެ މީހުންގެ ދީނީ އަސާސުތަކާ ފުށުއަރާ ގޮތަށް ކަންތައް ކޮށްގެން ނުވާނޭ ކަން ހިތަށް ގެންނަން ޖެހެއެވެ.

ދެވަނައަށް ލިބެން އޮތް ދަރުހަކީ ވޯޓަކުން މަގާމަކަށް އިސްވުމުގެ މާނައަކީ ހަމައެކަނި ވޯޓުދޭ މީހުންނަށް ޚިދުމަތްކުރުމެއް ނޫނެވެ. އަމިއްލަ ފައިދާ އެއްކިބާކޮށް، ގައުމާއި ޖަމާއަތުގެ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރަން ޖެހުމެވެ. ވޯޓުން މަގާމަކާ ހަމައަށް ވާސިލުވެދިޔުމަކީ ތަން ބައިބައިކޮށް، ތަނުގެ ޖަމާއަތް ގޮޅި ގޮޅިއަށް އަޅައި ތަން ބައިބައިކުރަން ޖެހޭ ކަމެއް ނޫންކަން ގަބޫލުކޮށް، އެ ގަބޫލުކުރުން އަމަލުން ދައްކަން ޖެހެއެވެ.

ތިންވަނަ ކަމަކީ ޖަމާއަތް ހިންގުމާ ބެހޭ ވަޒީފާތަކުގެ މަސްއޫލިއްޔަތަކީ ކޮބައިކަން ދެނެގަތުމެވެ. ތަނުގެ ބޮޑެތި ބޮޑެތި މައްސަލަތަކަކީ ކޮބައިކަން ފާހަގަކޮށް އެކަން ހައްލުކުރުމަށް ޕުލޭންތައް ރާވައި، އެ ޕުލޭނުތަކަށް އަމަލީ ސިފަގެނައުމެވެ. އަދި، ސަލާން ޖެހުމުގެ ސަގާފަތް ދޫކޮށް، ތަނަށް ލިބޭ އާމްދަނީ އިސްރާފުނުކޮށް، ހެޔޮ ގޮތުގައި، އެކި އެކި ޚިދުމަތްތަކުގެ ސިފައިގައި – އިގުތިސާދީ، ތައުލީމީ، ސިއްހީ، އިޖުތިމާއީ ޚިދުމަތްތަކުގެ ސިފައިގައި – ޖަމާއަތުގެ އެންމެންގެ މައްޗަށް ބެހިގެންދާނޭ ފަދަ ހެޔޮ ނިޒާމެއް ގާއިމުކުރަން މަސައްކަތްކުރުމެވެ. މިކަން ކުރުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވަނީ އެންމެންނަކީ ވެސް ހަމަހަމަ ބައެއްކަމުގައި ދުށުމެވެ. މި ހަމަހަމަކަން ނިޔާކުރަނީ، އެންމެނަށް ވެސް، ކަރާމަތްތެރި ދިރިއުޅުމެއް ލިބެން ޖެހޭނޭކަމެވެ. ވެރިޔަކީ، ނުވަތަ އެހެންވެސް، ލީޑަރަކީ، މުޅި އުއްމަތްކަމުގައި ނުބަލައި، އެކަކުވެސް، ގައުމަށް ވުރެ، ގާނޫނާއި ގަވާއިދަށް ވުރެ، ބޮޑު މީހަކަށް ނުވުމެވެ.

ހަތަރު ވަނަ ކަމަކީ ގައުމު ބިނާކުރުމުގެ މަސައްކަތް ގުޅިފައިވަނީ އަމިއްލަ ހިތްވަރާއި މަސައްކަތާކަން ގަބޫލުކުރުމެވެ. އެއްވެސް އެހެން ބަޔަކު، ތިމާމެންގެ ކަންތައްތައް އިސްލާހުކޮށް ތިމާމެން ބިނާކުރަން ނާންނާނޭކަން ގަބޫލުކުރުމެވެ. ބޭރު ކޮންމެ ބަޔަކީ ވެސް އެބައެއްގެ އަމިއްލަ މަސްލަހަތާއިގެން އުޅޭ ބައެއްކަން ގަބޫލުކުރުމެވެ. އެހެންވެ، ތިމާމެންގެ އަމިއްލަ މަސައްކަތް ކުރުމަށްޓަކައި މީހުން ބިނާކުރަން ޖެހެއެވެ. ތައުލީމުގެ މީހުންނެވެ. ތަނުގެ އިސްކޫލުތަކާއި ޔުނިވަރސިޓީތަކުގައި ކިޔައިވައިދީ އަމިއްލަ ސަގާފަތެއްގެ މަތީގައި، އަމިއްލަ އަގުތަކެއް ގަބޫލުކޮށްގެން، އިލްމީ ސިފައެއްގައި އަމިއްލައަށް ވިސްނަން އެނގޭ ޖީލުތަކެއް އުފެއްދުމުގެ މަސައްކަތްކުރާނޭ ތައުލީމީ މީހުން އުފެއްދުމެވެ. ހަމަ އެހެންމެ އެކި އެކި ހުނަރުތަކުގެ މީސްމީހުން ވެސް އުފެއްދުމެވެ. މިކަންކަމަކީ ދުރަށް ވިސްނައި ރާވައިގެން ކުރަންޖެހޭނޭ ކަމެކެވެ. މިކަންކަން ކުރުމުގެ ސިޔާސަތުތައް ކަނޑައަޅާލުމުގެ މަސްއޫލިއްޔަތު އުފަލަންޖެހެނީ ސިޔާސީ ދާއިރާތަކުގެ، ސަރުކާރު ހިންގުމުގެ އެކިއެކި ދާއިރާތަކުގެ ވެރިންނެވެ. މިފަދަ މަގާމުތަކަށް އިސްކުރެވެން ޖެހޭނީ ގާބިލު މީހުންނެވެ.

އާދެ، މިއީ ރައީސް ބައިޑަންގެ ޚިތާބުން ލިބިގަނެވިދާނޭ ބައެއް ފިލާވަޅުތަކެވެ. ދެން، ރައީސް ބައިޑަންގެ ޚިތާބުގެ ދިވެހި ތަރުޖަމާ ހުށަހަޅާލަމެވެ. ކުށެއް ލިޔެވިފައި އޮތް ނަމަ، އިސްލާހުކޮށްލުމަށްޓަކައި، ފާހަގަކޮށްލަދެއްވުން އެދެމެވެ.

ރައީސް ބައިޑަންގެ ޚިތާބު

އުއްތަމަ ފަނޑިޔާރު ރޮބާރޓްސް، ނާއިބު ރައީސާ ކަމަލާ ހެރިސް، މަޖުލީހުގެ ރައީސް ޕެލޯސީ، ޒައީމު ޝޫމަރ، ޒައީމު މެކްކޮނަލް، ނާއިބު ރައީސް ޕެންސް، ހާޒިރުވެވަޑައިގެން ތިއްބެވި އަޅުގަނޑުގެ އިއްޒަތްތެރި މެހެމާނުން، އަޅުގަނޑުގެ އަޚުވަންތަ އެމެރިކާނުން! މިއަދަކީ އެމެރިކާގެ ދުވަހެވެ. ޑިމޮކުރަސީގެ ދުވަހެވެ، ތާރީޚަށާއި އުއްމީދަށް އޮތް ދުވަހެކެވެ. ކަންކަން ހައްލުކޮށް ނިންމައި ތަޖުދީދުކުރުމުގެ ދުވަހެކެވެ. ޒަމާންތަކަށް އޮތް ވަރުގަދަ އިމްތިހާނުކުރުވަނިވި ހާލަތެއްގެ ތެރޭގައި އެމެރިކާ އަނެއްކާ ވެސް އިމްތިހާނުކުރެވިއްޖެއެވެ.

މި އިމްތިހާނު ކުރުމުގެ ގޮންޖެހުމަށް ކުރިމަތިލުމަށްޓަކައި އެމެރިކާ ތެދުވެއްޖެއެވެ. މިއަދު އަޅުގަނޑުމެން މި އިހުތިފާލުކޮށް ފާހަގަކުރަނީ ވަކި ކެންޑިޑޭޓެއްގެ ކާމިޔާބީއެއް ނޫނެވެ. މަބްދައެއްގެ، އުސޫލެއްގެ، ކާމިޔާބީގެ އިހުތިފާލެވެ. ޑިމޮކުރަސީގެ މަބްދައަށް ލިބުނު ކާމިޔާބީގެ އިހުތިފާލެވެ. ގައުމުގެ، ގައުމުގެ އިރާދައިގެ، ގައުމު ބޭނުންވާ ގޮތުގެ، އަޑު އިވިއްޖެއެވެ. އަދި ގައުމުގެ އިރާދައިގެ އަޑު އަހައިފިއެވެ.

ޑިމޮކުރަސީއަކީ ވަރަށް ވެސް އަގުބޮޑު އެއްޗެއްކަން އަނެއްކާވެސް އަޅުގަނޑުމެންނަށް ދަސްވެއްޖެއެވެ. ޑިމޮކުރަސީއަކީ ވަރަށް ވެސް ނާޒުކު އެއްޗެކެވެ. ރަހުމަތްތެރިންނޭވެ، މި ސާއަތުގައި، ޑިމޮކުރަސީއަށް ގަދަ ލިބިއްޖެއެވެ.

އެހެންވެ، މިހާރު، މި މުގައްދަސު ބިމުގައި – މީގެ ހަމަ ކުޑަ ދުވަސްކޮޅެއް ކުރިން، ތަޅާފޮޅުމާއި މަރާމާރީގެ އަމަލު ބޭނުންކޮށް، ތަޝްރީއުކުރުމުގެ މި އިމާރާތުގެ ބިންގަލަށް ގުޑުން އަރުވާލަން އުޅުނު ބިމުގައި – އަޅުގަނޑުމެން އެއްވެ މިތިބީ މާތްރަސްކަލާނގެ ހިޔާފުޅުގެ ދަށުގައިވާ، ބައިބައިކޮށް ނުލެވޭނޭ އެއް ގައުމެއްގެ ސިފައިގައި، މީގެ ކުރީގެ ދެ ގަރުނަށް ވުރެ ވެސް ގިނަ ދުވަސް ވަންދެން އަޅުގަނޑުމެން ކުރިފަދައިން، ސުލްހަވެރިކަމާއެކު ވެރިކަމުގެ ބާރު ބަދަލުކުރުމަށްޓަކައެވެ. އަހަރުމެން އެމެރިކާނުންނަށް ޚާއްސަ ގޮތުގައި، އަރާމުކުރުމެއް ނެތި، ކެރިގެން، ހެޔޮފާލަކައިގެން، (ކަންކަންވާނެކަން ދެކިގެން،) އަހަރުމެންގެ ކުރިމަގަށް ބަލައި، ގައުމީ އަމާޒުފަތްގަނޑުތަކުގެ މައްޗަށް އަހަރުމެންގެ ނަޒަރު ހުއްޓާލާއިރު، އަހަރުމެންނަށް (އަހަރުމެން ބޭނުން ކަންކަން) ކުރެވޭނެކަމާއި އަދި ކުރަން ޖެހޭނޭކަން އަހަރުމެންނަށް އެނގެއެވެ.

މިއަދު، މިތަނުގައި، ހާޒިރުވެވަޑައިގެން ތިއްބެވި، ދެ ޕާޓީއަށް (ޖުމްހޫރީ ޕާޓީއާއި ޑިމޮކުރެޓިކް ޕާޓީއަށް) ނިސްބަތްވާ، އަޅުގަނޑުގެ ކުރީގެ ރައީސުންނަށް އަޅުގަނޑު ޝުކުރު އަދާކުރަމެވެ. އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، އެ ބޭފުޅުންނަށް ޝުކުރުއަދާކުރަމެވެ. އަޅުގަނޑަށް އެނގެއެވެ. ކަންކަން ތަހައްމުލުކޮށް، އަލުން އެއަށް ގަދަކަން ލިބުމުގެ އެކަށޭނަކަން އަޅުގަނޑުމެންގެ ގާނޫނު އަސާސީގައިވާ ކަން އަޅުގަނޑަށް އެނގެއެވެ. އަދި ވަރުގަދަކަން ވެސް މެއެވެ. އަޅުގަނޑުމެންގެ ގައުމުގެ ވަރުގަދަކަން ވެސް އަޅުގަނޑަށް އެނގެއެވެ. ރައީސް ކާޓަރަށް ވެސް އެނގިވަޑައިގަންނަވާ ފަދައިންނެވެ. ރޭގައި ރައީސް ކާޓަރާ އަޅުގަނޑު ވާހަކަ ދެއްކީމެވެ. މިއަދު އަޅުގަނޑުމެންނާ އެކުގައި ވުމަށް އޭނާއަށް ވަޑައިގެންނެވޭނޭ ގޮތެއް ނުވިއެވެ. ނަމަވެސް، އޭނާގެ މުޅި އުމުރުފުޅުގެ ޚިދުމަތަށްޓަކައި އޭނާއަށް ޝުކުރުދަންނަވައި އިހުތިރާމު އަދާކުރަމެވެ.

ވަތަންދެކެ ލޯބިވާ އެ ޒައީމުން ކުރެ ކޮންމެ ޒައީމަކު ވެސް ކުރެއްވި މުގައްދަސު ހުވާ އަޅުގަނޑުވެސް ދާދި ދެންމެ ކޮށްފީމެވެ. މި ހުވާ އެންމެ ފުރަތަމަ ކުރެއްވީ ޖޯރޖު ވޮޝިންގްޓަންއެވެ. ނަމަވެސް އެމެރިކާގެ ވާހަކަ (އެމެރިކާގެ މަސީރު)، އަޅުގަނޑުމެންގެ ތެރެއިން އެއްމެ މީހެއްގެ މައްޗަށް ބަރޯސާވެގެން ނުވެއެވެ. ނޫނީ އެކަން އޮތީ ވަކި ބައެއްގެ މައްޗަށް ބަރޯސާވެފައެއް ވެސް ނޫނެވެ. ނަމަވެސް (އަޅުގަނޑުމެންގެ ވާހަކަ، އަޅުގަނޑުމެންގެ މަސީރު ބަރޯސާވަނީ) އަޅުގަނޑުމެން އެންމެންގެ މައްޗަށެވެ. އަދި އިތުރަށް ވެސް ފުރިހަމަކަން ބޮޑު އިއްތިހާދެއް، އެކުވެރި ދައުލަތްތަކެއް، އެދޭ އަޅުގަނޑުމެންގެ މުޅި ގައުމުގެ، މީސްތަކުންގެ، މައްޗަށެވެ. އަޅުގަނޑުމެންގެ ގައުމަކީ މަތިވެރި ގައުމެކެވެ. އަޅުގަނޑުމެންނަކީ ހެޔޮލަފާ ބައެކެވެ. ފާއިތުވެ ދިޔަ ގަރުނުތަކުގެ ތެރޭގައި ދިމާވި ތޫފާނުތަކާއި ހަމަނުޖެހުންތަކާއި، ސުލްހަވެރިކަމާއި ހަނގުރާމަތައް ހުރަސްކޮށް އަޅުގަނޑުމެންނަށް މިހާ ކުރި ލިބިއްޖެއެވެ. ނަމަވެސް، އަދިވެސް ކުރިއަށް ދާން އޮތް ތަން ވަރަށް ވެސް ބޮޑެވެ.

އަވަސް ފިޔަވަޅު އަޅަން ޖެހިފައިވާކަމުގެ މުހިއްމުކަން ދެކިގެން ހަލުވިކަމާއެކު އަޅުގަނޑުމެން ކުރިއަށް ހިނގައިގަންނާނަމެވެ. އެހެނީ މި ޚަރީފު މޫސުމުން މެދުވެރިކުރުވާ ނުރައްކަލާއި އަދި ޚާއްސަ އިމްކާނިއްޔާތުތަކުގެ ކުރިމަތީގައި ލައްކަ ގިނަކަންތައްތައް ކުރަން އެބަ ހުއްޓެވެ. އިސްލާހުކުރަން ޖެހޭ އެތައް ކަމެކެވެ. އިއާދަކުރަން ޖެހޭ އެތައް ކަމެކެވެ. އެކަންކަމަށް ޝިފާ ލިބިގަންނަން ޖެހޭ އެތައް ކަންކަމެވެ. ބިނާކުރަން ޖެހޭ އެތައް ކަމެކެވެ. އަދި ފައިދާތައް ލިބިގަނެވޭނޭ އެތައް ކަމެއް ވެސް މެއެވެ. މިހާރު އަޅުގަނޑުމެންނަށް ކުރިމަތިލާން ޖެހިފައިވާ ފަދައިން ގޮންޖެހުންތަކާ ނުވަތަ ގޮންޖެހުންތައް ގިނަ، ނޫނީ ދަތި އުނދަގޫ، ދުވަސްވަރަކާ ކުރިމަތި ލާން ޖެހުނީ އަޅުގަނޑުމެންގެ ގައުމުގެ ތާރީޚުގައި މަދު ބަޔަކަށެވެ.

ގަރުނަކު އެއްފަހަރު ނޫނީ ދިމާނުވާ ފަދަ ވައިރަހެއް، ސިއްރު ސިއްރުން، އަޅުގަނޑުމެންނަށް ފާރަލަމުން އެބަ ދެއެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާއިން ނުގެއްލޭ އަދަދަކަށް، އެއް އަހަރު ދުވަހުގެ ތެރޭގައި، މި ވައިރަސް އެމެރިކާގެ ފުރާނަތައް ގެންގޮއްސިއެވެ. އެތައް އެތައް މިލިޔަން ވަޒީފާތައް ގެއްލިއްޖެއެވެ. އެތައް ސައު ހާސް ވިޔަފާރިތައް ބަންދުކުރަން ޖެހިއްޖެއެވެ. ހަތަރު ސަތޭކަ އަހަރުވީ، ކަޅާ ދޮނުގެ ނަސްލުތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމުގެ މަސައްކަތް އަޅުގަނޑުމެންނަށް އަސަރުކުރުވައެވެ. މި ހަމަހަމަކަން ހޯދައި ދިނުން، ދެން އިތުރަކަށް، ފަހަކަށް ނުޖެއްސޭނެއެވެ.

ދިރިދެމި އޮތުމަށްޓަކައި ގޮވާލާ އަޑު ސީދާ ދުނިޔަވީ ކައުކަބުން އާދެއެވެ. ދެން އެއަޑު އިތުރު މާޔޫސްވެގެން ދިޔުމެއް، ނޫނީ އެއަޑަށް އިތުރު ސާފުކަމެއް ނުލިބޭނެއެވެ. މީގެ އިތުރުން، މިހާރު މިއޮތީ ސިޔާސީ ހައްދުފަހަނައަޅައި ދިޔުމާއި ދޮން މީހުންގެ ތައައްސުބު، މޮޅުކަމާއި އެކަމާ ގުޅުވާލެވޭ އެމީހުންގެ ބާރުވެރިކަން، ދާޚިލީ ނިރުބަވެރިކަން، އަޅުގަނޑުމެން ވަނީ މިހުރިހާ ކަންކަމާ ވެސް ކުރިމަތިލާން ޖެހިފައެވެ. (މިކަންކަމާއި ކުރިމަތިލައި، މިކަންކަން) އަޅުގަނޑުމެން ބަލިކުރާނަމެވެ.

މިކަންކަމުގެ މައްޗަށް ނަސްރުހޯދައި، މިކަންކަން ގިރާކޮށް، (އެމެރިކާގެ) ފުރާނަ އަލުން އަނބުރާ ގެނެސް، އެމެރިކާގެ މުސްތަގުބަލު ސަލާމަތް ކުރުމަށްޓަކައި ހުސް ވާހަކަތަކަށް ވުރެ އިތުރު އެތައް އެތައް ކަމެއް ކުރަން ޖެހެއެވެ. އެކަން ކުރުމަށްޓަކައި، ޑިމޮކުރަސީއެއްގައި އަތުލައިގަންނަން އެންމެ އުނދަގޫ ކަންތައްކަމުގައިވާ އެއްބައިވަންތަކަމަށް ބޭނުން ޖެހެއެވެ. އެއްބައިވަންތަ ކަމަށެވެ. މީގެ ކުރީގެ އެހެން ޖަނަވަރީއެއްގައި، 1863ގެ އާ އަހަރު ފެށުނު ދުވަހު (ރައީސް) އެބްރަހަމަ ލިންކަން އަޅުން މިނިވަންކުރުމުގެ އިއުލާނުގައި ސޮއިކުރެއްވިއެވެ. އޭނާގެ ގަލަންކޮޅު އެ (އިއުލާނުގެ) ކަރުދާހުގައި ޖައްސަވާލައްވައި ރައީސް ލިންކަން ވިދާޅުވިއެވެ. އަޅުގަނޑު އޭނާގެ ބަސްފުޅު އިގުތިބާސްކޮށް ދަންނަވަމެވެ. "އަހަރެންގެ ނަން، ދުވަހެއްގައި ވެސް، ތާރީޚުގައި ލިޔެވޭނެ ނަމަ، އެކަން ވާނީ މި އަމަލުގެ ސަބަބުންނެވެ. އަހަރެންގެ މުޅި ފުރާނަ ވަނީ މިކަމުގައެވެ."

މިއަދު، މި ޖަނަވަރީ މި ދުވަހު، އަޅުގަނޑުގެ މުޅި ފުރާނަ ވަނީ މިކަމުގައެވެ. އެމެރިކާ އެއްކޮށް އެއްގަލަކަށް އެރުވުމުގައެވެ. މީސްތަކުން އެއްބައިވަންތަ ކުރުމުގައެވެ. އަޅުގަނޑުމެންގެ ގައުމު އެއްބައިވަންތަ ކުރުމުގައެވެ. މި މަގުސަދު ހާސިލުވެ ދިޔުމަށްޓަކައި، އަޅުގަނޑާ ބައިވެރިވުމަށް ކޮންމެ އެމެރިކާނެއްގެ ކިބައިން އަޅުގަނޑު އެދެމެވެ.

އަޅުގަނޑުމެންގެ ހަތުރުންނާއި ހަނގުރާމަކުރުމަށްޓަކައި އެއްބައިވަންތަ ވުމަށެވެ: ރުޅިވެރިކަމެވެ؛ކަންކަމާ މެދު ހިތްހަމަނުޖެހިފައިވުމާއި ހިތްނުބައިވެ، އަނެކުންނަށް ނަފުރަތުކުރުމެވެ؛ ކަންކަމުގައި ހައްދުފަހަނައެޅުމެވެ؛ ގާނޫނުގެ ބާރުނެތުމެވެ؛ ގަޔަށް އަތްލުމާއި މަރާމާރީ ހިންގުމެވެ؛ ބަލިބައްޔެވެ؛ ވަޒީފާނެތި ބޭކާރުވެފައި ވުމެވެ؛ މާޔޫސްވެ، ހަދާނެ ގޮތެއް ނޭނގިފައި ވުމެވެ. އެއްބައިވަންތަކަމާއެކު މަތިވެރި މުހިއްމު ކަންތައްތައް އަޅުގަނޑުމެންނަށް ކުރެވޭނެއެވެ.

ނުރަނގަޅު ކަންތައްތައް އަޅުގަނޑުމެންނަށް ރަނގަޅުކުރެވޭނެއެވެ. ރަނގަޅު ވަޒީފާތަކަށް މީހުން އަޅުގަނޑުމެންނަށް އިސްކުރެވޭނެއެވެ. ސަލާމަތްކަން އޮތް އިސްކޫލުތަކުގައި އަޅުގަނޑުމެންގެ ކުދިންނަށް އަޅުގަނޑުމެންނަށް ކިޔަވައި ދެވޭނެއެވެ. ނުރައްކާތެރި ވައިރަސް ބަލިކޮށް، އޭގެ މައްޗަށް ކާމިޔާބު ހޯދިދާނެއެވެ. އަޅުގަނޑުމެންނަށް ހެޔޮ ބަދަލު ދެވިދާނެއެވެ. މަސައްކަތުގެ ހެޔޮބަދަލެވެ. އަދި އަލުން، މެދު ފަންތި ބިނާކޮށް އެންމެނަށް ވެސް ސިއްހީ ޚިދުމަތް ލިބޭ ގޮތް ހަމަޖެއްސުމެވެ. ދޮނާއި ކަޅުގެ ނަސްލީ ހަމަހަމަކަން ގެނެސް، އެމެރިކާއަކީ، ދުނިޔޭގެ ހެވަށްޓަކައި މަގުދައްކަން އޮތް ބާރެއްކަމުގައި އަލުން ހަދާލެވިދާނެއެވެ.

މި ދުވަސްވަރު، އެއްބައިވަންތަކަމުގެ ވާހަކަ ދެއްކުމަކީ މޮޔަ ޚިޔާލީ ފޮލާއެއްކަމުގައި ބަޔަކު ދެކެފާނެކަން އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑުމެން ބައިބައިކޮށްލާ ބާރުތައް (މުޖުތަމައުގެ) ވަރަށް ފުނަށް ގޮއްސައިވާ ކަމާއި އަދި މިކަމަކީ ހަގީގަތެއްކަން އަޅުގަނޑަށް އެނގެއެވެ. ނަމަވެސް، މިއީ އާ ކަމެއް ނޫން ކަންވެސް އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑުމެންގެ ތާރީޚު ވެފައި އޮތީ އެއްކޮޅުން އަޅުގަނޑުމެން ހަގީގަތަކަށް ހަދާލަން ބޭނުންވާ އެމެރިކާގެ މުސުލުކަމުގައި، ނަމޫނާ ގޮތްކަމުގައިވާ،އަޅުގަނޑުމެން އެންމެންވެސް ހެއްދެވިފައިވަނީ ހަމަހަމަކަން މަތީގައި ކަމާއި އަނެއްކޮޅުން އުންސުރިއްޔަތާއި (ދޮނާ ކަޅުގެ ނަސްލީ މައްސަލައާއި)، ތަނުގެ އަސްލު އަހުލުވެރިންގެ މައްސަލައާއި މިކަންކަން، އެކަކު އަނެކަކަށް،ކުރިމަތިކުރުވާ ބިރާއި، އެކަކު އަނެކަކު ނުބައި ޝިއްރީރަށް ހަދާހެދުމާއި ދެމެދުގައި އޮތް ހުއްޓުމެއް ނެތް، ކިފާހު، ބާރުގެ ބޭނުންކޮށްގެން އެއްބަޔަކު އަނެއްބަޔަކުގެ މައްޗަށް ގަދަވެގަތުން، ދިގުދެމިގެން ގޮއްސައި އޮތް އަޅުގަނޑުމެން ބައިކޮށްލާފައިވާ ހުތުރު ހަގީގަތާ ދެމެދުގައެވެ.

މިއީ އެތައް އަހަރުތަކަކަށް ދިގުދެމިގެން ގޮއްސައިވާ ހަނގުރާމައެކެވެ. މި ހަނގުރާމައިގައި (އެއްބަޔަކަށް ވެސް) ކާމިޔާބު ލިބުން ޔަގީންކުރެވިފައި ނެތެވެ. (އަޅުގަނޑުމެންގެ) މަދަނީ ހަނގުރާމައާއި (1939-1929ގެ) އިގުތިސާދީ ބޮޑު ވެއްޓުމާއި ބޮޑު (ދެ) ހަނގުރާމައާއި ސެޕްޓެމްބަރު އެގާރައިގެ ހާދިސާއާއި މިކަންކަމުގެ މައްޗަށް، ގަދަ މަސައްކަތާއި ގުރުބާނީވުންތަކާއި އަދި ފަސްޖެހުންތަކުގެ ވެސް ތެރެއިން އަޅުގަނޑުމެންގެ ތެރޭގައި ތިބި މަލާއިކީ މީހުން (ހެޔޮލަފާ މީހުން) އަބަދުވެސް ކުރި ހޯދިއެވެ. މިނަންގަތް ކޮންމެ ހާދިސާއެއް ގައިވެސް، އަޅުގަނޑުމެން އެންމެން ގޮވައިގެން ހިނގައި ކުރިއަށް ދިޔުމަށްޓަކައި އަޅުގަނޑުމެންގެ ތެރެއިން ފުދޭ އަދަދެއް، އާދެ، އަޅުގަނޑުމެންގެ ތެރެއިން ފުދޭ އަދަދެއްގެ ބަޔަކު އެކުވެ އެއްބައިވިއެވެ. މިއަދު ވެސް މިފަދައިން ކަންތައް އަޅުގަނޑުމެންނަށް ކުރެވިދާނެއެވެ.

ތާރީޚާއި އީމާންތެރިކަމާއި ބުއްދި އަޅުގަނޑުމެންނަށް މަގު ދައްކައެވެ. އެއްބައިވަންތަ ވުމުގެ މަގެވެ. އަޅުގަނޑުމެންނަކީ އެކަކު އަނެކަކުގެ ޚަސްމުން ކަމުގައި ނުބަލައި އަވަށްޓެރިން ކަމުގައި ބެލެވިދާނެއެވެ. ގަދަރު ލިބުން ހައްގު ކަމުގައި ދެކިގެން، އިހުތިރާމާއެކު، އެކަކު އަނެކަކާ، އަޅުގަނޑުމެންނަށް، މުއާމަލާތްކުރެވިދާނެއެވެ. އަޅުގަނޑުމެންގެ ބާރުތައް ގުޅުވާލައި، ހަޅޭލެވުން ހުއްޓާލައި (މީހުންގެ ރުޅިވެރިކަމުގެ) ހޫނުކަމުގެ ދަރަޖަ ދަށްކުރެވިދާނެއެވެ. އެހެނީ، އެއްބައިވަންތަ ކަމާ ނުލައި، ސުލްހަވެރިކަމެއް ނުލިބޭނެއެވެ. އޭރުން (އެންމެންގެ ހިތުގައި ވެސް) އޮންނާނީ (އަނެކުންނާ މެދު) ހިތިކަމާއި ގަދަފަދަ ރުޅިއެވެ.

(އެކުވެ، އެއްބައިނުވެވިއްޖެ ނަމަ) ކުރިއެރުމެއް ނެތެވެ. އޭރުން އޮންނާނީ ވަރުބަލިކޮށްލަނިވި ރުޅިވެރި ކަމެވެ. ގައުމެއް ނޯންނާނެއެވެ. އޭރުން އޮންނާނީ ފައުޟަވީ، ހަމައެއް ނިޒާމެއް ނެތް، ހާލަތެކެވެ. އަޅުގަނޑުމެންނަށް ކުރިމަތިވެފައި އޮތް ބޮޑު ނުރައްކަލާއި ގޮންޖެހުމުގެ ތާރީޚީ ވަގުތަކީ މިއެވެ. މި ވަގުތުގައި ކުރިއަށް ދިޔުމުގެ މަގަކީ އެއްބައިވަންތަކަމެވެ. މި (ތާރީޚީ) ވަގުތާއި އަޅުގަނޑުމެން ބައްދަލުކުރަންވާނީ އެމެރިކާގެ އެކުވެ އެއްބައިވެފައިވާ ދައުލަތްތަކުގެ ގޮތުގައެވެ. މި ގޮތަށް އަޅުގަނޑުމެން ކަންތައް ކޮށްފި ނަމަ، އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނޭ ކަމުގެ ޔަގީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަމެވެ. އެމެރިކާގައި، އަޅުގަނޑުމެން އެކުގައި ކަމެއް ކޮށްގެން، ފަހަރެއްގައިވެސް، އެއް އިރަކުވެސް، އެއް އިރަކުވެސް، އެއް އިރަކުވެސް، އަޅުގަނޑުމެން ފޭލިވެފައެއް ނެތެވެ.

އެހެންވެ، މިއަދު، މި ވަގުތު، މިތަނުގައި، އަޅުގަނޑުމެން އެންމެންވެސް، އަލުން ފަށަމާ އަންނާށެވެ. އަނެއްކާވެސް، އެކަކު އަނެކަކުގެ އަޑު އަހަމާ އަންނާށެވެ.

އެކަކު އަނެކަކުގެ ވާހަކަތައް ކަނުލައި އަހާށެވެ. އެކަކު އަނެކަކު ދެކޭށެވެ. އެކަކު އަނެކަކަށް އިހުތިރާމުކުރާށެވެ. އޭގެ މަގުގައިވާ ކޮންމެ އެއްޗެއް ހަލާކުކޮށްލަނިވި، ގަދައަށް އަނދަމުންދާ އަލިފާންގަނޑަކަށް ސިޔާސަތު ވާކަށް ނުޖެހެއެވެ. ކޮންމެ ދެބަސްވުމަކީ ޝާމިލީ ހަނގުރާމައެއްގެ ސަބަބަކަށް ވާކަށް ނުޖެހެއެވެ. ހަގީގަތްތައް އަނބުރާލަނިވި، އަދި ހަގީގަތްތައް ހަދާލެވޭ ސަގާފަތް އަޅުގަނޑުމެން އިންކާރުކޮށް ބަލައިގަތުމުން ދުރަށްދާން ޖެހެއެވެ.

މިއަދު އަޅުގަނޑުމެން ކޮޅަށް ތެދުވެ، ބޭރަށް، އެދިމާއަށް ބަލަހައްޓައިގެން މިތިބީ، އެތަނެއްގައި ހުންނަވައި، ޑރ. ކިންގް އޭނާގެ ހުވަފެނާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ބޮޑު ވިޔަފާރީގެ ހިޔާކުރެވިފައިވާ ބާޒާރަށެވެ. މިއަދު އަޅުގަނޑުމެން ކޮޅަށް މިތިބީ މީގެ 108އަހަރު ކުރިން، އެހެން (ރައީސެއްގެ) އިފްތިތާހީ (ހަފްލާގައި،) ކެރޭ އަންހެނުންތަކެއް އެމީހުންގެ ވޯޓު ދިނުމުގެ ހައްގު ހޯދުމަށް ހިނގަމުން އައުމުން، އެކަމާ އިދިކޮޅު އެތައް ހާސް މީހުނެއް ހުރަސް އަޅަން ނިކުތް ތަނުގައެވެ. ދެން، މިއަދު، އަޅުގަނޑުމެން ފާހަގަ މިކުރަނީ އެމެރިކާގެ ތާރީޚުގައި ގައުމު ހިންގުމުގެ މަގާމަކަށް، ފުރަތަމަ އަންހެނާ، އާދެ، ނާއިބު ރައީސާ ކަމަލާ ހެރިސް އިންތިޚާބު ކުރުމުގެ ހުވާލައި ދިނުމެވެ.

އެހެންވެ، ބަދަލު ނުގެނެވޭނޭ ވާހަކަ އަޅުގަނޑު ގާތު ވިދާޅުނުވާށެވެ.

އަޅުގަނޑުމެން ކޮޅަށް މިތިބީ ޕޮޓޮމެކް (ކޯރު) ހުރަސްކޮށް، އާރލިންޓަން (އަސްކަރީ) ގަބުރުސްތާނުގެ އަނެއް ފަރާތުގައެވެ. އެ ގަބުރުސްތާނަކީ ބަތަލުންތައް، އެންމެ ފުރިހަމަ ގޮތުގައި، އިޚުލާސްތެރިކަން އަދާކޮށް (މަރުވެދިޔުމަށް ފަހު) އަބަދަށްޓަކައި ފަސްދާނުލެވިފައިވާ ތަނެވެ. އަދި އަޅުގަނޑުމެން މިތަނުގައި ކޮޅަށް މިތިބީ، ބާރުގެ ބޭނުންކޮށްގެން، މީސްތަކުންގެ އިރާދާ، އެދޭ ގޮތް، ހުއްޓުވިދާނޭ ކަމަށް ހީކޮށްގެން، އަޅުގަނޑުމެންގެ ޑިމޮކުރަސީގެ މަސައްކަތް ހުއްޓުވައި މި މުގައްދަސު ބިމުން، އަޅުގަނޑުމެން ނެރެލުމަށް، މީގެ ހަމަ ކުޑަ ދުވަސްކޮޅެއްކުރިން، އެއްވެސް ހަމައެއް ނެތް ބައިގަނޑެއް އައި ތަނުގައެވެ. އެކަމެއް އެބައިގަނޑަކަށް ނުވެއެވެ. އަދި ނުވެސް ވާނޭ މެއެވެ. ދުވަހެއްގައި ވެސް އެކަމެއް ނުވާނެއެވެ. މިއަދު، ނޫނީ މާދަމާ، ނޫނީ އެހެން ދުވަހަކުން ވެސް މެއެވެ.

ދުވަހެއްގައި ވެސް އެކަމެއް ނުވާނެއެވެ. އަޅުގަނޑުމެންގެ އިންތިޚާބީ ހަމަލާއަށް ތާއީދުކުރި އެންމެ ބޭފުޅުންނަށް (އަޅުގަނޑު ދަންނަވާލަން އޮތީ) ތިޔަ ބޭފުޅުން އަޅުގަނޑުމެންނަށް ކުރެއްވި އިތުބާރުގެ ސަބަބުން އަޅުގަނޑު ހިތް މަޑުމޮޅިވެގެން ދިޔަވާހަކައެވެ. އަޅުގަނޑުމެންނަށް ތާއީދު ނުކުރެއްވި ބޭފުޅުން އަރިހުގައި މިވާހަކަ އަޅުގަނޑު ދަންނަވާލަމެވެ. ކުރިއަށް ދިއުމުގެ (ވާހަކަ އަޅުގަނޑު ދައްކާއިރު) ނިމެންދެން އަޅުގަނޑުގެ ވާހަކަތައް އަޑުއަހާލާށެވެ. ދެން، (އޭގެ މައްޗަށް ބިނާކޮށް) އަޅުގަނޑާއި އަޅުގަނޑުގެ ހިތް މިނައި އަގުކޮށްލައްވާށެވެ.

އެއަށް ފަހުވެސް، ތިޔަބޭފުޅުން އަޅުގަނޑާ ދެބަސްވަންޏާ، ދެބަސްވެ ވަޑައިގަންނަވާށެވެ. ޑިމޮކުރަސީއަކީ އެއެވެ. އެމެރިކާއަކީ އެއެވެ. ސުލްހަވެރިކަމާއެކު ދެބަސްވުމުގެ ހައްގު ލިބިފައި އޮތުމެވެ. އަޅުގަނޑުމެންގެ ޖުމްހޫރިއްޔަތުގެ އިންތަކުގެ ސަލާމަތީ ދަނގަޑު ފުޅަފުގެ ތެރޭގައި މި ހައްގަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު ބާރެވެ. އެހެންވިޔަސް، ވަރަށް ސާފުކޮށް، އަޅުގަނޑު މި ދަންނަވާ ވާހަކަ އަޑުއައްސަވާށެވެ. ދެބަސްވުމަކީ ބައިބައިކުރުން އުފައްދާ ކަމަކަށް ވެގެން ނުވާނެއެވެ. ތިޔަބޭފުޅުންގެ ކުރިފުޅުމަތީ އަޅުގަނޑު ވައުދު ވަމެވެ. އަޅުގަނޑު ވާނީ ހުރިހާ އެމެރިކާނުންގެ ރައީސަކަށެވެ. ހުރިހާ އެމެރިކާނުންގެއެވެ.

އަދިވެސް އަހަރެން ވައުދުވަމެވެ. އަހަންނަށް ތާއީދު ކުރި މީހުންނަށްޓަކައި މަސައްކަތްކުރާހާ ވަރުގަދައަށް، އަހަންނަށް ތާއީދު ނުކުރާ މީހުންނަށްޓަކައި ވެސް އަހަރެން ހަމަ މަސައްކަތްކުރާނަމެވެ. އެތައް ގަރުނެއް ކުރިން، އަޅުގަނޑުގެ ފައްޅީގެ ގިއްދީސެއްކަމުގައިވާ ގިއްދީސު އޯގަސްޓީނު ލިޔުއްވާފައި އޮވެއެވެ. ގައުމަކީ ބޮޑު ޖަމާއަތެއްގެ މައްޗަށް އެކުލެވޭ، އެޖަމާއަތުގެ މީހުން ލޯބިކޮށް، އެދޭ އާންމު ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް، އެމީހުންނަކީ ވަކި ބައެއްކަމުގައި ކަނޑައެޅިފައި، އޮންނަ ބައެކެވެ. އެޖަމާއަތުގެ މީހުން އެދޭ އާންމު ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް، އެމީހުންނަކީ ވަކި ބައެއްކަމުގައި ކަނޑައެޅިފައި، އޮންނަ ބައެކެވެ. އަޅުގަނޑުމެން އެކަންކަމަށް ލޯބިކޮށް އެދޭ، އަދި، އޭގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެންނަކީ އެމެރިކާނުންކަމަށް ކަނޑައަޅާލާ ކަންކަމަކީ ކޮބައި ހެއްޔެވެ؟

އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް (އެކަންކަން) އެނގެއެވެ. (ކުރިއަރައި ދިޔުމުގެ) ފުރުސަތެވެ. ރައްކާތެރިކަމެވެ. މިނިވަންކަމެވެ. (އިންސާނީ) ކަރާމަތެވެ، (ގަދަރުލިބުން ހައްގުމެވެ). އިހުތިރާމެވެ. ޝަރަފެވެ. އަދި، އާނއެކެވެ. (އަޅުގަނޑުމެން) ހައްގަށް ވެސް (ލޯބިކުރަމެވެ.) ފާއިތުވެ ދިޔަ، ފަހުގެ ހަފްތާތަކާއި މަސްތައް، ވަރަށްވެސް ވޭންދެނިވި ފިލާވަޅެއް އަޅުގަނޑުމެންނަށް ދަސްކޮށްދީފިއެވެ. ހައްގު ތެދު އޮންނަކަމާއި އަދި ދޮގުވާހަކަތައް ވެސް އޮންނަކަމެވެ. އަދި ބާރާއި އަމިއްލަ ފައިދާގެ ބޭނުމުގައި ދޮގުތައް ހެދޭ ކަމެވެ.

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް، އެމެރިކާނެއްގެ ގޮތުގައި، މުވާތިނެއްގެ ގޮތުގައި، އަދާކުރަންޖެހޭ ވާޖިބަކާއި އުފުލަންޖެހޭ މަސްއޫލިއްޔަތެއް ވެއެވެ. ވަކިން ޚާއްސަ ގޮތެއްގައި ވެރިންނެވެ. އަޅުގަނޑުމެންގެ ގާނޫނު އަސާސީއަށް އިހުތިރާމުކުރާށާއި އަޅުގަނޑުމެންގެ ގައުމު ހިމާޔަތްކުރާށާއި ތެދު ދިފާއުކުރުމަށާއި ދޮގު ބަލިކޮށް ނެތިކޮށްލުމަށް ހުވާކޮށްގެން ތިބި ވެރިންނެވެ.

އަޅުގަނޑަށް އެނގެއެވެ! އަޅުގަނޑު އަޚުވަންތަ އެމެރިކާނުން، ކުރިމަގަށް ބަލާލަނީ ބިރުވެރިކަމާއި ކަންބޮޑުވުމާ އެކުގައިކަން އަޅުގަނޑަށް ވިސްނެއެވެ. އެމީހުންގެ ވަޒީފާއާ މެދު އެމީހުން ކަންބޮޑުވާކަން އަޅުގަނޑަށް ވިސްނެއެވެ. އަޅުގަނޑުގެ ބައްޕަ ފަދައިން، (ރޭގަނޑު،) އެނދުގައި އޮވެ، ތިމަންމެނަށް ސިއްހީ ޚިދުމަތް ލިބުމުގެ އަގު ތިމަންމެނަށް ދެއްކިދާނެތޯއާއި، ތިމަންމެންގެ ގޭގެ އަގަށް ބޭންކަށް ދައްކަން ޖެހޭ ބައި ތިމަންމެނަށް ދެއްކިދާނެތޯއާއި މެދު އެމީހުން ވިސްނާކަން އަޅުގަނޑަށް ވިސްނެއެވެ. އެމީހުންގެ އާއިލާތަކާ މެދުގައި، ދެން އެމީހުނަށް ކުރިމަތިވާނޭ ކަމަކާ މެދުގައި ވިސްނަމުންދާކަމެވެ. އަޅުގަނޑު ހަމަ ރަނގަޅަށް ވެސް ދަންނަވަމެވެ. އަޅުގަނޑަށް މިކަންކަން އެނގި ވިސްނެއެވެ.

ނަމަވެސް މިކަންކަމުގެ ހައްލަކީ އެތެރެއަށް (ތިމަންމެންގެ ޚާއްސަ ޖަމާއަތުގެ ތެރެއަށް) ދިޔުމެއް ނޫނެވެ. ވާދަވެރި ބައިތަކެއްގެ ތެރެއަށް އެނބުރި ދިޔުމެއް ނޫނެވެ. ތިމާމެންނާ (ބޭރުން ފެންނަ ސިފަ) ވައްތަރު ނޫން މީހުންނަށް ޝައްކުކޮށް، އިތުބާރުކުރުން ދޫކޮށެވެ. ނޫނީ ތިމަންމެންނާ ވައްތަރު ނޫން، ނޫނީ ތިމަންމެން އަޅުކަންކުރާ ގޮތް ނޫން ގޮތަކަށް އަޅުކަންކުރާ މީހުންނާއި ތިމަންމެން ޚަބަރުތައް ލިބިގަންނަ މަސްދަރުތައް ނޫން އެހެން މަސްދަރުތަކުން ޚަބަރު ލިބިގަންނަ މީހުންނަށެވެ. ރަތާއި ނުލައި، ރަށްފުށު ދިރިއުޅުމާއި ހަޟަރީ ދިރިއުޅުމާއި (ހުރިހާ ފަސޭހަތަކެއް ލިބެން ހުންނަ ބޮޑެތި ރަށްރަށުގެ ދިރިއުޅުން، ސިޓީތަކުގެ ދިރިއުޅުން)، ތަހުފީޒީ ފިކުރުގެ މީހުންނާއި (ތަނުގައި އަށަގަންފައިވާ ސަގާފީ ކަންކަން ރައްކާކޮށް ހިފެހެއްޓުމުގެ ފިކުރުގެ މީހުންނާއި) މިނިވަން ފިކުރުގެ މީހުން، މިބައިތައް، އެއްބަޔަކު އަނެއްބަޔަކާ އިދިކޮޅުކުރާ ގޮތުގެ ނާތަހުޒީބީ ހަނގުރާމައަށް އަޅުގަނޑެމުންނިމުން ގެންނަން ޖެހެއެވެ. އަޅުގަނޑުމެންގެ ހިތްތައް ހަރުވެދިޔަ ނުދީ، އަޅުގަނޑުމެންގެ ޖާނު ހުޅުވާލުމުން، އަޅުގަނޑުމެންނަށް މިކަން ވެދާނެއެވެ.

އަޅުގަނޑުމެންނަށް، ހަމަ ކުޑަކުޑަކޮށް، އަޅުގަނޑުމެން ގަބޫލުނުކުރާ ކަންކަން އޮތަ ދެވިއްޖެ ނަމަ، އަޅުގަނޑުމެންގެ ހިތްތައް މަޑުމޮޅިކޮށްލެވިއްޖެ ނަމަ، އަދި މީގެ އިތުރުން އަނެކާގެ ހާލަތުގެ މަގާމުގައި ހުންނަން ކެރިއްޖެ ނަމަ، އަޅުގަނޑުގެ މަންމަ ބުނާ ހެން، އަނެކާގެ ހާލަތުގެ މަގާމުގައި، ހިނދު ކޮޅަކަށް ނަމަވެސް، ހުންނަން ކެރިއްޖެ ނަމަ، (މި ނަންގަތް ކަންތައް ވެދާނެއެވެ.) އެހެނީ، ހަޔާތުގައި ކަންތައްތައް ހިނގާ ގޮތަކީ މިއެވެ. އަޅުގަނޑުމެންނަށް ތަގުދީރު މެދުވެރިކުރުވާނެ ކަމެއް އަޅުގަނޑުމެންނަކަށް ނޭނގެއެވެ. ބައެއް ދުވަސް ދުވަސް އޮންނަނީ އެހީތެރިކަމުގެ އަތަކަށް ބޭނުން ޖެހިފައެވެ. އަނެއްބައި ދުވަސް ދުވަހު އެހީތެރިކަމުގެ އަތެއް ދިނުމަށް އަޅުގަނޑުމެންނަށް ގޮވާލެވެއެވެ. ކަންތައްތައް އޮންނަންވާނީ މިހެންނެވެ. މިއީ އެކަކު އަނެކަކަށްޓަކައި އަޅުގަނޑުމެން ކަންތައްކޮށް އުޅޭ ގޮތެވެ.

މި ގޮތުގައި އަޅުގަނޑުމެން ތިބެއްޖެ ނަމަ، އަޅުގަނޑުމެންގެ ރާއްޖޭގެ ވަރުގަދަކަމާއި ތަނަވަސްކަން އިތުރުވެ، އަޅުގަނޑުމެން ތިބޭނީ ކުރިމަގަށް ބޮޑަށް ތައްޔާރުވެގެންނެވެ. މިހެން ކަންކުރިކަމުގައި ވިޔަސް، އަޅުގަނޑުމެންނަށް ދެބަސްވެވިދާނެއެވެ. އަޅުގަނޑުގެ އަޚުވަންތަ އެމެރިކާނުންނޭވެ! ކުރިއަށް އޮތް މަސައްކަތުގައި އަޅުގަނޑުމެންގެ އެކަކު އަނެކަކަށް އަޅުގަނޑުމެން ބޭނުން ޖެހޭނެއެވެ. އަޅުގަނޑުމެންގެ ހުރިހާ ބާރެއް ރައްކާކުރަން އަޅުގަނޑުމެން ބޭނުންވެއެވެ. އަޅުގަނޑުމެންގެ މަސައްކަތުގައި ދެމި ތިބެ، މިއޮތް އަނދިރި ޚަރީފު މޫސުމުގެ ތެރެއިން ދަތުރުކޮށް ދިޔުމަށެވެ. އަޅުގަނޑުމެން ވަންނަމުން މިދަނީ (ކޮވިޑު) ވައިރަހުގެ އެންމެ އުނދަގޫ އަދި އެންމެ ގިނައިން މީހުން މަރާލާނޭ ދުވަސްވަރުގެ ތެރެއަށެވެ.

ސިޔާސީ ގޮތް އެއްކިބާކޮށްފައި، އެއް ގައުމެއްގެ، އެއް ބަޔެއްގެ، ގޮތުގައި މި ވައިރަހާ އަޅުގަނޑުމެން ކުރިމަތިލާން ޖެހެއެވެ. އެއް ގައުމެއްގެ، އެއް ބައެއްގެ، ސިފައިގައެވެ. އަޅުގަނޑު ވައުދުވަމެވެ. އިންޖީލުގައި ބުނެފައި އޮންނަ ފަދައިން، "އެންމެ ރެއަކު ވޭނީ ހިތާމަ ތަހައްމުލުކުރުމަށްޓަކައި ގިސްލައި ރޯށެވެ. ނަމަވެސް، ހެނދުނުގައި ހިތައް ހަމަޖެހުން ގެނެސްދޭ އުފާ އަންނާނެއެވެ." އެންމެން އެކުގައި މަސައްކަތްކޮށް، މިކަމުން އަޅުގަނޑުމެންނަށް އަރައިގަނެވޭނެއެވެ. އެންމެން އެކުގައި މަސައްކަތްކޮށް ގެންނެވެ. އަޚުންނޭވެ! ނިކަން (އަޑުއައްސަވާ) ބައްލަވާށެވެ! މަޖުލިހުގައި އެ އެންމެނާއެކު އަޅުގަނޑު މަސައްކަތްކުރާ ޒަމީލުންނާއި އަދި މިތާ މިތިއްބެވި ބޮޑުންގެ މަޖުލީހުގެ މެމްބަރުންނާއި (ސެނެޓްއާއި)، އަޅުގަނޑުމެން އެންމެނަށް ވެސް ވިސްނެއެވެ. މުޅި ދުނިޔެ، އަޅުގަނޑުމެންނާ ދިމާއަށް ބަލައިގެން ތިބި ކަމެވެ. މުޅި ދުނިޔެ މިއަދު އެތިބީ އަޅުގަނޑުމެންނާ ދިމާއަށް ބަލާށެވެ. އެހެންވެ، އަޅުގަނޑުމެންގެ ހުދޫދުގެ އަނެއް ފަރާތުގައި ތިބި މީހުންނަށް އޮތް އަޅުގަނޑުގެ މެސެޖަކީ މިއެވެ.

އެމެރިކާ އިމްތިހާނުކުރެވިއްޖެއެވެ. (އެ އިމްތިހާނާ ކުރިމަތިލުމަށްޓަކައި) އަޅުގަނޑުމެން މިތިބީ އިތުރަށް ވަރުގަދަވެގެން ނިކުމެ އައިސްއެވެ. އަޅުގަނޑުމެންގެ އިއްތިހާދުތައް އިސްލާހުކޮށް، ދުނިޔޭގެ ކަންކަމުގައި އަޅުގަނޑުމެން އަނެއްކާވެސް ބައިވެރިވާނަމެވެ. އިއްޔެގެ ގޮންޖެހުންތަކާ ކުރިމަތިލާކަށް ނޫނެވެ. މިއަދާއި މާދަމާގެ ގޮންޖެހުންތަކާ ކުރިމަތިލާށެވެ.

އަޅުގަނޑުމެން މަގުދައްކާނީ ހަމައެކަނި އަޅުގަނޑުމެންގެ ބާރުގެ ނަމޫނާ ދައްކައިގެންނެއް ނޫނެވެ. ނަމަވެސް، އަޅުގަނޑުމެންގެ ނަމޫނާގެ ބާރުންނެވެ. އަޅުގަނޑުމެން ވާނީ، ސުލްހަވެރިކަމާއި، ކުރިއެރުމާއި ސަލާމަތުގެ އިތުބާރުކުރެވޭ ވަރުގަދަ ބައިވެރިއަކަށެވެ.

ލައްކަ ކަންތައްތައް މި ގައުމުގައި އަޅުގަނޑުމެން ބަރުދާސްތުކޮށްފީމެވެ. އެހެންވެ، ވޭތުވެ ދިޔަ އަހަރު، (ކޮވިޑް) ރޯގާ ޖެހިގެން ގެއްލި ދިޔަ އެންމެން މަތިން ހަނދާންކޮށްލުމަށްޓަކައި، ހަނުތިބެ، ކުރާ ހިނދުކޮޅެއްގެ ދުއާއެއްގައި ބައިވެރިވެޑައިގަތުމަށް، ރައީސްގެ ހައިސިއްޔަތުން ކުރާ ފުރަތަމަ ކަމުގެ ގޮތުން، ތިޔަބޭފުޅުންގެ އަރިހުގައި އަޅުގަނޑު ދަންނަވާލާ ހިތްވެއެވެ. އެ 40،000 އަޚުވަންތަ އެމެރިކާނުންނަށްޓަކައެވެ – މައިންނާއި ބަފައިންނެވެ. ފިރިންނާއި އަނބިންނެވެ. ފިރިހެން ދަރިންނާއި އަންހެން ދަރިންނެވެ. ރަހުމަތްތެރިންނާއި އަވަށްޓެރިންނާއި އެކުގައި މަސައްކަތްކުރާ ޒަމީލުންނެވެ. އެ ބަޔަކަށް އަޅުގަނޑުމެންނަށް ވެވިދާނޭ، އަދި ވާން ޖެހޭ ބަޔަކަށް އަޅުގަނޑުމެންވެ، އަޅުގަނޑުމެން އެމީހުންނަށް އިހުތިރާމުއަދާކުރާނަމެވެ. އެމީހުންގެ ފުރާނަ ގެއްލުނު މީހުންނަށާއި އެމީހުން ދޫކޮށްފަ ދިޔަ މީހުންނަށާއި އަޅުގަނޑުމެންގެ ގައުމަށްޓަކައި ހިތުން ދުއާއެއް ކޮށްލަމާތޯއެވެ.

އާމީން.

މިއީ އިމްތިހާނުކުރެވެމުންދާ ވަގުތެކެވެ. ޑިމޮކުރަސީއާއި ހައްގުގެ މައްޗަށް ހަމަލާދިނުމާ އަޅުގަނޑުމެން މިތިބީ ކުރިމަތިލާން ޖެހިފައެވެ. (ގަދަ އަލިފާންގަނޑެއް ހެން) ފެތުރެމުންދާ ވައިރަހެކާ ވެސް މެއެވެ. (ފަރުދީ އިގުތިސާދީ) ނަހަމަކަން އިތުރުވަމުން އައުމާ ވެސް މެއެވެ. (އަޅުގަނޑުމެންގެ) ނިޒާމުގައި އޮތް އުންސުރިއްޔަތުގެ (ނަސްލީ ތަފާތުކުރުމުގެ) ކަށިޖެހުމާ ވެސް މެއެވެ. މޫސުމާ ކުރިމަތިވެފައި އޮތް އަޒްމަތާ، ދަތިއުނދަގޫ ކަންތައްތަކާ، އެވެ. ދުނިޔޭގައި އެމެރިކާގެ ދައުރާއެވެ. މިކަންކަމުން އެންމެ ކަމެއްވެސް، އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ވެސް އަސަރުކުރާ ފަދަ ގޮތެއް ގޮންޖަހާލުމަށް ފުދެއެވެ.

ނަމަވެސް ހަގީގަތަކީ، އަޅުގަނޑުމެންނަށް، މިހުރިހާ ކަމަކާ، އެއްފަހަރާ، ކުރިމަތިލާން ޖެހިފައި ވުމެވެ. އަދި މިގޮތުން، ވަރަށް ވެސް ބޮޑު މުހިއްމު މަސްއޫލިއްޔަތުތަކަކާ، މިގައުމާ، އެބަ ހަވާލުކުރެއެވެ. އެހެންވީމާ އަޅުގަނޑުމެން އެބަ، ސަފުން، ކުރިއަށް ޖެހިލައި (މި މަސްއޫލިއްޔާތާ ހަވާލުވާން ޖެހެއެވެ.) އަޅުގަނޑުމެން އެންމެން ވެސް މެއެވެ. އެހެންވީމާ މިއީ ކެރުމުގެ ވަގުތެވެ. ލައްކަ ގިނަކަންތައް ކުރަން ހުރީމައެވެ. އަދި، މިކަން ހަމަ ޔަގީނެވެ. އަޅުގަނޑުމެންގެ މައްޗަށް، ތިބޭފުޅުންނާއި އަޅުގަނޑުގެ މައްޗަށް ހުކުމްކޮށް ގޮތެއް ނިންމާނީ އަޅުގަނޑުމެންގެ މި ދުވަސްވަރުގެ (މި ނަންގަތް) އަޒްމާތައް، ބޮޑެތި އުނދަގޫ މައްސަލަތައް، އަޅުގަނޑުމެން ހައްލުކުރާ ގޮތުގެ މައްޗަށް ބަލާފައެވެ. އެހެންވެ، މިކަންކަމާއި ކުރިމަތިލައި މައްސަލަތައް ހައްލު ކުރުމަށް ތެދުވެވަޑައިގަންނަވާނަން ހެއްޔެވެ؟

މި ނާދިރު އުނދަގޫ ވަގުތުކޮޅު ގިރާކޮށް އަޅުގަނޑުމެންނަށް ދެވޭނެ ހެއްޔެވެ؟ އަޅުގަނޑުމެންގެ މަސްއޫލިއްޔަތުތައް އަދާކޮށް، މުޅިން އާ، އަދި ކުރިއަށް ވުރެ ރަނގަޅު ދުނިޔެއެއް، އަޅުގަނޑުމެންގެ ދަރިންގެ އަތްމައްޗަށް، އަޅުގަނޑުމެންނަށް ދޫކޮށްލެވޭނެ ހެއްޔެވެ؟ އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެން ދޫކުރަން ޖެހޭނޭ ކަމުގައެވެ. އަދި އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެން ދޫކުރާނޭ ކަމުގައިވެސް މެއެވެ. އަދި، އަޅުގަނޑުމެންނަށް އެފަދަ ދުނިޔެއެއް ދޫކޮށްފައި ދިޔުމުން، ދެން، އެމެރިކާގެ ވާހަކައިގެ ދެން އޮތް ބާބު އަޅުގަނޑުމެން ލިޔެލާނަމެވެ. އެ ބާބު، ލަވަޔަކާ ގޮތަކަށް ވައްތަރުވެދާނެއެވެ. އަޅުގަނޑަށް ވަރަށް މުހިއްމު، އޭގެ އަގު ވަރަށް ބޮޑު، ލަވަޔަކާއެވެ. އެ ލަވަޔަށް ކިޔަނީ 'އެމެރިކާގެ ގައުމީ ސަލާމެވެ'. އެއިން، އަޅުގަނޑަށް ފާހަގަކޮށްލެވޭ ބައިތެއް އޮވެއެވެ:

"މި އަދާ ހަމައަށް އަހަރުމެން ގެނައީ ގަރުނުތަކެއްގެ މަސައްކަތްތަކާ ދުއާތަކެވެ.

އަހަރުމެން ދޫކޮށްފަދާ ތަރިކައަކަށް ވާނީ ކޮން އެއްޗެއް ހެއްޔެވެ؟

އަހަރުމެންގެ ދަރިން ބުނާނީ ކީކޭ ހެއްޔެވެ؟

އަހަރެންގެ ހިތުގައި، އަހަންނަށް [މިކަން] އެނގުނަދޭށެވެ!

އެމެރިކާއެވެ! އެމެރިކާއެވެ!

[އިބައަށްޓަކައި] އަހަންނަށް ވެވުނު އެންމެ ރަނގަޅަށް އަހަރެން މަސައްކަތްކުރީމެވެ."

އަޅުގަނޑުމެންގެ ގައުމުގެ ނިއުޅެމުންދާ ވާހަކައަށް އަޅުގަނޑުމެންގެ މަސައްކަތާއި ދުއާކުރުން އިތުރުކޮށްލަމާ ހެއްޔެވެ.

މިގޮތަށް އަޅުގަނޑުމެން ކަންތައްކޮށްފި ނަމަ، އަޅުގަނޑުމެންގެ ދުވަސްތައް ނިމިދިޔުމުން، އަޅުގަނޑުމެން ދިޔައީ އަޅުގަނޑުމެންނަށް ކުރެވެން އޮތް އެންމެ ރަނގަޅަށް މަސައްކަތްކޮށްފައޭ އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިން ބުނާނެއެވެ. އެމީހުންގެ ވާޖިބު އަދާކުރިއޭ ބުނާނެއެވެ. ހަލާކުވެފައި އޮތް ބިމަކަށް ޝިފާ ހޯދައިދިން ވާހަކަ އެމީހުން ބުނާނެއެވެ.

އަޅުގަނޑުގެ އަޚުވަންތަ އެމެރިކާނުންނޭވެ! މިއަދު އަޅުގަނޑު ނިންމާލާނީ އަޅުގަނޑު ފެށި ހިސާބުން، މުގައްދަސު ހުވަޔަކުންނެވެ. މާތްރަސްކަލާނގެ ހަޒުރަތު ގައްޔާއި އަދި ތިޔަ އެންމެ ބޭފުޅުންގެ ކުރިފުޅުމަތީގައި އަޅުގަނޑުގެ މި ވައުދުގެ ބަސް އިއްވަމެވެ.

ތިޔަބޭފުޅުންގެ އަރިހުގައި އަބަދުވެސް އަޅުގަނޑު ތެދު ބުނާނަމެވެ.

އަޅުގަނޑު (އަޅުގަނޑުމެންގެ) ގާނޫނު އަސާސީ ދިފާއުކުރާނަމެވެ.

އަޅުގަނޑު އަޅުގަނޑުމެންގެ ޑިމޮކުރަސީ ދިފާއުކުރާނަމަވެ.

އަޅުގަނޑު އެމެރިކާ ދިފާއުކުރާނަމެވެ.

ބާރު ދެމެހެއްޓުމުގެ މައްޗަށް ނުވިސްނައި، އިމްކާނިއްޔާތުތަކުގެ، ކުރެވެން އޮތް ކަންތައްތަކުގެ،މައްޗަށް ވިސްނައި އަޅުނގަޑަށް ވެވެން އޮތް އެންމެ ފުރިހަމައަށް އަޅުގަނޑު މަސައްކަތް ކުރާނަމެވެ. އަމިއްލަ މަސްލަހަތައް ބަލައިގެން ނޫނެވެ. އާންމު މަސްލަހަތަށްޓަކައެވެ.

(މިގޮތަށް ކަންތައްތައް ކޮށް) އެކުގައި އަޅުގަނޑުމެން ލިޔާނީ އެމެރިކާގެ އުއްމީދުގެ ވާހަކައެކެވެ. ބިރުވެރިކަމުގެ ވާހަކައެއް ނޫނެވެ. އެއްބައިވުމުގެ ވާހަކައެކެވެ. ބައިބައިވުމުގެ ވާހަކައެއް ނޫނެވެ. އަލިކަމުގެ ވާހަކައެކެވެ. އަނދިރިކަމުގެ ވާހަކައެއް ނޫނެވެ. ހެޔޮލަފާކަމާއި ގަދަރުދިނުން ހައްގު އެމެރިކާގެ ވާހަކައެކެވެ. ލޯތްބާއި ޝިފާލިބިގަތުމުގެ ވާހަކައެކެވެ. މަތިވެރިކަމާއި ރަނގަޅު ކަމުގެ ވާހަކައެކެވެ.

އަޅުގަނޑުމެންނަށް މަގުދައްކައިދޭ ވާހަކައަކީ މިވާހަކަ ކަމުގައި ވާހުށިކަމެވެ. އަޅުގަނޑުމެންނަށް އިލްހާމުދޭ ވާހަކައަށެވެ. އަދި އަންނަން އޮތް ޒަމާންތަކުގެ ގާތު، ތާރީޚު އަޅުގަނޑުމެންނަށް ގޮވާލި ގޮވާލުމަށް އަޅުގަނޑުމެން އިޖާބަދިންކަމުގެ ވާހަކައެވެ. އަޅުނޑުމެން އެ ހިނދުކޮޅާ ބައްދަލުކުރި (ވާހަކައެވެ). އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ޑިމޮކުރަސީއާއި އުއްމީދާއި ހައްގާއި އަދުލުވެރިކަމާއި މަރުވެނުދާކަމާއި، އެކަންކަން ދިރި އަލަށް ހެދިގެން ދިޔަ ކަމުގެ (ވާހަކައެވެ). އެމެރިކާ، އެމެރިކާގެ އަމިއްލަ ބިމުގައި މިނިވަންކަން ރައްކާތެރިކޮށް، އަދި އަނެއްކާވެސް، ދުނިޔެއަށް އޮތް ދަންމަރެއް ކަމުގައިވީ (ވާހަކައެވެ). އަޅަގަނޑުމެންގެ ކާބަފައިންނަށާއި، އެކަކު އަނެކަކަށާއި، އަދި އަންނަން އޮތް ޖީލުތަކަށް ވެސް އަޅުގަނޑުމެން ދަރާފައި އޮތް ދަރަންޏަކީ މިއެވެ.

އެހެންވެ، މި މަގުސަދާއި އަދި މިކަންކުރުމުގެ އަޒުމާއިގެން އަޅުގަނޑުމެންގެ ޒަމާނުގެ މަސައްކަތްތަކާ އަޅުގަނޑުމެން ކުރިމަތިލުމަށް ނިކުންނަމެވެ. (ދީނީ) އީމާންކަމުން ބާރު ލިބިގެންނެވެ. މިކަން ކުރެވޭނެ ކަމުގެ ޔަގީންކަމުން ހިތްވަރު ލިބިގެންނެވެ. އެކަކު އަނެކަކަށާއި، އަޅުގަނޑުމެންގެ މުޅި ހިތުން ލޯބިވާ އަޅުގަނޑުމެންގެ މި ރާއްޖެއަށް ވެސް އިޚުލާސްތެރިވެ ތިބެއެވެ.

މާތްރަސްކަލާނގެ އެމެރިކާއަށް ބަރަކާތްލައްވާށިއެވެ! އަދި މާތްރަސްކަލާނގެ އެމެރިކާގެ ސިފައިން ހިމާޔަތް ވެސް ކުރައްވާށިއެވެ!

އެމެރިކާއެވެ، އިބައަށް ޝުކުރުއަދާކުރަމެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *